ހަތަރު އަހަރު މެދުކެނޑުމެއްނެތި ޖޮޒީ އެމްވީ، ކުޅިވަރު ދާއިރާގެ އިތުބާރު ހޯދި ގައުމީ ބްރޭންޑަކަށް!
ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ޖާޒީ އުފެއްދުމުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ނަމަކީ "ޖޮޒީ އެމްވީ" އެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މި ބްރޭންޑުން ވަނީ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. ކުޑަ ފެށުމަކުން ފެށި މި މަސައްކަތް މިއަދު މިވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެތުރި، ކާމިޔާބު ގައުމީ ބްރޭންޑަކަށް ބަދަލުވެފައެވެ.
ކުޑަ ފެށުމަކުން ބޮޑު ކާމިޔާބީއަކަށް
ޖޮޒީ އެމްވީގެ ބިންގާ އެޅިގެން ދިޔައީ 2022 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. މިއީ ލ. މާވަށަށް އުފަން ދެ ރަހުމަތްތެރިއެއްގެ ބުރަ މަސައްކަތާއި އުންމީދުން އުފަންވި ބްރޭންޑެކެވެ. އެންމެ ފުރަތަމަ އޯޑަރު ލިބުނީ ލ. ހިތަދޫ އީދު ޖާޒީތަކެއް ތައްޔާރުކުރުމަށެވެ. އެ ދުވަސްވަރު ޑިޒައިން ކުރުމުގެ އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތް ނަމަވެސް، އެކުވެރިންގެ ހިތްވަރާއެކު އެންމެ 200 ޑޮލަރު ހިފައިގެން ރާއްޖެއިން ބޭރަށް ކުރި ދަތުރަކީ މި ބްރޭންޑްގެ ކުރިމަގު ބަދަލުކޮށްލި ދަތުރެކެވެ. އެ ދަތުރުން އިތުބާރު ހުރި ސަޕްލަޔަރެއް ހޯދައި، ފެންވަރު ރަނގަޅު ޚިދުމަތެއް ދޭން ފެށުނެވެ.

ރީބްރޭންޑިންގް އަދި އައު އަމާޒުތައް
މަސައްކަތް ފުޅާވަމުން ގޮސް، 2025 ވަނަ އަހަރު ޖޮޒީ އެމްވީ ވަނީ ރީބްރޭންޑްކޮށް، ކުންފުނީގެ ނަން "ޖޯޒީ"އަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު އައު ލޯގޯއަކާއި "ކީޕް އޮން މޫވިންގް" ގެ ނަމުގައި އައު ސްލޯގަނެއް ތައާރަފުކުރިއެވެ. ބްރޭންޑްގެ ކުލަ ރަތް ކުލައިން ކަޅު ކުލައަށް ބަދަލުކުރުމަކީ ބްރޭންޑްގެ ބާރުވެރިކަމާއި ހަރުދަނާކަން ރަމްޒުކޮށްދޭ ބަދަލެކެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުޅިވަރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމެވެ.
ޚިދުމަތުގެ ފުޅާ ދާއިރާ
މިއަދު ޖޯޒީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށާއި ގިނަ އަދަދެއްގެ ރިސޯޓްތަކަށް ފޯރުކޮށްދެމުންދެއެވެ. ވަގުތުން ވަގުތަށް ބޭނުންވާ ފަރާތްތަކަށް ޖާޒީ ފޯރުކޮށްދިނުމުގެ އިތުރުން، ކުންފުނީގެ އަމިއްލަ ފެކްޓްރީއެއް ކޮލަމްބޯގައި ގާއިމުކުރުމަކީ އުފެއްދުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، ލާމު އަތޮޅުގައި "ޖޮޒީ ފުޓުސަލް ޗެލެންޖް" ގެ ނަމުގައި ފުޓްސަލް މުބާރާތްތައް ބާއްވައި، ކުޅިވަރު ކުރިއެރުވުމުގައި ވެސް މި ބްރޭންޑުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ޖޯޒީގެ ހަތަރު އަހަރުގެ ދަތުރަކީ އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ. ކުޑަ ރަށަކުން ފެށި މި މަސައްކަތް މިއަދު މުޅި ރާއްޖެއަށް މަޝްހޫރުވެފައިވަނީ ކަސްޓަމަރުންގެ އިތުބާރާއި، އުފެއްދުންތަކުގެ ފެންވަރުގެ ސަބަބުންނެވެ. ޖޯޒީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ކުޅިވަރު ދާއިރާއަށް އައު އުންމީދުތަކެއް ގެނެސްދިނުމެވެ.
Ads by BML
Ads by MACL
