ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (ހަތަރުވަނަ ބައި)

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (ހަތަރުވަނަ ބައި)

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (ހަތަރުވަނަ ބައި)

"ޔުމް ވެސް އިޝީއަށް ހިތްވަރު ދެނީތަ؟" ހިތްހަމަނުޖެހުން ސުފްޔާންގެ އަޑުގައިވިއެވެ. "އަޒާން އަކީ އެފަދަ ޒުވާނެއް ނޫން. ބަލަ އަހަރެމެންގެ ކުރިމަތީގަ ނޫންތަ އެކުއްޖާ އުޅެ ބޮޑުވީ. އެއީ އެހެން މީހުންގެ އިހުސާސުތައް ދަންނަ އޯގާތެރި ހިތެއްގެ ވެރިއެއް. އަދި އަމުދުން އިޝީ އަށް އަޒާން ދެރައެއް ދީފާނެކަމަށް އަހަރެން ކުޑަކޮށްވެސް ގަބޫލެއް ނުކުރާނަން. އަހަރެމެންގެ ދަރިފުޅާ ހެދި އެ ސޮރު އުޅޭ ގޮތް އެންމެ ކައިރިން ދުއް އެކަކު ޔުމް ވެސް ތީ. އަޒާން އިޝީ ދެކެ ވާ ލޯބި ނުފެނޭތަ؟ އަހަންނަށް ޔަޤީން، އަހަރެންގެ ދަރިފުޅަށް ދިމާވާ ކޮންމެ ކަމެއްގަވެސް އެންމެ ގާތުގަ އަޒާން ހުރެދޭނެކަން. ދުވަހަކުވެސް އިޝީގެ އަތުން އަޒާން ދޫކޮށްނުލާނެކަން. އަހަރެމެންގެ ދަރިފުޅަށް އަޒާން އަށް ވުރެ ރަނގަޅު ބައިވެރިއަކު ނުލިބޭނެ." ޔުމްނާއަށް ބަލަން އިނދެ ސުފްޔާން ބުނެލިއެވެ. އެ ވާހަކަތަކަށް ދޭނެ ރައްދެއް ޔުމްނާގެ އަތުގައި ނެތީތީ ބަހެއް ނުބުނެ ހިމޭންކަން އޭނާ ޚިޔާރުކުރީއެވެ. ސުފްޔާން އެ ދެއްކީ ތެދު ވާހަކަތަކެއްކަން ޚުދު ޔުމްނާ ވެސް ޤަބޫލުކުރެއެވެ. އެހެނަސް، ނޭނގޭ ނުތަނަވަސްކަމަކުން އޭނާގެ ހިތް ބިރުގަންނަނީއެވެ. އެއްވެސް ދެރައެއް އެ ދަރިފުޅަށް ލިބެން ނޭދެވެނީއެވެ.

"އެކަމަކުވެސް ބައްޕާ ޕްލީޒް. އަދި އަހަރެން ތައްޔާރެއް ނޫން ޒާންއަށް އެ ވާހަކަތައް ކިޔާ ދޭކަށް. މީހެއްގެ ގޮތެއް ބުނަން ކިހިނެއް އެނގެނީ؟ ކައިވެންޏަށްފަހު އެކަން އެނގުނަސް ޒާން އަކަށް ނުކެރޭނެ އަޅުގަނޑު ދޫކޮށްލާކަށް." އެ ހުރިހައި އިރު ހިމޭނުން އިން އިޝްޔާ ބުނެލިއެވެ.

"ދަރިފުޅު ވެސް ތަ؟ ތީތަ އިޝީ އަޒާންއާ މެދު ދެކޭ ގޮތަކީ؟ ކީކޭ ދެން ބުނާނީ. ތީ އިޝީގެ ދިރިއުޅުން، އިޝީ އަށް ފެންނަ ގޮތަކަށް ކުރިއަށް ގެންދޭ. އެކަމަކު އެއްވެސް ކަމެއް އަބަދު ސިއްރުވެފަ ނޯންނާނެ ދަރިފުޅާ. އަޒާން އަށް އެނގޭ ދުވަހަކުން ވެދާނެ ގޮތަކަށް ދަރިފުޅު ތައްޔާރުވާތި. އިތުރަށް ބުނާނެ އެއްޗެއް ބައްޕައަކަށް ނޭނގެ." މޫނުގައި އަތް އުނގުޅައިލަމުން ފުންނޭވައެއް ދޫކޮށްލުމަށްފަހު އިންތަނުން ސުފްޔާން ތެދުވިއެވެ. އަދި އިތުރަށް އެއްޗެކޭ ބުނަން ނުހަދައި މައްޗަށް އަރަން ހުރި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. އިޝްޔާ އަށް ވިސްނައިދޭން ބޭނުންވިއަސް، އެކަން ކުރާނެ އިތުރު ގޮތެއް އޭނާއަށް ނޭނގުނީއެވެ. ކުޑައިރުންސުރެ އިޝްޔާގެ ބޯހަރުކަން އެންމެ ރަނގަޅަކަށް އެނގޭނެ އެކަކީ އޭނާއެވެ. ބުނެފި ގޮތެއްގައި އިޝްޔާ ހިފަހައްޓާނެއެވެ. ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އެ ދަރިފުޅުގެ ޚިޔާލު ބަދަލުނުވާނެކަން ސުފްޔާން އަށް އެނގެއެވެ. ދަރިފުޅުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން އޭނާ އަށް މަޖުބޫރުވީ އެހެންވެއެވެ.

އިރުއޮއްސެމުން އައި ވަގުތު މުޅި އުޑުމަތިވީ އޮރެންޖާއި މަޑު ފިޔާތޮށި ކުލައިން ފެވިފައެވެ. ބޭރުން އިވެމުންދިޔަ ޓްރެފިކްގެ އަޑާއި، ހާސްކަމާއެކު ތެޅެމުންދިޔަ އަމިއްލަ ހިތުގެ އަޑު ފިޔަވައި އިޝްޔާގެ ކޮޓަރީ ތެރެއަށްވީ ހިމޭންކަން ވެރިވެފައެވެ. ލޯގަނޑު ކުރިމަތީގައި ހުރި އިޝްޔާގެ ނަޒަރުވީ އެނދުމަތީގައި ރީތިކޮށް ފަތްޖަހައިލައިފައި އޮތް ހެދުމަށް ހުއްޓިފައެވެ. އެއީ އަޒާންގެ އާއިލާއާ އެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވާއިރު ލުމަށް، އަޒާން އޭނާއަށް ހަދިޔާކުރި ހެދުމެވެ. ރިހިކުލައިގެ ރީތި ބޯޑަރެއް އަތުގައި އަޅައިފައިވާ މަޑު ނޫކުލައިގެ ހެދުމެކެވެ. ހެދުން ކިތަންމެހައި ވެސް ފުރިހަމައެވެ. އެހެނަސް، އިޝްޔާގެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު ލަސްފިޔަވަޅުތަކެއްގައި އިޝްޔާ އައިސް އެ ހެދުން ނެގިއެވެ. އަދި ނުހަނު ފަރުވާތެރިކަމާއެކު އޭގެއަށް ބަލައިލަމުން ހެދުން ފަތުރާލުމަށްފަހު އޭނާގެ ހަށިގަނޑުގައި ޖައްސާލިއެވެ. އަދި ކުޑަދޮރުގެ އަނެއް ފަރާތުން ފެންނަން ހުރި އަޒާންގެ ގެއަށް ނަޒަރު ސީދާކޮށްލިއެވެ.

މަގުގެ އަނެއްފަރާތުގައި ހުރި އޯޝަން ކްރެސްޓް ގޭގެ ބޮޑުކޮޓަރީގެ ބޮކިތައް ހުރީ ދިއްލާލާފައެވެ. ކުޑައިރުން ފެށިގެންވެސް އިޝްޔާގެ ކޮޓަރި ހުންނަނީ އެ ގޭގެ ބޮޑުކޮޓަރިއާ ސީދާވާ ގޮތަށެވެ. އެހެންކަމުން ފަރުދާ ކަހައިލައިފައި ހުންނަ ވަގުތުތަކުގައި ގޭތެރޭގައި މީހުން އުޅޭ ނޫޅޭގޮތް ނުހަނު ރީތިކޮށް އެ ދޮރުން ފެނެއެވެ. ކުޑައިރުގެ ފޮނި ހަނދާންތައް އާވުމާއެކު އިޝްޔާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު ބޮޑުކޮޓަރި ތެރެއިން ހުރަސްކަނޑާލި އަޒާންގެ ލޮލުގައި އިޝްޔާ އަޅައިގަތެވެ. އެއާއެކު އޭނާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އިޝްޔާ ހެދުން ހިފައިގެން ހުރިތަން ފެނުމާއެކު، އަޒާންގެ ދެލޮލުން އިންތިހާ ލޯތްބާއި ކުލުނު ފައުޅުވެގެން އައެވެ. އަޒާން ހުރިގޮތް ފެނުމުން އިޝްޔާ ބޮލުގެ އިޝާރާތުން ހެދުން އޭނާއާ ގުޅޭތޯ އަހައިލިއެވެ. "ވަރަށް ރީތި" އަނގަޔާއި އަތުގެ އިޝާރާތުން އަޒާން އެހެން ބުނެލީ، ހިތާއި ދިމާލުން މޭގައި އަތްޖައްސާލަމުންނެވެ. އަދި އިޝްޔާގެ ރީތިކަމުގެ ސަބަބުން އޭނާ ހޭނެތިދާނޭ އިޝާރާތުން ބުނެލުމާއެކު، ލުއި ހުނުމެއްގެ އަޑު އިޝްޔާގެ ތުންފަތް ފޫއަޅުވައިލަމުން ނުކުތެވެ. އިޝްޔާ ހިނިތުންވެފައި ހުރިތަންފެނި އަޒާން ވެސް ހިނިތުންވެލިއެވެ.

ކުއްލިއަކަށް ބޮލަށް އެނބުރުން އަރާފަދަ އިހުސާސެއް ވުމާއެކު އިޝްޔާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. އޭނާގެ ފެނުންވެސް ކޮންމެވެސް ވަރަކަށް ފުސްވެ، ހަށިގަނޑުން ވަރުދޫވާހެން ހީވިއެވެ. އަޒާން އަށް އެކަން ފާހަގަވުމުގެ ކުރިން، ގަދަކަމުން މޫނުމައްޗަށް ލާނެތް އަސަރެއް ވެރިކޮށްލަމުން ހަލުވި ފިޔަވަޅުތަކެއްގައި އައިސް ކުޑަދޮރުގެ ފަރުދާތައް ކަހައިލައި، ދޮރު ފޮރުވައިލިއެވެ. އެއާއެކު އޭނާގެ މޫނުމަތީގައި އިހު ހުރި އުފާވެރިކަން ފިލައިގެން ގޮއްސިއެވެ. ކުޑަދޮރުގައި ބުރަކަށި ޖައްސައިލުމާއެކު، ދެއަތުން ހިފަހައްޓައިގެން ހުރި ހެދުން މޭގައި ޖައްސާ ބޮނޑިކޮށްލަމުން މަޑުމަޑުން ހުރި ދިމާއަށް އިޝްޔާ ތިރިވީއެވެ. އެހިނދު ވޭނީ އާހެއް އޭނާގެ އަނގައިން ބޭރުވިއެވެ. ހޫނު ކަރުނުން ދެލޯ ފުރި ބަންޑުންވާންފެށީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ.

"އަހަންނަށް.. އަހަންނަށް މިކަމެއް ނުވާނެ.. އަހަރެން.. ކިހިނެއް.." ކިރިޔާ އަމިއްލަ ނަފުސަށް އިވޭވަރަށް އިޝްޔާއަށް ބުނެވުނެވެ. ހަށިގަނޑަށް ވެރިވަމުން އައި ވަރުބަލިކަމުގެ ސަބަބުން އިނށީދެގެން އިނުންވެސް އިޝްޔާ އަށްވީ ދަތިކަމަކަށެވެ. އުނދަގޫ ގޮތަކަށް ހަށިފުރާލީ ނޭވާއާއެކު އޭނާ ދެލޯ މަރައި ބާރުކޮށްލީ ބޮލަށް އެނބުރުން އަރާވަރުން ކެތްނުވެގެންނެވެ. މިއަދު ހަތަރުދަމު ރަނގަޅަށް އެއްޗެއް ނުކެވި ހުރުމުގެ ސަބަބުން އިހުނަށްވުރެ ހަށިގަނޑު ބަލިކަށިވެފައިވާހެން ހީވިއެވެ. އިރުއިރުކޮޅުން މޭނުބައިކޮށް ހޮޑުލަވާފައި ހުންނާތީވެ ގަދަކަމުން އެއްޗެއް ކެއުންވެސްވީ ދަތިކަމަކަށް ވެފައެވެ. ވޭތުވެދިޔަ މަސްތަކުގައި އޭނާގެ ހަންގަނޑުގެ ކުލަ ފަނޑުވެ، ދެލޯ ކައިރިވެސްވަނީ ކަޅުވެފައެވެ. ކިތަންމެ ވަރަކަށް މޭކަޕު ކުރިއަސް އެކަން ފޮރުވުން އޭނާއަށް މިހާރު އުނދަގޫކަމަކަށް ވަނީ ވެފައެވެ. އަޒާން ވެސް އެކަމާ ގުޅިގެން އޭނާއާ އެތައް ސުވާލެއް ވަނީ ކޮށްފައެވެ. ކޮންމެވެސް އެއްޗެކޭ ކިޔައި އިޝްޔާ އެކަން ފޮރުވައިލަނީއެވެ. އެހެނަސް، މާގިނަ ދުވަސްވަންދެން އެކަން އަޒާންއަށް ސިއްރުވެފައި އޮވެދާނެކަމާމެދު މިހާރު އިޝްޔާއަށް ވެސް ޝައްކެވެ. އަޒާން އަށް އެނގޭ ދުވަހަކުން ކަންތައްވާނެ ގޮތެއް ބުނާކަށް ޚުދު އޭނާ އަކަށް ވެސް ނޭނގެއެވެ.

އަތުގައި ބޮނޑިކޮށްލެވިފައި އޮތް ހެދުމަށް ބަލައިލެވުމާއެކު އިޝްޔާގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު ބޭރުވިއެވެ. މިރޭ އެންމެންގެ ކުރިމަތީގައި ހިނިތުންވެލައިގެން އިނދެ، އޭނާގެ މުސްތަޤުބަލުގެ ރޭވުންތައް ރާވާއިރު، އެ ދުވަސް ދެކެން އޭނާ ދުނިޔޭގައި ހުންނާނެކަމުގެ އެއްވެސް ޔަޤީންކަމެއް އިޝްޔާގެ ނެތެވެ.

*****

އޯޝަން ކްރެސްޓް ގެއަށް ވަދެގެން އައި އިރު މުޅި ގޭތެރެވީ ބޮކިތަކުން ދިއްލާލާފައެވެ. މިރެއަކީ ޚާއްސަ ރެއެއްކަން އެކަމުން އެކަނި ވެސް ހެކިދެއެވެ. ޔުމްނާ އާއި ސުފްޔާންއާ ދެމެދުގައި ހުރެގެން ހިނގައިފައި އައި އިޝްޔާ ފެނުމާއެކު ހިނިތުންވެފައި އިން ލިޔާރާ ސޯފާއިން ތެދުވަމުން އެދިމާއަށް މިސްރާބުޖެހިއެވެ. އަދި ނުހަނު ލޯތްބާއެކު އިޝްޔާގެ ގައިގައި ބައްދައިލަމުން މަރުޙަބާ ކިޔެވެ. އެމަންޒަރު ބަލަންއިން އަޒާންގެ ތުންފަތް ދެފަރާތަށް ދެމިލީ އޭނާއެކޭ އެއްފަދައިން އެ އާއިލާ ވެސް އިޝްޔާ ބަލައިގަނެފައިވާ މިންވަރު ފެނިފައެވެ. އެހެންނަމަވެސް، ފަރުވާތެރިކަމާއެކު އިޝްޔާގެ ސޫރައަށް ބަލައިލެވުމާއެކު ކޮންމެވެސް ވަރަކަށް އަޒާންގެ ހިނިތުންވުން ފަނޑުވެލިއެވެ. ނޫކުލައިގެ އެ ހެދުމުގައި އިޝްޔާ ފެންނަނީ ނުހަނު ހިތްގައިމުކޮށް ކަމަށްވިއަސް، ހެދުން ގަޔަށް ދޫޖެހިފައިވީ ގޮތުން އޭނާ ކުރިއަށްވުރެ ވެސް ހިކިފައިވާކަމަށް ދައްކައެވެ. ހިނިތުންވެފައި ހުރި ނަމަވެސް، އިޝްޔާގެ މޫނުމަތީގައިވީ ވަރުބަލިކަމެވެ. ކޮށްފައިވާ ލުއި މޭކަޕުންވެސް، އެ މޫނުމަތީގައިވާ ބަލިކަށި އަސަރުތައް  ފޮރުވައެއް ނުލެވުނެވެ. އިންތަނުން އަޒާން އަށް ތެދުވެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އިޝްޔާއާ ދިމާއަށް ހިނގައިގަންނަން އުޅެފައިވެސް އޭނާ މަޑުޖެހިލީ، އެ އެންމެން ގޮވައިގެން ލިޔާރާ ކާކޮޓަރިއާ ދިމާއަށް މިސްރާބުޖެހުމުންނެވެ. އަވަސް އަރުވައިލައިފައި އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް އަޒާން ވެސް ކާކޮޓަރިއަށް ވަނެވެ.

އެންމެން ހަމަވުމާއެކު ގޭތެރެ ހަލަބޮލިވެގެން ދިޔައެވެ. އުފާވެރި މާޙައުލެއްގައި އެންމެން އެކަކު އަނެކަކާ ވާހަކަދައްކަމުން ކެއުމާއިގެން ކުރިއަށް ދިޔައިރު، އަޒާން ދިޔައީ ސިއްރުސިއްރުން އިޝްޔާއަށް ބަލަމުންނެވެ. މަޑުމަޑުން އިނދެ ބަތްތަށި ސަމްސަލުން ހާވަމުންދިޔައިރު، އޭނާ އެއްވެސް ވަރަކަށް ކާން ބޭނުންނުވާކަން އެ މޫނުމަތިން ހެކިދެއެވެ. އެކަން ފާހަގަވެ ލިޔާރާ އިޝްޔާއަށް ކޮންމެވެސް އެއްޗެއް ކާލުމަށް ބާރުއެޅިއެވެ. ނަމަވެސް ބަނޑުހައި ނުވާކަމަށްބުނެ ހިނިތުންވުމަކުން އިޝްޔާ ފުއްދައިލީއެވެ. އެތަންފެނި އަޒާން އަށް ލިބުނީ ހައިރާންކަމެވެ. އެއީ އާދައިގެ ކަމެއް ނޫންކަމަށް އޭނާގެ ހަވަނަ ހިއްސު ބުނެލީ ކީއްވެކަމެއް ނޭނގެއެވެ. އިރުކޮޅެއްފަހުން، އިޝްޔާ ފެންބުއިމަށްޓަކައި ކައިރީގައި ހުރި ފެންތަށީގައި ހިފިވަގުތު، އެ ނާޒުކު އަތްތިލައިގައި އުފެދިފައިވާ މަޑު ތުރުތުރު އަޒާން އަށް ސާފުކޮށް ފެނުނެވެ. ނިތަށް ރޫތަށް ޖަމާވެލުމާއެކު ކެއުން މެދުކަނޑައިލަމުން އޭނާ އިޝްޔާއާ ކުޑަކޮށް ކައިރިއަށް ޖެހިލީ އެހެން މީހުނަށް ނުފެންނާނެ ހެންނެވެ.

"އިޝީ.. އޯކޭތަ؟ ބަލިހެން ހީވަނީ" ކަންބޮޑުވުން އަޒާންގެ އަޑުގައި އެކުލެވިފައިވިއެވެ.

"އާން، އަހަރެން އޯކޭ. ތީ ޒާން އަށް ހީވާ ގޮތް" ނިކަން އަވަހަށް އިޝްޔާ ބުނެލިއެވެ. " އެކަމަކު ބަލާ ބެލުމަށް އިޝީ އޯކޭހެނެއް ހިއެއް ނުވޭ" ވައިއަޑުން އަޒާން ބުނެލިއެވެ. އެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތަކުގެ އެއްވެސް ހިލަމެއް ނެތި، އެހެން އެންމެން އަމިއްލަ ވާހަކަތަކެއްގައި މަޝްއޫލުވެފައި ތިއްބެވެ.

"ކުޑަކޮށް ވަރުބަލިވެފަ މިހުރީ. ހީވަނީ ރޭގަ ވާރެއާ ތެމުނީމަ ރޯގާވައްތަރުވާން އުޅެނީހެން." ގަދަކަމުން ހިނިތުންވެލަމުން އިޝްޔާ ގާތުގައި އިން އަޒާންގެ މޫނަށް ބަލައިލިއެވެ. އޭރު ފަރުވާތެރިކަމާއެކު އިޝްޔާގެ ކޮންމެ ހަރަކާތަކަށް ބަލަހައްޓައިގެން އަޒާން އިނެވެ. އަޒާންގެ ހިތުގައި ބަޔާންކުރަންދަތި ނުތަނަވަސްކަމެއް އުފެދުނެވެ. އެއްޗެއް ނުބުނެ އޭނާ ބޯޖަހައިލި ނަމަވެސް އިޝްޔާއާ މެދުގައި އަޒާންވީ ކަންބޮޑުވެފައެވެ.

ކެއުމުން އަވަދިވުމާއެކު އެންމެން އައިސް ބޮޑުކޮޓަރީގައި ހުރި ސޯފާތަކުގައި ހަމަޖެހިގެން އިނށީދެލިއެވެ. އަދި ވަރަށް ފޯރިއާއެކު ކުރެވެން އުޅޭ ކައިވެނީގެ އެކި ކަންކަން މަޝްވަރާކުރަން ފެށިއެވެ. ކައިވެނިކުރާނެ ތާރީޚަކާއި، ޕާޓީ ބާއްވާނެ ތަނަކާމެދުގައި އެކި މީހުން ޚިޔާލު ބަދަލުކުރަމުން ދިޔައިރު، ހިމޭންވެފައި އިޝްޔާ އިނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު، އެބަ އަންނަންކަމަށް ބުނަމުން އިންތަނުން ތެދުވެ ބެލްކަންޏަށް ނުކުތުމަށް މިސްރާބުޖެހީ ތާޒާ ވައިކޮޅެއް ހޯދުމުގެ ނިޔަތުގައެވެ. ޖެހެމުންދިޔަ ފިނިފިނި ރޯޅިތައް އައިސް އިޝްޔާގެ މޫނުގައި ބީހިލުމާއެކު އޭނާއަށް ދެލޯމަރައިލެވުނީ ލިބުނު ހިތްހަމަޖެހުމަކުންނެވެ.

"އިޝީ.." ފަހަތުން އިވުނު އަޒާންގެ އަޑުން ސިހިފައި ދެލޯ ހުޅުވައިލަމުން އިޝްޔާ ބަލައިލިއެވެ. "އެތެރެ މާ އަޑުގަދަވީމަ ހިތަށް އެރީ އިރުކޮޅަކަށް ބޭރަށް ނުކުމެލާނީއޭ" ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެން އަޒާން ހުރީތީ އިޝްޔާ ބުނެލިއެވެ. ވަކި އެއްޗެއް ބުނުމެއްނެތި އަޒާން އިޝްޔާއާ ގާތަށް ޖެހިލީއެވެ. އިޝްޔާގެ މިލައިފައިވާ މޫނާއި ވަރުބަލިވެފައިވާ ދެލޯ ފާހަގަވުމާއެކު، އަޒާންގެ ހިތް ތެޅިލީ، އެ ހިތަށް ވެރިވެގެންއައި ނުތަނަވަސްކަމުންނެވެ. އެހިނދު އެއްވެސް ވިސްނުމަކާނުލައި އޭނާއަށް އިޝްޔާގެ އަތުގައި ހިފައިލެވުނެވެ. އެއާއެކު އަޒާން ހުއްޓުންއެރިއެވެ. އިޝްޔާގެ އަތްތިލަ ގަނޑުފެންކޮޅެއްހައި ފިންޏެވެ. "އިޝީ" ސީރިއަސް ރާގަކަށް އަޒާން ގޮވައިލިއެވެ. "ތެދުތެދަށް ތި ވެގެން އުޅޭ ގޮތެއް އަހަރެން ގާތު ބުނެބަލަ. އިޝީ ވަރަށް ބަލިފާޑު ޖަހަނީ. މީގެ ކުރިންވެސް އެހެން ހީވާތީވެ އަހަރެން އިޝީ ގާތުގަ ކިތައް ފަހަރު އެހިން. އެކަމަކު ކޮންމެ ފަހަރަކުވެސް އިޝީ ބުނަނީ ކަމެއް ނުވާކަމަށް."

"ކަމެއް ނުވަންޏާ އަހަރެން ބުނާނީ އެހެންނު. އަސްލުވެސް އަހަރެން އޯކޭއޭ. ރޭގަ ރަނގަޅަށް ނުނިދުނީމަ މާބޮޑަށް ވަރުބަލިވެފަ ހުންނަހެން ހީވަނީ. އަނެއްކާ ކުރިންވެސް ބުނިހެން ރޯގާވައްތަރުވާން އުޅޭހެން ހީވަނީ. އެހެންވެ މިއަދު ހަމަ އެއްވެސް ވަރަކަށް އެއްޗެއް ކާހިތްނުވެފަ މިހުރެވެނީ. އެހެންވެކަންނޭނގެ ޒާން އަށް މާބޮޑަށް ތިފާހަގަވީ. އޮފީހުގަ ވެސް ވަރަށް ބިޒީ ދުވަސްކޮޅެއްމީ. ހަށިގަނޑަށް ބޭނުންވާވަރަށް އަރާމު ނުލިބެންޏާވެސް ކިހާ ވަރުބަލިވާނެ ދޯ. ޕްލީޒް ކަންބޮޑު ނުވެބަލަ ޒާން. އަހަންނަކަށް ހަމަ އެއްވެސް ކަމެއް ނުވެއޭ" އަޒާންގެ އަތަށް ބާރުކޮށްލަމުން ހިނިތުންވެލައިފައި އިޝްޔާ ބުނެލިއެވެ. އެހެންނަމަވެސް، އިޝްޔާގެ ޖަވާބުން އަޒާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް އުފެދިގެން އައީ ކީއްވެ ކަމެއް ނޭނގެއެވެ.

 

(ނުނިމޭ)