އިދިކޮޅަށް ވެދުންސަލާމް: ސަލާތްވީ ވަރަށް ކުޑަ ތަފާތަކުން، ރޮއެ ހޭރޭ ވަރެއް ނޫން!
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާ އިއުލާންކުރުމާއެކު، އިދިކޮޅު އެމްޑީޕީން މާބޮޑު ކާމިޔާބީއެއް ލިބިއްޖެ ކަމަށް ބުނެ އުފާފާޅުކުރަމުން ދިޔަ ނަމަވެސް، ހަގީގީ މަންޒަރަށް ބަލާއިރު މިއީ އެ ބޭފުޅުން ބޮޑާވެ، ރޮއެ ހޭރޭވަރުގެ ނަތީޖާއެއް ނޫނެވެ. މިއީ އިދިކޮޅު ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް "ހަމަކިރިޔާ" ސަލާމަތްވެވުނު، ފިރުކެމުން ކަހަލަ ގޮތަކަށް ލިބުނު ވަރަށް ކުޑަ ކާމިޔާބީއެކެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ސޯބެއަށް 1،375 ވޯޓު ލިބިވަޑައިގަތްއިރު، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ވަނީ 1،313 ވޯޓު ހޯއްދަވާފައެވެ. ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތީ އެންމެ 62 ވޯޓުގެ ކުޑަކުޑަ ތަފާތެކެވެ. މިއަށްވުރެ ބޮޑު ތަފާތަކުން މީގެ ކުރިން އެމްޑީޕީން ނަގަމުން އައި ދާއިރާއަކުން، މުޅި ޕާޓީ ނިކުމެ ކުރި މަސައްކަތުން ވެސް މިވަރުގެ ކުޑަ ތަފާތަކުން މޮޅުވުމަކީ، އެމްޑީޕީގެ ތާއީދު އައްޑޫގައި ވަރަށް ބޮޑަށް ފަނޑުވެގެން ގޮސްފައިވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
މި އިންތިހާބުގެ ވޯޓުފޮށިތަކުގެ ތަފްސީލަށް ބަލާއިރު، އެމްޑީޕީއަށް ނޭވާލާނެ ފުރުސަތެއް ލިބުނީ ހަމައެކަނި މާލޭގައި ތިބި އައްޑޫ ރައްޔިތުންގެ ވޯޓުންނެވެ. ނަމަވެސް މާލޭގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން ވެސް އެއް ފޮށި ސަރުކާރު ހިންގާ ޕީއެންސީން ވަނީ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ހިތަދޫގައި ދިރިއުޅޭ އެރަށުގެ ހަގީގީ ވަޒަންވެރިންގެ މެދުގައި ބެހެއްޓި ވޯޓުފޮށިތަކުން ކުރިހޯދައި، ހިތަދޫގެ ފޮށިތަކުން އިންތިހާބު ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް ކަމެވެ. މިއިން ސާފުކޮށް ދޭހަވަނީ ރަށުގައި ތިބި ރައްޔިތުންގެ ބޮޑު ތާއީދެއް އޮތީ މިހާރުގެ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާގެ ތަރައްގީގެ ތަޞައްވުރަށް ކަމެވެ. ރަށުގެ ހާލަތު ދަންނަ، ރަށުގައި ދިރިއުޅޭ ރައްޔިތުން އެމްޑީޕީގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފިއެވެ.
މިފަހަރު މަޖިލީހަށް ހޮވުނު ސޯބެއަކީ އައްޑޫގެ މޭޔަރުކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރެ، އައްޑޫއަށް މާބޮޑު ކުރިއެރުމެއް ހޯދައިދެވިފައިވާ ބޭފުޅެއް ނޫނެވެ. 2021 ވަނަ އަހަރު "އައްޑޫ މަތިން މޮނޮރެއިލް އެޅުމުގެ" ހުސް ހުވަފެން ދައްކައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވި ސޯބެގެ މާބޮޑު ސިޔާސީ ގާބިލްކަމެއް ނެތްކަން މި ނަތީޖާއިން ސާފުވެއެވެ. މުޅި އެމްޑީޕީގެ ލީޑަޝިޕުން އޭނާގެ ފަހަތުގައި ތިބެގެން ކުރި ކެމްޕޭނަށްފަހު ވެސް، އަމިއްލަ ރަށުގެ ފޮށިތަކުން ބަލިވެ، ހަމަކިރިޔާ 62 ވޯޓުން ސަލާމަތްވުމަކީ ސޯބެގެ އަމިއްލަ އެއްވެސް ގާބިލްކަމެއް ނެތްކަމުގެ ހެއްކެކެވެ.
މި ބައި-އިލެކްޝަނަކީ އެމްޑީޕީ ނޭވާހޮޅިއަށް އެޅިފައި އޮއްވައި ކިރިޔާ ނޭވާއެއްލާން ލިބުނު ފުރުސަތެކެވެ. އެކަމަކު ހަގީގަތަކީ ސަރުކާރަށް އައްޑޫގެ ތާއީދު އަދިވެސް މާ ބޮޑެވެ. މި ނަތީޖާއަކީ އިދިކޮޅުން ފޮނިކަނޑާ، "ރޮއެ ހޭރޭވަރުގެ" ކާމިޔާބީއެއް ނޫނެވެ. މިއީ ކުރިއަށް އޮތް ތަނުގައި އައްޑޫއިން އެމްޑީޕީ މުޅިން ފޮހެވިގެންދާނެ ކަމުގެ ރަނގަޅު އިންޒާރެކެވެ.
Ads by MACL
