703 މިލިއަން ރުފިޔާއަށް ރަހާ ރިސޯޓު ވިއްކާލަން ބީއެމްއެލްއިން ނީލަމަށް ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 45.63 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 703 މިލިއަން ރުފިޔާގެ ފެށޭ އަގަކާއެކު ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓު އާންމު ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފިއެވެ.
މިއީ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބީއެމްއެލްއިން ނަގާފައިވާ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމާ ގުޅިގެން، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދާ ވިއްކާލުމަށް ނިންމި ނިންމުމެކެވެ.
މި ރިސޯޓު ވިއްކައިގެން ބޭންކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ހުއްދަ ބީއެމްއެލްއަށް ލިބިފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހު އެ ކޯޓުން ކުރި ހުކުމުގެ ދަށުންނެވެ.
Ads by BMLލ. ފަރެސް އަދި ކުޑަފަރެސްގައި ތަރައްގީކޮށްފައިވާ މި ރިސޯޓަކީ 100 ކޮޓަރި ހިމެނޭ، އަދި 18 ޑިސެމްބަރު 2064 ގެ ނިޔަލަށް ހެޑް ލީސް މުއްދަތު އޮތް ތަނެކެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މި ރިސޯޓު ވިއްކާލުމަށް ހަމަޖެހިފައިވަނީ މިހާރު ވެސް އެ ތަން އޮތް ހާލަތުގައެވެ.
މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެއެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުމާއި ކެނޑުން އެ ދުވަހުގެ މެންދުރު 12:00 ގައި މާލޭގެ އޯކިޑްމާގެ އިމާރާތުގެ 11 ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށާއި، އޮންލައިންކޮށް ބައިވެރިވާން އެދޭ ފަރާތްތަކަށް ވާޗުއަލް ލިންކެއް ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ނީލަން ކާމިޔާބުކުރާ ފަރާތުން ނަތީޖާ އަންގާތާ ރަސްމީ ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި އަނބުރާ ނުލިބޭ ގޮތަށް އެއްލައްކަ އެމެރިކާ ޑޮލަރުގެ ޑިޕޮސިޓެއް ދައްކަން ޖެހޭނެއެވެ.
މީގެ އިތުރުން ނޯޓިސް ދޭ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ، އެ ޑިޕޮސިޓް ފައިސާ ބޭންކަށް ކެނޑިގެންދާނެ ކަމަށް ބީއެމްއެލްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
Ads by MACL
