ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (ފަސްވަނަ ބައި)
ދެ އާއިލާގެ މަޝްވަރާތައް ނިމުނުއިރު، އަޒާން އާއި އިޝްޔާގެ ރަންކިޔުމުގެ ހަފުލާ ހަފްތާއެއް ފަހުން ބޭއްވުމަށް ހަމަޖެހުނެވެ.
އަދި އެކަން ކުރުމަށް އޯޝެން ކްރެސްޓް ގޭގެ ބޮޑުކޮޓަރި ހަމަޖެއްސުނީ އެތަނުގެ ޖާގަ ތަނަވަސްކަމާއިއެކު އާއިލާ މީހުން ފިޔަވައި އިތުރު ބަޔަކަށް އެ ހަފުލާއަށް ދައުވަތު ދޭން އޭގެން އެކަކުވެސް ބޭނުންނުވުމުންނެވެ.
އަދި ކައިވެނި އެއް މަސް ދުވަސް ފަހުން ކުރުމަށް ނިންމުނުއިރު، ވަރަށް ކުލަގަދަކޮށް އެކަން ކުރުމަށް ހިލްމީ އާއި ލިޔާރާ ބޭނުންވިއެވެ. އެމީހުންގެ އެދުމަށް ދެކޮޅު ހަދާނެހައި ހިތްވަރެއް ނެތީތީ ސުފްޔާން ވެސް ނިކަން ފަސޭހައިން އެކަމަށް އެއްބަސްވިއެވެ. ކައިވެނީގެ ހުރިހައި ޚަރަދެއް ވެސް ކުރަން އަޒާން ބޭނުންވީ އަމިއްލަ އަށެވެ.
Ads by BMLއޭނާގެ ހަޔާތުގައި އަންނާނެ އެންމެ ޚާއްސަ ދުވަސް އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އަޒާން ބޭނުންވީއެވެ. އެގޮތާ އިޝްޔާ އާއި އޭނާގެ އާއިލާ ވެސް ރުހުނެވެ. ކިތަންމެ ފޯރީގައި ކައިވެނީގެ ހުރިހައި މަޝްވަރާއެއް ނިމިގެންދިޔަ ނަމަވެސް އެކަމުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ސުފްޔާން އަށް އިހުސާސުނުވާ ފަދައެވެ. ނުތަނަވަސްކަމުން އޭނާގެ ހިތް ފުރިފައިވިއަސް އެކަން އެހެން މީހުންގެ ކުރިމަތީގައި ނުދައްކައިވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
ފެންވަރައިލައިގެން ނިދަން އޮށޯތް އިޝްޔާގެ މޫނުގައިވީ ވަރުބަލިކަމެވެ. އެ ކައިވެންޏާމެދު ކިތަންމެ އުފަލުން ހުރި ނަމަވެސް އިޝްޔާގެ ހިތުގައިވީ ބިރުވެރިކަމުން އެންމެ ތަންފުކެއް ވެސް ކުޑަނުވެއެވެ.
މުޅި ދުވަހު އެހެން މީހުން ކުރިމަތީގައި ދައްކަމުން އައި އަސްލެއްނެތް ހިނިތުންވުން، އެކަނިވުމާއެކު ހިނދުކޮޅެއްގެ ތެރޭގައި އެތުންފަތުން ފިލައިގެން ދިޔައެވެ. ފުންވިސްނުމަކަށް ގެއްލިފައި އޮތްއިރު އިޝްޔާގެ މޫނުގައިވީ މާޔޫސްކަމެވެ. ދެލޮލުގެ ކަނުން ފޭދިގެން އައި ކަރުނަތިއްކާއެކު އިޝްޔާއަށް ހިންދިރުވައިލެވުނީ އެވަގުތު ރޯން ބޭނުންނުވުމުންނެވެ.
އަޒާންއާ ދެމެދު ދެކެވުނު ވާހަކަތަކަށްފަހު އޭނާގެ ހާސްކަން އިތުރުވެފައިވިއެވެ. ހިތާހިތުން ހުރިހައި ކަމެއްވެސް ރަނގަޅަށް ދިއުމަށް އެދި އިޝްޔާއަށް ދުޢާ ކޮށްލެވުނެވެ. ވެފައިވި ވަރުބައްޔާއެކު އިޝްޔާއަށް ނިދޭކަށް މާގިނައިރެއް ނުނެގިއެވެ. ނިދެމުންދިޔައިރު ވެސް އޭނާގެ ސިކުނޑީގައިވީ އަޒާންގެ ޚިޔާލުތަކެވެ.
*****
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ގޭގެ ބިތްދޮށުގައި އޮތް މާބަގީޗާގައި ހުރި ސިމެންތި ބެންޗް ތަކުން ބެންޗެއްގައި އިނށީދެލައިގެން ފުން ވިސްނުމަކަށް ގެއްލިފައި ޒިވްރާ އިނެވެ. ޖެހެމުންދިޔަ ލުއިލުރި ރޯޅިތައް، ދޫކޮށްލައިފައިއޮތް އޭނާގެ ބުޅި އިސްތަށިގަނޑާ ކުދިކުދި ސަމާސާތައް ކުރަމުންދިޔައެވެ.
ވަށައިގެން ހައްދާފައިވާ އެކި ކުލަކުލައިގެ މާމެލާމެލީގެ ވަހުން މުޅި ފަޒާ ވަނީ އެއްވަސްވެފައެވެ. ނަމަވެސް އެއިން ކަމަކަށް ޒިވްރާގެ އެއްވެސް ސަމާލުކަމެއް ނެތެވެ. އޭނާ ސިހުނީ ފަހަތުން މީހަކު އޭނާއަށް ގޮވައިލި އަޑަށެވެ. ކުރަމުންދިޔަ ޚިޔާލުތައް ވިއްސިވިހާލިވެގެން ދިއުމާއެކު ފުންނޭވާއެއް ދޫކޮށްލަމުން ޒިވްރާ ފަސްއެނބުރި ބަލާލިއެވެ.
"ދަންވަރު ޑިއުޓީ ނިންމާފަ އައި ގޮތަށް ދޮންތި ނުވެސް ނިދަނީތަ؟" ޒިވްރާގެ ކައިރީ އައިސް ހުއްޓިލަމުން ޒައިހާ އަހައިލީ އޯގާތެރި ރާގަކަށެވެ. "ހޫމް، ނިދަން އުޅެ އުޅެ ނިދި ނައީމަ ހިތަށް އެރީ ބޭރަށް ނުކުމެލާނީއޭ" ޒައިހާ ދިއްކޮށްލި ސައި ތަށީގައި ހިފަމުން ޒިވްރާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
"ކޮންކަމަކާތަ ދޮންތި މާ ވަރަކަށް ތި ވިސްނަނީ؟ މަންމަ ގެ ކަންތަކާތަ؟" ޒިވްރާ ގާތުގައި އިނށީދެލަމުން ފުންނަޒަރަކުން އެ މޫނަށް ޒައިހާ ބަލައިލިއެވެ. ހިނދުކޮޅަކު ހިމޭނުން އިނުމަށްފަހު ޒިވްރާ ލަސްލަހުން ބޯޖަހައިލިއެވެ.
"ކީއްވެ؟ މަންމަ ވެސް އެ ދައްކަނީ މުޅިން ގޯސްވާހަކައެއް ނޫނެއްނު. ދޮންތި ވެސް ލައިފްއަކާ މެދު ވިސްނާ އުމުރަށް ގޮއްސަ ތިހުރީ. އެކަމަކު ދޮންތި އެކަހަލަ އެއްވެސް ކަމަކާ ނޫޅޭތީވެ ކަންނޭނގެ މަންމަ އެހާ ކަންތައްބޮޑުކޮށްލަނީ. ކުރިން ދުވަހު މަންމަ ކައިވެނީގެ ވާހަކަތައް ދެއްކީމަ ވެސް ދޮންތި ހިތްހަމަނުޖެހިގެން ދިޔައީ. ޒައި އަށް ވިސްނޭ ކީއްވެކަން. އެކަމަކު ޒައި ވެސް ބޭނުމެއްނޫން އުމުރު ދުވަސް ދޮންތި ތިގޮތަށް ހޭދަކޮށްލާކަށް. ޒައި ހީކުރީ އޭނައާ ދުރަށް އާދެވުނީމަ ދޮންތި ވެސް އެކަންމަތިން ހަނދާން ނެތޭނެކަމަށް. މޫވް އޮން ކުރާނެކަމަށް. މިހާރު ކިހާ ދުވަހެއް. ތިގޮތަށް މުޅި ދިރިއުޅުން ބޭކާރުކޮށްލުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެއްނު."
"އައްދޭ. ޒައި ވެސް ހާދަ ބޮޑުވެއްޖޭ ދޯ. މިހާރު ތިދައްކަނީ ބޮޑެތިމީހުން ދައްކާކަހަލަ ވާހަކަ" ޒައިހާގެ ވާހަކަތަކަށް ވަކި ޖަވާބެއް ދިނުމުގެ ބަދަލު ހިނިތުންވެލަމުން ޒިވްރާ އޭނާއާ ދިމާކޮށްލިއެވެ.
"ބަލަ އަހަރެންވެސް މިހާރު މީ ބޮޑު މީހެއް ނޫންތަ. އަހަންނަށް ވެސް މިހާރު 21 އިޔާރސް ވެއްޖޭ. އެހެންވީމަ ބޮޑެތި މީހުން ދައްކާ ކަހަލަ ވާހަކަ ދެއްކުމުގެ ލައިސަންސް ލިބޭނު" ޒައިހާ ވެސް ދެރަނުވާންވެގެން ބުނެލިއެވެ. އެއާއެކު ދެފަރާތަށް ބޯހޫރައިލަމުން ޒިވްރާ ހީލިއެވެ.
"ދެން ސީރިއަސްކޮށް ބުނެބަލަ. ދޮންތި ހަމަ މޫވް އޮން ނުކުރާންތަ ތި ހުންނަނީ؟ އުމުރު ދުވަސް އެ ހަނދާނުގަތަ ހޭދަކުރާނީ؟"
"އެހެންނެއް ނޫން. އޭގެ ފަހުން އަދި ދޮންތި ލައިކްވާ ކަހަލަ މީހަކާ ދިމާނުވަނީ. ގަޔާނުވާ މީހަކާއެކު ކިހިނެއް ދިރިއުޅުން ހޭދަކުރާނީ" ޚިޔާލަކަށް ގެއްލިފައި އިންފަދަ ގޮތަކަށް ޒިވްރާ ބުނެލިއެވެ.
"ގަޔާވާކަމެއް ވެސް އެނގޭނީ އެ ފުރުސަތު އެހެންމީހަކަށް ދިނީމައެއްނު" ޒިވްރާގެ ކޮނޑުގައި އެލިގަންނަމުންކަހަލަ ގޮތަކަށް ހެވިފައި ޒައިހާ ބުނެލިއެވެ. "ހޫމް، ތިކަމާ ވިސްނާނަން" ޒައިހާގެ ބޮލުގައި، ބޮލުގެ އަރިމަތިން ކުޑަކޮށް ޖަހައިލަމުން ޒިވްރާ ބުންޏެވެ.
"ބައި ދި ވޭ، ވެއަރ އިޒް ހީ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޒައިހާ އަހައިލީ ޖެހިލުންވެފައި އިނދެއެވެ. ބުނެވޭ އެންމެ އެއްޗަކުންވެސް ޒިވްރާގެ ހަމަޖެހުން ގެއްލިދާނެތީ އޭނާ ބިރުގަނެއެވެ.
"ހީ.. ހީ އިޒް.. ގެޓިންގް.. މެރީޑް" ހިތިގޮތަކަށް ޒިވްރާ ބުނެލިއެވެ. އެއަޑުގައިވި މަޑު ތުރުތުރާއި ހިތްދަތިކަން ޒައިހާއަކަށް ސިއްރެއް ނުވިއެވެ. ލަސްލަހުން ޒިވްރާއާ ދުރުވެލުމަށްފަހު އެ މޫނަށް ޒައިހާ ބަލައިލީ ޤަބޫލުނުކުރެވިފައި އިނދެއެވެ. "ވަޓް.. ކޮންއިރަކު؟" ހައިރާންވެފައި ޒައިހާ އަހައިލިއެވެ. "މަންތެއް ފަހުން" ހިންދިރުވައިލަމުން ޒިވްރާ ބުނެލިއެވެ. "ދޮންތި.. ދަންތަ ވެޑިންގް އަށް؟" އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ޒިވްރާގެ އަތްތިލައިގައި ހިފައިލަމުން ޒައިހާ އަހައިލިއެވެ. "ނޭނގެ" އިސްޖަހައިލި ޒިވްރާގެ ދެލޮލުގައި ކަރުނަތައް ބޮނޑިވެގަތީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އެކަމާ ކިތަންމެ ނުވިސްނަން އުޅުނަސް އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެކަނިވާ ކޮންމެ ވަގުތަކު އެފަދަ ކޫސަނި ޚިޔާލުތަކުން އޭނާގެ ހިތް ދިޔައީ ޒަޚަމް ވަމުންނެވެ. ހަޔާތުގައި ވެސް އެންމެ ލޯބިވި އިންސާނާ އެހެން މީހެއްގެ ހައްޤަކަށް ވާތަން ބަލަން ކެތްވާނީ ކާކަށް ހެއްޔެވެ؟ އެހެންނަމަވެސް އޭނާ އައީ އޭނާ އަށް ކެތްތެރިވެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްތެރިވަމުންނެވެ.
މަޑު ގިސްލުމެއްގެ އަޑު ޒިވްރާގެ ތުންފަތް ފޫއަޅުވައިލުމަށްފަހު ނުކުތުމާއެކު ޒައިހާއަށް ބޭއިޚުތިޔާރުގައި އޭނާގެ ދޮންތަގެ ގައިގައި ބާރަށް ބައްދައިލެވުނެވެ. "ހޫޝް.. ދޮންތި ރޯތަން ފެނުނީމަ ޒައި ވަރަށް ދެރަވޭ. ދޮންތި އެއްނު އަބަދުވެސް ބުނަނީ ކޮންމެ ކަމެއްގަވެސް ކޮންމެވެސް ހެޔޮކަމެއް ވާނޭ. ވެދާނު މިކަމުގަވެސް ދޮންތިއަށްޓަކައި ކޮންމެވެސް ހެޔޮގޮތެއް ފޮރުވިފަވީކަމަށް. ޑޯންޓް ވޮރީ ދޮންތީ. އިރާދަކުރެއްވިއްޔާ ދޮންތި އަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ. އަހަރެން ދުޢާ ކުރާނަން. ދޮންތިދެކެ ވަރަށް ލޯބިވާ، ވަރަށް ކެއަރ ކުރާ މީހެއް ދޮންތިގެ ދިރިއުޅުމަށް އާދޭތޯ. މާތް ﷲ ދޮންތިގެ ތި ހިތާމަތަށް އަބަދަށް ފިއްލަވާތޯ. އަހަރެމެންގެ ރޭވުމަށްވުރެ އެކަލާނގެ ރޭއްވެވުން މާ ފުރިހަމައެއްނު. ސޯ ޓްރަސްޓް ހިމް ދޮންތީ" ނުހަނު ލޯބިން ޒިވްރާގެ ގައިގައި ފިރުމަމުން ޒައިހާ އޭނާ އަށް ހިތްވަރުދެމުންދިޔައެވެ. އެތައް އިރަކު އެގޮތުގައި ޒައިހާ އިނެވެ. އޭނާގެ ދޮންތައަށްޓަކައި ކޮންދެންޖެހޭ އެއްވެސް ކަމެއް ޒައިހާއަށް ބުރަކަމަކަށް ނުވާނެއެވެ. އެ ދޮންތައަށްޓަކައި އޭނާގެ ހިތުގައިވީ ފުން ލޯބި އެކަމުން އެކަނިވެސް ހާމަވެއެވެ. ޒައިހާފަދަ ކޮއްކޮއެއް ލިބޭނީ ނަސީބުވެރިއަކަށްކަން ގައިމެވެ.
*****
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް، އިޝްޔާ ރަންކިޔުމަށް ހަމަޖެހިފައިވާ ދުވަސް އައިސް ޖެހުނުއިރު އޭނާގެ ހިތްވީ އިންތިހާއަށް އަވަސްވެފައެވެ. އެ ހަފުލާއަށް ދިއުމަށް އިޝްޔާތައްޔާރުވަމުން ދިޔައިރު، އޭނާއަށް އެހީތެރިވުމަށް ސެލޫން އަކުން ކުއްޖަކު އައިސް ހުއްޓެވެ. އިޝްޔާގެ ކަޅުކަންގަދަ އިސްތަށިގަނޑު ރީތި ގޮތަކަށް ހުޅިއެއް ޖަހައިލައިފައި ހުރިއިރު، ކޮށްފައިވާ ލުއި މޭކަޕު އޭނާއާ ނުހަނު ގުޅެއެވެ. މޫނުމައްޗަށް ދެފަރާތުން ވައްޓާލައިފައި އޮތް ކުޑަ އިސްތަށިކޮޅުގެ ސަބަބުން އެ މޫނަށް ވެރިވެފައިވީ ހިތްގައިމު އަސަރެކެވެ.
ލައިގެން ހުރި "ބްލަޝް ޕިންކް" ކުލައިގެ ދިގު ހެދުމުގެ ފަސްބައި ތަށިމުށިތައް މައްޗަށް ފެތުރިފައި އޮތެވެ. ހެދުމުގެ މަތީބައި ހަމަ އެކުލައިގެ މައުތަކެއް ހުރި ތުނި ލޭސް ފޮއްޗަކުން ފަރުމާކޮށްފައިވީއިރު، ހެދުމުގެ އަތް ހުރީ އުޅަނބޮއްޓާއި ހަމައަށް ކުރުކޮށެވެ. އަތި ވައަތް ފަރާތު ކޮނޑުގައި ރީތިގޮތަކަށް ހަރުކޮށްފައިވާ "ބޯ ޓައީ" ގެ ސަބަބުން ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އިޝްޔާގެ އުނަގަނޑާ ހަމައަށް ހެދުން ހިފައިލައިފައި ހުރިއިރު، އެ ހެދުމުގެ ތިރީބައި ހުރީ ހިތްގައިމު ގޮތަކަށް ދޫކޮށްލައިފައިވެއެވެ. އެ ހެދުމުގައި އިޝްޔާ ފެންނަލެއް ކިތަންމެހައި ވެސް ފުރިހަމައެވެ.
އިޝްޔާ ތައްޔާރުކޮށް ނިމުމުން، އަމިއްލަ މަސައްކަތާމެދު ނުހަނު ހިތްހަމަޖެހިފައި ހުރެ ސެލޫން އިން އައިސް ހުރި ކުއްޖާ އެ ކޮޓަރިން ނުކުތެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއާ އެކު ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ނަޒަރު ހުއްޓައިލައިގެން އިޝްޔާއަށް އިނދެވުނީ ގުޑިލަންވެސް ނުކެރިފައެވެ. އެހެންނަމަވެސް ކޮޓަރީގެ ދޮރު ކައިރިން އިވުނު ޔުމްނާގެ އަޑާއެކު އިންތަނުން ތެދުވަން އޭނާ އަށް މަޖުބޫރުވީއެވެ. ދެއަތުން ހެދުމުގެ ދެފަރާތުގައި ހިފަހައްޓައިލަމުން ފަހުފަހަރަށް ލޯގަނޑަށް ބަލައިލުމަށްފަހު ކޮޓަރިން ނުކުތުމަށް އިޝްޔާ ހިނގައިގަތެވެ.
އޯޝަން ކްރެސްޓް ގޭގެ ބޮޑުކޮޓަރިތެރެވީ މިރޭގައި ބާއްވަން ހަމަޖެހިފައިވާ ޚާއްސާ ހަފްލާއަށް ނުހަނު ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ދެފަރާތުގެ އާއިލާ އަށް ހަމަޖެހިގެން އިނށީދެވޭނެހެން ސޯފާތައް އަތުރާލައިފައި ހުރިއިރު، މެދުގައި ހުރި ބިއްލޫރި ވަށް މޭޒުމަތި ވަނީ ހުދު ފޮތިގަނޑަކުން ނިވާކޮށް މަޑު ފިޔާތޮށްޓާއި އަޅި ކުލައިގެ މައު ތަކުން ޖަރީކޮށްފައެވެ. ތަނަވަސް ބޮޑުކޮޓަރީގެ އެތަން މިތަންވެސް ހަމަ އެކުލައިގެ މަލުން ޒީނަތްތެރި ކޮށްފައި ހުއްޓެވެ.
އެތެރަށް ވަތް އިޝްޔާ ފެނުމާއެކު އިންތަނުން އަޒާން އަށް ތެދުވެވުނު ގޮތް ވެސް ނޭނގުނެވެ. މަޑު އަޅި ކުލައިގެ ސޫޓްގެ ދަށުން ހުދު ކުލައިގެ ގަމީހެއް ލައިފައި ހުރިއިރު، އަޒާންގެ ފިރިހެންވަންތަކަން ވެސް އެތައް ގުނައެއް އިތުރުވެފައިވާ ކަހަލައެވެ. ހިނިތުންވެފައި ހުރެ އޭނާއާ ދިމާއަށް ފަރި ހިނގުމެއްގައި އައި އިޝްޔާގެ ފުރިހަމަކަމަށް ހިތާހިތުން އަޒާން އަށް ތަޢުރީފުކޮށްލެވުނެވެ. ގާތުގައި ހުއްޓުނު އިޝްޔާގެ މަޑު ކަފަކޮޅެއްފަދަ އަތްތިލައިގައި ހިފައިލަމުން އެ އަތަށް ފިތައިލިއިރު، އަޒާންގެ ހިތްވެސްވީ އަވަސްވެފައެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް ނިމުން އަންނަނީކަން އެނގި އަޒާންގެ ހިތްވީ އުފަލުން ފުރިފައެވެ. އަޒާންގެ މޫނުމަތިން ފައުޅުވަމުންދިޔަ އުފާވެރިކަމުން އިޝްޔާ ކޮންމެވެސް ވަރަކަށް ޖެހިލުންވާގޮތް ވިއެވެ. އެހެނަސް އެ އަސަރުތައް ފޮރުވައިލަމުން އޭނާ ވެސް އަޒާންގެ އަތްތިލައަށް މަޑުމަޑުން ފިތައިލިއެވެ.
ރަންކިޔުމުގެ ކަންތައް ނިމުމާއެކު އެ ހަފުލާއަށް ހާޟިރުވެތިބި މީހުނަށްޓަކައި ތައްޔާރުކޮށްފައިވާ ކުޑަ ސަޔަކަށް އެންމެނަށް ދައުވަތު ދެވުނެވެ. ބޮޑު ކޮޓަރީގެ އެކި ހިސާބުތަކުގައި މީހުން ހުއްޓިލައިގެން އަމިއްލަ ވާހަކަތަކެއްގައި މަޝްއޫލުވެފައި ތިބިއިރު އެ މާހައުލުގައިވީ އުފާވެރިކަމެވެ.
ސޯފާގެ މެދުގައި އިނށީދެލައިގެން އިޝްޔާ އިންއިރު، ހަށިގަނޑަށް ވެރިވަމުންދިޔަ ވަރުބަލިކަމުގެ އަސަރުތައް ފޮރުވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ދެލޯމައްޗަށް އަނދިރިވާހެން ހީވުމާއެކު އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން އިޝްޔާއަށް މުށްކަވައިލެވުނެވެ. އެހެނަސް އޭނާއަށް ވަމުންދިޔަ އުނދަގޫތަކުން ކުޑަވެސް ލުއިކަމެއް ނުލިބުނެވެ. ގާތުގައި ހިނިއައިސްފައި އިނދެ ކޮންމެވެސް މީހަކާ ވާހަކަދައްކަމުންދިޔަ އަޒާންގެ މޫނަށް އިޝްޔާއަށް ބަލައިލެވުނީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ. ހިތްވަރުކޮށްފައި އިސްޖަހައިލަމުން އިޝްޔާ ތުންފަތުގައި ދަތްއަޅައިލިއެވެ. ފުންނޭވާތަކެއް ލެވެމުންދިޔައިރު، އޭނާއަށް އެކަން އިހުސާސުވެސްނުވާ ކަހަލައެވެ. ވަށައިގެންވި މަންޒަރު ފުސްވުމާއެކު، އޭނާގެ ހަށިގަނޑުން ވަރުދޫވަމުންދާފަދަ އިހުސާސެއް ކުރެވެމުންދިޔައެވެ.
"އިޝީ.. އާރ ޔޫ އޯކޭ..؟ އިޝީ.. އިޝީ.." ގާތުގައި އިނދެގެން އަޒާން އިޝްޔާގެ ނަމުން ގޮވަމުންދިޔަ ނަމަވެސް، އެ އަޑު އިޝްޔާއަށް އިވެމުންދިޔައީ ދުރުންއިވޭ ފަނޑު އަޑެއް ފަދައިންނެވެ. "އިޝީ.. އިޝްޔާ.." އަޒާން ތަކުރާރުކޮށް ގޮވަމުންދިޔައިރު، އޭނާގެ އަޑުގައިވީ ބިރުވެރިކަމާއި ހާސްކަން އެކުލެވިފައެވެ. އިޝްޔާއަށް އެއަޑު އިވުނު ނަމަވެސް، އެ ދެމެދުގައި އެތައް މޭލެއްގެ ދުރުމިން ހުރިހެން އޭނާއަށް އިހުސާސުވަމުން ދިޔައެވެ. މެރެމުންދިޔަ ލޯ ހުޅުވޭތޯ ކުރަމުންދިޔަ ހިތްވަރާއެކުވެސް، ސިކުނޑިއަށް ވެރިވެފައިވާ ފުސްކަމުގެ ސަބަބުން އޭނާއަށް އެކަންވީ ދަތިކަމަކަށެވެ. އެންމެފަހުން އިޝްޔާ ކުރަމުންދިޔަ މަސައްކަތް ބޭކާރުވެ، އަނބުރައިގަނެގެން އޭނާ ވެއްޓެން ދިޔައެވެ. އެހިނދު އިޝްޔާގެ ނަމުން ގޮވައިލި އަޒާންގެ އަޑުން މުޅި މާހައުލު ގުގުމައިގަތެވެ.
(ނުނިމޭ)
Ads by MACL
