ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

މުޅި އުމުރު ވަޒީފާގައި، ބުރަ މަސައްކަތުން 10،000 ރުފިޔާ ހަމަނުވޭ، 21،000 ހަމަ ރަނގަޅު އަދަދެއްތަ؟

މަހުމުސާރައަށް 6،000ރުފިޔާ ވެސް ހަމަނުވާ ސިވިލްސާވަންޓުން އެބަތިބި --- ފޮޓޯ: ޖީލު އޭއައި އެޑިޓަރ
މަހުމުސާރައަށް 6،000ރުފިޔާ ވެސް ހަމަނުވާ ސިވިލްސާވަންޓުން އެބަތިބި --- ފޮޓޯ: ޖީލު އޭއައި އެޑިޓަރ

މުޅި އުމުރު ދުވަހު ރެއާއި ދުވާލު، ހިންދަމާނުލައި ބުރަ މަސައްކަތްކުރާ މަސައްކަތްތެރިންގެ އާދޭހަކީ މިއީއެވެ. މުޅި އުމުރު ހުސްކޮށްލާއިރުވެސް އަސާސީ މުސާރައިގެ ގޮތުގައި 10،000 ރުފިޔާ ހަމަނުވާ އެތައް ހާސް މުވައްޒަފުންނެއް ގައުމު ބިނާކުރުމުގައި އެބަތިއްބެވެ. ނަމަވެސް، ދާދިފަހުން ނޭޝަނަލް ޕޭ ކޮމިޝަނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ރައީސުންގެ މުސާރައަށް ގެނައި ބޮޑު ބަދަލާއެކު، މުސާރައިގެ ހަމަހަމަކަމާއި އިންސާފާ މެދު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ޕޭ ކޮމިޝަނުން ވަނީ ޑަބްލިއުޑީސީގެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި ކަނޑައަޅައި، އެބޭފުޅުންގެ މުސާރަ ކުރިއާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑުކޮށްފައެވެ. މި ބަދަލާއެކު ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް ކުރިން ލިބެމުންދިޔަ 7،000 ރުފިޔާގެ ބަދަލުގައި، މިހާރު މަހަކު 41،500 ރުފިޔާ ލިބޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ 33،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި ދޭ 8،500 ރުފިޔާއެވެ.

ރަށްރަށުގެ ޑަބްލިއުޑީސީ ރައީސުންނަށް ކުރިން ލިބެމުންދިޔަ 6،000 ރުފިޔާގެ ބަދަލުގައި، މިހާރު މަހަކު 21،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އެއީ މުސާރައިގެ ގޮތުގައި 16،500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި ކަނޑައެޅި 4،500 ރުފިޔާއެވެ. މީގެ އިތުރުން ނައިބު ރައީސުންނާއި މެންބަރުންނަށްވެސް ބާއްވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި ނިންމުމަކީ އާންމު ރައްޔިތުންނާއި، ދައުލަތުގެ އެހެން މުއައްސަސާތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ މެދުގައި ބޮޑު ހިތްހަމަނުޖެހުމެއް އުފައްދައި، އެކަށީގެންވާ މިންގަނޑަށްވުރެ މާމަތީ އަދަދެއްގެ ގޮތުގައި ސިފަވާ ކަމެކެވެ. ސަބަބަކީ ގައުމެއްގެ މުސާރައިގެ އޮނިގަނޑު އެކުލަވައިލަންޖެހެނީ އެމީހަކު އުފުލާ ޒިންމާއާއި، ކުރާ މަސައްކަތުގެ ވަގުތަށާއި، ބޭނުންވާ ތައުލީމީ ފެންވަރަށް ބަލައިގެން ކަމަށްވާތީއެވެ.

ޑަބްލިއުޑީސީގެ މައިގަނޑު މަސްއޫލިއްޔަތަކީ ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި އަންހެނުންގެ ތަރައްގީއަށް ލަފާދިނުމާއި ހަރަކާތްތައް ހިންގުން ކަމަށްވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ ބޮޑެތި ނިންމުންތަކާއި ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ދިނުމުގެ ސީދާ ޒިންމާ އޮންނަނީ ކައުންސިލްތަކަށެވެ. އެހެންކަމުން، މިފަދަ ކޮމިޓީއެއްގެ ރައީސަކަށް ސިޓީ ފެންވަރުގައި 41،500 ރުފިޔާ ދިނުމަކީ އެއްވެސް ހަމައަކުން ބަލާއިރު މަސްއޫލިއްޔަތާ ބައްދަލު އަދަދެއް ނޫނެވެ.

މި ނިންމުމުގެ ސަބަބުން މުޅި އުމުރު ދުވަހު ކިޔަވައިގެން ގައުމުގެ މުސްތަގުބަލު ބިނާކުރަން އުޅޭ ޓީޗަރުންނާއި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ރެއާއި ދުވާލު ހޮސްޕިޓަލްތަކުގައި އުޅޭ ނަރުހުންނާއި، ގައުމުގެ ސަލާމަތް ބަލަހައްޓާ ސިފައިންނާއި ފުލުހުންގެ ހިތްތަކުގައި ސުވާލު އުފެދެއެވެ. މީގެ ތެރެއިން ގިނަ ބައެއްގެ މުސާރަ އަދިވެސް އުޅެނީ 15،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގައެވެ. ދައުލަތުގެ އާދައިގެ ވަޒީފާތަކުގައި އުޅޭ ސިވިލް ސާވަންޓުންގެ މުސާރަ 10،000 ރުފިޔާ ހަމަނުވާއިރު، ސިޔާސީ ނުފޫޒު އެކުލެވޭ ކޮމިޓީއެއްގެ ރައީސަށް މިފަދަ ބޮޑު މުސާރައެއް ދިނުމަކީ މުޅި ސިވިލް ސާވިސްގެ މުވައްޒަފުންގެ މާޔޫސްކަން އިތުރުވެގެންދާނެ ކަމެކެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ނާޒުކު ފާލެއްގައެވެ. ދައުލަތުގެ ދަރަނި ބޮޑުވެ، ޚަރަދުތައް ކުޑަކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދެމުންދާ ދަނޑިވަޅެއްގައި، މިފަދަ ނިންމުންތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް ކަމުގައި މިކަންވަނީ ވެފައެވެ. އާންމު ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ، އުފެއްދުންތެރިކަން ކުޑަ މިފަދަ ކަންކަމަށް ހޭދަކުރުމަކީ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާނެ ސަބަބެކެވެ. މިއީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފުރަތަމަ ހުށަހެޅި އަދަދަށްވުރެވެސް (ސިޓީތަކަށް 20،000ރ. އަދި ރަށްރަށަށް 15،000ރ.) މާ މަތީ އަދަދެކެވެ.

އަންހެނުންގެ ދައުރު މުޖުތަމައުގައި ފުޅާކުރުމަކީ މުހިންމު ކަމެއް ނަމަވެސް، އެކަން ކުރަންޖެހޭނީ މުޅި ގައުމުގެ މުސާރައިގެ އޮނިގަނޑަށް ބަލައި، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކުގައެވެ. މުޅި އުމުރު ދުވަހު ބުރަ މަސައްކަތް ކޮށްގެންވެސް 10،000 ރުފިޔާ ހަމަނުވާ ރައްޔިތުން ތިއްބާ، ޑަބްލިއުޑީސީގެ ރައީސުންނަށް 21،000 ރުފިޔާއާއި 41،500 ރުފިޔާ ދިނުމަކީ އެއްގޮތަކަށްވެސް ހަމަރަނގަޅު އަދަދެއް ނޫނެވެ. މިއީ އެކަށީގެންވާ މިންގަނޑަށްވުރެ މާމަތީގެ، އަދި އިގްތިސާދީ ގޮތުން ދެކޮޅުނުޖެހޭ ނިންމުމެކެވެ.