ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ވޯލްޑް ކަޕްގެ ފައިސާގެ އިނާމު ބޮޑުކުރަން ފީފާއިން ނިންމައިފި

ވޯލްޑް ކަޕްގެ ފައިސާގެ އިނާމު ބޮޑުކުރަން ފީފާއިން ނިންމައިފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ އިނާމު ފައިސާއާއި މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ދޭ ފީ އިތުރުކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އުސޫލެއްގެ ގޮތުން އެއްބަސްވެއްޖެއެވެ.

މި ނިންމުމާ ގުޅޭ ތަފްސީލުތައް މި ހަފްތާގައި ވޭންކޫވަރގައި ބާއްވާ ފީފާ ކައުންސިލްގެ ބައްދަލުވުމުގައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފީފާއިން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ، މުބާރާތް ބާއްވާ އެމެރިކާ ފަދަ ގައުމުތަކުގައި ދަތުރުފަތުރާއި، އޮޕަރޭޝަނަލް ޚަރަދުތަކުގެ އިތުރުން ޓެކްސް ބޮޑުވުމުގެ ސަބަބުން ގައުމީ އެސޯސިއޭޝަންތަކަށް މާލީ ގޮތުން ގެއްލުންވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

މީގެ ކުރިން ފީފާއިން އިއުލާންކޮށްފައިވަނީ ޖުމްލަ 727 މިލިއަން ޑޮލަރުގެ އިނާމު ފަންޑެކެވެ. އޭގެ ދަށުން ކޮންމެ ޓީމަކަށް މަދުވެގެން 10.5 މިލިއަން ޑޮލަރު އަދި މުބާރާތް ކާމިޔާބުކުރާ ޓީމަކަށް 50 މިލިއަން ޑޮލަރު ދިނުމަށް އޮތީ ނިންމާފައެވެ.

މި ބަދަލާއެކު، ފީފާގެ 211 މެންބަރު ގައުމުތަކަށް ފުޓްބޯޅަ ކުރިއެރުވުމަށް ދޭ 'ޑިވެލޮޕްމަންޓް ފަންޑު' ވެސް އިތުރުވާނެއެވެ. ކުރިން އޮތް ގޮތުން ކުރިއަށް އޮތް ހަތަރު އަހަރުގެ ސައިކަލްގައި 2.7 ބިލިއަން ޑޮލަރު ބެހުމަށް އޮތް ނަމަވެސް، މި އަދަދު މިހާރު ވަނީ އިތުރުކުރަން ނިންމާފައެވެ. މީގެ އިތުރުން ކޮންމެ ގައުމީ އެސޯސިއޭޝަނަކަށް ދިނުމަށް ހަމަޖެހިފައިވާ 5 މިލިއަން ޑޮލަރާއި، ކޮންފެޑަރޭޝަންތަކަށް ދޭ 60 މިލިއަން ޑޮލަރުގެ ފައިސާވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ފީފާގެ ތަރުޖަމާނު ވިދާޅުވީ، މި އަހަރުވޯލްޑް ކަޕަކީ މާލީ ގޮތުން ދުނިޔޭގެ ފުޓްބޯޅަ އާއިލާއަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ތާރީޚީ މުބާރާތަކަށް ވާނެ ކަމަށެވެ. އަދި ފީފާ މިހާރު އޮތީ މާލީ ގޮތުން އެންމެ ވަރުގަދަ ހާލަތުގައި ކަމަށާއި، އޭގެ ފައިދާ މުޅި ދުނިޔޭގެ ފުޓްބޯޅައަށް 'ފީފާ ފޯވާޑް' ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ މި މުބާރާތުން ފީފާއަށް 13 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން 9 ބިލިއަން ޑޮލަރަކީ ހަމައެކަނި ވޯލްޑް ކަޕުން ލިބޭނެ އާމްދަނީއެވެ. ޔޫރަޕްގެ ބޮޑެތި އެސޯސިއޭޝަންތަކުން، އޭގެ ތެރޭގައި އިނގިރޭސި އެފްއޭ ހިމެނޭހެން، ވަނީ މުބާރާތުގެ ޚަރަދުތައް ބޮޑުވުމުން އިނާމު ފައިސާ އިތުރުކޮށްދިނުމަށް ފީފާގައި އެދިފައެވެ.

އަލަށް ގެނެވޭ ބަދަލުތަކުގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ފީފާއިން ބުނެއެވެ. މިހާރު އޮތް އުސޫލުން މުބާރާތުގެ ގަދަ 32 އަށް ދާ ޓީމުތަކަށް އިތުރު 2 މިލިއަން ޑޮލަރު، ގަދަ 16 އަށް 4 މިލިއަން ޑޮލަރު، އަދި ކުއާޓާ ފައިނަލަށް ދާ ޓީމުތަކަށް 8 މިލިއަން ޑޮލަރު ލިބޭއިރު، އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ސެމީ ފައިނަލާއި ފައިނަލަށް ދާ ޓީމުތަކަށެވެ.