ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ވޯލްޑް ކަޕް 2026 ގުރޫޕް ބީ: ކެނެޑާ، ބޮސްނިއާ، ގަތަރު، ސްވިޒަލޭންޑް.

ވޯލްޑް ކަޕް 2026 ގުރޫޕް ބީ: ކެނެޑާ، ބޮސްނިއާ، ގަތަރު، ސްވިޒަލޭންޑް.

މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭނެ މުބާރާތެކެވެ. އަލަށް 48 ޓީމާއި އެކު އެމެރިކާ ކެނެޑާ އަދި މެކްސިކޯގައި ކުޅޭ މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ ތަފާތު ބައްރުތަކަށް ނިސްބަތްވާ، ފުޓްބޯޅައިގެ ތަފާތު ފަލްސަފާތަކެއް ގެންގުޅޭ ހަތަރު ގައުމެކެވެ. އެއީ ކެނެޑާ، ބޮސްނިއާ އެންޑް ހެރްޒެގޮވީނާ، ގަތަރު އަދި ސުވިޒަލޭންޑެވެ.

ކެނެޑާ: އަމިއްލަ ފަސްގަނޑުގައި ތާރީޚު ބަދަލުކޮށްލާނެ




މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމުގެ ހައިސިއްޔަތުން ކެނެޑާ އޮތީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ތާރީޚީ ނަތީޖާއެއް ހޯދުމުގެ އަޒުމުގައެވެ. ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން އެ ޓީމު ފެންނަނީ ވަރަށް ހަލުވި އަދި ހުނަރުވެރި ޓީމެއްގެ ގޮތުގައެވެ. ކެނެޑާގެ އެންމެ މުހިންމު އަމާޒަކީ މުބާރާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ނޮކްއައުޓް ބުރަށް ދަތުރުކުރުމެވެ.

ކެނެޑާ އިން މިހާތަނަށް ވާދަކޮށްފައިވަނީ އެންމެ ދެ ވޯލްޑް ކަޕުގައެވެ. އެއީ 1986 އަދި 2022 ވަނަ އަހަރެވެ. 1986 ވަނަ އަހަރު އެއްވެސް ލަނޑެއް ނުޖެހި މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، 2022 ވަނަ އަހަރު އަލްފޮންސޯ ޑޭވީސް ވަނީ އެ ގައުމުގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑު ކާމިޔާބުކޮށްދީ އާ އުންމީދެއް ހޯދައިދީފައެވެ.

މިފަހަރުގެ ޓީމުގައި ދުނިޔޭގެ ފެންވަރުގެ ތަރިން ކަމަށްވާ އަލްފޮންސޯ ޑޭވީސް، ޖޮނަތަން ޑޭވިޑް އަދި ސްޓެފަން އެސްޓާކިއޯ ފަދަ ކުޅުންތެރިން ހިމެނެއެވެ. ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރިން ތިބުމާއި އަމިއްލަ ފަސްގަނޑުގައި ކުޅެން ލިބުމަކީ ލިބޭ ބޮޑު ހިތްވަރެކެވެ. ނަމަވެސް ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާ މަދުވުމާއި ދިފާއީ ގޮތުން ހުރި ބަލިކަށިކަމަކީ އެ ޓީމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކެކެވެ. ނަމަވެސް އަމިއްލަ ފަސްގަނޑުގައި ބާއްވާ މި މުބާރާތުގައި ކެންޑާ ތަފާތު ދައްކާނެ ކަމަށް ބެލެވެއެވެ.




ބޮސްނިއާ އެންޑް ހެރްޒެގޮވީނާ: ދެވަނަ ފަހަރަށް ވޯލްޑް ކަޕަށް


ބޮސްނިއާ އެންޑް ހެރްޒެގޮވީނާއަކީ ފުޓުބޯޅައަށް ބޮޑު ލޯތްބެއް އޮންނަ ގައުމެކެވެ. އެ ގައުމުގެ ފުޓުބޯޅަ ތާރީޚުގައި މިހާތަނަށް ވާދަކޮށްފައިވަނީ އެންމެ ވޯލްޑް ކަޕެއްގައެވެ. އެއީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު މުބާރާތެވެ. އެ މުބާރާތުގައި އީރާނު އަތުން 3-1 އިން މޮޅުވެ، އެ ގައުމުން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.

ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ރަން ޖީލުގެ ކުޅުންތެރިން ރިޓަޔަރ ކުރުމާއި ކޯޗުންނަށް އައި ބަދަލުތަކުގެ ސަބަބުން ބޮޑެތި މުބާރާތްތަކަށް ކޮލިފައިވުމުގައި އެ ގައުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް މިހާރު ކޯޗު ސާޖެއި ބާބަރޭޒްގެ ބެލުމުގެ ދަށުން ޓީމު ވަނީ ވަރަށް ބޮޑަށް ތަރުތީބުވެ، ފެންވަރު ރަނގަޅުކޮށްފައެވެ.

މިހާރުގެ ޓީމު ބިނާވެފައިވަނީ އެޑިން ޒެކޯ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއި އަމާރު ޑެޑިޗް ފަދަ ޒުވާން ހުނަރުވެރި ކުޅުންތެރިންގެ މައްޗަށެވެ. ޓީމުގެ ފިޒިކަލީ ވަރުގަދަކަމާއި ހުނަރަކީ އިދިކޮޅު ޓީމުތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.. ނަމަވެސް މިފަހަރުގެ މުބާރާތަށް ބަލާއިރު، ބޮސްނިއާގެ އެންމެ ފުރަތަމަ އަމާޒަކީ ދެވަނަ ބުރު ޔަގީންކުރުމެވެ.

ގަތަރު: ދެވަނަ މުބާރާތުން ކުރިއެރުންތައް ހޯދުމުގެ އަޒުމުގަ


ޤަޠަރަކީ މިހާރު އޭޝިއާގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ އެއް ޤައުމެވެ. 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވި ޤައުމުގެ ގޮތުގައި ތާރީޚީ ދަތުރެއް ފެށި ނަމަވެސް، އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ބަލިވުމަކީ އެ ޤައުމަށް ކުރިމަތިވި ގޮންޖެހުމެކެވެ. ނަމަވެސް، ފާއިތުވި ދިހަ އަހަރަކީ ޤަޠަރުގެ ފުޓުބޯޅަ ތާރީޚުގައި އެންމެ ކާމިޔާބު ދުވަސްވަރެވެ.

ޤަޠަރުން ވަނީ ޖެހިޖެހިގެން ދެ ފަހަރު (2019 އަދި 2023) އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީގެ ފަހަތުގައިވަނީ އެސްޕަޔަރ އެކަޑަމީ މެދުވެރިކޮށް ޒުވާން ކުޅުންތެރިން ތަމްރީނުކުރުމަށް ކުރާ ބޮޑު އިންވެސްޓްމަންޓެވެ. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އަކްރަމް އަފީފް، އަލްމޯއެޒް އަލީ، އަދި ގޯލްކީޕަރު މެޝާލް ބަރްޝަމް ހިމެނެއެވެ.

2022 ވަނަ އަހަރުގެ މުބާރާތް ބޭއްވި ގައުމުގެ ގޮތުގައި ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރި ގަތަރު، މިފަހަރު މުބާރާތަށް ކޮލިފައިވީ އަމިއްލަ ހުނަރާއި ހިތްވަރުންނެވެ. މިއީ އެ ގައުމުގެ ފުޓްބޯޅަ ކުރިއަރަމުންދާ ކަމުގެ ހެއްކެކެވެ. ކޯޗު ހޫލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ގަތަރުން މަސައްކަތް ކުރަނީ 2022 ގައި ލިބުނު ނާކާމިޔާބީ ހަނދާން ނައްތާލުމަށެވެ.

ޓީމުގެ ކެޕްޓަން އަކްރަމް އަފީފް އާއި އަލްމޯއެޒް އަލީއަކީ ގަތަރުގެ އެންމެ މުހިންމު ދެ ތަނބެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުޅެފައިވާ މި ޓީމުގެ އެންމެ ބޮޑު ބާރަކީ ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.

ސުވިޒަލޭންޑް: ގްރޫޕްގެ އެންމެ ވަރުގަދަ ޓީމު


ގްރޫޕް ބީގެ ފޭވަރިޓަކީ ސުވިޒަލޭންޑެވެ. އެ ގައުމަކީ ފާއިތުވި ފަސް ވޯލްޑް ކަޕްގައިވެސް ވާދަކޮށް، ގަވާއިދުން ނޮކްއައުޓް ބުރަށް ދަތުރުކުރާ ޓީމެކެވެ. ސުވިޒަލޭންޑަކީ ޔޫރަޕްގެ އެންމެ އިތުބާރު ހުރި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެވެ. އެގޮތުން މިފަހަރުގެ މުބާރާތައް އެ ގައުމުން ކުރިމަތިލަނީ ވަރުގަދަ އަޒުމަކާއެކުގައެވެ. ސްވިޒަލޭންޑަކީ އެ ގައުމުގެ ރޭވުންތެރިކަމާއި، އަހުލާގާއި، އަދި ވާދަވެރި ރޫހުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޓީމުތަކަށްވެސް ބަލިކުރަން އުނދަގޫ ޓީމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގައުމެކެވެ.

ވޯލްޑް ކަޕްގެ ތާރީހަށް ބަލާއިރު ސްވިޒަލޭންޑުން ވަނީ 12 ފަހަރު ވޯލްޑް ކަޕުގައި ކުޅެފައެވެ. އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެނީ 1934، 1938 އަދި 1954 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި މި ޓީމު ވަނީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސް ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ.

ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ގްރޭނިޓް ޒަކާ، ދިފާއީ ކުޅުންތެރިޔާ މެނުއަލް އަކަންޖީ، ގޯލްކީޕަރު ގްރެގޯ ކޯބެލް އަދި ހުނަރުވެރި ފޯވާޑް ޑޭން އެންޑޯއީ ހިމެނެއެވެ.

ޓީމުގެ އެންމެ ބޮޑު ބާރަކީ ދިފާއީ ވަރުގަދަކަމާއި، ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ތަޖުރިބާކާރު ކުޅުންތެރިން ތިބުމެވެ. ނަމަވެސް، ބޮޑެތި ޓީމުތަކާ ދެކޮޅަށް ލަނޑު ޖެހުމާއި ދުވަސްވީ ކުޅުންތެރިންގެ ބަދަލުގައި އާ ކުޅުންތެރިން ނެރުމަކީ އެ ޓީމަށް އޮތް ގޮންޖެހުމެކެވެ.

ކޯޗު މުރާތު ޔަކިންގެ އިރުޝާދުގެ ދަށުން ސްވިޒަލޭންޑުން އަމާޒު ހިފާފައިވަނީ މިފަހަރުގެ މުބާރާތުގެ ނޮކްއައުޓް ބުރުގައި ވާދަކޮށް ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރުމަށެވެ. މުބާރާތް ކާމިޔާބުކުރާނެ ފޭވަރިޓުންގެ ތެރޭގައި ނުހިމެނުނަސް، ސްވިޒަލޭންޑަކީ ބޮޑެތި ޓީމުތައް ސިއްސުވާލެވޭ ފަދަ ގާބިލުކަން ހުރި ނުރައްކާތެރި ޓީމެކެވެ.

މިމަހުގެ 11 ގައި ފެށޭ މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ 19 އަށެވެ. މި މުބާރާތުގައި 48 ޓީމު ވާދަކުރާނެއެވެ.