15 ގަޑިއިރުގެ ޕްރެސް: އަހަރެންގެ ނަޒަރު، ސުވާލާއި ޖަވާބުގެ ހަޒާނާއެއް!
މިދިޔަ މަހު ރައީސް އިއުލާންކުރެއްވީ މިމަހު ތިންވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާނޭ ކަމެވެ. އަދި ޕްރެސް އޮންނާނީ ރައީސް އޮފީހުގައި ކަމުން އަހަރެން ވެސް އަވަސް ވެގަތީ މި ޕްރެސްއަށް ދިއުމަށެވެ.
ކުރީބައިގައި ތައްޔާރުވީ އާންމު އުސޫލުން ޕްރެސްގައި މާގިނަ ސުވާލު ނުކުރެވޭނެކަން ގަބޫލުކޮށް ރަނގަޅު ހެޔޮ ސުވާލެއް ރައީސްއާއި މަތި ކޮށްލުމަށެވެ.
ޕްރެސް ފެށިގެން އާންމު އުސޫލުން ރައީސް ގެންދެވީ ސަރުކާރުގެ ޕްލޭންތަކާއި، ކުރެވުނު މަސައްކަތްތައް އަދާހަމަ ކުރުމަށެވެ. ހީވި ހީވުން ދިމާނުވާކަމަށް ގަބޫލުކޮށް ސުވާލަށް ހުޅުވާލީ ކޮންމެ ނޫސްވެރިޔަކަށް 1 ސުވާލު ކުރުމަށެވެ. އަދި އެހެން ރައުންޑެއްގައި ދެވަނަ ސުވާލެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ހިސާބުން އެނގިގެން ދިޔައީ މެންދުރު ނަމާދުވަގުތަށް ޕްރެސް ނުނިމޭކަމެވެ.
Ads by BMLސުވާލަކަށް ފަހު ސުވާލެއް ދިޔައީ ޖަވާބު ލިބި ޖަވާބުން އިތުރު ސުވާލު އުފެދިގެންނެވެ. ހުއްޓުމެއްނެތި ދިޔައީ ސުވާލުތައް ކުރިމަތި ވަމުންނެވެ. ނަމާދު ވަގުތައް ހުއްޓާލައި އަނެއްކާވެސް ދިޔައީ ޕްރެސްއާއިގެން ކުރިއަށެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސަކީ އަހަރެންގެ ނަޒަރުގައި މި ޤައުމުގެ ތާރީޚުގައި ބޭއްވުނު އެންމެ ދިގު އަދި އެންމެ ފުރިހަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. މިއީ ހަގީގަތުގައިވެސް ސުވާލާއި ޖަވާބުގެ ހަޒާނާއެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ހިތްވަރާއި ކެރުންތެރިކަމަކީ އަހަރެން ހައިރާންވި ކަމެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ނޫސްވެރިންނާ ބައްދަލުކުރައްވާފައި ނުވާއިރު، މިފަދަ ދިގު ބައްދަލުވުމެއް ބޭއްވުމަކީ ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ރޫހު ދައްކުވައިދޭ ކަމެކެވެ.
ބައްދަލުވުމުގެ އިންތިޒާމްތައް ވަރަށް ރަނގަޅަށް ހަމަޖެހިފައިވާކަން ފާހަގަކުރަމެވެ. ހެނދުނު 9:40 އަށް ނޫސްވެރިންނަށް ގަޑި ކިޔާ، 10 ޖެހިއިރު ފަށާނެ ކަމަށް ބުނެފައިވާ ޕްރެސް ހަމަ އެވަގުތަށް ފެށުމަކީ ވަގުތަށް އަހައްމިއްޔަތުކަން ދޭކަން ދައްކުވައިދޭ ކަމެކެވެ.
އަހަރެންގެ ނަޒަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ނަމާދު ގަޑިތަކަށް ދެއްވި އަހައްމިއްޔަތުކަމެވެ. ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓުގެ ބްރޭކެއް ނެގުމަކީ އިސްލާމްދީނަށް ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ. މީގެ އިތުރުން، ހެނދުނުގެ ސައި، މެންދުރު ކެއުން، ޖޫސް، ކޮފީ އަދި ފެން ފަދަ ތަކެތި ލިބެން ހުރުމަކީ މި ދިގު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ލުއިފަސޭހަކަމެއް ގެނެސްދިން ކަމެކެވެ.
ރައީސް ދެއްކެވި އެންމެ ބޮޑު ހިތްވަރަކީ ނޫސްވެރިން ކުރެއްވި ހުރިހާ ސުވާލަކަށް ޖަވާބު ދެއްވުމެވެ. މިއީ ހަގީގަތުގައިވެސް ޑިމޮކްރަސީގެ ރޫހު ދައްކުވައިދޭ ކަމެކެވެ. ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ދެއްކެވި ކެތްތެރިކަމާއި ހިތްވަރަކީ އަހަރެންގެ ނަޒަރުގައި ވަރަށް އަގުހުރި ކަމެކެވެ.
މި 15 ގަޑިއިރުގެ ޕްރެސް ކޮންފަރެންސަކީ ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ މަޢުލޫމާތު ލިބިގެންދިޔަ، އަދި ރައީސްގެ ހިތްވަރާއި ކެރުންތެރިކަން ފެނިގެންދިޔަ ތާރީޚީ ބައްދަލުވުމެކެވެ. މިފަދަ ބައްދަލުވުންތައް އަބަދުވެސް ބޭއްވުމަކީ އަހަރެންގެ އުއްމީދެވެ.
Ads by MACL
