އޭޕްރިލް މަހު މީރާއަށް 2.6 ބިލިއަން ރުފިޔާ: އަންދާޒާ ކުރިވަރަށްވުރެ އާމްދަނީ އިތުރުވެއްޖެ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އޭޕްރިލް މަހު ބަލައިގަތް އާމްދަނީ، ކުރިން ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 16.6 އިންސައްތަ އިތުރުވެ، ޖުމްލަ 2.63 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހުގެ އާމްދަނީ އަންދާޒާ ކުރި ވަރަށް ވުރެ މަތިވި ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން ލިބޭނެ ކަމަށް އުންމީދު ކުރި އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.
މިދިޔަ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވަދެފައިވަނީ ޖީއެސްޓީގެ ގޮތުގައި ކަމަށްވާއިރު، އެ ދާއިރާއިން އެކަނިވެސް 1.6 ބިލިއަން ރުފިޔާ މީރާއަށް ވަނީ ބަލައިގަނެފައެވެ. މީގެ އިތުރުން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ގްރީން ޓެކުހުގެ ގޮތުގައި 185 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާއިން ކުރި ހާއްސަ މަސައްކަތްތަކުން ވެސް މި މުއްދަތުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ނުލިބި ހުރި ޓެކްސް ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ވަނީ މިދިޔަ މަހު އަތުލައިފައެވެ.
ބޭރު ފައިސާގެ ގޮތުގައި މިދިޔަ މަހު މީރާއަށް 120.7 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 7.6 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. ޑޮލަރުން ލިބުނު އާމްދަނީގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް ވަނީ ޓޫރިޒަމް ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 71 މިލިއަން ޑޮލަރު ލިބިފައިވާއިރު، ގްރީން ޓެކުހުން 12 މިލިއަން ޑޮލަރު އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 9.8 މިލިއަން ޑޮލަރު ވަނީ ދައުލަތަށް ބަލައިގަނެފައެވެ.
Ads by MACL
