ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ކުރިމަތިލީ ޕާޓީގެ ޗެއާޕާސަނަކަށް، ދައްކަވަނީ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުގެ ވާހަކަ!

ކުރީގެ ރައީސް ނަޝީދު ދެ އަހަރު ފަހުން އެމްޑީޕީގެ ޕޯޑިއަމްގައި --- ފޮޓޯ: ޖީލު އޭއައި އެޑިޓަރ
ކުރީގެ ރައީސް ނަޝީދު ދެ އަހަރު ފަހުން އެމްޑީޕީގެ ޕޯޑިއަމްގައި --- ފޮޓޯ: ޖީލު އޭއައި އެޑިޓަރ

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަށެވެ. މި މަގާމަށް ކުރިމަތިލައްވައިގެން އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތަކާއެކު ސިޔާސީ މަސްރަޙުގައި ވަނީ އާ ބަހުސެއް ފެށިފައެވެ. އެއީ ޕާޓީގެ އިދާރީ އެންމެ އިސް މަގާމަށް ކުރިމަތިލައްވައިގެން ހުންނަވައި، އެމަނިކުފާނު ދައްކަވަމުންދާ ވާހަކަފުޅުތަކާއި ވެވަޑައިގަންނަވާ ވަައުދުތައް ހުރީ ޕާޓީގެ ހިންގުމަށްވުރެ ބޮޑަށް، ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް އަމާޒުވެފައި ހުރުމުންނެވެ.

ކުޅުދުއްފުށީ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވެސް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ގައުމުގެ ދަރަނި އަދާކޮށް ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި ކަމަށެވެ. އާންމުގޮތެއްގައި ޕާޓީއެއްގެ ޗެއާޕާސަންގެ ޒިންމާއަކީ ޕާޓީ އިދާރީގޮތުން ހިންގުމާއި، ގޮފިތައް އާލާކުރުމާއި، މެންބަރުން އިތުރުކުރުން ކަމަށްވާއިރު، ނަޝީދުގެ ޝިއާރުތައް ހުރީ މުޅި ގައުމުގެ އިގްތިސާދު ބަދަލުކޮށްލުމުގެ މާ ބޮޑެތި ސިޔާސަތުތަކުގެ މައްޗަށެވެ. ގައުމަށް ދިމާވެފައިވާ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެވޭނީ އެމްޑީޕީގެ ތެރެއިން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ މުޅި ދައުލަތުގެ މާލީ ސިޔާސަތާ ގުޅޭ ފަދަ ވާހަކަފުޅުތަކެއް ތިލަކުރައްވާފައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކުން އެނގެނީ މިހާރު ކުރިއަށްދާ ޗެއާޕާސަން އިންތިޚާބަކީ ހަމައެކަނި ޕާޓީގެ މަގާމެއްގެ ރޭހެއް ނޫން ކަމާއި، އެއީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކޮށޭ މަގެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެ އަމާޒަށް ވާސިލްވުމަށްޓަކައި ޕާޓީއަށް 160,000 ވޯޓު ހޯދަންޖެހެއެވެ. މި ބަސްފުޅުތަކުން ދޭހަވަނީ ޗެއާޕާސަންގެ ގޮނޑިއަކީ ރިޔާސީ ޓިކެޓާ ހަމައަށް ދިއުމަށް ޖައްސަވާ ސިޔާސީ މަޅިއެއްގެ ގޮތުގައި އެމަނިކުފާނު ބޭނުންކުރައްވާ ކަމެވެ.

މީގެ އިތުރުން އެމަނިކުފާނަކީ ރައްޔިތުން އުފައްދާފައިވާ "އިންޖީނެއް" ކަމަށް ސިފަކުރައްވައި، ގައުމު ކުރިއަށް ގެންދިއުމުގެ ބާރަކަށް ވާން ބޭނުންވާކަން ހާމަކުރެއްވުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަމާޒު ހިފާފައިވާ މީހަކު ދައްކާނެ ފަދަ ވާހަކަތަކެކެވެ. އެމަނިކުފާނު ވަނީ ކެނަރީގޭގައި އޮތުމަށްވުރެ ގައުމުގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި މި ބުރަ މަސައްކަތް ކުރުން މާ މުހިންމު ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ވިސްނުމާއި ވާހަކަފުޅުތަކަށް ޕާޓީގެ އެތެރެއިންނާއި ބޭރުން ފާޑުކިޔުންތައް ވެސް ދަނީ އަމާޒުވަމުންނެވެ. އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ދެކޭގޮތުގައި ޕާޓީއާ ހަވާލުވާންޖެހޭނީ ހަމައެކަނި ޕާޓީ ހިންގުމަށް ހުސްވެގެން ހުންނާނެ ސިޔާސީ ބުރަދަނެއް ހުރި މީހެކެވެ. ނަޝީދުގެ މި ތަފާތު "ޕްރޮފައިލް" އާއި ގައުމީ ފެންވަރުގެ ވާހަކަތަކުގެ ސަބަބުން، މިއީ ހަމައެކަނި އެތެރޭގެ އިންތިޚާބެއްގެ ބަދަލުގައި މުޅި ރާއްޖޭގެ ސިޔާސީ މިސްރާބު ބަދަލުކޮށްލާނެ އިންތިޚާބަކަށް ވަނީ ވެފައެވެ.

ޖުމްލަގޮތެއްގައި ބަލާއިރު، ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވި ނަމަވެސް، އެމަނިކުފާނުގެ ކެމްޕޭންގެ ރޫހާއި ދައްކަވާ ވާހަކަފުޅުތައް ހުރީ ގައުމުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އެކަށޭނަ ފަދަ ބޮޑެތި ސިޔާސަތުތަކުގެ މައްޗަށެވެ. ގައުމުގެ ދަރަނި ހަމަ މަގަށް އެޅުވުމާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ސަލާމަތްކުރުމުގެ ވާހަކަތަކަކީ ޕާޓީގެ އިދާރީ މަގާމަކުން ކުރެވޭނެ ކަންކަމަށް ނުވިޔަސް، މިއީ 2028 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސީ ސްޓްރެޓެޖީއެއްކަން ސާފުވެއެވެ.