ވޯލްޑް ކަޕަށް 44 ދުވަސް: ވޯލްޑް ކަޕް މުބާރާތަށް ނަޒަރެއް!
"ފީފާ ވާލްޑް ކަޕް" ފުޓްބޯޅަ މުބާރާތަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ”ފީފާ“ އިން މީގެ 83 އަހަރު ކުރިން، 1930 ވަނަ އަހަރުން ފެށިގެން ކޮންމެ 4 އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން 1942 އަދި 1946 ވަނަ އަހަރު މި މުބާރާތް ނުބޭއްވި ނަމަވެސް އޭގެ ފަހުން ކޮންމެ 4 އަހަރަކުން އެއް އަހަރު މި މުބާރާތް ޤަވާއިދުން ބާއްވައެވެ.
ވާލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވުމުގެ ކުރިންވެސް ވާދަވެރި ފުޓްބޯޅަ މެޗްތައް ވަނީ ޤައުމުތަކުގެ މެދުގައި ކުޅެވިފައެވެ. މިގޮތުން އެންމެ ފުރަތަމަ ދެޤައުމެއްގެ ދެމެދުގައި ކުޅެވުނު ވާދަވެރި ފުޓްބޯޅަ މެޗަކީ ސްކޮޓްލެންޑްގެ ގްލަސްގޯވ ގައި މީގެ 142 އަހަރު ކުރިން އިންގްލެންޑާ ދެކޮޅަށް އެޤައުމު ކުޅުނު މެޗެވެ. މިމެޗް ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އޭގެ ފަހުން 1983/84 ގައި އިންގްލެންޑް، ސްކޮޓްލެންޑް، ވޭލްސް އަދި ނޮރދާން އަޔަލެންޑް ގެ މެދުގައި ކުޅެވުނު ފުޓްބޯޅަ މުބާރާތަކީ އެންމެ ފުރަތަމަ ބޭއްވުނު ވާދަވެރި ފުޓްބޯޅަ މުބާރާތެެވެ. މި މުބާރާތް 100 އަހަރަށް ދެމިގެން ދިޔައިރު އިންގްލެންޑަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން މި މުބާރާތް 54 ފަހަރު ކާމިޔާބު ކޮށްފައި ވެއެވެ. 1983/84 ގައި މިމުބާރާތް ބޭއްވުން އެއްކޮށް ހުއްޓާލިއިރު އެއަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ނޮދާން އަޔަލެންޑެވެ.
1904 ވަނަ އަހަރު ފީފާ އުފެދިގެން އައިސް، އޭގެ ދެއަހަރު ފަހުން 1906 ވަނަ އަހަރު ސްވިޒަލެންޑް ގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެފަހަރު ފީފާއަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އެހެން ނަމަވެސް އޭގެ ފަހުން 28 މެއި 1928 ވަނަ އަހަރު އަމްސްޓަރޑަމްގައި ބޭއްވި ފީފާގެ ކޮންގްރެސް ބައްދަލުވުމުގައި، އުރުގުއޭގެ މިނިވަންކަމަށް 100 އަހަރު ފުރުމާ ދިމާކޮށް އެޤައުމުގައި ފުޓްބޯޅަ މުބާރާތެއް ބޭވުމަށް ފީފާއިން ނިންމިއެވެ. ޖޫލްސް ރިމޭ ޓްރޮފީގެ ނަމުގައި ބޭއްވި އެފަހަރުގެ މުބާރާތުގައި ޖުމްލަ 13 ޤައުމު ވާދަކުރި އިރު މުބާރާތް ކާމިޔާބު ކޮށްފައިވަނީ މުބާރާތް ބޭއްވި ޤައުމު ކަމަށްވާ އުރުގުއޭ އެވެ.
Ads by BMLހަނގުރާމައިގެ ސަބަބުން އަދި ދަތުރު ފަތުރުގެ ދަތިކަން ހުރުމުގެ ސަބަބުން 1934 އަދި 1938 ވަނަ އަހަރުގެ ވަރލްޑް ކަޕް ބޭއްވުމަށް ބައެއް ހުރަސްތައް ކުރިމަތިވި ނަމަވެސް އެދެފަހަރުވެސް މުބާރާތް ބާއްވާފައި ވެއެވެ. އެ ދެމުބާރާތުގެ ވެސް ތަށި ކާމިޔާބު ކޮށްފައި ވަނީ އިޓަލީ އިންނެވެ. 1942 ވަނަ އަހަރު ނާޒީ ޖަރުމަނު އަދި 1946 ވަނަ އަހަރު ބްރެޒިލް އިން އެމުބާރާތް ބާއްވަން މަސައްކަތް ކުރި ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
1934 ވަނަ އަހަރުން ފެށިގެން 1978 ވަނަ އަހަރާ ހަމަޔަށް ދެ ފަހަރެއް ފިޔަވައި ކޮންމެ ފަހަރަކުވެސް ޖުމްލަ 16 ޓީމް ވާދަކޮށްފައި ވެއެވެ. 1938 ވަނަ އަހަރުގެ މުބާރާތަށް އޮސްޓްރިއާ ކޮލިފައި ވިނަމަވެސް އެފަހަރުގެ މުބާރާތުގައި އެ ޤައުމުން ވާދަކޮށްފައެއް ނުވެއެވެ. 1950 ވަނަ އަހަރު އިންޑިޔާ، ތުރުކީ އަދި ސްކޮޓްލެންޑަށް މުބާރާތުން ޖާގަ ލިބުނު ނަމަވެސް ބައިވެރިވެ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.
އެފަހަރުގެ މުބާރާތުގައި އިންޑިއާއިން ވާދަ ނުކުރީ އެޓީމުން ހުސްފައިގައި ކުޅެން މުބާރާތް އިންތިޒާމު ކުރާ ފަރާތް އެއްބަސް ނުވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނުން އޭރު ބުނެފައި ވަނީ މުބާރާތަށް ތައްޔާރު ވުމަށް އެމީހުންނަށް އެކަށީގެންވާ ވަގުތު ނުލިބުމާއި ކުޅުންތެރިން ނެގުމުގައި ޚިޔާލު ތަފާތުވުމެއް އުޅުމުން ބައިވެރި ނުވީ ކަމަށެވެ.
1982 ވަނަ އަހަރު މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ އަދަދު 24 އަށް އިތުރުކޮށް 1998 ވަނަ އަހަރު އެ އަދަދު 32 އަށް އިތުރު ކޮށްފައިވެއެވެ. 2002 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގައި 200 ޤައުމު ބައިވެރިވި އިރު 2006 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގައި 198 ޤައުމު އަދި 2010 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ގައި 204 ޤައުމު ބައިވެރިވެފައި ވެއެވެ.
މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ މަރުހަލާގައި ހަ ކޮންފެޑެރޭޝަނަކުން ސަތޭކައަށްވުރެ ގިނަ މެޗު ކުޅެފައިވެއެވެ. މި މަރުހަލާ ފެށުނީ 2023 ސެޕްޓެމްބަރުގައެވެ. އަދި ނިމިފައިވަނީ މި އަހަރުގެ މާރިޗް މަހުގެ 31 ގައި އެވެ.
މިއަހަރުގެ ވާލްޑް ކަޕްގެ ކޮލިފައިން ބުރުގައި ފީފާގެ 6 ކޮންފެޑެރޭޝަނުން 206 ޤައުމު ވާދަކޮށް ޖުމްލަ 899 މެޗް ކުޅެފައި ވެއެވެ. ހަމައެކަނި ޔޫއެފާ (ޔޫރަޕް) ސަރަހައްދުން ކޮލިފައިވާ ޓީމުތައް ކަނޑައެޅުމަށް 204 މެޗު ކުޅުނެވެ. ޖުމްލަ 48 ޓީމު މި މުބާރާތުގައި ވާދަކުރާއިރު، މީގެ ތެރޭގައި ހިމެނެނީ ސީދާ ކޮލިފައިވާ 43 ޖާގައާއި އިންޓަރކޮންޓިނެންޓަލް ޕްލޭއޮފްގެ ދެ ޖާގައެވެ.
މިފަހަރުގެ ކޮލިފައިންގައި އެންމެ ގިނަ ގޯލް ޖަހާފައިވަނީ ޔޫރަޕް ބައްރަށް ނިސްބަތްވާ ނޯވޭގެ ޒުވާން ފޯވަޑް ހާލިން ހާލަންޑް އެވެ.
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ފަސް ތަށި ކާމިޔާބުކޮށްގެން އެންމެ ކާމިޔާބު ގައުމަކީ ބްރެޒިލްއެވެ. ޖަރުމަނާއި އިޓަލީން ކޮންމެ ގައުމަކުން ހަތަރު ތަށި ހޯދާފައިވާއިރު، އާޖެންޓީނާ ވަނީ ތިން ތަށި ކާމިޔާބުކޮށްފައެވެ. ވޯލްޑް ކަޕްގެ 22 މުބާރާތުގެ ތެރެއިން މި މުބާރާތް ކާމިޔާބުކުރެވިފައިވަނީ އެންމެ އަށް ގައުމަށެވެ. މިފަހަރުގެ މުބާރާތަކީ ފީފާއިން ބާއްވާ 23 ވަނަ ވާލްޑް ކަޕެވެ.
Ads by MACL
