ބޮޑު ބަދަލުތަ؟ ނޫނީ އިތުބާރުތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެ، ޕާޓީގެ ކުރިމަގު ކަނޑައެޅުމުގެ ސިޔާސީ ހަނގުރާމަ މިހާރު ވަނީ އާ ހަރުފަތަކަށް ގޮސްފައެވެ. ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ ޗެއާޕާސަން ހޮވުމުގެ މި އިންތިޚާބަކީ، ޕާޓީގެ އެތެރޭގައި އުފެދިފައިވާ ފިކުރީ ތަފާތުވުންތައް އާންމު މެންބަރުންގެ ކުރިމައްޗަށް ތިލަވެގެންދާނެ އެންމެ މުހިންމު ދަނޑިވަޅެވެ. މި އިންތިޚާބުގައި ޕާޓީގެ ރޫހީ ލީޑަރުންގެ މެދުގައި އޮތް ބައިބައިވުން ސާފުކޮށް ފެންނަން އޮތްއިރު، މުޅި ޕާޓީ މިހާރު ވަނީ ވަރުގަދަ ދެ ފެކްޝަނަކަށް ބެހިފައެވެ.
މި އިންތިޚާބުގެ މައިގަނޑު ދެ ބާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ކުރިއަށްގެންދަވާ "ބޮޑު ބަދަލު" ފެކްޝަނާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ނުކުމެ އޮތް "އިތުބާރު" ފެކްޝަނެވެ. ނަޝީދު އަމިއްލަފުޅަށް ޗެއާޕާސަން ކަމަށް ކުރިމަތިލައްވައިގެން ހުންނެވިއިރު، އިބޫ ފެކްޝަނުން ނެރެފައިވާ ކެންޑިޑޭޓަކީ މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް އަކީ ވަކި ފަރާތަކަށް ނުޖެހޭ ކެންޑިޑޭޓެއް ކަމަށް ދައުވާކުރި ނަމަވެސް، އޭނާގެ ކެމްޕެއިންގެ ފަހަތުގައި ތިއްބެވި އިސް ބޭފުޅުންނަށް ބަލާއިރު، މިއީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި އުފެދުނު ބައިބައިވުން އަލުން އިއާދަވުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ބިނާކޮށްފައިވަނީ "ބޮޑު ބަދަލު" މި ޝިއާރުގެ މައްޗަށެވެ. މިއީ ހަމައެކަނި ސިޔާސީ ލަަފުޒެއްގެ ބަދަލުގައި، ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ އިންގިލާބީ ބަދަލުތަކެއްގެ ފެށުން ކަމަށް އެ ފެކްޝަނުން ބުނެއެވެ. މިގޮތުން ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ހަރުދަނާކުރުމާއި، ވެރިކަމުގެ ބާރުތައް ދެ މަގާމަކަށް ބަހާލުމާއި، މަޖިލީހުގެ ގޮނޑިތައް މަދުކޮށް އަންހެނުންނަށް ކޯޓާ ކަނޑައެޅުން ފަދަ މުހިންމު އިސްލާހުތަކެއް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.
ކެމްޕެއިންގެ ހަރަކާތްތަކަށް ބަލާއިރު، ނަޝީދުގެ ފެކްޝަނުން ދަނީ ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އައްޑޫ ސިޓީގެ ފޭދޫގައި ރަސްމީކޮށް ކެމްޕެއިން އޮފީހެއް ހުޅުވައި، ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާއިން ފެނިގެންދިޔައީ ޕާޓީގެ އަސްލު ރޫހާ ގުޅިފައިވާ އާންމު މެންބަރުންގެ ބޮޑު ތަރުހީބެކެވެ. ނަޝީދު އަމިއްލަފުޅަށް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުންނާއި، އާންމު ރައްޔިތުންނާ ބާއްވާ ބައްދަލުވުންތަކުން އެމްޑީޕީގެ ކުރީގެ ފޯރި އަލުން އުފެދިފައިވާކަން ފާހަގަކުރެވެއެވެ.
ސޯޝަލް މީޑިއާގައި ވެސް ނަޝީދަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކެންޑިޑެސީ އިއުލާން ކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޕާޓީގެ ނުފޫޒުގަދަ ގިނަ ބޭފުޅުންނާއި އެކްޓިވިސްޓުން ވަނީ ނަޝީދަށް ތާއީދުކޮށް "ބޮޑު ބަދަލު" ގެ ޝިއާރު ފަތުރަން ފަށާފައެވެ. ޚާއްސަކޮށް މާރިޔާ ދީދީ އާއި އީވާ ފަދަ ކަނބަލުން، ނަޝީދުގެ ލީޑަރޝިޕާއި ތަޖުރިބާއަށް ތައުރީފުކޮށް، ޕާޓީ އަލުން އިއާދަކުރުމަށް އޮތް ހަމައެކަނި މަގަކީ ނަޝީދު ކަމަށް ބުނަމުންދެއެވެ.
އަނެއްކޮޅުން، "އިތުބާރު" ގެ ނަމުގައި ނުކުމެ އޮތް މީކާއިލް ނަސީމްގެ ކެމްޕެއިނަކީ ކުރީގެ ސަރުކާރުގެ ސިޔާސަތުތަކާއި ހަމަޖެހުން ދެމެހެއްޓުމަށް ބާރުއަޅާ ކެމްޕެއިނެކެވެ. ނަމަވެސް، މި ފެކްޝަނަށް ޕާޓީގެ ތެރޭގައި އާ އުންމީދެއް އުފެއްދުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މުހައްލިލުން ދެކެއެވެ. ސަބަބަކީ އެ ފެކްޝަނުން ހުށަހަޅާ ކަންކަމަކީ މިހާރުވެސް އޮތް ނިޒާމުގެ ތެރެއިން ފެންނަން ހުރި ކަންކަން ކަމަށްވުމާއި، މެންބަރުން އެދޭ ފަދަ ހަލުވި ބަދަލެއް އެ ފެކްޝަނުން ފެންނަން ނެތުމެވެ.
ޖޫން 12 ގައި ބާއްވާ މި އިންތިޚާބަކީ އެމްޑީޕީގެ ކުރިމަގާ މެދު މެންބަރުން ގޮތް ނިންމާނެ އެންމެ މުހިންމު ދުވަހެވެ. މެންބަރުން އިޚްތިޔާރު ކުރަންޖެހިފައިވަނީ ނަޝީދު ހުށަހަޅުއްވާ އިންގިލާބީ "ބޮޑު ބަދަލު" ނުވަތަ ސޯލިހުގެ ފެކްޝަނުން ބާރުއަޅާ "އިތުބާރު" ހިފެހެއްޓުމުގެ ފިކުރެވެ. މިވަގުތުގެ ސިޔާސީ އޮއިވަރަށް ބަލާއިރު، ޕާޓީގެ އާންމު މެންބަރުންގެ ޖަޒުބާތާއި ތަރުހީބު ބޮޑަށް ލެނބިފައިވަނީ ނަޝީދުގެ އިސްލާހީ މަސައްކަތްތަކާ ދިމާލަށެވެ.
ކޮންމެއަކަސް، މި އިންތިޚާބުގެ ނަތީޖާއަކީ އެމްޑީޕީގެ ސިޔާސީ ހަޔާތުގައި ލިޔެވިގެންދާނެ އާ ބާބަކަށް ވާނެއެވެ.
Ads by MACL
