އެމްޑީޕީގެ ޗެއާޕާސަންކަމަށް ރައީސް ޔާމީންވެސް ރަނގަޅު!؟
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަކީ ކޮންމެ ފަދަ ބަދަލެއްވެސް، ކޮންމެ ފަދަ ވަގުތެއްގައިވެސް ފެނިގެން ހިނގައިދާނެ ފަދަ އާދަޔާޚިލާފު އަދި އެހާމެ ހަލުވި މާޙައުލެކެވެ. އިއްޔެގެ ހަތުރުން މިއަދު މިތުރުންނަށް ވުމާއި، ސިޔާސީ ފިކުރުގެ ތަފާތުތައް އެއްކިބާކޮށް "ޤައުމީ މަޞްލަޙަތު" ނުވަތަ ސިޔާސީ މަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި އެއްގަލަކަށް އެރުމަކީ ރާއްޖޭގެ ސިޔާސީ ތާރީޚުން ތަކުރާރުކޮށް ފެންނަމުންދާ މަންޒަރެކެވެ. ނަމަވެސް، ދާދިފަހުން މީޑިއާގެ މިނިވަންކަމާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާއި، ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތަށް އަންނަމުންދާ ލޮޅުންތަކާއެކު، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ދިވެހި ސިޔާސީ މަސްރަޙަށް އައި އެންމެ ބޮޑު އެއް ލޮޅުމެވެ.
މި ބަދަލާއެކު ސިޔާސީ ދިރާސާކުރާ ފަރާތްތަކާއި އާންމުންގެ މެދުގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ، އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު ހުސްވެފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި ރައީސް ޔާމީން އެ މަޤާމަށް ވަޑައިގަތުމަކީ ވެސް ހަމަ އެންމެ ރަނގަޅު އަދި އެންމެ އެކަށީގެންވާ ގޮތެއްކަމަށް އެމްޑީޕީގެ ލީޑަރޝިޕުންނާއި އަދި ޢާއްމު މެންބަރުންވެސް ނިންމަފާނެ ބާވައެވެ؟
އެމްޑީޕީގެ އެތެރޭގެ ހިންގުމާއި ކުރިއަށް އޮތް މިސްރާބަށް ބަލާއިރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ޤައުމުގެ ޙާލަތު ސަލާމަތްކުރުމަށްޓަކައި މި ތިން ރައީސުން އެކުގައި ނުކުތުމަށް ބާރުއަޅުއްވައި ވާހަކަދައްކަވާފައެވެ. މި ގޮވާލެއްވުމަށް އިޖާބަދެއްވައި، ރައީސް ޔާމީން ވެސް ވަނީ ޒާތީ އަދި ސިޔާސީ ހުރިހާ ޚިޔާލުތަފާތުވުންތަކެއް އެއްފަރާތްކޮށް، ނަޝީދާއި ޞާލިޙްއާއެކު އެއް މޭޒެއްގެ ދޮށުގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ސާފުކޮށް ހާމަކުރައްވާފައެވެ.
މިފަދަ ބޮޑު ސިޔާސީ އިއްތިޙާދެއް ބިނާވަމުންދާއިރު، އެމްޑީޕީގެ އެންމެ ބޮޑު ދެ ބާރު ކަމުގައިވާ ނަޝީދާއި ޞާލިޙްގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ރައީސް ޔާމީނަށް ލިބިގެންދާނެއެވެ. އެހެންކަމުން، ޕާޓީގެ ލީޑަޝިޕް ވަރުގަދަކޮށް، ކުރިއަށް އޮތް އިންތިޚާބުތަކަށް ޕާޓީ ތައްޔާރުކުރުމަށްޓަކައި ރައީސް ޔާމީން ފަދަ ސިޔާސީ ގޮތުން ތަޖުރިބާކާރު، ހަރުދަނާ އަދި ނުފޫޒުގަދަ ލީޑަރަކު ޗެއާޕާސަންގެ މަޤާމާ ޙަވާލުވުމަކީ އެމްޑީޕީގެ އެތެރޭގެ ހިންގުމަށް އާ ދިރުމަކާއި އާ ހަކަތައެއް ލިބިގެންދާނެ ކަމެކެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ މަޤާމުގައި އޮވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، ރައީސް ޔާމީންގެ އިދާރީ އަދި ސިޔާސީ ހިންގުންތެރިކަމުގެ ބޭނުން ހިފުން މުހިންމެވެ. ޔާމީނަކީ ދައުލަތުގެ މުއައްސަސާތަކާއި، ސިޔާސީ ޕާޓީތައް ހިންގުމުގައި ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، އަދި ވަރުގަދަ ނިންމުންތައް ނިންމެވުމަށް ކެރިވަޑައިގަންނަވާ ބޭފުޅެކެވެ. ނަޝީދާއި ޞާލިޙްގެ އިތުރުން ޕާޓީގެ އިސް ސަފުގައި ތިއްބެވި އެހެން ބޭފުޅުންނާއެކު ރައީސް ޔާމީނަށް މަސައްކަތް ކުރެއްވޭނެ ސިޔާސީ މާޙައުލެއް ތަނަވަސްވެއްޖެނަމަ، އެމްޑީޕީގެ އެތެރޭގެ ނިޒާމުތައް ވަރުގަދަކޮށް، ޕާޓީގެ މާލީ އަދި އިދާރީ ޤާބިލުކަން އިތުރުކުރުމަށް އެމަނިކުފާނުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެންދާނެއެވެ.
މި ބަދަލުތަކާއެކު ދިވެހި ސިޔާސީ މައިދާނުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓެނީ ޕާޓީތަކުގެ އާންމު މެންބަރުންނާއި ރައްޔިތުންގެ ވިސްނުމަށް އަންނަމުންދާ ބަދަލުތަކަށެވެ. މީގެ ކުރިން ރައީސް ޔާމީނާ އެންމެ ދެކޮޅު، އަދި އެމަނިކުފާނުގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ދެ ލީޑަރުން ކަމަށްވާ ނަޝީދާއި ޞާލިޙްއަށް ވެސް، ޤައުމުގެ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ރައީސް ޔާމީނަކީ ސިޔާސީ ގޮތުން އެކުގައި މަސައްކަތްކުރަން "ރަނގަޅު" ބޭފުޅަކަށް ވަނީ ވެފައެވެ. މިގޮތުން ޕާޓީގެ އެންމެ އިސް، ނުފޫޒުގަދަ ދެ ލީޑަރުން ރައީސް ޔާމީނާއެކު ސިޔާސީ ސަފުތައް ރުކުރުވާލައި، އެމަނިކުފާނަށް ފުރުޞަތު ދިނުމަށް ތައްޔާރުވުމުން، އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައިވެސް ކުރިން އޮތް ޒާތީ ނުތަނަވަސްކަމާއި ފިކުރީ ދެކޮޅުވެރިކަން ކުޑަވެގެންދާނެއެވެ. އިސް ލީޑަރުންގެ މި ނިންމެވުމާއެކު، ޕާޓީގެ އާންމު މެންބަރުންގެ ފުރިހަމަ ތާއީދާއި ލޯބި ރައީސް ޔާމީނަށް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.
ސަރުކާރާ ދެކޮޅަށް ކުރެވޭ ސިޔާސީ މަސައްކަތްތަކާއި މަގުމަތީގެ ޙަރަކާތްތަކުގައި، އެމްޑީޕީގެ އާންމު މެންބަރުން އަބަދުވެސް ބޭނުންވަނީ ޖެހިލުންވުމެއް ނެތް، ވަރުގަދަ އަދި ސާބިތު ލީޑަޝިޕެކެވެ. ރައީސް ޔާމީންގެ ސިޔާސީ ބަރުދަނާއި، އެމަނިކުފާނަށް ތާއީދުކުރާ ވަފާތެރި ސިޔާސީ ބާރުތަކަކީ އެމްޑީޕީގެ މެންބަރުންނަށް މިވަގުތު ދެކޮޅު ހެދޭނެ ނުވަތަ ދޫކޮށްލެވޭނެ ފަދަ ބާރެއް ނޫނެވެ. ތިން ރައީސުންގެ މި ބޮޑު އިއްތިޙާދުގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ރައީސް ޔާމީން ވަޑައިގަތުމަކީ، ކުރިން ނުފެންނަ ފަދަ ބޮޑު ސިޔާސީ ބާރެއް އުފެދި، ކުރިއަށް އޮތް ތަނުގައި ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށް ވެގެންދާނެއެވެ.
މި ހުރިހާ ކަމަކަށް ފުންކޮށް ބަލާއިރު، އެމްޑީޕީގެ ޗެއާޕާސަންކަމަށް ރައީސް ޔާމީން އައުމަކީ ފެންނަ ފެނުމަށް ބައެއް ފަރާތްތަކަށް ހައިރާންކަން ލިބޭނެ ކަމަކަށް ވިޔަސް، މިއީ ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ޙަޤީޤަތަށް ބަލާއިރު ވެދާނެ އަދި އެންމެ އެކަށީގެންވާ ކަމެކެވެ. ނަޝީދާއި، ޞާލިޙް އަދި ޔާމީން އެކުގައި އަތްގުޅާލައިގެން ކުރިއަށްދާނަމަ، އެމްޑީޕީގެ އާންމު މެންބަރުންގެ ފުރިހަމަ އިތުބާރާއި ތާއީދާއެކު، ޕާޓީގެ ޗެއާޕާސަންކަމަށް ރައީސް ޔާމީން ވަޑައިގަތުމަކީ އެމްޑީޕީއަށް އާ ބާރެއް ލިބި، ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި މުޅިން އާ ބާބެއް ހުޅުވިގެންދާނެ ކަމެކެވެ.
Ads by MACL
