އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތިން މަސް: ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހެނީ؟
އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށި އަސްކަރީ ހަނގުރާމައަށް ތިން މަސް ފުރިގެންދާއިރު، މި ހަނގުރާމައިން އެމެރިކާއަށް ހަގީގީ ސިޔާސީ ކުރިއެރުމެއް ހޯދިދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ކާމިޔާބީތަކެއް ހޯދި ކަމަށް ޓްރަމްޕް ބުނަމުންދިޔަ ނަމަވެސް، ހޯރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ދޫނުކުރުމާއި، ނިއުކްލިއާ މައްސަލައިގައި ދޫދޭން ދެކޮޅު ހެދުމުގެ ސަބަބުން ޓްރަމްޕްގެ ރޭވުންތައް ނާކާމިޔާބުވަމުންދާ ކަމަށް މުހައްލިލުން ދެކެއެވެ.
މި ހަނގުރާމަ ފެށިއިރު ޓްރަމްޕް އުންމީދު ކުރީ ކުރު މުއްދަތެއްގެ ތެރޭގައި ފަސޭހަ މޮޅެއް ހޯދުމަށެވެ. ނަމަވެސް މިހާރު މިއީ އެމެރިކާއަށާއި އެ ގައުމުގެ ބައިވެރިންނަށް ދިގު މުއްދަތުގެ ބޮޑު ނާކާމިޔާބީއަކަށް ބަދަލުވުމުގެ ބިރު އޮތްއިރު، އީރާނަށް އިގްތިސާދީ އަދި އަސްކަރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވީ ނަމަވެސް، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ބަންދުކުރުމުގެ ބާރު އެ ގައުމަށް އޮތްކަން ވަނީ ސާބިތުކޮށްދީފައެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު އޮލީވިއާ ވޭލްސް ބުނި ގޮތުގައި "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ އަސްކަރީ ހުރިހާ މަގްސަދެއް ވަނީ ހާސިލްވެފައެވެ. އަދި ހުރިހާ ބާރެއް އޮތީ ޓްރަމްޕްގެ އަތްމަތީގައި ކަމަށްވެސް އޭނާ ބުންޏެވެ. އެހެންނަމަވެސް، އެމެރިކާގެ ތެލުގެ އަގު އުފުލުމާއި، އަންނަން އޮތް އިންތިޚާބާ ދިމާކޮށް ޓްރަމްޕަށް އޮތް ތާއީދު ދަށްވަމުންދާތީ އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުން ޓްރަމްޕަށް ދަނީ ބޮޑު ފިއްތުންތަކެއް ކުރިމަތިވަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ގައި ޓްރަމްޕާއި އިސްރާއީލް ގުޅިގެން ފެށި މި ހަނގުރާމައިގެ ކުރީކޮޅު އީރާނުގެ މިސައިލް ގުދަންތަކަށާއި ކަނޑުގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީ، އީރާނުގެ އިސް ބައެއް ވެރިން ވަނީ މަރާލާފައެވެ. އޭގެ ރައްދުގައި އީރާނުން ކަނޑުއޮޅި ބަންދުކޮށް، އިސްރާއީލަށާއި ގަލްފުގެ ގައުމުތަކަށް ހަމަލާދޭން ފެށުމުން ޓްރަމްޕް ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފައެވެ. ނަމަވެސް އީރާނުން ބޯލަނބާފައެއް ނުވެއެވެ.
ހަނގުރާމަ ފެށިއިރު ޓްރަމްޕްގެ އަމާޒަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމާއި، ސަރަހައްދަށް އޮތް ނުރައްކާ ކުޑަކުރުމާއި، އީރާނުގެ ރައްޔިތުން ލައްވައި އެ ގައުމުގެ ވެރިކަން ވައްޓާލުމެވެ. އެހެންނަމަވެސް، މީގެއިން އެއްވެސް މަގްސަދެއް ހާސިލްވެފައެއް ނުވެއެވެ. އީރާނުގެ ނިއުކްލިއާ މާއްދާތައް އަދިވެސް ރައްކާތެރިކަމާއެކު ބިމުގެ އަޑީގައި ހުރިއިރު، އެ ގައުމުގެ ސުޕްރީމް ލީޑަރު ވަނީ ޔުރޭނިއަމް ގައުމުން ބޭރަށް ނުގެންދެވޭނެ ކަމަށް އަމުރުކޮށްފައެވެ.
މީގެ އިތުރުން، އީރާނުގެ ކުރީގެ ވެރިން މަރުވުމާ ގުޅިގެން ވެރިކަމަށް އައިސްފައިވަނީ ކުރިއަށްވުރެ ހަރުކަށި އާ ވެރިންތަކެކެވެ. މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ޔޫރަޕްގެ ބައިވެރިންނާ އޮތް ގުޅުން ހީނަރުވެފައިވާއިރު، ޗައިނާ އާއި ރަޝިއާއިން ދަނީ އެމެރިކާގެ އަސްކަރީ އުކުޅުތަކުގެ ބަލިކަށިކަން ދެނެގަންނަމުންނެވެ. ބައެއް ތާރީޚީ މުހައްލިލުން ބުނާ ގޮތުގައި މިއީ ވިއެޓްނާމް އަދި އަފްޣާނިސްތާނުން އެމެރިކާ ބަލިވެގެން ފޭބި ފޭބުމަށްވުރެވެސް ޓްރަމްޕަށް ލިބޭނެ މާ ބޮޑު ސިޔާސީ ނާކާމިޔާބީއެކެވެ.
Ads by MACL
