ދިވެހި ސިފައިންނަށް ފާޑުކިޔައި ހަޖޫޖެހުން، ދުނިޔޭގެ މީޑިއާ އަކުން އަދި މާހިރުން ނުކޮށް، އަހަރުމެން ކުރަނީ ކީއްވެ؟
ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު، ގުދުރަތީ ގޮތުން ނުރައްކާތަކާ ކުރިމަތިލާންޖެހޭ ގައުމެކެވެ. މިފަދަ ކޮންމެ ހާލަތެއްގައި، ރެއާއި ދުވާލު، އާއިލާއާއި ދުރުގައި، ގައުމީ ހިދުމަތުގައި ދެމިތިބޭ ބަޔަކީ ދިވެހި ސިފައިންނެވެ.
ދާދިފަހުން ވާވު އަތޮޅުގައި ޑައިވިނަށް ދިޔަ ބަޔަކު ގެއްލުމާ ގުޅިގެން، ދިވެހި ސިފައިން ކުރިއަށްގެންދިޔަ ސަލާމަތީ އޮޕަރޭޝަނަކީ އޭގެ ނުރައްކާތެރިކަމާއި ބުރަކަން ބޮޑު މަސައްކަތެކެވެ.
ނަމަވެސް، މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި ސަރުކާރާ ދެކޮޅު ފަރާތްތަކުން ސިފައިންގެ ގާބިލުކަމާ މެދު ސުވާލު އުފައްދައި، ހަޖޫޖަހަމުންދާ މަންޒަރަކީ ހިތާމަހުރި ކަމެކެވެ.
Ads by BMLސުވާލަކީ، ދުނިޔޭގެ މީޑިއާތަކާއި ދާއިރާގެ ބައިނަލްއަގުވާމީ މާހިރުން ނުކުރާ ފާޑުކިޔުމެއް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މިކުރަނީ ކީއްވެގެން ހެއްޔެވެ؟ ވާވު އަތޮޅުގެ ހާދިސާގައި، ކަނޑުގެ އޮއިވަރާއި މޫސުމީ ހާލަތު ހުރިގޮތުން، އެ މަސައްކަތަކީ އިންތިހާއަށް ދަތި މަސައްކަތެއްކަން ޑައިވިންގ ދާއިރާގެ ބޭރުގެ މާހިރުން ވަނީ ފާހަގަކޮށްފައެވެ.
އެ ބޭފުޅުން ވަނީ ދިވެހި ސިފައިން އެ މަދު ވަސީލަތްތަކާއެކު ކުރި ހިތްވަރަށާއި، ގެންގުޅުނު އުކުޅުތަކަށް ތައުރީފުކޮށްފައެވެ. ބޭރުގެ މީޑިއާތަކުން މި މަސައްކަތް ސިފަކުރީ އިންސާނިއްޔަތަށްޓަކައި ކުރެވޭ މަތިވެރި ޖިހާދެއްގެ ގޮތުގައެވެ.
ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ސިޔާސީ ފައިދާއަށްޓަކައި، ގައުމުގެ ސަލާމަތީ ބާރުތަކުގެ އަގުވައްޓާލުމަކީ މިއަދު އާދައަކަށް ވެއްޖެއެވެ. ސިފައިންނަކީ ވަކި ސަރުކާރެއްގެ ބައެއް ނޫނެވެ.
އެއީ ދިވެހި ދައުލަތުގެ ބައެކެވެ. އެމީހުން ކުރާ ބުރަ މަސައްކަތަށް ހަޖޫޖެހުމަކީ ހަމައެކަނި އެ މުއައްސަސާއަށް ކުރެވޭ މަލާމާތެއް ނޫނެވެ. އެއީ އެ ސިފައިންގެ އާއިލާތަކުގެ ގުރުބާނީއަށްވެސް ކުރެވޭ އިހުތިރާމް ކުޑަ އަމަލެކެވެ.
ކުޑަކޮށް ނަމަވެސް ދިވެހި ސިފައިން ދިވެހިންނަށްޓަކައި ކޮށްފައިވާ ބުރަބޮޑު މަސައްކަތްތަކުގެ ހަނދާނެއް ލިޔެލާނަމެވެ. މިއީވެސް ކުޑަމިންވަރެކެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ:
މިއީ ދިވެހި ސިފައިންގެ ތާރީޚުގައިވެސް ކުރި އެންމެ ބޮޑު އެއް މަސައްކަތެވެ. މުޅި ރާއްޖެއަށް ކުރިމަތިވި މި ބޮޑު ކާރިސާގައި، އަމިއްލަ ނަފްސާއި އާއިލާއަށްވުރެ ގައުމު އިސްކޮށް، ކަނޑުމަތީގައި ހާލުގައި ޖެހުނު އެތައް ސަތޭކަ ބަޔަކު ސަލާމަތްކޮށް، ރަށްރަށަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ސިފައިން ރެއާއި ދުވާލު މަސައްކަތް ކުރިއެވެ.
އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާ:
ގދ. ތިނަދޫއިން ފުރައިގެން ދަތުރުކުރި "އެނަމާ" ބޯޓު ބަންޑުން ޖަހާލި ހާދިސާއަކީ ރާއްޖޭގެ ކަނޑުމަތީގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. މި ހާދިސާގައި ކަނޑުވެފައި ތިބި ގިނަ އަދަދެއްގެ މީހުން ސަލާމަތްކުރުމުގައާއި، ނިޔާވި މީހުންގެ ހަށިތައް ހޯދުމުގައި ސިފައިން ކުރި ބުރަ މަސައްކަތަކީ މުޅި ގައުމު ބަލައިގަތް ކަމެކެވެ.
ބޭރުގެ މަސްބޯޓުތަކުން ދިވެހި މަސްވެރިން ސަލާމަތްކުރުން:
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ އުޅަނދުފަހަރުގެ ނުރައްކަލުން ދިވެހި މަސްވެރިން ސަލާމަތްކުރުމަށް ސިފައިން ކުރާ މަސައްކަތަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު މަސައްކަތެކެވެ. ވަޅި އާއި އެނޫންވެސް ހަތިޔާރު ބޭނުންކޮށްގެން މަސްވެރިންނަށް ބިރުދައްކާ ހާލަތްތަކުގައި ސިފައިން ވަނީ ފުރާނައަށް ބެލުމެއްނެތި އެ ސަރަހައްދުތަކަށް ގޮސް މަސްވެރިން ސަލާމަތްކޮށްފައެވެ. މިއީ އަދި ކުޑަ މިންވަރެކެވެ.
މި ހުރިހާ ހާދިސާތަކަކުންވެސް އެނގިގެންދަނީ، ދިވެހި ސިފައިންނަކީ ހަމައެކަނި ޔުނީފޯމެއް އަޅައިގެން ތިބޭ ބައެއް ނޫން ކަމާއި، އެއީ ކޮންމެ ނުރައްކާތެރި ވަގުތެއްގައިވެސް ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ފުރާނަ އަތްމައްޗަށްލައިގެން ނުކުންނަ ގައުމީ ބަތަލުން ކަމެވެ.
މާހިރުން ބުނާގޮތުގައި ކަނޑުގެ އަޑީގައި ކުރެވޭ މިފަދަ ހޯދުމުގެ މަސައްކަތްތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަށްވެސް ގޮންޖެހުން ބޮޑު ކަންކަމެވެ. އެފަދަ ހާލަތެއްގައި، ދިވެހި ސިފައިން ދެއްކި ސާބިތުކަމަށް ތައުރީފު ކުރުމުގެ ބަދަލުގައި، އެކަމުގައި ސިޔާސީ ކުލަޖައްސައި ފާޑުކިޔުމަކީ ގައުމީ ފެންވަރުގައި ހިންގޭ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.
އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަކީ، ބޭރު ދުނިޔެއިން އަޅުގަނޑުމެންގެ ސިފައިންނަށް އިހުތިރާމް ކުރާއިރު، އަމިއްލަ ގައުމުގެ ދަރިން އެމީހުންނަށް އިހާނެތިކޮށް ހިތުމަކީ ގައުމިއްޔަތުގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމެވެ. ސިޔާސީ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ގައުމީ ހިދުމަތްތެރިންގެ އަގު ވަޒަންކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެކެވެ. ފާޑުކިޔަންވާނީ ބިނާކުރަނިވި ގޮތެއްގައެވެ. ހަޖޫޖެހުމާއި މަލާމާތް ކުރުމަކީ ހިދުމަތްތެރިންގެ މޯރަލް ދަށްވެ، ގައުމުގެ ސަލާމަތަށްވެސް ނުރައްކާވެދާނެ ކަމެކެވެ.
Ads by MACL
