ދިވެހިންގެ އިޖްތިމާއީ ފޭރާން ހަފުސްވީ އިސްލާމީ އުސޫލުތަކާ ބީރައްޓެހި އެމްޑީޕީގެ ސިޔާސަތުތަކުންތަ؟
ދިވެހިރާއްޖޭގެ ސައްތަ އިން ސައްތަ އިސްލާމީ އައިޑެންޓިޓީއާއި އިޖްތިމާއީ އެއްބައިވަންތަކަމަކީ ގައުމުގެ އެންމެ ވަރުގަދަ ބަހާއެވެ. ނަމަވެސް، ފާއިތުވި ތާރީޚަށް ބަލާއިރު އެމްޑީޕީގެ ދެ ވެރިކަމެއްގައި ގެންގުޅުނު ބައެއް ސިޔާސަތުތަކާއި ހިންގާފައިވާ އަމަލުތަކުގެ ސަބަބުން، ދިވެހިންގެ ދީނީ އަގީދާއާއި އިޖްތިމާއީ ފޭރާމަށް ބޮޑެތި ލޮޅުންތަކެއް އަރައި، މުޖުތަމައު ބައިބައިވުމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. ދިވެހިތާރީޚުން ފެންނަން ހުރި ރިޕޯޓުތަކާއި ޚަބަރުތަކުން އެނގޭ ގޮތުގައި، އެމްޑީޕީގެ ފުރަތަމަ ވެރިކަމުން ފެށިގެން ނިމިދިޔަ ދެވަނަ ވެރިކަމާ ހަމައަށް ވެސް، އިސްލާމީ އުސޫލުތަކާ ބީރައްޓެހި ފިކުރުތަކެއް ކުރިއަރުވަން މަސައްކަތް ކޮށްފައިވާކަމުގެ ގިނަ ހެކިތަކެއް ފެންނަން އެބަހުއްޓެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި. ރައީސް މުހައްމަދު ނަޝީދުގެ ލީޑަޝިޕްގައި "މެދުމިން އިސްލާމް" ނުވަތަ "މޮޑެރޭޓް އިސްލާމް" ގެ ނަމުގައި ދީނީ ހަމަތައް ލުއިކުރުމުގެ ސިޔާސަތެއް ގެންގުޅުނެވެ. މިގޮތުން 2011 ވަނަ އަހަރު ބޭއްވި ރެލީއެއްގައި، އިސްލާމީ ޝަރީއަތުގެ ހުދޫދުތަކާއި އުސޫލުތަކާ ސީދާ ގުޅުވައިގެން، މިއުޒިކާއި ކުރެހުން މަނާކުރުމާއި ކުޑަކުދިންގެ ކައިވެންޏާ ބެހޭގޮތުން ސުވާލު އުފައްދަވައި ދެއްކެވި ވާހަކަފުޅުތަކަކީ ދިވެހިންގެ ދީނީ ވިސްނުން ބަދަލުކޮށްލަން ކުރި މަސައްކަތެކެވެ.
މީގެ އިތުރުން، މުސްލިމުންގެ ދުޝްމަނެއްގެ ގޮތުގައި އޮތް އިސްރާއީލުގެ ގައުމީ އެއަރލައިނަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ދިނުމާއި، އެމެރިކާއާއި އިސްރާއީލަށް ތާއީދުކުރާ ފަދަ ސިޔާސަތުތައް ގެންގުޅުމަކީ ދިވެހިންގެ ދީނީ އަދި ގައުމީ ވިންދާ ޚިލާފު ކަންކަމަށް ވުމުން، އޭރުގެ ކޯލިޝަން ބައިވެރިން ވެސް ސަރުކާރާ ދުރުވިއެވެ.

މީގެ އިތުރުން، ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް ބުދު ބެހެއްޓުމާއި، އިސްލާމީ ޝަރީއަތުގެ ބޭރުން "އޮލްޓަނޭޓިވް" ނުވަތަ އެހެން ގޮތްތަކެއް ހޯދުމަށް ވަކާލާތު ކުރުމަކީ ދިވެހި ގައުމުގެ އިޖްތިމާއީ ފޭރާން ވީދިގެން ދިޔަ ކަންކަމެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި، މުޖުތަމައު ބައިބައިވެ، ދީނީ ހަރުކަށިކަމާއި ލާދީނީ ފިކުރުތަކުގެ ކުރިމަތިލުމަކަށް މަގުފަހިވެގެން ދިޔައެވެ.
މިފަދަ ދީނީ ސިޔާސަތުތަކުގެ ސަބަބުން އުފެދުނު ނުތަނަވަސްކަމުގައި "23 ޑިސެމްބަރ" ގެ ބޮޑު މުޒާހަރާ ބާއްވަން ޖެހި، އެންމެ ފަހުން ނަޝީދުގެ ވެރިކަން ވެއްޓުމުގެ މައިގަނޑު ސަބަބަކަށް ވީ ވެސް މި ދީނީ މައްސަލަތަކެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ދައުރުގައި ވެސް މިފަދަ ސިޔާސަތުތައް ތަފާތު ސިފަސިފައިގައި ފެނިގެންދިޔައެވެ. އެގޮތުން މަޖިލީހަށް ހުށަހެޅި "ހޭޓް ކްރައިމް ބިލް" ނުވަތަ މީހުންނަށް ލާދީނީ ކިޔުން ޖިނާއީ ކުށަކަށް ހަދަން އުޅުނު އުޅުމަކީ، ދީނަށް ފުރައްސާރަކުރާ މީހުންނަށް ލިބުނު ރައްކާތެރިކަމެއްގެ ގޮތުގައި ދީނީ އިލްމުވެރިން ސިފަކުރެއްވިއެވެ.
ސަރުކާރުން "ލިބަރަލް އިސްލާމީ ގައުމެއް" ބޭނުންވާ ކަމަށް ބުނިއިރު، ރާއްޖޭގައި ފައްޅިތަކާއި ޗާޗްތައް ހަދަން އުޅޭ ކަމުގެ ތުހުމަތުތައް ސިޔާސީ ލީޑަރުން ކުރައްވަމުން ގެންދެވިއެވެ. އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަވީ، އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި CEDAW މުއާހަދާގެ މާއްދާ 2 އާއި 16 ގައި ރާއްޖެއިން ހިފަހައްޓާފައިވާ ރިޒަވޭޝަންތައް އުވާލަން ކެބިނެޓުން ނިންމި ނިންމުމެވެ. މިއީ ކައިވެންޏާއި، ވަރި އަދި ވާރުތަ މުދަލުގެ ބެހުމުގައި އޮތް އިސްލާމީ ޝަރީއަތުގެ ރޫހު ދުއްވާލުމަށް ބޭރުގެ ނުފޫޒަށް ދޫދިނުމެވެ.
މި ސިޔާސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި، އެކަމަށް ސަރުކާރުން ދިން އެއްބާރުލުމެވެ. ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ކަންކަމަށާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކަށް ފުރައްސާރަކޮށް ނެރުނު އެ ރިޕޯޓު ތައްޔާރުކުރުމުގައި އިސްކޮށް ތިބި ފަރާތްތަކަށް ސަރުކާރުގެ މަތީ މަގާމުތައް ދިނުމަކީ، ދީނީ ގޮތުން ދިވެހިން ގަބޫލުކުރާ އަގީދާ ބަލިކަށިކުރުމަށް ދިން ފުރުސަތެއްގެ ގޮތުގައި ބެލެވެއެވެ. ރައްޔިތުންގެ ފައިސާ އިން އެފަދަ ފަރާތްތަކަށް މުސާރަ ދިނުމަކީ ދީނީ ސިޔާސަތު އޮތް ނުރައްކާތެރި މިސްރާބު ހާމަވާ ކަމެކެވެ.
މި ހުރިހާ ސިޔާސަތުތަކެއްގެ ޖުމްލަ ނަތީޖާއަކަށްވީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ނަމުގައި ދީނަށް ފުރައްސާރަކުރާ ސެކިއުލަރ ޚިޔާލުގެ މީހުންނަށް މުޖުތަމައުން ޖާގަ ލިބި، ދީނީ މިނިވަންކަމަށް މަގުފަހިވެގެން ދިއުމެވެ. ސަރުކާރުން "އިސްލާމިކް ފަންޑަމެންޓަލިޒަމް" ނުވަތަ ދީނީ ހަރުކަށިކަމާ ދެކޮޅަށް ފިޔަވަޅު އަޅާ ކަމަށް ދެއްކި ނަމަވެސް، ހަގީގަތުގައި ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުން ދިޔައީ އެމްޑީޕީގެ ސިޔާސަތަކީ އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތަކަކަށް ވާތީއެވެ.
މިފަދަ ދީނީ ގޮތުން ދޫދޭ ސިޔާސަތުތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮތް ބަދަހި އަޚްލާގީ ފޭރާން ވީދި، މުޖުތަމައުގައި ފިތުނައާއި ބައިބައިވުން އުފެދިގެން ދިޔަކަމީ ހިތްދަތި އެހެނަސް ޤަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
Ads by MACL
