ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

"މިއަދު ބައްޕައަށް ބޭނުންވަނީ ފައިސާއެއް ނޫނެވެ. ކުޑަނަމަވެސް އަޅާލުމާއި އޯގާތެރިކަމެކެވެ."

"މިއަދު ބައްޕައަށް ބޭނުންވަނީ ފައިސާއެއް ނޫނެވެ. ކުޑަނަމަވެސް އަޅާލުމާއި އޯގާތެރިކަމެކެވެ."
މައިންބަފައިންނަކީ ދަރިންގެ ދިރިއުޅުމުގެ ބިންގަލެވެ. ވަކިން ހާއްސަކޮށް، މަންމަ ނެތް ދުނިޔެއެއްގައި ބައްޕައަކު އުފުލާ ތަކުލީފާއި ވާ ގުރުބާނީއަކީ އަގު ނުކުރެވޭނެ ފަދަ މަތިވެރި ހިދުމަތެކެވެ. ނަމަވެސް، މިއަދުގެ މުޖުތަމައުން ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. އުމުރުން ދުވަސްވެ، ގައިބާރު ދެރަވާ ދުވަހު، އަމިއްލަ ދަރިންގެ ފަރާތުން ބާކީވެ، އެކަނިވެރިކަމުގެ ހިތްދަތިކަން ތަހައްމަލު ކުރަންޖެހިފައިވާ އެތައް ބައްޕައިންނެއް އެބައުޅެއެވެ.

ކޮންމެ ބައްޕައަކީވެސް އެމީހެއްގެ ދަރިންނަށްޓަކައި އަމިއްލަ އުފާތައް ގުރުބާންކުރާ މީހެކެވެ. މަންމަ ނިޔާވުމަށްފަހު، ދަރިންނަށް މަންމައެއްގެ ލޯތްބާއި ބައްޕައެއްގެ ހިމާޔަތް ދިނުމަށްޓަކައި ދެވަނަ ކައިވެންޏެއް ނުކޮށް، މުޅި އުމުރު ހުސްކޮށްލާ ބައްޕައިން މަދެއް ނޫނެވެ. އެއީ އެކުދިންނަށް ދޭންޖެހޭ އަޅާލުމަށް އުނިކަމެއް އަތުވެދާނެތީއެވެ. މަހަށް ގޮސްގެންނާއި، ބުރަ މަސައްކަތް ކޮށްގެން ލިބޭ މަދު ފައިސާކޮޅުން ދަރިންނަށް މީރު ކާއެއްޗެއް ހޯދައިދީ، ބައްޕަ ކައި އުޅެނީ އެކުދިން ކައިފައި ބާކީވާ އެތިކޮޅެވެ. މިއީ ލޯތްބާއި ކުލުުނުގެ އިންތިހާއެވެ.

ދަރިން ބޮޑުވެ، ކިޔަވައިގެން މީހުންނާ އިނދެގެން ވަކި ދިރިއުޅުމެއް ފެށުމުން، ގިނަ ފަހަރަށް ބައްޕަގެ މަތިން ހަނދާން ނެތިދެއެވެ. ރަށުގައި ހުންނަ ކުޑަ ޖިފުޓިގަނޑެއްގައި އެކަނި ދިރިއުޅޭ ބައްޕަގެ ހާލު ބަލާލަން ވަދެލާނެ ދަރިއަކު ނުހުރެއެވެ. މާލޭގައި ނުވަތަ ދުރުގައި އުޅޭ ދަރިންނަށް ގުޅާލުމުން "ބިޒީ" ކަމުގެ ބަހަނާ ދައްކައި ފޯނު ބާއްވަނީއެވެ. ބަލިވެ އުޅޭއިރު ފެންތަށި ދިއްކޮށްލާނެ މީހަކު ނެތި، އެކަނިވެރިކަމުގައި ކަރުނަ އަޅަން ޖެހުމަކީ ބައްޕައެއްގެ ހިތް ކުދިކުދިވާނެ ކަމެކެވެ. މަންމަ ދުނިޔޭގައި ހުރިނަމަ މިހެން ނުވީސްތާއޭ ހިތަށް އަރާ ކޮންމެ ފަހަރަކު އެ ހިތާމަ އިތުރުވެގެންދެއެވެ.

ގައިބާރު ހުރި ދުވަހު ހޯދި ހުރިހާ އެއްޗެއް ދަރިންނަށް ބަހާލުމަށްފަހު، އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ބަލިމަޑުކަމެއްގެ ސަބަބުން މަސައްކަތް ނުކުރެވޭ ހާލަތަށް ދިއުމުން، ބައްޕަ މިއަދު ވަނީ ބާކީވެފައެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ނޫޅެވޭ ހާލަތުގައި ދަރިންގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާ ވަގުތު، އެކުދިންގެ ފަރާތުން ފެންނަ ފަރުވާކުޑަކަމަކީ ކެތްކުރަން ދަތި އިހުސާސެކެވެ. މިއަދު އެ ބައްޕައަށް ބޭނުންވަނީ ފައިސާއެއް ނޫނެވެ. ހަމައެކަނި ކުޑަ އޯގާތެރިކަމަކާއި، ހިނިތުންވުމަކާއެކު ބުނެލާ ބަހެކެވެ.

މައިންބަފައިންނަށް ނުކިޔަމަންތެރިވުމަށް ދައްކާނެ އެއްވެސް ބަހަނާއެއް ނޯންނާނެއެވެ. ބައެއް ކުދިން ބުނަނީ ބައްޕަ ލޯބި ނުވާ ކަމަށެވެ. ނަމަވެސް، ތިޔަ ދަރިން ބޮޑުކުރަން ބައްޕަ ވީ ގުރުބާނީގެ އަގު ވަޒަންކުރަން ދަސްކުރާށެވެ. މިއަދު ތިޔަ ހުރި މަގާމަށް ދެވުނީ އެ ބައްޕަގެ ހިތްވަރާއި މަސައްކަތުންނެވެ. އެހެންކަމުން، ބައްޕަގެ ބަލިކަށި ދުވަހު އެކަނިކޮށްނުލާށެވެ. ބައްޕައަށް ތިޔަހެން ނުހަދާށެވެ! މިއަދު ތިޔަ ދަރިންނަށްޓަކައި ބައްޕަގެ ޒުވާންކަމާއި އަރާމު ގުރުބާންކުރި ފަދައިން، ބައްޕަގެ މުސްކުޅި އުމުރުގައި އޯގާތެރިކަމާއެކު ހިދުމަތް ކުރާށެވެ. މައިންބަފައިންގެ ރުހުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގެކެވެ.