"ދިރިހުރެ ގަނަތެޅޭއިރު، ނުފެންނަ ލޮލުން، މަރުވުމުން ކަރުނައެޅުުގެ ބޭނުމެއް ނެތެވެ."
އިންސާނުން މި ދުނިޔެއަށް ފޮނުއްވާފައިވަނީ މަތިވެރި މަޤްޞަދެއްގައެވެ. އެއީ ހަމައެކަނި މާތްﷲ އަށް އަޅުކަން ކުރުމަށެވެ. ނަމަވެސް މި އަޅުކަމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ނަމާދާއި ރޯދައާއި ޒަކާތް ދިނުމެއް ނޫނެވެ.
އިންސާނުންގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި، އޯގާތެރިކަން އިސްކުރުމަކީވެސް ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރުން ލާޒިމު ކަންކަމެވެ. އަހަރެމެންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ލެއްވި އިރު، އަނެކާގެ ހިތާމަތަކާއި ތަކުލީފުތަކުގައި ބައިވެރިވުމަކީ އިންސާނިއްޔަތުގެ އެންމެ މުހިންމު ސިފައެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް ނަޒަރު ހިންގާލާއިރު ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. އާއިލީ ގުޅުންތައް ވަނީ ރޫޅިފައެވެ. އެއްބަނޑުއެއްބަފާ މީހުންނާއި ގާތްތިމާގެ މީހުންގެ މެދުގައި އޮންނަންޖެހޭ ކުލުނާއި ލޯބި ވަނީ ފަނޑުވެފައެވެ. މަގުމަތިން ފެނުނަސް ހިނިތުންވުމެއް ނެތި، މޫނު އަނބުރާލާފައި ދިއުމަކީ މިއަދު އާންމު ކަމެކެވެ. ގާތް މީހަކު ބަލިވެ އުޅޭއިރު ނުވަތަ ދިރިއުޅުމުގެ ދަތި ހާލުގައި އުޅޭއިރު، އެމީހެއްގެ ހާލު ބަލާލާނެ ވަގުތެއް ގިނަ މީހުންގެ ނުވެއެވެ.
Ads by BMLއިންސާނަކު ދިރިހުރެ، ދިރިއުޅުމުގެ ތަފާތު ތަކުލީފުތަކާ ކުރިމަތިލައި ގަނަތެޅޭއިރު، އެމީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު މިއަދު ނުފެނެއެވެ. ބަނޑުފުރާނަ މުއްތިކުރާނެ އެއްޗެއް ނެތި، ނުވަތަ ބަލިހާލުގައި އެކަނިވެރިވެފައި އޮންނައިރު، ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިން ތިބެނީ ބީރު ކަންފަތެއް ދީގެންނެވެ. މިއީ އިންސާނިއްޔަތުކަން ކުޑަވުމުގެ ނިޝާނެކެވެ. ދިރިހުރިއިރު ބޭނުންވަނީ ހިތްވަރުދޭނެ މީހެކެވެ. އަޅާލާނެ، އޯގާތެރިވާނެ މީހެކެވެ. އެހީތެރިިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކެވެ. ހިތްވަރު ކލިބޭކަހަލަ ހެޔޮ ބަހެއް ބުނެލާނެ މީހެކެވެ. އޯގާތެރި ހިނިތުންވުމެކެވެ. ނަމަވެސް އެ ހުރިހާ ކަމަކުން މިއަދު އަހަރެމެން މިވަނީ މަޙްރޫމުވެފައެވެ.
ހިތާމައަކީ، މޫނާއި މޫނު ވެސް ދިމާކޮށްލަން ނުކެރޭ، ގާތްތިމާގެ އާއިލީ މީހުން ވެސް އެމީހަކު މި ދުނިޔެ ދޫކޮށް ދިއުމުން، އެންމެ ކުރިން ސަހަރާދޮށަށް އެއްވާ ބަޔަކަށް ވުމެވެ. ދިރިހުރިއިރު އެންމެ ކުޑަމިނުން ހިނިތުން ވެސް ވެނުލެވޭ، ކުޑަ ނަމަވެސް އަޅާލުމެއް ނުދިން މީހުންެނެވެ.
މަރުވުމުން ކަރުނަ އޮހޮރައި، މީސްމީޑިއާގައި ހިތާމައިގެ ޝުޢޫރުތައް ފާޅުކުރުމަކީ މިއަދު އެފަދަ މީހުންގެ ފެޝަނަކަށް ވަނީ ވެފައެވެ.
މަރުފެފައި އޮތް ފުރާނަ ނެތް މަސްގަނޑު ކަފުންކޮށްފައި ކަށްވަޅަށް ތިރިކުރާއިރު ތިން މުށް ވެލި އުކާލާފައި ރޮއި ހެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ދިރިހުރިއިރު އެމީހާގެ ހާލު ބަލާނުލައި، މަރުވުމުން އޮހޮރާ ކަރުނައަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އެ ކަރުނައަކުން މަރުވި މީހާއަށް ލިބޭނެ ލުޔެއް ނުވަތަ ފައިދާއެއް ނެތެވެ. ދިރިހުރި ދުވަހު އަޅާނުލީތީވެއެވެ. އަނގައިން ވެސް ބުނެނުލެވުނީތީއެވެ.
މަރުވުމުން ކަރުނަ އެޅުމުގެ ބަދަލުގައި، އިންސާނާ ދިރިހުރިއިރު އޭނާއަށް ލޯތްބާއި އޯގާތެރިކަން ދޭން ދަސްކުރަންޖެހެއެވެ. އާއިލީ ގުޅުންތައް ދަމަހައްޓައި، އެކަކު އަނެކަކަށް އެހީތެރިވުމަކީ ދިރިހުރި ކޮންމެ ވަގުތަކު ކުރަންޖެހޭ ކަމެކެވެ. ދިރިހުރެ ގަނަތެޅޭއިރު ނުފެންނަ ލޮލަކުން، މަރުވުމުން ކަރުނަ އެޅުމަކީ ދެއްކުންތެރިކަމުގެ އަމަލެކެވެ. އެހެންކަމުން، މިއަދުން މިއަދަށްވެސް އަޅުގަނޑުމެންގެ ގުޅުންތައް އިޞްލާޙުކޮށް، ދިރިތިއްބާ އެކަކު އަނެކަކަށް އަޅާލާ ބަޔަކަށް ވަމާ ހިނގާށެވެ.
Ads by MACL
