ޑައިމަންޑް ޖުބުލީ 2026: ޕާކިސްތާން - ބަންގްލަދޭޝް (މެޗް ޕްރިވިއު)
ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާލޭގައި ބާއްވާ "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް މިއަދު ފެށިގެންދާއިރު، ފުރަތަމަ ބައްދަލުކުރާނީ ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ދެ ބާރު ކަމަށްވާ ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާ ފޯރިގަދަ މެޗުންނެވެ.
މި މަހުގެ އެއްވަނަ ދުވަހުން 10 އަށް ކުރިއަށްދާ މި މުބާރާތަކީ ރާއްޖެ، ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްޣާނިސްތާން ވާދަކުރާ ހަތަރު ގައުމުގެ މުބާރާތެކެވެ.
ޕާކިސްތާން: ތަޖުރިބާކާރު ކުޅުންތެރިންނާއެކު އާ ފެށުމަކަށް
ޕާކިސްތާން ޓީމު މި މުބާރާތަށް ކުރިމަތިލަނީ ހެޑް ކޯޗު ނޮލްބާޓޯ ސޮލާނޯގެ އިރުޝާދުގެ ދަށުންނެވެ. 23 ކުޅުންތެރިންގެ ސްކޮޑުގައި ބޭރުގެ ލީގުތަކުގައި ކުޅޭ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. ޓީމުގެ ކެޕްޓަން އަބްދުﷲ އިގްބާލްގެ އިތުރުން އީސާ ސުލައިމާން، އާދިލް ނަބީ އަދި ގޯލްކީޕަރު ޔޫސުފް ބަޓް ފަދަ ކުޅުންތެރިންނަކީ ޓީމުގެ މައިބަދައެވެ.
ޕާކިސްތާނުގެ އަމާޒަކީ މި މުބާރާތުގެ ތެރެއިން އެގައުމުގެ ބައިނަލްއަގުވާމީ ނަތީޖާތައް ރަނގަޅުކޮށް، ކުރިއަށް އޮތް ސާފް މުބާރާތްތަކަށް ވަރުގަދަ ޓީމެއް ބިނާކުރުމެވެ. ސޮލާނޯގެ ޓީމުން ބޮޑަށް ބަރޯސާވާނީ ކުޅުންތެރިންގެ ޖިސްމާނީ ވަރުގަދަކަމަށާއި، ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ ތަޖުރިބާގެ މައްޗަށެވެ.
ބަންގްލަދޭޝް: ޒުވާން ޖޯޝާއެކު ކާމިޔާބީއަށް
ބަންގްލަދޭޝް އިން މި މުބާރާތަށް ފޮނުވާފައިވަނީ އެގައުމުގެ އޮލިމްޕިކް 23 އަހަރުން ދަށުގެ ސްކޮޑެވެ. މި ފަހަކަށް އައިސް ދެކުނު އޭޝިއާގެ ޒުވާން މުބާރާތްތަކުގައި ބަންގްލަދޭޝް ހޯދަމުންދާ ކާމިޔާބީތަކާއެކު، މި ޒުވާން ޓީމު އޮތީ ވަރަށް ބޮޑު އިތުބާރެއްގައެވެ. މިއީ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ހުނަރު ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
Ads by BMLބަންގްލަދޭޝްގެ ކުޅުން ބޮޑަށް ބިނާވެފައި އޮންނާނީ ބާރު ދުވެއްޔާއި، ކައުންޓަރ އެޓޭކްތަކުގެ މައްޗަށެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަކީ ފައިނަލަށް ދިއުމުގެ އުންމީދު ދަމަހައްޓަން އެޓީމަށް ކޮންމެހެންވެސް މުހިންމު މެޗެކެވެ.
ދެ ޓީމުގެ ކުރީގެ ކުރިމަތިލުންތައް
ޕާކިސްތާނާއި ބަންގްލަދޭޝާއި މެދުގައި މިހާތަނަށް ބޭއްވިފައިވާ ބައިނަލްއަގުވާމީ މެޗުތަކަށް ބަލާއިރު، ބަންގްލަދޭޝްއަށް ވަނީ މި ކުރިމަތިލުންތަކުން ކުޑަ ކުރިއެރުމެއް ލިބިފައިވެއެވެ. މި ދެ ޓީމު ބައްދަލުކުރި ޖުމްލަ މެޗުތަކުގެ ތެރެއިން ބަންގްލަދޭޝް 7 މެޗުން މޮޅުވެފައިވާއިރު، ޕާކިސްތާން މޮޅުވެފައިވަނީ 6 މެޗުންނެވެ. އަދި 4 މެޗު ވަނީ އެއްވަރުވެފައެވެ. ލަނޑުގެ ތަފާތަށް ބަލާއިރު ބަންގްލަދޭޝްއިން 17 ލަނޑު ޖަހާފައިވާއިރު، ޕާކިސްތާނަށް ޖެހިފައިވަނީ 10 ލަނޑެވެ.
އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި މެޗުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2011 ވަނަ އަހަރުން ފެށިގެން ކުޅުނު ގިނަ މެޗުތަކަކީ ވަރަށް ވާދަވެރި މެޗުތަކެކެވެ. ބަންގްލަދޭޝްގެ އެންމެ ބޮޑު ކާމިޔާބީއަކީ 2011 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފަޔަރގައި 3-0 އިން ޕާކިސްތާން ބަލިކުރުމެވެ. އަދި ޕާކިސްތާނުގެ އެންމެ ފަހުގެ ކާމިޔާބީއަކީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 2-1 އިން ބަންގްލަދޭޝް ބަލިކުރުމެވެ.
މި ދެ ޓީމުގެ މެދުގައި އެންމެ ފަހުން މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުއެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ބަންގްލަދޭޝްއެވެ. މި ތާރީޚީ ހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރާ މެޗަކީ ފޯރިގަދަ އަދި ވާދަވެރި މެޗަކަށް ވާނެކަމަށް ބެލެވެއެވެ.
މެޗުގެ މުހިންމު ކުރިމަތިލުންތައް
މި މެޗުގައި އެންމެ ބޮޑަށް ފާހަގަކުރެވޭނެ އެއް ކަމަކީ ޕާކިސްތާނުގެ ތަޖުރިބާކާރު ޑިފެންޑަރުންނާއި ބަންގްލަދޭޝްގެ ހަލުވި ޒުވާން ފޯވާޑުންގެ ކުރިމަތިލުމެވެ. ޕާކިސްތާނުން މެޗުގެ ކޮންޓްރޯލް ހޯދައި، ޑިފެންސް ވަރުގަދަކޮށްފިނަމަ އެޓީމަށް މެޗު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ބަންގްލަދޭޝްގެ ހަލުވި ހަމަލާތަކަކީ ޕާކިސްތާނުގެ ޑިފެންސަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ.
މި މުބާރާތުގައި ވާދަކުރަނީ އެންމެ ހަތަރު ޓީމު ކަމަށްވެފައި، ގްރޫޕްގެ ގަދަ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭތީ، ކޮންމެ ޕޮއިންޓަކީވެސް މުހިންމު ޕޮއިންޓެކެވެ. ލަފާކުރެވޭ ގޮތުގައި މިއީ ވަރަށް ވާދަވެރި މެޗަކަށް ވާނެއެވެ. ޕާކިސްތާނުގެ ތަޖުރިބާއަށް ބަލާއިރު އެޓީމަށް ކުޑަ ކުރިއެރުމެއް އޮތް ނަމަވެސް، ބަންގްލަދޭޝްގެ ޒުވާން ކުޅުންތެރިންގެ ހަކަތައަކީ މެޗުގެ ނަތީޖާ ކޮންމެ ފަރާތަކަށްވެސް އަނބުރާލަފާނެ ބާރެކެވެ.
Ads by MACL
