ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (ދެވަނަ ބައި)
ދެވަނަބައި.
ޔޫ ނޯ ވަޓްސް ފަނީ؟" ފަހަތުން އަޒާންގެ އަޑު އިވުމުން އިޝްޔާ ލަސްލަހުން އެނބުރި އަޒާން އަށް ބަލައިލިއެވެ.
"އަހަރެން އިޝީ ދެކެ ލޯބިވީ ކިހިނެއް ކޮންއިރަކު ކަމެއް ވިސްނާ ވިސްނާ ވެސް އަހަންނަކަށް ނޭނގުނު. އެކަމަކު އަހަންނަށް އިހުސާސުވަނީ އަހަރެންގެ ހިތް އެކަން ވަރަށް ކުރިން ދެނެގެންފިއޭ. އަހަންނަށް އެކަން އިހުސާސުކޮށްދެން މި ހިތް މަސައްކަތް ކުރިއޭ. އެކަން އެނގި ހުރެވެސް ޤަބޫލުކުރަން ޖެހިލުންވެފަ ކަންނޭނގެ އަހަރެން ހުރީ." އަޒާން ގެ ވާހަކަތަކުން ހިނދުކޮޅަކަށް ލަމުންދިޔަ ނޭވާވެސް ހުއްޓުނުހެން އިޝްޔާ އަށް ހީވިއެވެ. ގުޑިވެސްނުލައި އެ ފުން ދެލޮލަށް ބަލަހައްޓައިގެން އިޝްޔާ އަށް ހުރެވުނީއެވެ.
"އިޝީ، ތީ އަހަރެންގެ މުޅި ދިރިއުޅުމުގަވެސް އަދި އަހަރެންގެ ހުރިހާ އެއްޗެއްގެ ވެސް އެންމެ ފެވްރިޓް ޕާރޓް. އަހަންނަށް އިޝީ ދެކެ ވެވެނީ ލޯބިކަން ފާޅުކުރުމުގެ ކުރިންވެސް އެކަން އޮތީ އެފަދައިން. ލޯތްބަކީ ކޮބާ ކަމާ، އޭގެ ފޮނިމީރުކަން އަހަންނަށް އިހުސާސުކޮށްދިން ފަރާތަކީ ތީ. އަހަރެން އިޝީ ދެކެ އިންތިހާއަށް ލޯބިވޭ. އިޝީއާ ނުލާ އަހަރެންގެ ދިރިއުޅުމުގަ އެއްވެސް މާނައެއް ނެތް. އިތުރަށް މި ދިރިއުޅުން އިޝީއާ ނުލާ ފުރިހަމަވުމެއް ނުވޭ. އަހަރެން އިޝީދެކެ ހިތާ ފުރާނައިން ލޯބިވޭ." ވާހަކަދެއްކުން ހިނދުކޮޅަކަށް މެދުކަނޑައިލަމުން ލައިގެން ހުރި ޖިންސްގެ ޖީބަށް އަތްކޮށްޕައިލުމަށްފަހު ކުޑަކުޑަ މަޚުމާ ފޮށްޓެއް އަޒާން ނެގުމާއެކު އިޝްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެހެންނަމަވެސް ބަހެއް ނުބުނެ އަޒާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އޭނާ ހުރީއެވެ.
Ads by BMLއަޒާން އެ ފޮށި ހުޅުވައިލަމުން އިޝްޔާއަށް ލޯބިވެތި ނަޒަރަކުން ބަލައިލިއެވެ. ފޮށީގައި އިން ރިހިއަނގޮއްޓީގައި ޖަހައިފައިވާ ހުދު އެހުގައި ފަނޑު ވިދުމެއް އުފެދިފައިވީ ވަށައިގެން ދިއްލާފައިވާ ބޮކި ތަކުގެ އަލިންނެވެ. އިޝްޔާގެ ނަޒަރު އެ އަނގޮއްޓިއަށް ހުއްޓުމާއެކު އޭނާގެ ހިތުގެ ހިނގުން އިނުނަށްވުރެ އަވަސްވެލިއެވެ.
އިޝްޔާއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ އަޒާން މަޑުމަޑުން އެއްފައިމައްޗަށް ތިރިވިއެވެ. އަދި އެ ފޮށި އިޝްޔާއާ ދިމާއަށް އުފުލައިލިއެވެ. "އިޝީ، އަހަރެން ބޭނުންވަނީ އަހަރެންގެ އުމުރުގެ ބާކީ ހުރި ދުވަސްތައް އިޝީއާ އެކުގަ ހޭދަކުރަން. އަހަރެންގެ އަނބިމީހާއަށް އިޝީ ވުމަށްވުރެ މިދުނިޔެމަތިން އަހަންނަށް ލިބޭނެ ބޮޑު އުފަލެއް ނުވޭ. ސޯ ޓެލް މީ އިޝީ، ވިލް ޔޫ މެރީ މީ،އެންޑް ބިކަމް މައިން ފޯރ އެވަރ..؟" އަޒާންގެ ލޯބިވެތި ބަސްތަކުން އިޝްޔާގެ ހިތް ފުރިގެންއައި ކަހަލައެވެ. އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވެގެން އައީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އަޒާން އޭނާދެކެ ލޯބިވާ މިންވަރު ފެނުމުން ހިތަށް ބަޔާންކުރަންދަތި ފޮނި މީރުކަމެއް އިހުސާސުކުރެވުނެވެ. ބޯޖަހައިލުމާއެކު ވައަތް އުފުލައިލައި އަޒާންއާ ދިމާއަށް ދިއްކޮށްލިއެވެ. "ޔެސް.. ޔެސް ޒާން.. އައި ވިލް މެރީ ޔޫ.. އޯ ޒާން.. އައި ލަވް ޔޫ ސޯ މަޗް.." އުފަލުންގޮސް އިޝްޔާއަށް ކޮށްފައި ނުކުރާނެ ކަމެއް ނޭނގުނެވެ. އޭނާގެ އަތުގައި އަޒާން އަނގޮއްޓި އަޅުވައިލަމުން ނުހަނު ލޯބިން އެއަތްތިލަ ގެނެސް ތުންފަތުގައި ޖައްސައިލިއެވެ. ބަނޑަށް އަރައިގަތް ހީއްޔާއެކު އިޝްޔާގެ ލުއި ހުނުމުގެ އަޑު ފަޒާގެ ތެރަށް ފެތުރިގެން ދިޔައެވެ. އެއާއެކު ހިނިއައިސްފައި އިން އަޒާން ތެދުވަމުން އިޝްޔާގެ އަތަށް ބާރުކޮށްލައި އޭނާއާ ގާތަށް ދަމާލިއެވެ. އެކަމަށް ތައްޔާރުވެގެން ހުރި އިޝްޔާ، އަޒާންގެ މޭގައި އަތްއަޅައި ދުރަށް ކޮށްޕައިލަމުން ހެމުން ދުވެފައި ޓެރަސްގެ ހާމައަށް އޮތް ބަޔަށް ނުކުތެވެ. އެއާއެކު ވެހެމުންދިޔަ ބޯ ވާރޭގެ އަމާޒުފަތްގަނޑަކަށް އެ އަންހެންކުއްޖާ ވެގެން ދިޔައެވެ. ތެމެމުންދިޔަ އިޝްޔާގެ އުފާވެރި ހުނުމުގެ އަޑާއި ވާރޭގެ އަޑު އެކުވެ އިވެމުންދިޔައިރު، އަޒާންއަށް ހީވީ ލުއި މިއުޒިކެއް އޭނާގެ ކަންފަތް ބުޑުގައި ކުޅެވެމުންދިޔަ ހެންނެވެ. ޓެރަހުގެ ހާމަ ބަޔަށް ނުކުންނަން ހުރި ދޮރުގައި ލެގިލަމުން ލޯބިވެތި ނަޒަރަކުން، ވާރެއާ ތެމެމުން ދިޔަ އިޝްޔާގެ ފަރި ހަރަކާތްތަކަށް ބަލަހައްޓައިގެން އަޒާން އަށް ހުރެވުނީ އާޝޯޚުވެފައެވެ. އެއާއެކު މީގެ 15 ވަރަކަށް އަހަރު ކުރީގެ ހަނދާންތައް، އަޒާންގެ ސިކުނޑީގައި ކޮށްޓައިލިއެވެ.
****
15 އަހަރު ކުރި
އިޝްޔާއާ އަޒާންއާ ދެމެދު އެކުވެރިކަމެއް އުފެދުނީ ވެސް މިފަދަ ވިއްސާރަ ދުވަހެއްގައެވެ. އުމުރުން އޭރު އެންމެ 10 އަހަރެވެ. އިޝްޔާ އަކީ އަޒާން ދިރިއުޅެމުންދިޔަ ގޭގެ ކުރިމައްޗަށް ހުރި ގޭގައި ދިރިއުޅޭ ކުއްޖަކަށްވީތީ، ކޮންމެވެސް ވަރަކަށް ދެމީހުނަށް އެކަކު ފެނެއެވެ. އެހެންނަމަވެސް، ދުވަހަކުވެސް ދެމީހުންކުރެ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ.
ބޯކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން ފޫހިވެފައި ހުރި އަޒާން، ގޭ ދޮރުމައްޗަށް ނުކުތީ މަގުތަކުގައި ދުއްވާ އެއްޗިއްސާއި މީހުން އުޅޭ ގޮތް ބަލައިލުމުގެ ނިޔަތުގައެވެ. އެހެނަސް، އޭނާގެ ސަމާލުކަން އަތުލީ ހިނިއައިސްފައި ހުރެ އެކަނިމައި އެކަނި ވާރެއާ ތެމެމުންދިޔަ އިޝްޔާގެ ހަރަކާތްތަކެވެ. ޖެހެމުންދިޔަ ވަޔާއި ވާރޭގެ ތިކިތަކުން ހީކަރުވައިގަނެގެން އެ ކުޑަކުޑަ ހަށިގަނޑު ރޫރޫއަޅަމުން ދިޔައިރުވެސް، އެކަމަށް އިޝްޔާގެ މާބޮޑު ފަރުވާލެއް ނެތެވެ. ހީނހީފައި ދެއަތް ފުޅާކޮށްލައިގެން ހުރެ ވާރޭ ތެރޭގައި އޭނާ އެނބުރެމުންދިޔައިރު، އެ ކުޑަކުޑަ ސިކުނޑީގައި ޚިޔާލެއް ފިކުރެއްވެސް ނެތްކަހަލައެވެ. އެއްލިކަޅިއަކުން ގޭ ދޮރުމަތީގައި ހުއްޓުން އަރައިފައިހުރި އަޒާން އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ނިކަން އަވަހަށް އަތުން އިޝާރާތްކޮށްލަމުން ވާރެއާ ތެމެން އައުމަށް އިޝްޔާ ބުނެލިއެވެ. އިޝްޔާގެ ހަރަކާތުން ހައިރާންވި ނަމަވެސް އަޒާން ދެފަރާތަކަށް ބޯހޫރައިލިއެވެ. ނަމަވެސް، އެއިން ކަމަކަށް އިޝްޔާގެ ފަރުވާލެއް ނެތްކަހަލައެވެ. ލާނެތް ގޮތަކަށް ހިނިއައިސްފައި ހުރެ އަޒާންއާ ދިމާއަށް އޭނާ ދުއްވައިގަތެވެ. އިޝްޔާގެ ހަރަކާތްތައް އަވަސްކަމުން، އޭނާގެ އަތްދަށުން ސަލާމަތްވާނެ ވަގުތެއް އަޒާން އަކަށް ނުލިބުނެވެ. އަޒާންގެ އަތުގައިހިފައި ދަމަމުން އޭނާ ވާރޭ ތެރަށް އިޝްޔާ ނެރުނެވެ. އަދި ހީނހީފައި އަޒާންގެ ގަޔަށް، އަތް ގޮށިން ފެންޖަހަން ފެށުމުން އަޒާން އަށް ވެސް މަޖާވިއެވެ. އިޝްޔާގެ ސަކަރާތުގައި އޭނާ އަށް ބައިވެރިވެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އެތައް އިރަކު ސަކަރާތްޖަހަން އުޅުމަށްފަހު ގެއަށް ދިއުމަށް އެނބުރުނުއިރު އަޒާން ހުރީ މިއިން ދުވަހަކުވެސް މަޖާނުވާ ވަރަށް މަޖާވެފައެވެ. ގެއާ ދިމާއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އަޒާން އަށް ހުއްޓުންއެރީ އިޝްޔާ އޭނާއަށް ގޮވައިލިހެން ހީވެފައެވެ.
"ނަން ވެސް ނުބުނެއެއްނު ތި ދަނީ" ބޯ އަރިކޮށް އަޒާން އަށް ބަލައިލަމުން އިޝްޔާ ބުނެލިއެވެ.
"ތީނަ ވެސް ނުބުނަމެއްނު" ހިނިއައިސްފައި ހުރެ އަޒާން ބުންޏެވެ.
"އޮހް ހޯ. މިއޮއް ހުރިހާ ސަކަރާތެއް ޖެހިއިރުވެސް ނަން ނުބުނެވޭ ދޯ.. އަހަންނަށް ކިޔަނީ އިޝްޔާ.. ލޯބިން ކިޔަނީ އިޝީ."
"އަޒާން.." އިޝްޔާ ތަޢާރަފުވީތީ އަޒާން ވެސް ނަން ބުނެލިއެވެ.
"ފްރެންޑް ވާނަންތަ؟" ކުރިއަށް ޖެހިލައި ކަނައަތް ސަލާމަށް ދިއްކޮށްލަމުން އިޝްޔާ އަހައިލިއެވެ. ނިކަން ހިނިއައިސްފައި އެ އަތުގައި ހިފައި ސަލާމް ކޮށްލަމުން އަޒާން ބޯޖަހައިލިއެވެ.
އިޝްޔާގެ އިސްނެގުމާއެކު، ދެކުދިންގެ ދެމެދުގައި އުފެދިގެން އައި އެކުވެރިކަން އިތުރަށް ބަދަހިވެގެން އައީ ޖެހިގެން އައި އަހަރު ދެކުދިން އެއް ކްލާހަކަށް ދިއުމުންނެވެ. އެކަކު އަނެކަކާ އެއްކޮށް ނޫނީ ކަމެއް ނުކުރެވޭހާ ގާތް ގުޅުމެއް އެދެމެދުގައި އުފެދުނުއިރު، އެކުދިންގެ ސަބަބުން ދެފަރާތުގެ އާއިލާވެސްވީ ގާތްވެފައެވެ. އަވަށްޓެރިންނަށްވީތީ، ސްކޫލުން ބޭރުގައި ވެސް އިޝްޔާ އާއި އަޒާން ހޭދަކުރާ ވަގުތުތައް ގިނައެވެ.
އިޝްޔާ އަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ނަމަވެސް އަޒާން އެއާ ތަފާތެވެ. އޭނާ އަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ހިލްމީގެ ދެވަނަ ފިރިހެން ދަރިފުޅެވެ. ދެމެދުގައި ފަންތީގެ އެތައް ފަރަޤެއްވީ ނަމަވެސް އެއިން ކަމަކާމެދު އަޒާން އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ކުޑައިރުންސުރެ އޭނާ އާއި އޭނާގެ ދޮންބެ ރައްޔާންއަށް މައިންބަފައިންގެ ފަރާތުން ދަސްވެފައިވީވެސް އެފަދަ އާދަތަކެވެ. ކިތަންމެ މުއްސަނދި ނަމަވެސް އެ އާއިލާއަކީ އެހެން މީހުނަށް އަޅާލާ އޯގާތެރި، ހިތްހެޔޮ ބައެކެވެ. އިޝްޔާގެ މައިންބަފައިންނާ އެ އާއިލާއާ ގާތް ގުޅުމެއް އުފެދެން މެދުވެރިވި އެއް ސަބަބަކީވެސް އެއީއެވެ.
ސަކަރާތާ މަޖަލުގައި ކުޑައިރުގެ ދުވަސްތައް ހޭދަވެ ފުރާވަރަށް އަޅައިގެން އައި އިރުވެސް އިޝްޔާ އާއި އަޒާންއާ ދެމެދު އުފެދިފައިވި އެކުވެރިކަމަށް ބަދަލެއް ނާދެއެވެ. އިޝްޔާއަށް ދިމާވާ ކޮންމެ ކަމެއްގައި އަބަދުވެސް އެންމެ ގާތުގައި ހުންނަނީ އަޒާންއެވެ. ބޮޑުވަމުން އައި ވަރަކަށް އަޒާންގެ ހިތުގައި އިޝްޔާއަށް ޚާއްސަ މަޤާމެއް އުފެދިގެންއައީ ކިހިނެއް ކޮންއިރަކުކަމެއް ޚުދު އޭނާ އަށް ވެސް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ އިޝްޔާއާ އެހެން ފިރިހެންކުއްޖަކު ގާތްވާން އޭނާގެ ހިތް ނުރުހޭކަމެވެ. އެ އިހުސާސުތަކަށް ލޯބީގެ ނަން ދިނީ އަޒާންއާ އެއް ކްލާހެއްގައި އުޅެމުން އައި އެހެން އެކުވެރިއެކެވެ. އެދުވަހަށްފަހު، ހިތުގައި އުފެދެމުން އައި އައު އިހުސާސުތައް އިޝްޔާގެ ކުރިމަތީގައި ބަންޑުން ކޮށްލާނެ ގޮތަކާމެދު އަޒާން އައީ ވިސްނަމުންނެވެ. އެހެނަސް ޖެހިލުންވެފައިވީ އިޝްޔާ ނުރުހިދާނޭ ހިތަށް އަރާފައެވެ. އަދި ދެމެދުގައިވީ އެކުވެރިކަން ގެއްލިދާނެތީ ބިރުންނެވެ.
އިޝްޔާގެ ކުރިމަތީގައި އެހިތުގެ ޝުޢޫރުތައް ބަންޑުންކޮށްލަން އަޒާން އަށް ހިތްވަރުދިނީ އޭނާގެ އެކުވެރިންނެވެ. އެހިތް އިޝްޔާގެ ކުރިމަތީގައި ހުޅުވާލީ ނުކެރިފައި ހުރެއެވެ. އަޒާން ހީކުރިގޮތާ ޚިލާފަށް އިޝްޔާގެ ފަރާތުން ފައުޅުވި ލަދުރަކިކަމުން، ދެހިތުގައި ވެސް ޖަހަމުންދިޔައީ އެއް ވިންދެއްކަން އަޒާން އަށް ވިސްނުނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އަޒާންގެ ހިތް އުފަލުން ނަށައިގަތެވެ. އެ ދުވަހަށްފަހު އަޒާންގެ ހިތުގެ މިލްކުވެރިޔަކީ ހަމައެކަނި އިޝްޔާ ކަމުގައިވެ ނިމިއްޖެއެވެ. ދެމެދުގައި އުފެދުނު ލޯބީގެ ގުޅުން އާއިލާއަށް ސިއްރުކުރުމުގެ ވިސްނުމެއް ދެމީހުންކުރެ އެކެއްގެވެސް ނެތެވެ. އެ ގުޅުމަކީ ދެފަރާތުގެ އާއިލާއިން ވެސް ނުހަނު ޤަބޫލު ގުޅުމަކަށްވަނީ ވެފައެވެ. ސްކޫލް ދައުރުނިމި، އިތުރަށް ކިޔަވަން ބޭނުންވާ ދާއިރާއިން ތަޢުލީމު ހާސިލްކޮށް ނިންމުމަށްފަހު، އެންމެ ފުރަތަމަވެސް އަޒާން ބޭނުންވީ އިޝްޔާއާ ކައިވެނިކުރާށެވެ. އާއިލާއާ މަޝްވަރާކުރުމަށްފަހު އޭނާ އިޝްޔާއަށް ކައިވެނި ހުށަހަޅަން ނިންމީ އެހެންވެއެވެ.
*****
ފެންތިކިތަކެއް މޫނުގައި ބީހިލުމާއެކު އަޒާން ދިޔައީ ސިއްސައިގެންނެވެ. އޭރު ލާނެތް ގޮތަކަށް ހިނިއައިސްފައި އޭނާއަށް ބަލަހައްޓައިގެން އިޝްޔާ ހުއްޓެވެ. ދެލޯ ހިމަކޮށްލަމުން އިޝްޔާގެ ފަހަތުން ދުވެފައި އަޒާން ވެސް ޓެރަހުގެ ހާމައަށް އޮތް ބަޔަށް ނުކުތެވެ. އަޒާންގެ އަތުގައި ނުޖެހެންވެގެން އިޝްޔާ އިހުނަށްވުރެ ދުވުން ބާރުކޮށްލިއެވެ. އެހެންނަމަވެސް މަދު ސުކުންތުކޮޅެއްގެ ތެރޭގައި އޭނާގެ އަތުގައި އަޒާން ހިފަހައްޓައިފިއެވެ.
"ސޮރީ.. ސޮރީ.. ޕްލީޒް ޒާން. ދެން އެހެން ނުހަދާނަމޭ" މާނޭވާލެވިފައި ހުރެ އިޝްޔާ އާދޭސްކޮށްލިއެވެ. އިޝްޔާގެ ފިނިފިނި އަތްތިލާގައި ހިފާލައި އަޒާންއާ ގާތަށް ދަމާލިއެވެ. އަދި އިޝްޔާގެ ހޭވިފައިހުރި އިސްތަށިގަނޑު ނުހަނު ލޯބިން ރީތިކޮށްލިއެވެ. "އިޝީ ބޭނުން ކޮންމެ ގޮތެއް އަހަންނަށް ހެދިއަސް ފަރުވާލެއް ނެތް. އިޝީގެ ތިފަދަ ލޯބިވެތި ސަމާސާތަކުން އަހަރެންގެ ހިތް އިތުރަށް ލޯބިން ފުރިގެން އަންނަކަން އެނގޭތަ. ތިފަދަ ސަމާސާތަކަށް މިހާރު މިހިތް އާދަވެއްޖެ." އިޝްޔާގެ ދަތްދޮޅީގައި ހިފައި އުފުލާލައި އެ ތޫނު ދެލޮލާ ނަޒަރު ސީދާކޮށްލަމުން އަޒާން ބުނެލިއެވެ. އަޒާންގެ ދެލޮލުން ފައުޅުވަމުންދިޔަ އަސަރުތަކުން އިޝްޔާ ލަދުގަންނަގޮތް ވިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު އަޒާންގެ އަތުގައި ހިފައި އޭނާ ބާރުކޮށްލިއެވެ. "އަބަދުވެސް ތިހެން ހިނިތުންވެފަ އިޝީ ހުންނައްޗޭ. އެހެން ހުރިހާ ކަމަށްވުރެ، ތި އުފާވެރިކަން އަހަންނަށް މުހިންމު." އަޒާންގެ ލޯބިވެތި ބަސްތަކުން އިޝްޔާގެ ހިތް ފުރިގެން އައެވެ. ހިނިތުންވެފައި ހުރެ އޭނާ ބޯޖަހައިލިއެވެ.
މަޑު ދުވެލީގައި އައި ކާރު ހ.ތަރިވިލާ ގޭގެ ދޮރުމައްޗަށް މަޑުކޮށްލުމާއެކު، ރޭގަނޑުގެ ސަލާމް އަޒާންއާ ކޮށްލަމުން އިޝްޔާ ކާރުން ފޭބިއެވެ. އަދި ތެމިފައިވާ ހެދުން ދެއަތުން ކުޑަކޮށް އުފުލައިލަމުން އައިސް ގެއަށް ވަނެވެ. އިޝްޔާ ގެއަށް ވަންނަންދެން މަޑުކޮށްލުމަށްފަހު އަޒާން މިސްރާބުޖެހީ އޭނާގެ ގެ، ހ.އޯޝަން ކްރެސްޓް ގައި ހުރި ގަރާޖާދިމާއަށެވެ. ކާރު ގަރާޖަށް ވެއްދުމަށްފަހު، އޭނާ ވެސް ހަލުވި ފިޔަވަޅު ތަކެއްގައި އައިސް ގެއަށް ވަނެވެ.
*****
ފެންވަރައި ތާލާވެލައިގެން ނުކުމެ އިސްތަށިގަނޑު ހިއްކަމުންދިޔަ އިޝްޔާގެ ތުންފަތުގައިވީ ފަނޑު ހިނިތުންވުމެކެވެ. ތުވާލި އެއްފަރާތުގައި ހުރި ހަރުގައި އަޅުވައިލަމުން އޭނާ އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އެވަގުތު، ވައަތުގެ ކަށި އިނގިލީގައި އަޒާން އަޅުވައިފައިއިން އަނގޮއްޓި އޭނާގެ ލޮލުގައި އަޅައިގަތެވެ. ނުހަނު ލޯބިން އެ އަނގޮއްޓީގައި ފިރުމައިލަމުން، ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނެގިއެވެ. އަދި އަނގޮއްޓި އަރާނެހެން ރީތި ގޮތަކަށް އަތްތިލައިގެ ފޮޓޮއެއް ނެގުމަށްފަހު، ވައިބާގައި އިން އޭނާގެ އަންހެން އެކުވެރިންގެ ގްރޫޕުގައި ޝެއަރ ކޮށްލިއެވެ.
"ގާލްސް.. ހީ ޕްރޮޕޯސްޑް.. އެންޑް އައި ސެއިޑް ޔެސް" ފޮޓޯގެ ތިރީގައި އިޝްޔާ ލިޔެލިއެވެ. އެއާއެކު ގްރޫޕުގައި ތިބި އެކި އެކުވެރިންގެ މަރުޙަބާގެ މެސެޖުތަކުން ގްރޫޕްތެރެ ހަލަބޮލިވެގެން އައެވެ. ހިނިއައިސްފައި މެސެޖުތަކަށް ޖަވާބުދެމުން ދިޔައިރު، އިޝްޔާގެ މޫނުމަތީގައިވީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
*****
އޮއްސެމުންދިޔަ އިރުގެ ރަން ދޯދިތަކުން، ލަންޑަނުގެ އުޑުމަތިވީ އޮރެންޖާއި، ފިޔާތޮއްޓާއި، ރަންކުލައިން ފަވާލެވިފައެވެ. އެ ރީތި މަންޒަރު، ހުޅުވާލައިފައިހުރި ބޮޑު ކުޑަދޮރުން ފެންނަމުންދިޔައީ ނުހަނު ހިތްގައިމުކޮށެވެ. ކުޑަދޮރު ކައިރީގައި މަޑު ސްޕަންޖުން ހަދައިފައިވާ ގޮނޑީގައި ކަކޫ ގެނެސް މޭގައި ޖައްސާލައިގެން އިނށީދެ އިން ޒިވްރާގެ މޫނުގައިވީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. މުށު ތެރޭގައި އޮތް ފޯނަށް ބަލަހައްޓައިގެން އިންއިރު، އެ ތޫނު ދެލޮލުގައިވީ ހުސްކަމެވެ.
ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ޒިވްރާއަށް އިނދެވުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. ގްރޫޕްގައި އިޝްޔާ ހިއްސާކޮށްފައިވާ ފޮޓޯއަށް އޭނާއަށް ބެލުނު އަދަދެއްވެސް ހަނދާނުގައި ނެތެވެ. އެތައް ފަހަރަކު އެއްޗެއް ބުނެލުމަށް ސްކްރީންގައި އަތް ހިންގައިލި ނަމަވެސް އެކަމެއް އޭނާއަކަށް ނުވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އެ ފޮޓޯއަށް ހާރޓް ރިއެކްޓެއްކޮށްލުމަށްފަހު ޒިވްރާ ފޯނުގެ ސްކްރީން ނިއްވައިލީއެވެ.
އިރުއޮއްސެމުން އައި ވަގުތު ނަމަވެސް، މަގުތަކުގެ ހަލަބޮލިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އާންމު ދިރިއުޅުމުގެ ކަންކަމާއިގެން މަޝްއޫލުވެފައިވީއިރު، އެ ރީތި މަންޒަރުން ހިތްހަމަޖެހުން ހޯދަމުންދިޔައީ މަދު މީހެކެވެ.
ޒިވްރާގެ ނަޒަރު އުޑުމަތިން ފައުޅުވަމުންދިޔަ ކުލަތަކަށް ހުއްޓުނީ، އެ މަންޒަރުން އޭނާގެ ހިތުގައި އުފެދެމުން އަންނަ ތޫފާން ހަމަޖައްސައިދޭނެ ކަމުގެ އުއްމީދުގައި ކަހަލައެވެ. އިރުކޮޅަކު ބޭރަށް ބަލަން އިނުމަށްފަހު، ކުޑަ ދޮރުގެ ދާރައިގައި ބޯޖައްސައިލުމާއެކު މަޑުމަޑުން އޭނާގެ ދިގު އެސްފިޔަތައް މަރައިލިއެވެ. އެއާއެކު ކުޑަ ކަރުނަ ތިއްކެތް، މެރިފައިވި އެސްފިޔަތައް ފޫއަޅުވައިލުމަށްފަހު އޭނާގެ ކޯތާފަތުގައި ބޮސްދެމުން، ހިމަރޮނގެއްހެން ތިރިއަށް ދެމިގެން އައެވެ.
(ނުނިމޭ)
Ads by MACL
