ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އިންޑިއާގެ ކްރޫޒް ބޯޓު ބަންޑުންޖަހާލުން: މައިވަންތަކަމުގެ މަތިވެރި ލޯތްބާއި ކުލުނު އެންމެ ފޮޓޯއަކުން!

އިންޑިއާގެ ކްރޫޒް ބޯޓު ބަންޑުންޖަހާލުން: މައިވަންތަކަމުގެ މަތިވެރި ލޯތްބާއި ކުލުނު އެންމެ ފޮޓޯއަކުން!
އިންޑިއާގެ ތާރީޚުގައި ހިނގާދިޔަ އެންމެ ހިތާމަވެރި އެއް ހާދިސާގެ ގޮތުގައި މަދްޔަޕްރަދޭޝްގެ ބަރްގީ ޑޭމް ކައިރިން ނަރުމަދާ ކޯރުގައި ހިނގި ކްރޫޒް ބޯޓު ބަންޑުން ޖަހާލުމުގެ ހާދިސާ ވަނީ ރެކޯޑު ކުރެވިފައެވެ.
މި ހާދިސާއަކީ މުޅި އިންޑިއާއަށް ބޮޑު ސިހުމެއް ގެނުވި، އެތައް ބައެއްގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވި ބިރުވެރި ހާދިސާއެކެވެ.

ނަރުމަދާ ކޯރުގައި 30 މީހުންނާއެކު ދަތުރުކުރި މި ކްރޫޒް ބޯޓު ބަންޑުން ޖަހާލީ ކުއްލިއަކަށް މޫސުން ގޯސްވެ، އައި ބާރުގަދަ ތޫފާނެއްގެ ސަބަބުންނެވެ.

މި ހާދިސާގައި މިހާތަނަށް 24 މީހަކު ސަލާމަތްކުރެވިފައިވާއިރު، އޭގެ ތެރެއިން 17 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ނަމަވެސް، ފަސް ކުޑަކުދިން ހިމެނޭހެން އަދިވެސް ނުވަ މީހަކު ނުފެނިވާކަމީ މި ހާދިސާގެ ހިތާމަ އިތުރުކޮށްދޭ ކަމެކެވެ.

މައިވަންތަ ކަމުގެ މަތިވެރި ލޯބި: ހިތްކުދިކުދި ކޮށްލި ފޮޓޯ





ނިމުނު އޭޕްރީލް މަހުގެ 30 ވީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ހާއިރު، އިންޑިއާގެ މަދްޔަޕްރަދޭޝްގެ ބަރްގީ ޑޭމްގައި ދަތުރުކުރި ކްރޫޒް ބޯޓު ބަންޑުންޖަހާލައި ހިނގި ބިރުވެރި ހާދިސާގައި، މުޅި ދުނިޔެ ރޮއްވާލީ ފެނުނު އެންމެ މަންޒަރެކެވެ. އެއީ މަރުގެ ބިރުވެރި ރާޅުތަކުގެ ތެރޭގައި، ފުން ފެންގަނޑުގެ އަޑީގައިވެސް، މަރުވެފައި އޮތް މަންމައަކު އޭނާގެ ދަރިފުޅު ގައިގައި ބާރަށް ބައްދާލައިގެން އޮތް މަންޒަރެވެ.

އެންމެން ވެސް މި މަންޒަރު ސިފަކުރަނީ މިއީ މަރަށްވެސް ގުޑުވާނުލެވުނު މައިވަންތަކަމުގެ މަތިވެރި ލޯތްބެއްގެ ގޮތުގައި އެވެ. އެންމެ ފަހު ނޭވާއާ ހަމައަށްވެސް އެ ދަރިފުޅަށްޓަކައި މަންމަވީ ގުރުބާނީގެ އަސަރުގަދަ ހެއްކެއްގެ ގޮތުގައިއެވެ.

ބޯޓު އަޑިއަށް ދިޔަ އެ ނާމާން ވަގުތު، އަމިއްލަ ސަލާމަތަށްވުރެ އެ މަންމައަށް މުހިންމުވީ ދަރިފުޅު ސަލާމަތް ކުރެވޭތޯއެވެ. ދުނިޔެއަށް އަލްވަދާއު ކީއިރުވެސް އެ އަތްތިލަ ވަކިނުވީ، މައެއްގެ ލޯތްބަކީ ކޮންމެފަދަ ތޫފާނަކަށްވުރެވެސް ބާރުގަދަ، އަދި މަރަށްވުރެވެސް މަތިވެރި އިހުސާސަކަށް ވާތީއެވެ

މި ހާދިސާގައި މުޅި ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ، މަރުވެފައިވާ މަންމައަކާއި އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ފެނުނު އާދަޔާޚިލާފު މަންޒަރަށެވެ. މީހުން ސަލާމަތްކުރަން އެވަގުތު މަސައްކަތް ކުރަމުންދިއަ ފަރާތްތަކަށް މަންމައާއި އޭނާގެ ކުޑަދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު ފެނުނުއިރު، "އެ މަންމަ އޮތީ އޭނާގެ ފުރާނަފަދަ ލޯބިވާ ދަރިފުޅު ސަލާމަތްކުރުމަށް ކުރި މަސައްކަތުގައި، ދަރިފުޅު އެ މަންމަގެ މޭގައި ބާރަށް ފިއްތާލައި ބައްދާލައިގެންނެވެ."



މި ފޮޓޯއަކީ މައިވަންތަ ކަމުގެ ކުލުނާއި ލޯބި، މަރުގެ ތުންފަތްމަތީގައިވެސް ދެމިއޮންނާނެކަން ސާބިތުކޮށްދިން ހިތްދަތި މަންޒަރެކެވެ.

ސަލާމަތްވި މީހުންގެ ބިރުވެރި ތަޖުރިބާ


މި ހާދިސާއިން ސަލާމަތްވި ބައެއް މީހުން ކިޔައިދީފައިވާ ގޮތުގައި، ހުރިހާ ކަމެއްވެސް ހިނގީ ލޮލުގެ އެސްފިޔަޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބޯޓުގެ ބެލެންސް ގެއްލި، ފެން އަރަން ފެށުމާއެކު މީހުންގެ ހަޅޭކުގެ އަޑާއި އެހީއަށް އެދި ރޮއި އާދޭސްކުރާ އަޑުން މުޅި ސަރަހައްދު ގުގުމާލިއެވެ.

އެ ހާދިސާގެ ބިރުވެރި މަންޒަރުތައް އެންމެ ގާތުން ދުއް އަދި އެ ބިރުވެރި ތަޖުރިބާ ކުރި ސައްޔިދު ރިޔާޒް ހުސައިން ނަމަކަށް ކިޔާ މީހަކު ކިޔައިދިން ގޮތުގައި އޭނާ ސަލާމަތްވީ މުޢުޖިޒާތަކުންނެވެ. ދެ ގަޑިއިރު ވަންދެން ފެނުގެ އަޑީގައި ނޭވާލެވޭ ފަދަ ހަނި ތަނެއްގައި ތާށިވެފައި އޮތްއިރު، އޭނާގެ ކުރިމަތިން މީހުންގެ ހަށިގަނޑުތައް އޮޔާދިޔަ މަންޒަރަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ މަންޒަރެއް ނޫންކަމަށް އޭނާ ބުންޏެވެ.

މަންމައާއި ދަރިފުޅުގެ ފޮޓޯއިން....


މަދްޔަޕްރަދޭޝްގެ މި ހިތާމަވެރި ހާދިސާއަކީ އިންސާނީ ކުލުނާއި، އާއިލީ ގުޅުމުގެ ވަރުގަދަކަން ހާމަވެގެންދިޔަ ހާދިސާއެކެވެ. ޚާއްޞަކޮށް، ދަރިފުޅު ސަލާމަތްކުރުމަށް އެ މަންމަ ކުރި މަސައްކަތާއި، އެންމެ ފަހު ނޭވާއާ ހަމައަށްވެސް ދަރިފުޅު ދޫކޮށްނުލާ ބައްދާލައިގެން އޮތް އޮތުމަކީ، މައިވަންތަ ލޯތްބަށްވުރެ ވަރުގަދަ އެހެން އެއްވެސް ބާރެއް މި ދުނިޔޭގައި ނުވާކަމުގެ ދިރިހުރި ހެކިބަހެކެވެ.

މި ހާދިސާގައި މަރުވި ފަރާތްތަކަށް ހަމްދަރުދީ ފާޅުކުރަމުން، މިއީ މޫސުމީ ނުރައްކާތަކަށް ސަމާލުވުމުގެ މުހިންމުކަންވެސް އަންގައިދޭ ފިލާވަޅެކެވެ.