ތަށި ނެގީމަ މުޅި ގައުމު އާސެނަލް ވެއްޖެ، ނޫން މީހެއް ނެތް، މަރުހަބާ އާސެނަލް!
އިނގިރޭސި ޕްރިމިއާ ލީގުގެ ފޯރިއަކީ ދިވެހިންގެ ލޭނާރާ ގުޅިފައިވާ ފޯރިއެކެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ކެފޭއަކާއި ހޮޓަލެއް، އަދި ކޮންމެ ގެއެއްގެ ސިޓިންގްރޫމް ރޭ އޮތީ ރަތް ކުލައިން ފާޅުވެފަ އެވެ. ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި އަބަދުވެސް ބޮޑު މަގުބޫލުކަމެއް އޮންނަ އާސެނަލްއިން 22 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޕްރިމިއާ ލީގުގެ ތަށި އުފުލާލުމާއެކު، މުޅި ރާއްޖެއަށް މިވަނީ "އާސެނަލް ރޯގާ" ޖެހިފަ އެވެ. ސޯޝަލް މީޑިއާއަށް ބަލާލިޔަސް، މަގުމައްޗަށް ނުކުމެލިޔަސް ފެންނަނީ އެއް މަންޒަރެކެވެ. ތަށި ނެގީމަ މުޅި ގައުމު މިވަނީ އާސެނަލް ވެފަ އެވެ. "ގަނާސް" އެއް ނޫން މީހަކު މިހާރު ރާއްޖެއަކު ނެތް ކަހަލަ އެވެ!
ލީގުގައި ބާކީ އެއް މެޗު އޮއްވައި އާސެނަލްއަށް ޗެމްޕިއަންކަން ކަށަވަރުވީ، ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ރޭ ބޯންމަތާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ. އެ މެޗުގެ 38 ވަނަ މިނިޓުގައި އެލީ ޖޫނިއާ ކްރޯޕީ ޖަހައިދިން ގޯލުން ބޯންމަތު ކުރީގައި އޮއްވައި، ސިޓީ ސަލާމަތްކޮށްދިނީ އިތުރު ވަގުތުގައި އާލިން ހާލަންޑް ޖެހި ގޯލުންނެވެ. ނަމަވެސް އެ ނަތީޖާއާއެކު ސިޓީއަށް ލިބުނީ 78 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް 37 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް ދެން އާސެނަލްއާ އަރާ ހަމައެއް ނުކުރެވޭނެ އެވެ.
މި ތާރީޚީ ކާމިޔާބީގެ ފަހަތުގައި ހުރީ އެ ޓީމުގެ ޒުވާން، ހިންގުންތެރި ކޯޗު މިކެލް އާޓެޓާ އެވެ. 2011 އިން 2016 އަށް އާސެނަލްއަށް ކުޅުމަށްފަހު ރިޓަޔާ ކުރި، އުމުރުން 44 އަހަރުގެ އާޓެޓާ 2019 ވަނަ އަހަރު ޓީމާ ހަވާލުވެ، ވޭތުވެދިޔަ ތިން ސީޒަންގައިވެސް ނިންމާލަން ޖެހުނީ ދެވަނައިގަ އެވެ. ނަމަވެސް، ކެތްތެރިކަމާއެކު ކުރި ބުރަ މަސައްކަތުން މި އަހަރު އޭނާ މިވަނީ އާސެނަލްގެ ސަޕޯޓަރުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދީފަ އެވެ.
Ads by BMLއަންގާރަ ދުވަހުގެ ރޭ ކައި ހަވާޓްޒް ޖަހައިދިން ގޯލުން ބާންލީ އަތުން 1-0 އިން މޮޅުވެ، އާސެނަލްއިން ދެއްކި ސާބިތުކަމަކީ މި ތައްޓަށް އެ ޓީމުން ކުރި އުއްމީދުގެ ބޮޑުކަން ހާމަކޮށްދިން މެޗެކެވެ.
"މިއީ އާސެނަލްގެ ތާރީޚުގައި ހޯދި 4 ވަނަ ޕްރިމިއާ ލީގު ކާމިޔާބީ އެވެ. އެ ޓީމުން އެންމެ ފަހުން ލީގު ތަށި އުފުލާލީ 2003/2004 ގެ މަޝްހޫރު 'އިންވިންސިބަލް' ސީޒަންގަ އެވެ. އޭގެ ކުރިން 1998 އަދި 2002 ގައި ލީގު ހޯދިއިރު، ޕްރިމިއާ ލީގުގެ ކުރިން އިނގިރޭސި ފުރަތަމަ ޑިވިޝަން ވެސް 10 ފަހަރު ކާމިޔާބު ކޮށްފައިވެ އެވެ."
މި ކާމިޔާބީއާއެކު ލަންޑަނުގެ މަގުތަކުގެ ފޯރި ގަދަވެފައިވާއިރު، ދިވެހިރާއްޖޭގެ މަގުތަކުންވެސް ފެންނަނީ ހަމަ އެފަދަ ފޯރިއެކެވެ. ސޯޝަލް މީޑިއާގެ ޓައިމްލައިންތައް ވަނީ އާސެނަލްގެ ލޯގޯތަކާއި ޖާޒީތަކުން ފުރިފަ އެވެ. އެހެން ޓީމުތަކުގެ ސަޕޯޓަރުންވެސް މިހާރު ތިބީ އާސެނަލްގެ މި ކާމިޔާބީއަށް މަރުހަބާ ކިޔުމަށެވެ. އެންމެންގެ ދުލުގައިވަނީ "މަރުހަބާ އާސެނަލް" އެވެ.
އާސެނަލްއަށް މިއީ އަދި ފެށުމެކެވެ. ލީގުގެ އެންމެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުމަށްފަހު، އެ ޓީމަށް އޮތީ ތާރީޚީ ބޮޑު ކުރިމަތިލުމެކެވެ. އެއީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ރަން ފުރުސަތެވެ.
މި މަހުގެ 30 ވަނަ ދުވަހުގެ ރޭ، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް އާސެނަލް ފައިނަލްގައި ނުކުންނައިރު، މުޅި ރާއްޖެ އޮތީ މި "ރަތް ފޯރި" ގައެވެ. މުޅި ގައުމު ބުނަމުންދަނީ އެއް ވާހަކައެކެވެ.
ކޮންމެއަކަސް، 22 އަހަރުގެ ކަރުހިއްކުމަށްފަހު ތަށި ނެގީމަ މުޅި ގައުމު މިވަނީ އާސެނަލް ވެފަ އެވެ!
Ads by MACL
