ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ސުވާލެއް؛ ހަމަ އަސްލަށް ވެސް ދަރަނި ދެއްކީތަ؟
ދިވެހިރާއްޖޭގެ ބޭރުގެ ދަރަނިތައް ބޮޑުވެ، ބޭރު ފައިސާގެ ރިޒާވް ދަށްވުމާ ގުޅިގެން ގައުމު 'ޑިފޯލްޓް' ވެދާނެކަމުގެ ބިރުވެރިކަމެއް ފާއިތުވީ ދުވަސްތަކުގައި އިދިކޮޅު ފަރާތްތަކުން ވަނީ އުފައްދާފައެވެ. ޚާއްސަކޮށް ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ މާލީ ހާލަތާ މެދު ނެރުނު ރިޕޯޓްތަކަށް ބުރަވެ، ސަރުކާރުގެ މާލީ މެނޭޖްމަންޓް ބަލިކަށިކަމަށް ބުނެ އިދިކޮޅުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރިއެވެ. މިގޮތުން 2024 ވަނަ އަހަރާއި 2025 ގެ ކުރީކޮޅު ރާއްޖޭގެ ބައިނަލްއަގުވާމީ ސުކޫކުގެ އަގު މާކެޓުގައި 65 ސެންޓަށް ވެއްޓުމާ ގުޅިގެން، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ނެތް ކަމަށް ދައްކަން އިދިކޮޅުން ބާރަށް ވަކާލާތު ކުރަމުންދިޔައެވެ.
މި ހާލަތުގެ ތެރެއިން ދަރަނި ދެއްކުމަށްޓަކައި ސަރުކާރުން ޓެކްސް ބޮޑުކުރުމާއި ޚަރަދު ކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުން، އޭގެ ސަބަބުން އާންމު ރައްޔިތުންނަށް އުފުލަންޖެހުނު ތަކްލީފްތަކަށް ބުރަވެ އިދިކޮޅުން ވަނީ ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާއަށް ފާޑުކިޔާފައެވެ. ބައެއް ބޭރުގެ ލޯނުތައް ދެއްކުން ފަސްކުރުމަށް ނުވަތަ ރީސްޓްރަކްޗަރ ކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކަކީ ހަގީގީ މާލީ ދެމެހެއްޓެނިވިކަމެއް ނޫން ކަމަށް ބުނެ، ދަރަނި ދެއްކުމަށް ބޭނުންކުރާ ފައިސާ ހޯދާ ގޮތާއި މާލީ ބާޒާރުން އަގުބޮޑުކޮށް ލޯނު ނަގާކަމަށް ބުނެ ސަރުކާރުގެ ހިސާބުތަކަށް އިދިކޮޅުން ސުވާލު އުފެއްދިއެވެ. މީގެ ސަބަބުން ސަރުކާރުން ހަގީގަތުގައިވެސް ދަރަނި ދައްކަމުންދާ ކަމަށް ގަބޫލުކުރަން އިދިކޮޅު ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ.
އިދިކޮޅު ފަރާތްތަކުން މިފަދަވާހަކަ ތަކެއް ފެތުރި ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުވެ، އެންމެ ބޮޑު ގޮންޖެހުމަކަށް ބެލެވުނު 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ފައިނަލް ކޫޕަން ޕޭމަންޓް ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ދައްކާ ޚަލާސްކޮށްފައެވެ. މި ފައިސާ ދެއްކުމަށްޓަކައި ސަރުކާރުން ސަވަރިން ޑިވެލޮޕްމަންޓް ފަންޑުން (އެސްޑީއެފް) އާއި ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވުން ބޮޑު ހޭދައެއް ކޮށްފައިވާއިރު، މިއީ ގައުމު ޑިފޯލްޓްވިޔަނުދީ ސަރުކާރުން ދަރަނި ދެއްކިކަމުގެ އެންމެ ސާފު ހެއްކެވެ.
މި ބޮޑު ދަރަނި ދައްކާ ނިންމުމާ ގުޅިގެން، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންގްސްއިން ވަނީ ރާއްޖޭގެ ރޭޓިން 'CC' އިން 'CCC-' އަށް މަތިކޮށްފައެވެ. ފިޗުން ހާމަކުރި ގޮތުގައި މި ބަދަލު ގެނައީ ރާއްޖެއިން ދަރަނި ނުދެއްކުމުގެ ބިރު (ޑީފޯލްޓް ރިސްކް) ކުޑަވުމާ ގުޅިގެންނެވެ. އަދި ސަރުކާރުން ފަށާފައިވާ ފިސްކަލް ރިފޯމްތަކާއި، ފޮރިން އެކްސްޗޭންޖް ގަވާއިދުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމަށް މަގުފަހިވާނެ ކަމަށްވެސް އެ އެޖެންސީން ފާހަގަކުރެއެވެ.
ފިޗުން ފާހަގަކުރި ގޮތުގައި ދަރަނި ދެއްކުމަށްޓަކައި އެސްޑީއެފް ފަންޑާއި ޔޫސަބަލް ރިޒާވްއިން ބޮޑު އެއްޗެއް ހޭދަކުރުމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އަދިވެސް ހުރީ ދަށް މިންވަރެއްގައެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ރާއްޖޭގެ ފިސްކަލް ޑެފިސިޓް ބޮޑުވުމުގެ ސަބަބުން އިގްތިސާދީ ނާޒުކުކަން އަދިވެސް ދެމިއޮތްކަން އެ އިދާރާއިން ފާހަގަކުރެއެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ސަރުކާރުން ދަރަނި ނުދައްކާ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށް ބައިނަލްއަގުވާމީ މާލީ ހިސާބުތަކުން ވަނީ ޖަވާބު ލިބިފައެވެ. އެހެންނަމަވެސް، ދަރަނި ދެއްކުމަށްފަހު ގައުމުގެ ރިޒާވް ކުޑަވުމާއި އިގްތިސާދީ ރިސްކުތައް ހުރުމަކީ، ކުރިއަށް އޮތް ތަނުގައިވެސް މާލީ ސިޔާސަތުތައް ހަރުދަނާކުރަން ސަރުކާރަށް މަޖުބޫރުވާނެ ކަމެކެވެ.
މި މާލީ ކާމިޔާބީއާ އެކުވެސް، އިދިކޮޅު ސިޔާސީ މައިދާނުން ދަނީ ސަރުކާރުގެ "ސިއްރު" އެއްބަސްވުންތަކަށް ތުހުމަތު ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ ދަރަނި ދެއްކުމަށް ބޭނުންކުރި ފައިސާގެ ހަގީގީ މަސްދަރުތައް ސަރުކާރުން ހާމަނުކުރާ ކަމަށާއި، މިކަމުގެ ސަބަބުން ގައުމުގެ މާލީ ދެފުށް ފެންނަ މިންވަރު ގެއްލިފައިވާ ކަމަށެވެ. ބޭރުގެ ބައެއް ގައުމުތަކުން ކުރު މުއްދަތުގެ ބޮޑެތި ލޯނުތައް ނަގައިގެން ބޭރުގެ ދަރަނިތައް ދެއްކުމަކީ ހަގީގަތުގައި ދަރަނި ދެއްކުން ނޫން ކަމަށާއި، އެއީ "ދަރަނި މަތިން ދަރަނި" ނެގުން ކަމަށް ބުނެ އިދިކޮޅުން ދަނީ ރައްޔިތުންގެ މެދުގައި ސުވާލު އުފައްދަމުންނެވެ.
އަނެއްކޮޅުން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަކާލާތު ކުރަނީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް އިގްތިސާދީ އެންމެ ބޮޑު އަނދަވަޅުން ގައުމު ސަލާމަތްކުރި ދަނޑިވަޅު ކަމަށެވެ. މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި ބޭރުގެ މާކެޓުތަކުން ރާއްޖޭގެ ސުކޫކުގެ އަގު އަލުން 90 ސެންޓަށްވުރެ މައްޗަށް އުފުލިގެން ދިއުމަކީ، ބޭރުގެ އިންވެސްޓަރުންނަށް ސަރުކާރުގެ މާލީ ސިޔާސަތުތަކަށް އޮތް އިތުބާރު ސައްތައިން ސައްތަ އިއާދަވެއްޖެ ކަމުގެ ސާފު ހެއްކެކެވެ. މީގެ އިތުރުން، ޓެކްސްގެ ނިޒާމަށް ގެނައި ބަދަލުތަކާއި ސަބްސިޑީތައް ރީފޯމްކުރުމުގެ ހިތި ފިޔަޅުތަކަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން އަޅަންޖެހުނު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ބުނެއެވެ.
އިގްތިސާދީ މާހިރުން ދެކޭގޮތުގައި، މި ބަހުސަކީ ހަމައެކަނި ސިޔާސީ ވާދަވެރިކަމެއް ނޫން ނަމަވެސް، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއިން ދައްކަންޖެހޭ ބޭރުގެ ބޮޑެތި ދަރަނިތަކަށް ބަލާއިރު އިގްތިސާދީ ރެޑް އެލާޓް މުޅިން ފިލައިގެން ނުދެއެވެ. ދަރަނި ދެއްކުމަށްފަހު ރިޒާވް އަލުން މަތިކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށް ހެދި އާ ގަވާއިދުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުން މިވަގުތަށް ވަރަށް މުހިންމެވެ. ސަރުކާރާއި އިދިކޮޅުގެ މި ހޫނު ބަހުސްގެ ތެރެއިން، ދިވެހި ރައްޔިތުން އެދެނީ ސިޔާސީ ކޯޅުންތަކަށްވުރެ ބޮޑަށް، ތަކެތީގެ އަގުތައް ހިފެހެއްޓި، ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅިގެންދިއުމެވެ.
Ads by MACL
