ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ތަސްވީރަކުން އެތައް ހާސް ވާހަކަތަކެއް، މިއީ ޖީލެއްގެ ފެށުން، ޝުކުރިއްޔާ ރައީސް!

ތަސްވީރަކުން އެތައް ހާސް ވާހަކަތަކެއް، މިއީ ޖީލެއްގެ ފެށުން، ޝުކުރިއްޔާ ރައީސް!

މިއީ ހަމައެކަނި ފޮޓޯއެއް ނޫނެވެ. މިއީ މުޅި ގައުމުގެ ހިތްތަކަށް އަސަރުކުރުވި، ލޮލުން ކަރުނަ ފޭއްދި ޖަޒުބާތީ މަންޒަރެކެވެ. ގައުމީ ކުލަތަކުން ފަވާލެވިފައިވާ ގަދަ ފެހިކުލައިގެ ތޮފި އަޅައިގެން ހުރި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާ ފުރިހަމަކޮށްފައިވާ ދަރިވަރަކު، އޭނާގެ ލޯބިވާ މަންމަ ނުވަތަ ބެލެނިވެރިޔާގެ ކޮނޑުގައި ބޯއަޅާލައިގެން ރޮނީއެވެ. އެއީ ބިރުގަތުމެއް ނުވަތަ ބަލިކަށިކަމެއްގެ ކަރުނައެއް ނޫނެވެ. އެއީ ފަޚުރުވެރިކަމާއި، ކާމިޔާބީއާއި، އަމިއްލަ ނަފްސަށް އައި ބޮޑު ބަދަލެއްގެ ސަބަބުން ހިތް ފުރިގެން އޮހޮރުނު އުފާވެރިކަމުގެ ކަރުނައެވެ.

މަންމަގެ އެ ހިމާޔަތްތެރި ދެއަތުން، ދަރިފުޅުގެ ގައިގައި ބައްދާލައި ބޮސްދީ ފިރުމާލާފައިވާ ގޮތުން ދޭހަކޮށްދެނީ، އަމިއްލަ ވަޒަނަށްޓަކައި ގުރުބާންވާން ތައްޔާރަށް ހުރި ގައުމީ ބަޠަލެއްގެ ސިފައިގައި ދަރިފުޅު ފެނުމުން މަންމައަށް ލިބުނު ބަޔާންކުރަންދަތި އުފާވެރިކަމެވެ. ބެލެނިވެރިޔާގެ ކޮނޑުމަތިން ފެންނަން ހުރި ސިފައިންގެ ނިޝާނުން ރަމްޒުކޮށްދެނީ، އެ ޒުވާނާގެ ކިބައިގައި މިހާރު ހުރި ގައުމީ ރޫހާއި ސާބިތުކަމެވެ. މިއީ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ ތެރެއިން ދިވެހި މުޖުތަމައަށް އުފަންވި އާ ޖީލެއްގެ ފެށުމެވެ.

މި ފޮޓޯއިން ފެންނަ ކޮންމެ ކަރުނަ ތިއްކެއްގެ ފަހަތުގައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އާދަޔާޚިލާފު ދުރުވިސްނޭ ސިޔާސަތެވެ. އޯލެވެލް ނިންމުމަށްފަހު، ކުރާނެ ވަކި ކަމެއް ނޭނގި، އޭސީ ކޮޓަރިތަކުގައި ގޭގައި ގިނަ ވަގުތު ހޭދަކުރަމުންދިޔަ ޒުވާނުން، ގައުމަށް ބޭނުންތެރި، އަޚްލާގީ ގޮތުން ހަރުދަނާ ބަޔަކަށް ހެއްދެވުމަށް އެމަނިކުފާނު އިސްނަންގަވައިގެން ފެއްޓެވި "މޯލްޑިވްސް ނެޝަނަލް ސާރވިސް" އަކީ ރާއްޖޭގެ ތާރީޚު ބަދަލުކޮށްލި ވަޠަނީ މަޝްރޫޢެކެވެ.

ޖީލެއް ބިނާކުރުމުގައި ރައީސް ޑރ. މުއިއްޒު ގެންގުޅުއްވި ހިކުމަތްތެރި ތަޞައްވުރުގެ ސަބަބުން، މިއަދު ދިވެހި ޒުވާނުންނަކީ އިސްލާމްދީނަށް ފަރުވާތެރި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، އަދި ކާރިސާތަކުގައި ގައުމުގެ ދިފާއުގައި ކުރިމަތިލާން ކެރޭ ފަދަ ސާބިތު ބަޔަކަށް ވަނީ ވެފައެވެ. ސިފައިންގެ މުދައްރިބުންނަށް "ބައްޕައެއްގެ މަގާމު" ފޫބައްދައިދީ، އޯގާތެރިކަމާއެކު ކުދިން ބިނާކުރުމަށް ރައީސް ދެއްވި އިރުޝާދަކީ މި ޕްރޮގްރާމްގެ ކާމިޔާބީގެ މައިގަނޑު އަސާސެވެ.

މި ތަމްރީނުގައި ބައިވެރިވި ޒުވާނެއްގެ ބެލެނިވެރިޔާ ސޯޝަލް މީޑިއާގައި ހިއްސާކުރި ވާހަކަތަކުން ކޮންމެ މީހެއްގެ ލޯ ތެންމާލާނެއެވެ. އާއިލާގެ ބާރުއެޅުމަށް، އެއްވެސް ޝައުގުވެރިކަމެއް ނެތި މި ތަމްރީނަށް ދިޔަ ޒުވާނާ، އެންމެ މަހެއްގެ ތެރޭގައި މުޅިން ބަދަލުވިއެވެ. ކުރިން މީހުންނާ ވާހަކަދައްކަން ނުކެރުނު ކުއްޖާ، ތަމްރީނަށްފަހު ކުރި ފުރަތަމަ ފޯނު ކޯލުން މުޅި އާއިލާ ހައިރާންކޮށްލިއެވެ. މައިންބަފައިންގެ އަގުވަޒަންކޮށް، އޯގާތެރިކަމާއެކު އެންމެންގެ ހާލު އޮޅުންފިލުވިއެވެ.

އެ ކުއްޖާ އަމިއްލަ މަސައްކަތުން އަންނައުނު ދޮވެ އިސްތިރިކުރުމާއި، ތަންތަން ސާފުކޮށް ބެލެހެއްޓުމުގެ އިތުރުން ނަމާދާއި ގުރުއާނަށް ދިން ސަމާލުކަން އިތުރުވެ، އެއް ޚަތިމް ފުރިހަމަކޮށް މިހާރު ވަނީ ދެވަނަ ޚަތިމް ފަށާފައެވެ. ފަޔަރ ފައިޓިންގ އާއި ފަސްޓް އެއިޑް ފަދަ މުހިންމު ހުނަރުތަކާއެކު، އޭނާގެ އަޒުމަކީ މިހާރު ގައުމަށް ޚިދުމަތްކުރުމެވެ. މި ބަދަލުތައް ފެނިފައި އާއިލާގެ އެންމެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭދުނު ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

މިއަދު މި ފޮޓޯއިން އެ ފެންނަނީ ކޮންމެ ދިވެހި މައިންބަފައިންނެއްމެ ދެކެން ބޭނުންވާނެ އެންމެ ފުރިހަމަ، އެންމެ ރީތި މަންޒަރެވެ. ޒުވާނުންގެ ކެތްތެރިކަމާއި، އަހުލާގާއި، ދިރިއުޅުމަށް މި އައި ބޮޑު ބަދަލަކީ ގައުމުގެ ކުރިމަގު އުޖާލާވެގެންދާނެ ކަމުގެ ހެއްކެކެވެ. މިފަދަ އަގުހުރި، ރަން ފުރުސަތެއް ދިވެހި ދަރިންނަށް ފަހިކޮށްދެއްވައި، ގައުމިއްޔަތުގެ ދިރުން ހުރި ހަރުދަނާ ޖީލެއް ބިނާކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި އެމް.އެން.ޑީ.އެފްގެ އިޚްލާޞްތެރި މުދައްރިބުންނަށް މުޅި ގައުމުގެ ނަމުގައި ޝުކުރާއި ސާބަސް ރައްދުކުރަމެވެ. ހަމަޔަގީނުންވެސް، މިއީ އާ ޖީލެއްގެ ފެށުމެވެ.