ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ވަކިކޮޅެއް ނަގައި ވާހަކަދެއްކުން ހުއްޓުވުން، 2021 ގެ އަމުރުތަކާއި ހިލާފެއް ނެތް!

ކޯޓްތަކުން ނެރޭ އަމުރުތަކަށް ފުރިހަމައަށް ކިޔަމަންވުމަށް އެންމެހައި ރައްޔިތުންނަށް ލާޒިމްކުރޭ ---
ކޯޓްތަކުން ނެރޭ އަމުރުތަކަށް ފުރިހަމައަށް ކިޔަމަންވުމަށް އެންމެހައި ރައްޔިތުންނަށް ލާޒިމްކުރޭ ---

ދިވެހިރާއްޖޭގެ އަމާންކަމާއި އިޖުތިމާޢީ މިންގަނޑުތައް ހިފެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް އެއް ވާޖިބަށްވާއިރު، އަދުލުއިންސާފުގެ ނިޒާމުގެ ތެރެއިން ނެރޭ ކޮންމެ އަމުރަކީ މުޖުތަމަޢުގެ މަސްލަޙަތާ ގުޅިފައިވާ މުހިންމު ނިންމުމެކެވެ. މިގޮތުން، ޝަރީޢަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވަކިކޮޅަކަށް ޖެހިގެން ވާހަކަދެއްކުން ހުއްޓުވުމަށް ކޯޓުން ކުރާ އަމުރުތަކަކީ، އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކުރުމަށްޓަކައި އަޅާ ވަރުގަދަ ފިޔަވަޅެކެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ނަންބަރު 528/Cr-C/2026 މައްސަލާގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން ނެރެފައިވާ އަމުރަކީ މީގެ ސާފު ހެއްކެކެވެ. މި މައްސަލަ ނެރެން މެދުވެރިވީ 28 މާރިޗު 2026 ދުވަހު "އައިޝާ" ނަމުގައި ޑޮކިއުމަންޓަރީއެއް ހަދައި އާންމުކޮށްފައިވާތީ، އޭގެ ސަބަބުން ޝަރީޢަތުގެ މަޖިލީހުން ބޭރުގައި މައްސަލައިގެ އިންސާފަށް އަސަރުކޮށްފާނެތީއެވެ.

މިފަދަ އަމުރުތަކަކީ މީގެ ކުރިން ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި 2021 ވަނަ އަހަރުގެ އަމުރުތަކާ އެއްވެސް ޚިލާފެއް ނެތް، ޤާނޫނީ ގޮތުން ބާރުލިބޭ ނިންމުންތަކެކެވެ. ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 79/SC-A/2021 އަދި ނަންބަރު 39/SC-A/2022 އަމުރުތަކަށް ރިއާޔަތްކުރާއިރު، މައްސަލައިގެ ޙަސްމުންގެ އަބުރާއި ޝަރީޢަތުގެ މިނިވަންކަން ހިފެހެއްޓުމަކީ ކޯޓުގެ ޒިންމާއެއްކަން އެނގެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 79/SC-A/2021 އަމުރަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު އަމީންގެ މައްޗަށް ހުށަހެޅި ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ނެރުނު އަމުރެކެވެ. މި އަމުރުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، ޝަރީޢަތުގައި ހިނގަމުންދާ މައްސަލަތަކާ ގުޅޭގޮތުން ޚިޔާލު ފާޅުކުރުމުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ އަބުރަށް އުނިކަން ނާންނާނެ ގޮތަށާއި ޝަރީޢަތުގެ މިނިވަންކަމަށް ނުފޫޒު ނުފޯރުވާ ގޮތަށް ޢަމަލުކުރަން ޖެހޭނެ ކަމެވެ. މި ނިންމުމަކީ ޤާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ޙައްޤާއި، ޝަރީޢަތް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި މުޖުތަމަޢުގެ ތެރޭގައި ދެކެވޭ ވާހަކަތައް ވަކި ހަމައެއްގައި ހިފެހެއްޓުމަށް ބާރުދޭ މުހިންމު ޤާނޫނީ އަސާސެކެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 39/SC-A/2022 އަމުރަކީ ސީލައިފް މައްސަލައިގައި ހިމެނޭ އަޙްމަދު މޫސާ (އައްމަޓީ) އާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްތިއުނާފީ މައްސަލައެއްގައި ނިންމި ނިންމުމެކެވެ. މި އަމުރުގައި ބޮޑަށް ބަލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ހަމަތަކާއި، ޝަރީޢަތް ކުރިއަށްދާ ގޮތާމެދު ކޯޓަށް ލިބިގެންވާ ބާރުތަކުގެ ދާއިރާއަށެވެ. މީގެ ތެރޭގައި، ޝަރީޢަތުގެ ނިޒާމަށް އިތުބާރު ދެމެހެއްޓުމަށާއި، ބޭރުގެ ނުފޫޒުތަކުން މައްސަލަ ސަލާމަތްކޮށް، އިންސާފުވެރި މާޙައުލެއްގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްޓަކައި ކޯޓުން ނެރޭ އަމުރުތަކަށް އެންމެހައި ފަރާތްތަކުން ބޯލެނބުމުގެ މުހިންމުކަން ވަނީ ތަފްޞީލުކޮށްދީފައެވެ.



ކޮންމެ މީހަކަށްމެ އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމަކީ ޤާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. މީހަކު ކުށެއް ކުރިކަމަށް ޤާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތީސް، މުޖުތަމަޢުގެ ތެރޭގައި އެމީހެއްގެ އަބުރަށް ހުތުރުވާގޮތަށް ވާހަކަދެއްކުމަކީ އިސްލާމީ ޝަރީޢާގައިވެސް ނަހީކުރައްވާފައިވާ ކަމެކެވެ.


ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތަކަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކެއް ކަމުގައިވީނަމަވެސް، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ވަކި ޙާލަތްތަކުގައި ޝަރީޢަތުގެ މަޢުލޫމާތު އާންމުކުރުން ހިފެހެއްޓިދާނެއެވެ. މިއީ މިއަދުގެ ސަރުކާރުންވެސް ގެންގުޅޭ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް، އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.


ކޯޓުގެ މި އަމުރުގައި ވަނީ "އައިޝާ" ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އެއާ ގުޅުވައިގެން ޝަރީޢަތަށް ނުފޫޒު ފޯރާފަދަ ވާހަކަތައް ނުދެއްކުމަށް އަންގާފައެވެ. މި އަމުރު ނެރުއްވީ ޤާޟީ މުޒައްމިލު ނާޞިރު ކަމަށްވާއިރު، މިއީ ޤައުމުގައި ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި ނިންމާފައިވާ ފުރިހަމަ ނިންމުމެކެވެ.


އަދުލުއިންސާފުގެ ނިޒާމަކީ ވަކިވަކި ފަރުދުންގެ ޒާތީ މަސްލަޙަތަށްވުރެ ބޮޑަށް މުޅި ދައުލަތުގެ ހަމަޖެހުމަށް އިސްކަންދޭ ނިޒާމަކަށް ވުމަކީ އަދުގެ ސަރުކާރުގެވެސް އެންމެ ބޮޑު އަމާޒެވެ. އެހެންކަމުން، ކޯޓުތަކުން ނެރޭ މިފަދަ އަމުރުތަކަށް ބޯލެނބުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމުގައި ދެކި، އިންސާފުގެ މަގުގައި ސާބިތުވެ ތިބުމަކީ ޤައުމުގެ ކުރިމަގަށް އޮތް އެންމެ ރަނގަޅު ގޮތެވެ.