ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ.. (އެއްވަނަ ބައި)

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ.. (އެއްވަނަ ބައި)

މަޑު ކްރީމް ކުލައިގެ ދިގު ގޮނޑީގައި ލެގިލައިގެން އެއްފައި އަނެއްފައި މައްޗަށް އަރުވާލައިގެން އިން އަންހެންކުއްޖާގެ މޫނުމަތީގައިވީ ފަނޑު ހިނިތުންވުމެކެވެ. ކުރިމަތީ ހުރި ސްޓޭންޑުގައި ހަރުކޮށްލައިފައިވާ ކެންވަސްގައި، އަތުގައި އޮތް ފިހިން ރީތި މަންޒަރެއް ކުރަހަމުން ދިޔައިރު އޭނާގެ ހުރިހައި ސަމާލުކަމެއްވީ އެކަމަށް ދެވިފައެވެ.

ބޮލުމެދަށްވާގޮތަށް ކަޅުކަންގަދަ އިސްތަށިގަނޑު ހުޅިއެއްހެން އޮޅުލައި ފަންސުރަކުން ހިފަހައްޓާލައިފައި ވީއިރު، ނުކިޔަމަންތެރި ދެތިން އިސްތަށިކޮޅު މޫނުމައްޗަށް ވެއްޓިފައިވީގޮތުން، އެ ކުޑަކުޑަ ދޮންމޫނުކޮޅުގެ ހިތްގައިމުކަން އެތައް ގުނައެއް އިތުރުވެފައިވާކަހަލައެވެ. އޭނާ އިން ކޮޓަރީގެ އެތަން މިތަނަށް ބަލައިލުމުން ހީވަނީ ކުޑަވަރެއްގެ "އާރޓް ގެލެރީ" އެއް ހެންނެވެ.

އެއްބައި ފުރިހަމަކޮށްފައިވާ ކުރެހުންތައް ހުރި ކެންވަސްތައް ފާރުގެ އެކި ދިމާލުގައި ލައްގާލައިފައި ހުރިއިރު، ބައެއް ކުރެހުންތައް ވަށައިގެންވި ހަތަރު ފާރުގެ އެކި ދިމާލުގައި ހަރުކޮށްފައި ހުއްޓެވެ. ބައެއް ކުރެހުންތަކުގައި އިރުއޮއްސޭ މަންޒަރާއި މޫދުގެ ހިތްގައިމު މަންޒަރުތައް ކުރަހައިފައި ހުރިއިރު، އަނެއްބައި ކުރެހުންތަކުގައިވީ އެކި އެކި ޖަޒުތާބުތައް ހާމަވާފަދަ ފުން މާނަތައް އެކުލެވިގެންވާ މަންޒަރުތަކެވެ.

ކޮޓަރީގައި ހަރުކޮށްފައިވާ މަޑު އޮރެންޖް ކުލައިގެ ބޮކިތަކުގެ އަލި، އެއްފަރާތުގައި ހުރި ހަރުގަނޑުތަކާއި، ކުލަފެން އަޅައިފައިހުރި ފުޅިތަކާއި، އެކި ދިމަދިމާލުގައި ހުރި ކުރަހާފޮތްތަކަށް ފަނޑު ގޮތަކަށް އެޅިފައިވުމުން، އެތަކެތީގައި މަޑު ވިދުމެއް އުފެދިފައިވާކަހަލައެވެ. އެކްރިލިކް ކުލައިގެ ވަހާއި ވެނީލާ އުއްބައްތިތަކުގެ މީރުވަސް މާހައުލުގައި ހިފާލާފައިވާއިރު، ކޮޓަރީގެ އެއްފަރާތުގައި ބޭރު ފެންނަގޮތަށް ހުރި ފުޅާ ބިއްލޫރިދޮރުގައި ވާރޭގެ ތިކިތައް މަޑުމަޑުން ބީހެމުންދިޔަ އަޑު ފަނޑު މިއުޒިކެއްހެން އިވެމުންދިޔައެވެ.

ކޮޓަރީގެ އެއްކަނަކަށް ވާހެން އިނށީދެގެން އެ އަންހެންކުއްޖާ އިން އިރު، އޭނާގެ މުޅި ހިތާއި ސަމާލުކަންވީ ކުރިމަތީގައިވާ ކެންވަހަށް ހުއްޓިފައެވެ. ކަޅުކަންގަދަ ހިމަ ބުމަ، ކައިރުކޮށްލައިގެން އިންގޮތުން، ކުރަމުންދިޔައީ އޭނާއަށް ކިހައި މުހިންމު މަސައްކަތެއްކަން އެ މޫނުމަތިން ހާމަވެއެވެ. އިރުއިރުކޮޅާ އޭނާގެ ބޯ އެއްފަރާތަކަށް އަރިކޮށްލައި، މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުތައް ކަންފަތުގެ ފުރަގަހަށް ވާގޮތަށް ލައްވާލައެވެ. މޯޅިއަކަށްވެސް ދެމިނުލައި ކުރެހުމާއިގެން ކުރިއަށް ދިޔައިރު، އޭނާގެ ވަށައިގެން ބޭރުގައި އުފެދިފައިވާ ތޫފާންމަތިން ކުޑަކޮށްވެސް ހަނދާން ނެތްކަހަލައެވެ.

ކޮޓަރިއަށް ވަންނަ ދޮރަށް ފުރަގަސްދީގެން އިނީތީ، ލައްޕާފައި ހުރި ދޮރު މަޑުމަޑުން ހުޅުވުނުކަމެއް އެ ކުއްޖާ ނުދެނަހުއްޓެވެ. ސިއްރުސިއްރުން ކޮޓަރިތެރަށް ވަދެގެން އައި ޒުވާނާގެ އެއްވެސް ހިލަމެއްނުވާހާލު، ކަނައަތުގައި އޮތް ފިހި، ޝަހާދަތް  އިނގިއްޔާއި މެދު އިނގިއްޔާ ދެމެދުގައި ތަޅުވާލަ ތަޅުވާލާ އެކުއްޖާ އިނެވެ. ކުއްލިއަކަށް އޭނާގެ ލޯމަތީގައި މީހަކު އަތް އެޅުމުން އެކުއްޖާ ދިޔައީ ސިހިގެންނެވެ.

އެއާއެކު ހަރަކާތެއް ކޮށްލުމެއްނެތި ހިނދުކޮޅަކަށް ހުއްޓުން އަރައިފައި އެކުއްޖާއަށް އިނދެވުނެވެ. އެހެނަސް، ނޭފަތުގައި ޖެހުނު ލުއިލުއި ފިރިހެން ސެންޓްގެ ވަހުން، އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. އަތް އުފުލައިލައި ލޯ މަތީގައި އޮތް ފިރިހެންވަންތަ އަތުގައި ޖައްސާލުމާއެކު އެ ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ.

"ޒާން" އެ އަންހެންކުއްޖާގެ ދުލުން އެ ނަން ބޭރުވުމާއެކު ލުއި ހުނުމެއްގެ އަޑު ފަހަތުން އިވުނެވެ. "އިޝީ ސަޕްރައިޒް ކޮށްލަން އަހަރެން ކުރާ ކޮންމެ ޕްލޭންއެއް ޚަރާބު ކޮށްލަން ޖެހޭތަ؟ އެއްފަހަރުވެސް ކީއްތަވާނީ ނޭނގޭ ކަމަށް ހެދުނިއްޔާ" މަޑުމަޑުން އިޝްޔާގެ ދެލޯމަތިން އަތް ނަގަމުން އޭނާގެ ކުރިމަތީގައި އައިސް އަޒާން ހުއްޓިލިއެވެ.

ވާރޭގެ ހަމަލާތަކުން ކޮންމެވެސް ވަރަކަށް ތެމިފައިވީއިރު، އަބަދުވެސް ރީތި ގޮތަކަށް ސްޓައިލްކޮށްލައިފާ ހުންނަ އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ލައިގެން ހުރި މަޑު ނޫކުލައިގެ ގަމީސް ގަޔަށް ހިފައިލައިފައިވާއިރު، އަޒާންގެ ކަސްރަތީ ހަށިގަނޑު ހާމައަށް ފައުޅުވާން ހުއްޓެވެ. ހިނދުކޮޅަކު އެ ފިރިހެންވަންތަ ހިތްގައިމު މޫނަށް ބަލަހައްޓައިގެން އިޝްޔާއަށް އިނދެވުނީ ހިތާހިތުން އެ ރީތިކަމަށް ތަޢުރީފުކުރާ ހާލުއެވެ.

އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު އިޝްޔާ ފެށީ ހޭށެވެ. "ތި ވަހެއް އަހަންނަކަށް ނޯޅޭނެއްނު" އަތުގައި އޮތް ފިހިން އަޒާން އަށް އިޝާރާތްކޮށްލަމުން އިޝްޔާ ބުނެލީ ޔަޤީންކަމާއެކުއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން އިޝްޔާއާ ކުރިމަތިވާނެހެން ހުރި ސޯފާގައި އަޒާން އައިސް އިނށީނެވެ.

"އަންނަމުން މިއަދު ނުވެސް ގުޅަމެއްނު" ކުރަން ހުރި މަސައްކަތް ހުއްޓައިލުމަށްފަހު އަޒާންއަށް ބަލައިލަމުން އިޝްޔާ ބުނެލިއެވެ. "މި ބުނީނު އިޝީއަށް ސަޕްރައިޒް އެއް ދޭށޭ ބޭނުންވީ" ހިނިތުންވެލަމުން އަޒާން އެހެން ބުނެލުމުން އިޝްޔާ ކުޑަކޮށް ލޯއަޅައިލިއެވެ.

"އަހަރެން އަސްލު އިޝީ ގާތުގަ ވާހަކައެއް ބުނަން ބޭނުންވެގެން މިއައީ" ސަމާސަކުރުން ދޫކޮށްލުމަށްފަހު ކުޑަކޮށް ސީރިއަސްވެލަމުން އަޒާން ބުނެލިއެވެ.

"ކޮން ވާހަކައެއް؟" ސުވާލުގެ ނަޒަރަކުން އަޒާންއަށް ބަލައިލަމުން އިޝްޔާ އަހައިލިއެވެ.

"މިރޭ.. މިރޭ 8 ކަންހާއިރަށް އިޝީ ރެޑީވެލައްޗޭ ބޭރަށް ގޮސްލަން. އަހަރެން އަންނާނަން އެހާ އިރަށް އިޝީ ބަލާ"

"ރެޑީ ވެލަން.. ކޮންތާކަށް ދާން އަނެއްކާ؟"

"އެއީ ސަޕްރައިޒް އެއް" ކުޑަކޮށް އެއް ލޯ މަރައިލަމުން އަޒާން ހީލިއެވެ. "ދެން ޒާން.. ބުނެބަލަ.." އިޝްޔާ އާދޭސްކޮށްލިއެވެ.

"އުހުނ.. މިފަހަރު ކިތަންމެ ވަރަކަށް އާދޭސްކުރިއަސް ބުނެވޭކަށް ނެތް.. ސޮރީ.. ހެހެ.. އިޝީ އަށް ކޮމްފޯރޓަބަލް، ވަރަށް ރީތި ހެދުމެއް ލައްޗޭ"

އަޒާން ގެ ފަހު ޖުމްލައިން އިޝްޔާ އަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުނެވެ. އެހެންނަމަވެސް ހިނިތުންވެލަމުން އޭނާ ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. އޭނާގެ އެދުމަށް އިޝްޔާ އެއްބަސްވުމުން އަޒާންގެ ހިނިތުންވުން އިހުނަށްވުރެ ފުޅާވެލިއެވެ. އަދި ސޯފާގައި ލެގިލައި ހަމަޖެހިލަމުން ފުންނަޒަރަކުން އިޝްޔާއަށް ބަލައިލިއެވެ. އޭރު އިހު ކުރަންހުރި މަސައްކަތަށް އޭނާ ރުޖޫއަވެއްޖެއެވެ.

ވެހެމުންދިޔަ ވާރޭ އިހުނަށްވުރެ ބޯކޮށްލުމުން އެތެރަށް އިވެމުންދިޔަ ވާރޭގެ އަޑު ބާރުވިހެން ހީވިއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތަކުން މުޅި މާޙައުލު ހީވަނީ ރިހިކުލައިގެ ޗާލު މަންޒަރެއްހެންނެވެ. އެ ހިތްގައިމު ޤުދުރަތީ މިއުޒިކުގެ އަޑުން މުޅި ފަޒާ ގުގުމަމުން ދިޔައިރު، އެ އަޑުގައި ހިތްތަކަށް ހަމަޖެހުން ގެނުވާފަދަ އަސަރެއް އެކުލެވިފައިވިއެވެ.

އިޝްޔާގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއެކު ބަލަން އިން އަޒާންގެ ލޮލުގައިވީ އެ އަންހެންކުއްޖާ އަށްޓަކައި ނިމުމެއްނުވާ ފުން ލޯތްބެވެ. ހީވަނީ އެ ނަޒަރުން އިޝްޔާގެ ކޮންމެ ސިފައެއް އަޒާންގެ ހިތުގައި އަބަދަށް ފޮރުވައިލުމަށް މަސައްކަތްކުރާހެނެވެ. އިޝްޔާ އަކީ އޭނާއަށް ކިހައި ޚާއްސަ މީހެއްކަން އަޒާން އަށް ބަލައިލި ކޮންމެ މީހަކަށްވެސް ސާފުކޮށް އެނގޭނެކަން ގައިމެވެ. އެއީ އެ ހިތުގެ ވިންދެވެ. ދިރުމެވެ. އަޒާން ގެ ލޯތްބެވެ.

****

އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވިއިރުވެސް ވެހެމުންދިޔަ ވާރެއަކަށް ބަދަލެއް ނާދެއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން މަގުތަކުގައި ހޭލަމޭލައަށް އުޅެމުންދިޔަ މީހުންގެ އަދަދު މަދެވެ. މި އަރާމު ރޭގެ ފިނީގައި ޖެހިފައި ގެއިން ބޭރަށް ނުކުންނަން ބޭނުންނުވެފައި ގިނަ މީހުން ތިބިކަހަލައެވެ.

އާވި އަރަމުންދިޔަ ހޫނު ކޮފީ ޖޯޑުގައި ދެއަތުން ހިފަހައްޓާލައިގެން، ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި އިޝްޔާ ސިހުނީ، ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނުގެ ރިންގް ގެ އަޑުންނެވެ. އަތުކުރީގައި އޮތް ހިމަ ގަޑިއަށް އަވަސް ނަޒަރެއް ދެމުން، އައިސް ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.

"ކޮބާ ރެޑީތަ؟ މި ވަންނަނީ ތި ގެއަށް" ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުންދިޔަ އަޒާން ބުނެލިއެވެ. "މިދަނީ ތިރިއަށް" އަވަސް އަވަހަށް އިޝްޔާ ބުނެލިއެވެ. އަދި އަތުގައި ހުރި ކޮފީ ޖޯޑު ޑްރެސިންގް ޓޭބަލް މަތީގައި ބަހައްޓައިލަމުން ލޯގަނޑުން ފެންނަންހުރި އަމިއްލަ ސޫރައަށް ނަޒަރު ހިންގައިލިއެވެ. ލައިގެން ހުރި ކަށިމައްޗާ ހަމައަށް އަރާ މަޑު ރަތްކުލައިގެ ހެދުން އަތުން ރީތިކޮށްލަމުން، ފަހަތަށް ގެންގޮސް ކުޑަ ދައްޗަކުން ހިފަހައްޓައިލައިފައިވާ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ހިތްހަމަޖެހޭވަރު ވުމުން ގަޔަށް ސެންޓްކޮޅެއް ޖަހައިލުމަށްފަހު، އެއްފަރާތުގައި ހުރި އަތްދަބަސް ނަގައި އޭގެ ތެރަށް ފޯނު ލަމުން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އޭރު އަޒާން ކުރަންއުޅޭ ކަމެއް ނޭނގި އިޝްޔާގެ ހިތުގެ ހިނގުންވީ އަވަސްވެފައެވެ.

ބޭރަށް ނުކުތްއިރު ކޮޓަރި ދޮރުކައިރީގައި ހުއްޓިލައިގެން އަޒާން ހުއްޓެވެ. ރަތްކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްގައި ހުރިއިރު އަޒާންގެ ހިތްގައިމުކަން އިތުރުވެފައިވާކަހަލައެވެ. އިޝްޔާ ފެނުމާއެކު އަޒާން ލަމުންދިޔަ ނޭވާ ހިނދުކޮޅަކަށް ހުއްޓުނުފަދަ އިހުސާސެއް ކުރެވުނެވެ. އެސްފިޔަޖަހައިލަންވެސް ހަނދާން ނުވެފައި އޭނާ އެ ފަރި ސޫރައަށް ބަލަން ހުރިއިރު، އޭނާގެ ތޫނު ނަޒަރުން ލަދުގެންފައި ހުރި އިޝްޔާ އިސްޖަހައިލިއެވެ.

"ޔޫ ލުކް.." ތަޢުރީފުގެ ގޮތުން ބުނާނެ ބަހެއްވެސް އަޒާންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ނުވަތަ އެއްވެސް ލަފުޒަކަށް އިޝްޔާގެ ފުރިހަމަކަން ސިފަކޮށްދެވޭނެ ޤާބިލުކަން ނެތީއެވެ. އާގަމަވެފައި އަޒާން ހުއްޓައި އިޝްޔާ އޭނާއަށް ގޮވައިލީ އިތުރަށް އެ ނަޒަރުން ކެތްނުވެގެން ކަހަލައެވެ. "ތި ފުރިހަމަކަމަށް ތަޢުރީފު ކުރާނެ އެންމެ ލަފުޒެއްވެސް އަހަރެންގެ މި ސިކުނޑިއަކަށް ނުވިސްނުނު.. އެކަމަކުވެސް އިޝީ.. ޔޫ ލުކް ސޯ ބިއުޓިފުލް.. ގޯޖަސް.. ޖަސްޓް ޕާރފެކްޓް.." ލުއި ހިނިތުންވުމަކާއެކު އަޒާން ބުނެލިއެވެ. އަޒާން އޮއްސާލި ތަޢުރީފުގެ ބަސްތަކުން އިޝްޔާ އިތުރަށް ލަދުންގަތުން ނޫން ކަމެއް ނުވިއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން ދާން ހިނގާށޭ ބުނެ އޭނާ އަވަސް އަވަހަށް ހިނގައިގަތެވެ.

ކާރުގައި ދަތުރުކުރަމުންދިޔައިރު ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. އަޒާންގެ ނަޒަރު އިރުއިރުކޮޅާ އިޝްޔާއަށް ހުއްޓިލައެވެ. ބަހެއްވެސް ނުބުނެ ކާރުގެ ލޯގަނޑުން ފެންނަމުންދިޔަ މަންޒަރުތަކަށް ގެއްލިފައި އިޝްޔާ އިންއިރު އޭނާގެ ތުންފަތުގައިވީ ބަލައި ފޫހިނުވާނެފަދަ ހިނިތުންވުމެކެވެ. ވާރޭގެ ތިކިތަކުން ފުރިފައިވާ ބިއްލޫރިގަނޑުގެ ބޭރުން ފެންނަމުންދިޔަ "ސިޓީ ލައިޓްސް" ގެ އަލިކަން ހުރީ ފުސްވެފައެވެ. މަގު ބައްތިތަކުން ފެންނަމުންދިޔަ ވިދުންތައް ސިފަވަނީ، ބަޔާންކުރަންދަތި އިހުސާސުތަކެއްގެ ހިޔަނިތަކެއް ފަދައިންނެވެ.

"ޒާން، މިރޭ ހާތަ ތަފާތުހެން ހީވެއޭ" ދެމެދަށް ވެރިވެފައިވާ ހިމޭންކަން ނެތުނީ އިޝްޔާގެ އަޑުންނެވެ. އިޝްޔާގެ ޖުމުލައަށް ވަކި އެއްޗެއް ބުނުމެއްނެތި ފަނޑު ހިނިތުންވުމަކުން އަޒާން ފުއްދައިލީއެވެ.

ކާރު އައިސް މަޑުކޮށްލީ ބޮޑު ހޮޓެލްއެއްގެ ކައިރިއަށެވެ. ތިރީގައި ރެސްޓޯރެންޓެއް ހުރި، އުސް އެ އިމާރާތަށް އިޝްޔާ ބަލައިލީ ހައިރާންކަމާއެކުއެވެ. އެހެނަސް އޭނާއަށް އެއްޗެއް ބުނެވުމުގެ ކުރިން އަތުން އިޝާރާތްކޮށްލުމާއެކު އަޒާން ކާރުން ފައިބައިފިއެވެ. އިޝްޔާވެސް އަވަސް އަވަހަށް ކާރުން ފޭބުމާއެކު އޭނާއާ އެކުގައި އައުމަށް އަޒާން ބުނެލިއެވެ. "ޒާން.. މީ ކޮންކަމެއް؟" އަޒާންއާ އެކުގައި ހިނގައިގަތް އިޝްޔާ ސިއްރުން އަހައިލިއެވެ. ބަހެއްވެސް ނުބުނެ ހިނިތުންވެލައިގެން ހުރި އަޒާން އިޝްޔާގެ އަތުގައި ހިފައިލީ ނުހަނު ލޯބިންނެވެ. "ޔޫ ވިލް ސީ" ލިފްޓާ ދިމާއަށް މިސްރާބު ޖަހަމުން އަޒާން ބުނެލިއެވެ.

ލިފްޓް ހުއްޓުމާއެކު ހިތް އަވަސްވެފައި ހުރި އިޝްޔާ އަޒާންގެ ފަހަތުން ފައިބަމުން ވަށައިގެން ނަޒަރު ހިންގައިލިއެވެ. އާދެވުނީ އެ އިމާރާތުގެ ބޮޑު ޓެރަސްއަށްކަން އޭނާއަށް އެނގުނީ އެހިސާބުންނެވެ. ފެންނަމުންދިޔަ މަންޒަރުން އާޝޯޚުވެފައި އެކި ދިމަދިމާއަށް އޭނާއަށް ބެލެމުންދިޔައެވެ. ޓެރަހުގައި ވަންނަ ދޮރާ ދިމާލުގައި އެއްބައި ހިޔާކުރުމަށްފަހު ވަށައިގެން ބިއްލޫރި ޖަހައިފައި ހުރިއިރު، ދެންއޮތް ބައި އޮތީ ހާމައަށެވެ. އެހެންކަމުން އެތެރޭގައި ހުރިއިރުވެސް ބޭރުގެ ހިތްގައިމު މަންޒަރުތައް އުނދަގުލެއްނެތި ސާފުކޮށް ފެންނަމުންދިޔައެވެ.

ޖެހެމުންދިޔަ ލުއި ރޯޅިތަކުން މަޑުމަޑުން ހޫރެމުންދިޔަ މަޑު އޮރެންޖް ކުލައިގެ "ފެއަރީ ލައިޓްސް" ގެ ހިތްގައިމު އަލިން، މުޅި ޓެރަހަށް ވެރިވެފައިވީ ހުވަފެނީ އަސަރުތަކެކެވެ. ވަށައިގެން އެކި ދިމާލުގައި ބަހައްޓައިފައިވާ އުއްބައްތިތަކާއި، އެތަން މިތަނަށް އުކާލައިފައިވާ ރަތް ފިނިފެންމަލުގެ ފިޔައިން މާހައުލަށް ވެރިވެފައިވީ ހިތްގައިމު ވަހެކެވެ. ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔައިރު، އިޝްޔާގެ ނަޒަރު އެކި ދިމަދިމާލަށް ދަތުރުކުރަމުންދިޔައެވެ. ތިރިން ފެންނަންއޮތް މަންޒަރު ފުސްވެ، އަލިގަދަ ކުރެހުމެއް ފަދައިން މުޅި މާލެ ސިޓީ ވަނީ ދުންފިންޏާއި އައްޔާއި އެކުވެފައެވެ. އެއްފަރާތު ބިއްލޫރިގަނޑުގައި އަތްޖައްސައިލަމުން، ފެންނަމުންދިޔަ މަންޒަރަށް ބަލަންހުރި އިޝްޔާއަށް ހީވީ ހުވަފެނީ ޢާލަމަކަށް އާދެވިގެން އުޅޭ ހެންނެވެ.

"ޒާން. މީ.. މީ ކޮންކަމެއް؟" އިޝްޔާގެ ދުލުން އެ ސުވާލު ބޭރުވީ ސިއްރެއް ފަދައިންނެވެ. އެވަގުތު އިޝްޔާގެ ފަހަތުގައި، އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި އަޒާން މަޑުމަޑުން އިޝްޔާއާ ކައިރިއަށް ޖެހިލިއެވެ.

(ނުނިމޭ)