މަޖިލީހުގެ ނައިބް ރައީސް ހުސްވި ހާލަތަށް ނަޒަރެއް، އިސްވެ ނަންކިޔޭ މޫނުތައް!
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށްފައިވާއިރު، އެ މަގާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކާ މެދު ސިޔާސީ މަޝްރަހުގައި ވަނީ ބަހުސް ބޮޑުވެފަ އެވެ.
ޕީއެންސީއަށް ސުޕާ މެޖޯރިޓީ އޮތް މަޖިލީހެއްގައި މި ބަދަލު އަންނައިރު، ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރާއި ރުހުން ލިބިގެން މި މަގާމަށް އައުން އެންމެ ކައިރީ ޕާޓީގެ އިސް ސަފުގައި ފާހަގަކޮށްލެވޭ ފަސް ބޭފުޅެކެވެ.
މިއީ މިހާރުގެ ސަރުކާރު ވެރިކަމަށް ގެނައުމަށާއި، ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިދިކޮޅުގައި އޮތްއިރު މަގުމަތީގެ ހަރަކާތްތަކާއި ސިޔާސީ ޕޯޑިއަމްތަކުގައި އެންމެ ވަރުގަދައަށް ވަކާލާތުކޮށް، ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރެއްވި ސިޔާސީ ގޮތުން ތަޖުރިބާކާރު މޫނުތަކެކެވެ.
މި މަގާމަށް އައުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހިމެނެ އެވެ. އޭނާއަކީ ޕީއެންސީގެ ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ ޕީޖީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރެވެ.
ނަވާރަ ވަނަ މަޖިލީހުގެ ގޮނޑި ނާކާމިޔާބުވުމުން މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރުކަން ވެސް ކުރެއްވި ޝުޖާއުއަކީ، ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުން ފެށިގެން އެމަނިކުފާނާ އެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި އަދި އިދިކޮޅު ހަރަކާތްތަކުގައި ޕާޓީ ސަލާމަތްކުރުމަށް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅެކެވެ.
ދެން މި މަގާމަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ މަހިބަދޫ ދާއިރާގެ ގޮނޑި 2013 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތް ގޮތުގައި ފުރައްވަމުން އަންނަ އަހްމަދު ތޯރިގް (ޓޮމް) އެވެ. މަޖިލީހުގެ ތިން ދައުރު ފުރިހަމަކުރައްވާފައިވާ ތޯރިގަކީ މި ފަސް ބޭފުޅުންގެ ތެރެއިން އެންމެ ތައުލީމީ އެއް ބޭފުޅާ އެވެ.
އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ތޯރިގަކީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑްގެ އިތުރުން އެފްއޭއެމްގެ މިހާރުގެ ރައީސް ވެސް މެ އެވެ. އޭނާ ވަނީ ޕީއެންސީ ވެރިކަމަށް ގެނައުމުގެ ކެމްޕޭނުގައި ހާއްސަކޮށް އަތޮޅުތެރޭގެ ސަރަހައްދުތަކުގައި ސިޔާސީ ގޮތުން ބޮޑެތި މަސައްކަތްތަކެއް ކުރައްވާފަ އެވެ.
މަޖިލީހުގެ ނައިބު ރައީސްކަމަށް ޝައުގުވެރިކަން ހުރި އަދި އެކަމަށް އަމަލީ ގޮތުން މަސައްކަތް ކުރައްވަމުންދާ އަނެއް ބޭފުޅަކީ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. މިއީ ފަލާހު މަޖިލީހުގައި ހޭދަކުރައްވާ ދެވަނަ ދައުރެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ޕީޕީއެމްއާ އަލުން ގުޅިވަޑައިގެން، ރައީސް މުއިއްޒު ވެރިކަމަށް ހޮވުމަށްޓަކައި އަތޮޅުތެރޭގެ ވޯޓުތައް ކާމިޔާބުކުރުމުގައި ފަލާހު މުހިންމު ދައުރެއް އަދާކުރެއްވި އެވެ. އޭނާއަކީ މިހާރު ރައީސް މުއިއްޒުގެ އެންމެ އަރިސް އަދި އިތުބާރު ބޮޑު އެއް މެންބަރެވެ.
މި ލިސްޓުގައި ހިމެނޭ އެންމެ ތަޖުރިބާކާރު މޫނަކީ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އޭނާއަކީ 2004 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތް ގޮތުގައި މަޖިލީހުގައި ފަސް ވަނަ ދައުރު ގުނަމުންދާ، އަދި ނިމިދިޔަ މަޖިލީހުގެ މައިނޯރިޓީ ލީޑަރެވެ.
ޕާޓީގެ މާލީ އަދި ސިޔާސީ ހުރިހާ ހަރަކާތްތަކެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި ސަލީމަކީ މިހާރު ވެސް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރުގެ އިތުރުން މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރެވެ.
މި ހަތަރު ބޭފުޅުންގެ އިތުރުން މި މަގާމަށް ދެން އެންމެ ބޮޑަށް އަޑުއިވޭ އަދި ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ އަނެއް ބޭފުޅަކީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.
އޭނާއަކީ ވެސް ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު ސަރުކާރު ބަދަލުކުރުމުގެ ރޫހުގައި ސާބިތުކަމާއެކު ހުންނަވައި، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އައްޑޫ ސިޓީގައާއި ގައުމީ ފެންވަރުގައި ސިޔާސީ ގޮތުން ވަރަށް ބުރަ އަދި ނަތީޖާ ނެރެދިން މަސައްކަތްތަކެއް ކުރެއްވި ހީވާގި މެންބަރެކެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އަންނާނެ ބޭފުޅަކު ކަނޑައެޅުމުގައި ރައީސް މުއިއްޒު ނިންމަވާ ގޮތެއް ވަރަށް އަވަހަށް ފެނިގެންދާނެ އެވެ.
Ads by MACL
