ވޯލްޑް ކަޕް 2026 ގްރޫޕް އޭ: މެކްސިކޯ، ސައުތް އެފްރިކާ، ސައުތް ކޮރެއާ، ޗެކް ރިޕަބްލިކް
މެކްސިކޯ: އަމިއްލަ ފަސްގަނޑުގައި ތަށި ނެގުމުގެ އުންމީދު
މުބާރާތް ބާއްވާ އެއް ގައުމުގެ ހައިސިއްޔަތުން މެކްސިކޯ މުބާރާތަށް ކުރިމަތިލަނީ މުޅި ގައުމު ފަޚުރުވެރުކުރުވާނެ ބޮޑު އުންމީދަކާ އެކުގައެވެ. މެކްސިކޯއަކީ ވޯލްޑް ކަޕްގެ ތަޖުރިބާ ހުރި ޓީމެކެވެ. ކޯޗު ހާވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން ނުކުންނަ މި ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި އުންމީދީ ޒުވާން ކުޅުންތެރިން ހިމެނެއެވެ.ޓީމުގެ މެދުތެރޭގައި ކެޕްޓަން އެޑްސަން އަލްވަރޭޒް މުހިންމު ދައުރެއް އަދާކުރާއިރު، ކުރިއަށް ކުޅޭ ސަންތިއާގޯ ގިމެނޭޒްއަކީ ލަނޑު ޖެހުމުގައި މޮޅު ކުޅުންތެރިއެކެވެ. މެކްސިކޯގެ ސަޕޯޓަރުންގެ ފޯރިއަކީ އެ ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ. މީގެ ކުރިން 1970 އަދި 1986 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްތަކުގައި ކުއާޓާ ފައިނަލާ ހަމައަށް އެ ޓީމު ދަތުރުކޮށްފައިވެއެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތުގައި އެޓީމަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ. މުބާރާތުން ކެޓީ ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި އޮވެގެންނެވެ.
ސައުތު އެފްރިކާ: ބަފާނާ ބަފާނާގެ އެނބުރި އައުން
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ސައުތު އެފްރިކާ ވޯލްޑް ކަޕަށް އެނބުރި އައުމަކީ އެފްރިކާ ބައްރުގެ ފުޓްބޯޅައަށް ލިބުނު އުފަލެކެވެ. ކޯޗު ހޫގޯ ބްރޫސްގެ އިރުޝާދުގެ ދަށުން އެ ޓީމަކީ މިހާރު ޑިސިޕްލިން ރަނގަޅު، ވާދަވެރި ޓީމެކެވެ. ސައުތު އެފްރިކާގެ ކުޅުންތެރިންގެ ފިޒިކަލީ ވަރުގަދަކަމާއި ހަލުވި ދުވެއްޔަކީ އިދިކޮޅު ޓީމުތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަކީ އެ ޓީމަށް ލިބޭނެ ތާރީޚީ ކާމިޔާބީއަކަށް ވާނެއެވެ.
ސައުތު އެފްރިކާ އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ 2010 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް މުބާރާތުގައެވެ. ނަމަވެސް މި މުބާރާތުން ވެސް އެޓީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ.
ސައުތު ކޮރެއާ: އޭޝިއާގެ ފަޚުރު
ސައުތު ކޮރެއާއަކީ އޭޝިއާ ބައްރުން ވޯލްޑް ކަޕްގައި އެންމެ ގަވާއިދުން ވާދަކުރާ އެއް ގައުމެވެ. ކޯޗު ހޮންގް މިޔުންގް-ބޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ދައްކަނީ ވަރަށް ވަރުގަދަ، އަދި ޓެކްޓިކަލް ގޮތުން ރޭވުންތެރި ކުޅުމެކެވެ. 2002 ވަނަ އަހަރުގައި އަމިއްލަ ގައުމުގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ކޮރެއާގެ މައިގަނޑު އަމާޒަކީ މިފަހަރުވެސް ގްރޫޕް ސްޓޭޖުން ކުރި ހޯދައި، މުބާރާތުގެ ފަހު ބުރުތަކާ ހަމައަށް ދަތުރުކުރުމެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގައި ކޮރެއާއިން ވަނީ ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން މުބާރާތުގެ ގަދަ 16 ވަނަ ބުރަށް އެޓީމު ދަތުރުކުރިއެވެ. ހަދަ 16 ވަނަ ބުރަށް ކޮރެއާ ދަތުރުކުރީ ވަރުގަދަ ޕޯޗުގަލް ވެސް ބަލިކޮށްފައެވެ. ނަމަވެސް ގަދަ 16 އިން އެޓީމު ވަނީ ބްރެޒިލް އަތުން ބަލިވެގެން މުބާރާތުން ކަޓާފައެވެ.
ޗެކް ރިޕަބްލިކް: ޔޫރަޕްގެ ތަޖުރިބާކާރު ޓީމެއް
ޗެކް ރިޕަބްލިކަކީ ފުޓްބޯޅައިގެ މުއްސަނދި ތާރީޚެއް އޮތް ގައުމެކެވެ. ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ކުޅޭ ހުނަރުވެރި ކުޅުންތެރިން އެ ޓީމުގައި ހިމެނެއެވެ. ޓެކްޓިކަލް ގޮތުން ވިސްނުންތެރި ކުޅުމެއް ކުޅޭ މި ޓީމަކީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން ހުރި ޓީމެކެވެ. މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ނުހިމެނުނަސް، ޗެކް ރިޕަބްލިކަކީ ގްރޫޕް އޭގެ އެހެން ޓީމުތަކަށް ބޮޑު ބިރަކަށް ވާނެއެވެ.
މިފަހަރުގެ މުބާރާތަށް އެޓީމު ކޮލިފައިވީ 20 އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ. އުމުރުން 74 އަހަރުގެ ތަޖުރިބާކާރު މީރޮސްލާވް ކޫބެކްގެ އިރުޝާދުގެ ދަށުން ޗެކް ރިޕަބްލިކް ކުޅެމުން އަންނީ މޮޅު ކުޅުމެކެވެ. އެޓީމުން ކުޅެނީ ފިޒިކަލީ ވަރުގަދަ ކައުންޓަރ އެޓޭކިންގް ފުޓްބޯޅައެކެވެ. ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ފޯވާޑް ޕެޓްރިކް ޝިކް، މިޑްފީލްޑަރު ތޯމަސް ސޫޗެކް، އަދި ޒުވާން ފޯވާޑް އެޑަމް ހްލޮޒެކް ހިމެނެއެވެ.
ޗެކް ރިޕަބްލިކް އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރުއެވެ. އެފަހަރު އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ޗެކް ރިޕަބްލިކް ވަނީ 1934 އަދި 1962 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، ގްރޫޕް އޭ އަކީ ހުރިހާ ބައްރެއްގެ ތަފާތު ކުޅުންތައް އެއްތަނަކުން ފެނިގެންދާނެ ގްރޫޕެކެވެ. މެކްސިކޯގެ ހޯމް އެޑްވާންޓޭޖާއި، ސައުތު އެފްރިކާގެ ހަލުވި ކުޅުމާއި، ސައުތު ކޮރެއާގެ ރޭވުންތެރިކަމާއި، ޗެކް ރިޕަބްލިކްގެ ތަޖުރިބާ އެކުވެގެންދާއިރު، މި ގްރޫޕުން ދެވަނަ ބުރަށް ދާނެ ޓީމަކާއި މެދު ސުވާލު އުފެދެއެވެ. އެއީ މި ގުރޫޕުގެ ހުރިހާ ޓީމަކީ ވެސް ތަފާތު މޮޅު ކުޅުމެއް ކުޅޭ ޓީމުތަކަކަށް ވުމުންނެވެ.
Ads by MACL
