މަރުވެފައިވާ ބައެއްގެ ހަށިތަކުގެ އަގަށްވުރެ ދިރިތިބި ބައެއްގެ ފުރާނައިގެ އަގު މަތިވެރި، ހުއްޓާލާ!
ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރި ސަރަހައްދަށް މިމަހުގެ 14 ވަނަ ދުވަހު އިޓަލީގެ ފަސް ޑައިވަރުން ފީނަން ފޭބީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ މުޅިން ޚިލާފަށެވެ.
ހަތަރު ފަތުރުވެރިންނާއި އިނސްޓްރަކްޓަރަކު ހިމެނޭ މި ޓީމު، ދިވެހި ގައިޑަކާ ނުލައި ފީނާފައިވަނީ ރާއްޖޭގައި ހުއްދަދޭ އެންމެ ފުން މިނަށް ވުރެ ދެގުނަ ފުން ސަރަހައްދަކަށެވެ. އެމީހުން ވަދެފައިވަނީ 60 މީޓަރު އަޑީގައި އޮތް ނުރައްކާތެރި ކޭވްއަކަށެވެ. އެމީހުންގެ ޚަބަރެއް ނުވެގެން ހޯދަން ފެށި އޮޕަރޭޝަނުގައި އެ ދުވަހު ވަގުތުން ފެނުނީ އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. އޭނާގެ ހަށިގަނޑު އޮތީ އެ ބުނާ ކޭވްގެ ތެރޭގައެވެ. ބާކީ ތިބި ހަތަރު މީހުން އަދިވެސް ވަނީ ގެއްލިފައެވެ.
މި ހާދިސާގެ ކުރީކޮޅު ފުލުހުންނަށް މަޢުލޫމާތު އޮޅިގެން ފަސް މީހުންވެސް މަރުވެފައި ފެނުނު ކަމަށް ބުނެވުނު ނަމަވެސް، ފަހުން ވަނީ އެއީ އޮޅުމެއްކަން ސާފުކޮށްދީފައެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަގުތުން "ހައި ރިސްކް" ނުވަތަ ނުރައްކާތެރި ރެސްކިއު އޮޕަރޭޝަނެއް ފެށިއެވެ. ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ހާމަކުރެއްވި ގޮތުގައި މި އޮޕަރޭޝަނުގައި އަށް ޑައިވަރުން ބައިވެރިވިއެވެ. މި ނުރައްކާތެރި ހޯދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ސިފައިންގެ ތެރޭގައި ހުރި އެންމެ ގާބިލު އެއް ޑައިވަރު ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއެވެ.
ނަމަވެސް މި އޮޕަރޭޝަނުގެ ތެރެއިން 44 އަހަރުގެ މަހުދީއަށް ވަނީ ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ޖެހިފައެވެ. އެކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އޭނާ ވަނީ ނިޔާވެފައެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މަހުދީއަކީ އެމަނިކުފާނާއެކު 2005 ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ގުޅި، އަސާސީ ތަމްރީނުވެސް އެކުގައި ފުރިހަމަކުރި ގާތް ރަހުމަތްތެރިއެކެވެ. މަހުދީއަކީ އެތައް ބައިވަރު ތަމްރީނު ލިބިފައިވާ، އެތައް ހާސް ފަހަރަކު ފީނައި، 70 މީޓަރުގެ އަޑީގައިވެސް އޮޕަރޭޝަންތައް ހިންގާފައިވާ ހަގީގީ ބަތަލެކެވެ. އޭނާ ނިޔާވިއިރު ދުނިޔޭގައި ދެ އަނބިންނާއި ދެ ދަރިން އެބަތިއްބެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅެއް އަޅާފައެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ އެ އިޓަލީ ޑައިވަރުން ގޮވައިގެންދިޔަ "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައެވެ. މިނިސްޓްރީން ބުނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.
މަހުދީގެ ވަކިވުމާ އެކު ރާއްޖޭގެ ޑައިވިން މުޖުތަމައުގެ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މި އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. މިއީ ހުއްޓުވޭނެ ފަދަ ކާރިސާއެއްގެ ގޮތުގައި ސިފަކުރައްވަމުން ތަޖުރިބާކާރު ޑައިވަރު ފަހުދު ފާއިޒް ވިދާޅުވީ، މިއީ ދުނިޔޭގައިވެސް އެންމެ ނުރައްކާތެރި ޑީޕް ކޭވް ޑައިވްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މިކަން ކުރީ މޫސުންވެސް ގޯސް ދުވަސްވަރެއްގައި ކަމަށެވެ. މިއީ އާދައިގެ ރިކަވަރީ ޑައިވްއެއް ނޫން ކަމަށާއި، މިއަށް ބޭނުންވަނީ ޚާއްސަ ގޭހާއި، ޑިކޮމްޕްރެޝަން ޕްލޭނިންގެ އިތުރުން ސަޕޯޓް ޓީމެއް ތިބޭ ޚާއްސަ ޓެކްނިކަލް ކޭވް ޑައިވަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ޑައިވަރު ފައްޔާޒް އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، 60 މީޓަރުގެ އަޑީގައި އާދައިގެ ގޭސް ބޭނުންކުރުމުން އޮކްސިޖަން ވިހަވުމާއި ނައިޓްރޮޖެން ނާކޮސިސްގެ ނުރައްކާ އިންތިހާއަށް ބޮޑުވެއެވެ. އަދި އިތުރަށް ރިސްކު ނަގައިގެން ޖެހިގެން އަންނަ ދުވަހު މިކަން ތަކުރާރުކުރުމަކީ މާ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ އަޑުވެސް ވަނީ ގަދަވެފައެވެ. ގިނަ ބަޔަކު ތައުޒިޔާ ކިޔަމުންދާއިރު، އެންމެންގެވެސް އެދުމަކީ މި ނުރައްކާތެރި އޮޕަރޭޝަން ހުއްޓާލުމެވެ. އާންމުން ލިޔަމުންދަނީ "މަރުވެފައިވާ ބައެއް ހޯދުމަށް ދިރިތިބީންގެ ފުރާނަ ނުރައްކަލަކަށް ހުށަނޭޅުމަށެވެ." މިއީ މަރުވެފައިވާ ބައެއްގެ ހަށިތަކުގެ އަގަށްވުރެ ދިރިތިބި ބައެއްގެ ފުރާނައިގެ އަގު މަތިވެރިކަން ހަނދާންކޮށްދޭ ވަރުގަދަ މެސެޖެކެވެ. އިޓަލީ މީހުންގެ ފުރާނަ ނެތް މަސްގަނޑުތައް ހޯދުމަށްޓަކައި ދިވެހި ސިފައިންގެ ޒުވާން ފުރާނަތައް ގުރުބާން ނުކުރުމަށް އާންމުން ދަނީ އާދޭސްކުރަމުންނެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ގެއްލުނު ހަތަރު އިޓަލީ ޑައިވަރުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެމްއެންޑީއެފަށް އެހީތެރިވުމުގެ ގޮތުން އިޓަލީން ޚާއްސަ ދެ ތަޖުރިބާކާރުން (ޑީޕް ރެސްކިއު އެކްސްޕާޓަކާއި ކޭވް ޑައިވިން އެކްސްޕާޓެއް) ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އާންމުންނާއި ތަޖުރިބާކާރުންގެ އެދުމަކީ، އިތުރު ދިވެހި ފުރާނައެއް ގެއްލުމުގެ ކުރިން، މި ނުރައްކާތެރި މަސައްކަތް ބޭރުގެ ތަޖުރިބާކާރުންނާ ހަވާލުކޮށް، ދިވެހި ދަރިންގެ ފުރާނަ ސަލާމަތްކުރުމެވެ.
Ads by MACL
