ބުދަ، 18 ނޮވެމްބަރު 2026
ވިޔަފާރި

ހިއްސާގެ ބާޒާރަށް ނުކުތް ފުރަތަމަ ދުވަހު ވެސް ޗައިނާގެ އޭއައި ސެޓެލައިޓް ކުންފުނި އަޑަސްޕޭސްގެ ހިއްސާގެ އަގު ދަށަށް

ހިއްސާގެ ބާޒާރަށް ނުކުތް ފުރަތަމަ ދުވަހު ވެސް ޗައިނާގެ އޭއައި ސެޓެލައިޓް ކުންފުނި އަޑަސްޕޭސްގެ ހިއްސާގެ އަގު ދަށަށް

ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސެޓެލައިޓް އުފައްދާ ކުންފުންޏެއް ކަމަށްވާ އަޑަސްޕޭސް ޓެކްނޮލޮޖީން ހޮންކޮންގުގެ ހިއްސާގެ ބާޒާރަށް ނުކުތް ފުރަތަމަ ދުވަހު، އެ ކުންފުނީގެ ހިއްސާގެ އަގު 1.2 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

އިނީޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) މެދުވެރިކޮށް 750 މިލިއަން ހޮންކޮންގު ޑޮލަރު (95.6 މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށްފަހު ހުކުރު ދުވަހު ހޮންކޮންގުގެ ބާޒާރުގައި އެ ކުންފުނީގެ ވިޔަފާރި ފެށުނުއިރު ހިއްސާއެއްގެ އަގު ހުރީ 24.44 ހޮންކޮންގު ޑޮލަރުގައެވެ. މިއީ އެ ކުންފުނިން ހިއްސާ ވިއްކަން ކަނޑައެޅި 24.90 ހޮންކޮންގު ޑޮލަރަށްވުރެ 1.8 އިންސައްތަ ދަށް އަދަދެކެވެ. އަދި އެންމެ ފަހުން އެ ކުންފުނީގެ ހިއްސާގެ މުއާމަލާތްތައް ކޮށްފައިވަނީ 24.60 ހޮންކޮންގު ޑޮލަރަށެވެ. ހަމައެއާއެކު، ހޮންކޮންގުގެ ހޭންގް ސެންގް އިންޑެކްސް ވެސް ވަނީ 0.5 އިންސައްތަ ދަށަށް ގޮސްފައެވެ.

ޗައިނާގެ ޗެންގްޑޫގައި މައި އޮފީސް ގާއިމުކޮށްފައިވާ އަޑަސްޕޭސް ކުންފުނިން ވަނީ 30.12 މިލިއަން ހިއްސާ ވިއްކާފައެވެ. އެ ކުންފުނިން ހިއްސާ ވިއްކާފައިވަނީ ހިއްސާއެއް 24.90 އާއި 33.20 ހޮންކޮންގު ޑޮލަރާ ދެމެދުގެ އަގެއްގައި ވިއްކުމަށް ބާޒާރަށް ހުށަހެޅި ރޭންޖުގެ އެންމެ ދަށް އަގުގައެވެ. މި އައިޕީއޯގައި އާންމުންނަށް ހުޅުވާލި ބަޔަށް 3.43 ގުނަ އިތުރަށް ހުށަހެޅުންތައް ލިބުނުއިރު، ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް ހުޅުވާލި ބައި ވަނީ 1.79 ގުނަ ކަވަރުވެފައެވެ.

އަޑަސްޕޭސްއަކީ އޭއައި ޓެކްނޮލޮޖީ ހިމެނޭ ސެޓެލައިޓްތައް އުފެއްދުމުގެ އިތުރުން ސެޓެލައިޓް ޑޭޓާގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ރާވާފައިވަނީ އައިޕީއޯއިން ލިބުނު ފައިސާ، ދިރާސާކުރުމުގެ މަސައްކަތްތަކަށާއި، ސެޓެލައިޓް އުފެއްދުމުގެ އިތުރުން ޝެންޒެންގައި ރިސާޗް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންކުރުމަށެވެ.

ވިޔަފާރި

އިތުރަށް ←