ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (ތިންވަނަ ބައި)
ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (ތިންވަނަ ބައި)
ޒިވްރާ އަށް އެގޮތުގައި އިނދެވުނީ ކިހައި އިރެއް ވަންދެންކަމެއް ނޭނގެއެވެ. އޭނާ ސިހުނީ މުށުތެރޭގައި އޮތް ފޯނުގެ އެލާމް އަޑަށެވެ. ލަސްލަހުން ލޯ ހުޅުވައިލަމުން، ހަށިފުރައި ނޭވާއެއްލީ އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލުމުގެ ގޮތުންނެވެ. އިންތަނުން ތެދުވަމުން، އެނދުމަތީގައި ރީތިކޮށް ފަތުރާލައިފައި އޮތް ނަރުސް ޔުނީފޯރމަށް އޭނާ ބަލައިލިއެވެ. އެއްޗެއް ވިސްނާލާ ފަދައިން އިރުކޮޅަކު އެހެން ހުރުމަށްފަހު ހަރުގައި އަޅުވައިފައި އޮތް ތުވާލި ނަގަމުން ފާޚާނާއާ ދިމާއަށް އޭނާ މިސްރާބު ޖެހިއެވެ.
ފެންވަރައި ތާޒާވެލުމުން ކޮންމެވެސް ވަރަކަށް މީހާ ހަމައަކަށް އެޅިލިހެން އިހުސާސުކުރެވުނެވެ. ކޮނޑަށްވުރެ ތިރިއަށް އޮތް ކަޅުކަންގަދަ ބުޅި އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލަމުން، ލައިގެން ހުރި ގަދަ ނޫކުލައިގެ ހެދުމާ ގުޅޭނެ ޝޯލްއެއް ނަގައި ރީތިގޮތަކަށް އަޅައިލިއެވެ. އަދި އެނދުމަތީގައި އޮތް ޔުނީފޯރމް ނަގައި ހެދުން އަލަމާރީގައި އަޅުވައިލުމަށްފަހު ކޮޓަރިން ނުކުންނަން އޭނާ މިސްރާބުޖެހިއެވެ.
Ads by BMLފުޅާ ސިޑިން ތިރިއަށް ފައިބައިގެން އައި އިރު، ބޮޑުކޮޓަރީގެ އެއްފަރާތުގައި ބަހައްޓައިފައި ހުރި ސޯފާގައި އިނށީދެލައިގެން ކޮންމެވެސް އެއްޗެހިތަކަކަށް ބަލަން ޒިވްރާގެ މަންމަ އިނެވެ. މީހެއްގެ ހިލަމެއްވީހެން ހީވެ ޝާހީނާ އިސްއުފުލައި ބަލައިލިއިރު، އެދިމާއަށް އަންނަ ޒިވްރާ ފެނުމުން އޭނާގެ ހިނިތުންވުން ފުޅާވެލިއެވެ. ނިކަން އަވަހަށް ދަރިފުޅަށް ގޮވައިލަމުން އޭނާގެ ގާތުގައި އައިސް އިނށީނުމަށް ބުނެލިއެވެ.
"ކޯޗެއްތަ މަންމަ މާ ވަރަކަށް ތި ބަލަނީ؟" ޝާހީނާއާ ދިމާއަށް މިސްރާބު ބަދަލުކޮށްލަމުން ޒިވްރާ އަހައިލިއެވެ.
"ދޮންތި އިންނާނެ މީހެއް ހޯދަނީނު" ކާކޮޓަރީ ތެރެއިން ޖޫސްތަށްޓެއް ހިފައިގެން ނުކުންނަމުން ޒިވްރާގެ ކޮއްކޮ ޒައިހާ ބުނެލީ ދިމާކޮށްލާފަދަ ގޮތަކަށެވެ. ޒައިހާގެ ދުލުން އެ ބަސްތައް ނުކުތުމާއެކު ޒިވްރާގެ ހިނގުން މަޑުޖެހިލިއެވެ. ހިތްހަމަނުޖެހުމުގެ ނަޒަރަކުން އޭނާ ޝާހީނާއަށް ބަލައިލިއިރު، އެ ދެލޮލުގައިވީ ޝަކުވާއެވެ.
"މަންމާ ޕްލީޒް. އަހަރެން ކިތައް ފަހަރުތަ ބުނާނީ އަދި މީހަކާ އިންނާކަށް ބޭނުމެއް ނުވެއޭ. ކޮންއިރަކުންތަ މަންމަ ތިކަން ހުއްޓާލާނީ. މީ އަހަރެންގެ ދިރިއުޅުމެއްނު. އަހަރެންގެ ހަޔާތަށް ގެންނާނެ ބައިވެރިޔަކާ، މި ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތެއް އެނގޭނީ އަހަންނަކަށްނު." ކިތަންމެ ހަމަޖެހެން މަސައްކަތްކުރި ނަމަވެސް ޒިވްރާގެ އަޑުގައި ހިސާބަކަށް ނުރުހުން އެކުލެވިފައިވިއެވެ.
އޭނާގެ ވާހަކަތައް އަޑުއަހަން އިނދެފައި ޝާހީނާ ދޫކޮށްލީ ފުންނޭވާއެކެވެ. ދެފަރާތަށް ބޯހޫރައިލުމާއެކު ބަލަން ހުރި ފިރިހެންކުދިންގެ ފޮޓޯތަކުގެ ތެރެއިން، އޭނާ އަށް ކަމުދިޔަ ފިރިހެންކުއްޖެއްގެ ފޮޓޯގަނޑު ނަގަމުން ޒިވްރާއަށް ބަލައިލިއެވެ.
"އުމުރު މައްޗަށްދާއިރު ވެސް ދަރިފުޅު އެބަ އުޅެންތައް ހަޔާތަށް ބައިވެރިއަކު ހޯދަން. އަބަދު މަސައްކަތުގަ، ނޫނީ ކޮންމެވެސް އާ އެއްޗެއް ކިޔަވަން. މަންމައަށް އެނގޭ ކިތަންމެ ދުވަހެއް ވިއަސް މިއިން ކަމަކާ ދަރިފުޅު ނޫޅޭނެކަން. މީހަކާ ނީންނަން ހުވާކޮށްގެން ހުރިފަދަ. އެހެންވީމަ ދެން މަންމަ އެއްނު މިކަން ކުރަން ޖެހޭނީ. ކިތައް ފަހަރު ދަރިފުޅު ގާތު މި ވާހަކަދެއްކިއްޖެ. ޒިވީއަށް ކަމުދާ ކުއްޖަކު ހުއްޓަސް މަންމައާ ހަމައަށް ގެނާމައެއްނު އެނގޭނީ. ޒިވީ ޚިޔާރުކުރާ ކޮންމެ ކުއްޖަކާ ވެސް ރުހޭނަމޭ މަންމަ ނުބުނަންތަ؟ އެކަމަކު އެވަރެއްވެސް ދަރިފުޅަކަށް ނުވި." މާޔޫސީ ރާގަކަށް ޝާހީނާ ބުނެލިއެވެ. ހަގީގަތުގައި ވެސް އެ ދަރިފުޅުގެ އުޅުމާމެދު އޭނާވީ ކަންބޮޑުވެފައެވެ. ޒިވްރާގެ އުމުރުން 15 އަހަރުގައި އެމީހުން ދިރިއުޅުން ލަންޑަނަށް ބަދަލުކުރީއްސުރެ، އެ ދަރިފުޅުގެ މިޒާޖަށް އައި ހަމަހިމޭންކަން އޭނާއަށް އައީ ފާހަގަވަމުންނެވެ. އެތައް ފަހަރަކު ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޒިވްރާގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. އެންމެފަހުން އެކަން އޭނާ ދޫކޮށްލީ ފުރާވަރުގެ އުމުރަށްވުމުން އައި ބަދަލެއްކަމަށް ހީކޮށްފައެވެ. އަދި އުޅެ ބޮޑުވި މާހައުލާ ވަކިވާންޖެހުމުން ދިމާވި ކަމެއްކަމަށް ލަފާކޮށްފައެވެ. އެހެންނަމަވެސް އޭގެފަހުން އެތައް އަހަރެން ފާއިތުވެގެން ދިޔައިރުވެސް، ޒިވްރާއަށް ކުޑަވެސް ބަދަލެއް އައިކަމަށް އޭނާއަށް ފާހަގަވެފައި ނެތެވެ. ކަންބޮޑުވެފައިވީ އެހެންވެއެވެ. ކިޔަވައި ނިންމުމަށްފަހު ލަންޑަނުގެ ހޮސްޕިޓަލެއްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުންދިޔަ ޒިވްރާ އަކީ، މަޑުމައިތިރި، ކިޔަމަންތެރި ކުއްޖެކެވެ. ކައިވެނީގެ ކަންކަކަމުގައި ނޫނީ ޝާހީނާ ބުނެފި ކޮންމެ ކަމަކާ ނިކަން ފަސޭހައިން ރުހެއެވެ. އެހެންނަމަވެސް، ކައިވެނީގެ ވާހަކަދައްކާއިރަށް ޒިވްރާ އަށް އެ އަންނަ ބަދަލުތައް ދެނެގަންނަން ޝާހީނާ ވީ ނުކުޅެދިފައެވެ. އެތައް ގޮތަކަށް ވާހަކަދެއްކުމުން ވެސް ކައިވެންޏެއް ކުރާފަދަ ޚިޔާލެއް ޒިވްރާ ނުކުރިއެވެ.
"މަންމާ.. ދޮންތިއަށް އަދި 25 އިޔާރސްއޭ އެވީ. އަދި މީހަކާ ނީނދެގެން އުޅޭވަރެއް ނުވެއެއްނު. މަންމަ އުޅޭ ގޮތުން ހީވަނީ ދޮންތި މުސްކުޅި ވެގެން އުޅޭހެން." ޒިވްރާގެ މޫނަށް އަރައި ފައިބަމުންދިޔަ ކުލަވަރަށް ބަލަން ހުރި ޒައިހާ ބުނެލީ ޝާހީނާއަށް ވިސްނައިދޭފަދަ ގޮތަކަށެވެ.
"މިހާރު 25، ދެން ވާނީ 26، ދެން 27. ތިހެން ކިޔަންވެއްޖެނަމަ ސަލާމަތެއް ނެތް. ދަރިފުޅާ ޒިވީ، މަންމަ ބުނީތީވެސް މިސޮރާ ބައްދަލުކޮށްލަބަލަ. ހީވަނީ ވަރަށް ރަނގަޅު ކުއްޖެއްހެން." އަތުގައި އޮތް ފޮޓޯގަނޑު ޒިވްރާއާ ދިމާއަށް ދިއްކޮށްލަމުން ޝާހީނާ ބުނެލީ އުއްމީދުން ފުރިގެންވީފަދަ ގޮތަކަށެވެ. ހިނދުކޮޅަކު ޝާހީނާގެ މޫނަށް ބަލަން ހުރުމަށްފަހު ތުންފިއްތާލަމުން ހަލުވި ފިޔަވަޅުތަކެއްގައި ޒިވްރާ މިސްރާބުޖެހީ ގެއިން ނުކުތުމަށެވެ. އެތަން ބަލަން އިން ޝާހީނާ ދެފަރާތަކަށް ބޯހޫރައިލަމުން އަތުގައި އޮތް ފޮޓޯގަނޑުތައް ކުރިމަތީހުރި ބިއްލޫރި މޭޒުމަތީގައި ބާއްވައިލިއެވެ. އޭރު ޒިވްރާ ނުކުމެގެންދިޔަ ދޮރާ ދިމާއަށް ކަންބޮޑުވުމުގެ ނަޒަރަކުން ބަލަހައްޓައިގެން ޒައިހާ ހުއްޓެވެ.
*****
ތަނަވަސް ބޮޑުކޮޓަރީގައި ހުރި، އެންމެ ޒަމާނީ ސޯފާތަކުން ސޯފާއެއްގައި އިނށީދެލައިގެން، ކުރިމަތީގައި ހަރުކޮށްފައިހުރި ޓީވީ އިން ދައްކަމުންދިޔަ ޕްރޮގްރާމަކަށް ގެއްލިފައި ހިލްމީ އިނެވެ. ކައިރީގައި އޭނާގެ އަނބިމީހާ ލިޔާރާ އާއި ދޮށީ ދަރިފުޅު ރައްޔާން ވެސް އިނެވެ. އެވަގުތު ތެމިފޯވެފައި ހުރެގެން ގޭތެރަށް ވަދެގެން އައި އަޒާން ފެނިފައި ހިލްމީގެ ސަމާލުކަން އެ ދަރިފުޅަށް ހުއްޓުނެވެ
"ކޮބާ، ކިހިނެއް ދިޔައީ؟" އަޒާން ފެނުމާއެކު ނިކަން ހިނިއައިސްފައި ރައްޔާން އަހައިލިއެވެ.
"ތެދެއް ދަރިފުޅާ، ކޮންކަހަލަ ޖަވާބެއް ލިބުނީ؟ ދަރިފުޅުގެ އިންތިޒާރުގަ ބައްޕަމެން މިތިބީ. އުފާވެރި ޚަބަރު އަޑުއަހާފަ ނޫނީ ނިދަންވެސް ދާން ބޭނުންނުވެފަ." ހިނިތުންވެލަމުން ހިލްމީ ބުނެލިއެވެ. އަޒާންގެ މޫނުމަތިން ފައުޅުވަމުންދިޔަ އުފާވެރިކަމުން އެއައީ އޭނާ ހިއްއެދޭފަދަ ޖަވާބެއް އިޝްޔާގެ ފަރާތުން ހޯދައިގެންކަން އެނގުނަސް، ދަރިފުޅުގެ ދުލުން އެބަސްތައް ބުނެލާއަޑު އަހާލަން އޭނާ ބޭނުންވީއެވެ.
"ޝީ ސެއިޑް ޔެސް. އޯހް ބައްޕާ، އަޅުގަނޑު މިހާ އުފާވި ދުވަހެއް ހަނދާނެއް ނުވޭ" ހިނިއައިސްފައި ހުރެ އަޒާން ބުނެލިއެވެ. އަޒާންގެ ވާހަކައިން ހިނިއައިސްފައި ނިތް އަރުވައިލަމުން ހިލްމީ ބަލައިލީ ލިޔާރާއަށެވެ.
"މަންމައަށް މާކުރިން ވެސް އެނގޭ މަންމަގެ އިޝީ ޤަބޫލުވާނެކަން." ލިޔާރާގެ މޫނުމަތީގައިވެސްވީ ހިނިތުންވުމެކެވެ. އޭނާގެ ދަރިންނަށް ލިބޭ ކޮންމެ އުފަލަކީ ޚުދު އޭނާއަށް ވެސް ލިބޭ އުފަލެއްފަދައެވެ.
"އެހެންވީމަ ލަސްނުކޮށް އަހަރެން ސުފްޔާންއާ ވާހަކަ ދައްކަންވީ ދޯ. ދެކުދިން ޤަބޫލުވީމަ ދެން އިތުރަށް ކައިވެނި ލަސްކުރުމުގެ ބޭނުމެއް އަހަންނަކަށް ނުފެނޭ. ލިޔާ ވީނު މާދަމާ ޔުމްނާއަށް ގުޅާފަ، މާދަމާ ރޭގެ ކެއުމަށް މިގެއަށް އައުމަށް ދައުވަތު ދޭން. އޭގެ ކުރިން އަހަރެން ކޮންމެވެސް ވަރަކަށް މި ވާހަކަތައް ސުފްޔާންއާ ދައްކާލާނަން. ކިހިނެއްވާނެ އެގޮތް؟ ދެ އާއިލާ ވެސް ތިބެގެން ކައިވެނީގެ ހުރިހާ މަޝްވަރާތަކެއް ކުރަން އަހަރެން ބޭނުންވަނީ. އެމީހުން ރުހޭނަމަ މާދަމާ ރޭ ވާނެ ތާރީޚެއް ވެސް ކަނޑައަޅަން. އެގޮތް ދަރިފުޅަށް އެންމެ ރަނގަޅުތަ؟" ކުރިމަތީގައި ހުރި އަޒާން އަށް ބަލައިލަމުން ހިލްމީ އެއްސެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އެކަމާ އޭނާ އެއްބަސްވީ އިޝްޔާއާ ކައިވެނިކުރަން ބޭނުންވެފައި ވީލެއް ބޮޑުކަމުންނެވެ. އިތުރަށް އެންމެ ދުވަހެއްވެސް ލަސްކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ. އެންމެން އެގޮތާ ރުހުމުން އިތުރަށް އެތަނުގައި މަޑުކުރާކަށް ހިލްމީ ގަސްދެއް ނުކުރިއެވެ. ކޮޓަރިއަށް ދަނީކަމަށް ބުނެ އިންތަނުން ތެދުވުމުން އޭނާގެ ފަހަތުން ލިޔާރާ ވެސް ތެދުވިއެވެ. މަންމަ އާއި ބައްޕަ ދިއުމާއެކު ލާނެތް ގޮތަކަށް ހިނިއައިސްފައި ހުރި ރައްޔާން އަޒާންއާ ދިމާކޮށްލިއެވެ. އެއާއެކު ދެބޭންގެ ހުނުމުގެ އަޑު ބޮޑުކޮޓަރިތެރޭގައި ގުގުމައިގެން ދިޔައެވެ.
*****
ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އޮފީސް ނިންމައިލުމަށްފަހު ގެއަށް ވަދެގެން އައި ސުފްޔާންގެ މޫނުމަތީގައި ހިސާބަކަށް ކަންބޮޑުވުން އެކުލެވިފައި ވިއެވެ. ލަސްހިނގުމެއްގައި އައި އިރު، އޭނާ ކޮންމެވެސް ކަމަކާ ވަރަށް ފުންކޮށް ވިސްނަމުންދިޔަކަން އެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރު ހެކިވެއެވެ. ސިޓިންގްރޫމް ގައި އޭނާގެ އިންތިޒާރުގައި އިން ޔުމްނާ ވެސް ސުފްޔާންގެ ލޮލުގައި އަޅައިނުގަތެވެ. އެތެރަށް ވަދެގެން ސުފްޔާން ދާން ފެށުމުން އިންތަނުން ތެދުވެފައި އޭނާ އަށް ޔުމްނާ ގޮވައިލިއެވެ.
"ހާދަ ހާސްވެފަ ހުރިހެން ހީވެއޭ" ސުފްޔާން ގާތަށް ހިނގައިގަންނަމުން ޔުމްނާ ބުނެލިއެވެ. "ޔުމް، ކޮބާ އިޝީ؟" ޔުމްނާގެ ވާހަކައަށް ރައްދެއް ދިނުމުގެ ބަދަލުގައި، ވަށައިގެން ގޭތެރަށް ނަޒަރު ހިންގައިލަމުން އޭނާ އެއްސެވެ. "ކޮޓަރީގަ ކަންނޭނގެ ވީ. ކިހިނެއްވީތަ؟ ސުފްޔާން ކަމަކާ ވިސްނަނީތަ؟" އޭނާގެ މޫނުމަތިން ފައުޅުވަމުންދިޔަ ކުލަވަރުން ޔުމްނާ ވެސް ހާސްވާގޮތް ވީއެވެ.
"އިޝީ.. އިޝީ ޔުމް ގާތު އެއްވެސް ވާހަކައެއް ބުނިތަ؟ އަޒާން.. އިޝީއަށް.."
"ކައިވެނި ހުށަހެޅި ވާހަކަތަ؟" ސުފްޔާންގެ ޖުމުލަ ފުރިހަމަކޮށްލީ ޔުމްނާއެވެ. އެއާއެކު ލަސްލަހުން ސުފްޔާން ބޯޖަހައިލިއެވެ. "އާން، އެކަހަލަ ވާހަކައެއް އިޝީ ދެއްކި. އެހެން ބުނީމަ މި ހަނދާންވީ، ލިޔާ ގުޅި މިއަދު. މިރޭ އެގެއަށް ކާން އަންނަން ބުނި. ހީވަނީ ކައިވެނީގެ ވާހަކަދައްކަންހެން.އެކަމާތަ ސުފްޔާން ކަންބޮޑުވަނީ؟" ސުފްޔާންގެ އަތުގައި ފިރުމައިލަމުން ޔުމްނާ އަހައިލިއެވެ. އެއާއެކު މަޑުމަޑުން ދެފަރާތަށް އޭނާ ބޯހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
"އަހަރެން ކަންބޮޑުވަނީ އިޝީއާ މެދު. ޔުމް، ޔުމް އަކަށް ހިއެއްނުވޭތަ އަހަރުމެން އެ ވާހަކަތައް އަޒާން އަށް ކިޔައިދޭން ޖެހޭނެހެން. އަހަރެންގެ ހިތް ބުނަނީ ސިއްރު ކުރުމަކީ އެހާ ރަނގަޅުކަމެއް ނޫނޭ. އަދި އަމުދުން ކައިވެނިކުރަން ދެކުދިން ގަސްދުކުރާއިރު." ޔުމްނާއާ އެކުގައި އައިސް ސޯފާގައި އިނށީދެލަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ސުފްޔާން ބުނެލީ މަޑުމައިތިރި ރާގަކަށެވެ. ސުފްޔާންގެ ވާހަކަތަކުން ހިނދުކޮޅަކަށް ޔުމްނާ ވެސް ހިމޭންވީއެވެ. ބުނާނެ ވަކި އެއްޗެއް އޭނާއަށް ވެސް ނުވިސްނުނީ ކަހަލައެވެ.
"ނޫން ބައްޕާ.. ޕްލީޒް ނޫން. ޒާން ގާތު ނުބުނާތި، އެކަކުވެސް ނުބުނާތި" ފަހަތުން އިވުނު އިޝްޔާގެ އާދޭހުން ފުރިފައިވާ އަޑުން ސިހިފައި ސުފްޔާންއާ ޔުމްނާ އެދިމާއަށް ބަލައިލިއެވެ. އޭރު ތިރިއަށް ފައިބަން ހުރި ސިޑީގެ މެދެއްހައި ހިސާބުގައި ހުއްޓިލައިގެން އިޝްޔާ ހުއްޓެވެ. އޭނާގެ މޫނު މަތީގައި ވެސްވީ އާދޭހުގެ އަސަރެވެ. ދެފަރާތަށް ބޯހޫރައިލި ސުފްޔާންއަށް ހަދާނެ ގޮތް ހުސްވީކަހަލައެވެ. މަޑުމައިތިރި ރާގަކަށް ދަރިފުޅަށް ގޮވައިލަމުން އޭނާގެ ގާތަށް އައުމަށް ސުފްޔާން އެދުނެވެ. ކުދިފިޔަވަޅުތަކެއް އަޅަމުން އިސްޖެހިފައި ހުރެ އިޝްޔާ އައިސް ސުފްޔާންއާ ޖެހިގެން ސޯފާގައި އިނށީދެލިއެވެ. އެއާއެކު ނުހަނު ލޯބިން ދަރިފުޅުގެ ބޮލުގައި ސުފްޔާން ފިރުމައިލިއެވެ.
"ދަރިފުޅާ.. ކައިވެންޏަކީ ކިހާ މާތް މަގުސަދެއްގަ ކުރާ އެއްޗެއް. އެ ހިސާބަށް ދާއިރު ދެމެދުގަ އެއްވެސް ކަމެއް ސިއްރު ކޮށްފަ އޮތުމަކީ ރަނގަޅުކަމެއް ނޫނެއްނު. އަދި އަމުދުން މިހާ ބޮޑު ކަމެއްސިއްރުކުރަން ބައްޕައަށް އެއްވެސް ވަރަކަށް ނުފެނޭ. އަނެއްކާ ކައިވެންޏަށްފަހު ދަރިފުޅުގެ ހުރިހާ ކަމަކާ ހަވާލުވާން ހުރި ފަރާތަކީ އަޒާން އެއްނު." އިޝްޔާއަށް ވިސްނައިދޭފަދަ ގޮތަކަށް ސުފްޔާން ބުނެލިއެވެ.
"އެކަމަކުވެސް ބައްޕާ.. އަދި ޒާން ގާތުގަ ބުނާކަށް އަޅުގަނޑު ބޭނުމެއްނޫން." އުނގުމަތީގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލަ އަށް ބަލަން އިނދެ މަޑުމަޑުން އިޝްޔާ ބުނެލިއެވެ.
"އިޝީ ބޭނުންނުވަންޏާ ކޮންމެހެން އަވަސްއަރުވާލާފަ އަޒާން ގާތުގަ ބުނާކަށް އަހަންނަކަށް ވެސް ނުފެނޭ. އެކަން އެނގިގެން އަޒާން އަހަރުމެންގެ އިޝީއާ ކައިވެނިކުރަން ބޭނުންނުވެއްޖެއްޔާއޯ" ހިސާބަކަށް ކަންބޮޑުވެފައި ޔުމްނާ ބުނެލިއެވެ. އެއާއެކު ނުރުހުމުގެ ނަޒަރަކުން އޭނާއާ ދިމާއަށް ސުފްޔާން ބަލައިލިއެވެ.
(ނުނިމޭ)
Ads by MACL
