ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (07 ވަނަ ބައި)

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (07 ވަނަ ބައި)

ބަހެއްވެސް ނުބުނެ ހުއްޓުން އަރައިފައި ހުރި އަޒާންއާ ދިމާއަށް ލިޔާރާ އާއި ހިލްމީ ބަލައިލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ. އޭރުވެސް ޖެހި ބުދެއްހެން އަޒާން ހުރީ ދެންމެ އިވުނު ބަސްތައް ޤަބޫލުކުރަން ނުކުޅެދިފައެވެ. އެ ހަމަހިމޭންކަމުން ސުފްޔާން އާއި ޔުމްނާ ވެސް ބިރުގަންނަގޮތް ވިއެވެ. އަޒާންގެ ޖަވާބެއްގެ އިންތިޒާރުގައި ކޮންމެ މީހަކު ނޭވާ ހިފަހައްޓައިލައިގެން ތިބި ކަހަލައެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރަމުން ސުފްޔާންގެ ލޮލާ އަޒާން ނަޒަރު ސީދާކޮށްލިއެވެ.

 

"ތީ ދޮގެއް.. އަހަރެން ޤަބޫލެއް ނުކުރާނަން.. ބުނޭ ތީ ދޮގެކޭ.. އަހަރެންގެ އިޝީއަށް އެއްވެސް ކަމެއް ނުވޭ" ދެއަތް މުށްކަވައިލަމުން ދެފަރާތަށް ބޯހޫރަމުންދިޔަ އަޒާން ބުނެލީ އެޚަބަރު ޤަބޫލުކުރަން ބޭނުންނުވެފައި ހުރެއެވެ. އަޒާން އަށް ވަމުންދިޔަ ގޮތް ފެނި ސުފްޔާންގެ ހިތް އޭނާ އަށްޓަކައި ހަމްދަރުދީއިން ފުރުނެވެ. ހިތްވަރުކޮށްފައި އަޒާން ކައިރިއަށް ޖެހިލަމުން އޭނާގެ ކޮނޑުގައި ސުފްޔާން ހިފަހައްޓައިލިއެވެ.

 

"ކިހިނެއް؟ ކޮން އިރަކު؟ އޯ ގޯޑް.. މިވަރުގެ ބޮޑު ކަމެއް.. ކީއްވެ އެކަކު ވެސް އަހަރެން ކައިރީ ނުބުނީ.. އިޝީ.. އިޝީ ވެސް.." އަޒާންގެ އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ. އެކަމުންވެސް އެވަގުތު އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރު ހާމަވެއެވެ. ވިސްނެމުންދިޔަ ވަރަކަށް އަޒާން އަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފައި ޗިސްކުރަމުން ދިޔަހެނެވެ. ފުރާނައަށްވުރެ ވެސް ބޮޑަށް ލޯބިވާ ފަރާތެއް އެފަދަ ވޭނެއް ތަހައްމަލު ކުރަމުންދިޔަކަން އެނގުމުން ކެތްތެރި ވެވޭނީ ކިހިނަކުންހެއްޔެވެ؟

 

"އަޒާން.. ހަމަޖެހިފަ ބައްޕަ މި ދައްކާ ވާހަކަ އަޑުއަހާލަބަލަ.." އަޒާންގެ އަތުގައި ހިފައިގެން ގެނެސް ގޮނޑީގައި ބައިންދަމުން ސުފްޔާން ބުނެލިއެވެ. ހަމަޖެހޭށޭ ބުންޏަސް އޭނާ ހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ އިޝްޔާ އަށް ކުޑަވިޔަސް ވޭނެއް ލިބޭތަން ބަލަން ހުރުމަކީ އަޒާންއަށް ވާނޭކަމެއް ނޫނެވެ. ނަމަވެސް މިވަގުތު ސުފްޔާންގެ ވާހަކަތައް އަޑުއެހުން މުހިންމުކަން އޭނާގެ ހަވަނަ ހިއްސު ވިސްނައިދިނީތީ، އެގޮތާ ރުހުނީއެވެ. އިޝްޔާއަށް ވަމުންދާ ގޮތުގެ ހުރިހައި ތަފްސީލެއް އެނގެން ޚުދު އޭނާ ވެސް ބޭނުންވެއެވެ.

 

"އިޝީ.. އިޝީ ޑައިގްނޯސް ވިތާ ދުވަސްކޮޅެއް ވެއްޖެ.. ދެ.. ދެ ކިޑްނީސް ވެސް.. ފެއިލް.. ފެއިލް ވަނީ.. ވަރަށް ފަހުން އިޝީގެ ހާލަތު މާބޮޑަށް ދައްވާކަން ފާހަގަކުރެވުނީ.. ޑޮކްޓާރސް ޓްރީމެންޓް ފެށި.. އެކަމަކު.." ސިހުމުގެ ނަޒަރަކުން އޭނާއަށް ބަލަން އިން އަޒާންއާ ހަތަރުކަޅި ހަމަކުރަން ނުކެރި ސުފްޔާން އިސްޖަހައިލިއެވެ. އޭނާގެ ވާހަކަތަކުން އަޒާން އަށް އަންނަމުންދިޔަ ބަދަލުތަކުން ސުފްޔާން ޖެހިލުންވީއެވެ. އެ ވާހަކަތަކަކީ އޭނާ އަށް ވެސް ދައްކަން މާ ފަސޭހަ ވާހަކަތަކެއް ނޫނެވެ.

 

"އިޝްޔާގެ ކިޑްނީ ޓްރާންސްޕްލާންޓް ހެދުން ވަރަށް މުހިންމު.. ވީ އަރ ޓްރައިންގް އަވާރ ބެސްޓް.. އެކަމަކު އަދި ޑޯނާރ އެއް ނުލިބޭ.." ހިނދުކޮޅަކު އަޒާން އަށް ބަލަން ހުރުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ޑޮކްޓަރ ސަމަދު ސުފްޔާންގެ ވާހަކައަށް އިތުރުކޮށްލިއެވެ. އެއާއެކު ކަރުނުން ބަރާވަމުންދިޔަ އަޒާންގެ ދެލޯ ޑޮކްޓަރާ ދިމާއަށް ދަތުރުކޮށްލިއެވެ. ބުނާނެ އެއްޗެއް ވެސް އެވަގުތު އޭނާގެ ސިކުނޑިއަށް ނުވިސްނުނެވެ. އެހެނަސް އަވަސް އަވަހަށް އެސްފިޔަތައް ޖަހައިލި ގޮތުން އެ ކަރުނަތައް ހިންދައިލަން އަޒާން މަސައްކަތް ކުރަމުންދިޔަ ކަހަލައެވެ.

 

"މިހުރިހާ ދުވަހު.. އަންކަލް މެންނަށް މިކަން އެނގިހުރެ.. ކީއްވެ.. ކީއްވެ ސިއްރު ކުރީ؟ މިއީ އަޅުގަނޑަށް އެނގުން މުހިންމު ކަމެއްކަމަށް ނުފެނުނީތަ؟ އިޝީއާ އެކީގަ އަޅުގަނޑުގެ މުޅި ޙަޔާތް ޕްލޭން ކުރަމުންދިޔައިރު، ތިއިން އެކަކުވެސް މި ޚަބަރު އަޅުގަނޑަށް ދޭން ނުވިސްނަންތަ؟ ކިހާ ދުވަހަކު ސިއްރުކޮށްގެން ހުންނަން ބޭނުންވީ؟ އިޝީގެ ފުރާނައަށް ބޮޑު ގެއްލުމެއް ވަންދެންތަ؟ އިޝީ އަށް.. އިޝީ އަށް ކަމެއްވިނަމަ.. އަޅުގަނޑު... އަޅުގަނޑު.. މި ދުނިޔެއާ ކުރިމަތިލާނީ.. ކި.. ކިހިނެއް؟.. އެއީ.. އަޅުގަނޑު ފުރާނައަށްވުރެ ބޮޑަށް ލޯބިވާ ފަރާތެއްކަން އެނގިހުރެ.. ޔޫ ހެވް ނޯ ރައިޓް.. ނޯ ރައިޓް ޓް ހައިޑް އިޓް ފްރޮމް މީ" ނުރޯން މަސައްކަތް ކުރިނަމަވެސް އަޒާންގެ ދެލޯ ކަރުނުން ފުރި ބަންޑުން ވަމުން ދިޔައެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވިފައި އޭނާވިއެވެ. އިޝްޔާގެ ހާލަތު ހަނދާންވާން ކޮންމެ ވަގުތަކު އެހިތުގައި އަޅަމުންދިޔަ ވޭން އިތުރުވެލައެވެ. އެކަނިމާއެކަނި އިޝްޔާ އެ ވޭނަށް ކެތްކުރަމުންދިޔައިރު އޭނާ އަށް އެއްވެސް ކަމެއް ކޮށްނުދެވުނޭ އިހުސާސުކުރެވި އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައެވެ.

 

އަޒާންގެ ވާހަކަތަކުން ސުފްޔާންއަށް ވެސް އަސަރު ކުރިއެވެ. އޭރު އިސްޖެހިފައި ހުރި ޔުމްނާ އަށް ވެސް ބުނާނެ އެއްޗެއް ނޭނގުނީ ކަހަލައެވެ. ހަމަހިމޭންކަމުގައި ސުކޫތުކޮޅެއް ދިއުމަށްފަހު ހިތްވަރުކޮށްފައި ސުފްޔާން ވާހަކަދައްކަން ފެށިއެވެ. "ދަރިފުޅާ.. ބައްޕަ ޤަބޫލުކުރަން ބައްޕަ މެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. އެއްވެސް ނިޔަތެއްގަ އަޒާން ދެރަކޮށްލުމަށް ކުރިކަމެއް ނޫން މިއީ. ބައްޕަ މަސައްކަތް ކުރިން އިޝީ އަށް ވިސްނައިދޭން. އެކަމަކު.. އިޝީ ބޭނުންނުވީ އަޒާން ގާތު މި ވާހަކަތައް ބުނަން. ގޮތް ނިންމަން އިޝީގެ އަތްމައްޗަށް ދޫކޮށްލަން ބައްޕަ އަށް ވެސް މަޖުބޫރުވީ އިޝީގެ އާދޭސްތަކުގެ ސަބަބުން. ބައްޕަ އަށް މަޢާފުކުރޭ.." ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ސުފްޔާން ބުނެލިއެވެ. ވަކި ޖަވާބެއް ނުދީ އެ އިން ގޮތަށް އަޒާން އިނީއެވެ.

 

ހަލުވި ފިޔަވަޅުތަކެއްގައި އެތަނަށް އައިސް މަޑުކޮށްލި ރައްޔާންއަށް ލިބުނީ ހައިރާން ކަމެވެ. އަޒާންގެ ލޮލުން ހޯސްލައިފައި ފައިބަމުންދިޔަ ކަރުނަތަކުން މަސްލަހަތު މާ ރަނގަޅުނޫންކަން އޭނާއަށް ވިސްނުނެވެ. ސިއްރުސިއްރުން ލިޔާރާގެ އަތުގައި ކޮށްޓައިލަމުން ވީގޮތާމެދުގައި ރައްޔާން ސުވާލުކޮށްލިއެވެ. އިވުނު ވާހަކަތަކުން ލިބިފައިވާ ޝޮކުގައި ވާހަކަދެއްކުން އެހައި ފަސޭހަކަމަށް ލިޔާރާއަކަށް ނުވިއެވެ. އެހެންކަމުން ފަހުން އެ ވާހަކަތައް ކިޔައިދޭނެކަމަށްބުނެ އޭނާ އެވަގުތަށް ރައްޔާންގެ ސުވާލުތައް ހިންދައިލީއެވެ.

 

"ކޮންމެ ސަބަބަކާ ހުރެކަމަށް ވިއަސް ސުފްޔާން މެން ތި ސިއްރު ކުރީ ވަރަށް ބޮޑު ކަމެއް. އެކަމަކު މި ވަގުތު އެހަށް ތިހުރިހާ ކަމެއް ބަހައްޓާފަ އަހަންނަށް ފެންނަނީ އިޝްޔާއަށް އެންމެ އެކަށޭނަ ފަރުވާއެއް ހަމަޖެހޭތޯ މަސައްކަތް ކުރަން. މާ ލަސްކުރަން ވެއްޖެނަމަ އަގުހުރި ވަގުތުތަކެއް ބޭކާރު ވެދާނެ. ޒާން.. މީ ދަރިފުޅު ވެސް އިޝީއަށްޓަކައި ހިތްވަރުކުރަންވީ ވަގުތު. ޒާންގެ އަޅާލުމާ ލޯބި އިޝީއަށް ވަރަށް މުހިންމުވާނެ. އެހެންވީމަ ޒާން ތިގޮތަށް ހިތާމަކުރަންވެއްޖެނަމަ އިޝީގެ ހިތްވަރުވެސް އެލިދާނެ. ބައްޕަ އެބަ ބަލަން ޑޮކްޓަރާ ވާހަކަދައްކާފަ އިޝީ ގޮވައިގެން ވަގުތުން ބޭރަށް ފުރޭނެ ގޮތެއް ހަމަޖެއްސޭތޯ. ލަންޑަންގަ ހުންނާނެ ބައްޕަ ދަންނަ ވަރަށް ރަނގަޅު ޑޮކްޓަރެއް. އޭނާއާ ވެސް ވާހަކަދައްކާލާނަން. ފަހަރެއްގަ އެކޮޅުންވެސް އިޝީއާ މެޗްވާ ޑޯނާއެއް ލިބިދާނެ. އެހެންވީމަ އަދި ހިތްވަރުއެލުވާލާ މާޔޫސްވާކަށް ނުވޭ. އިރާދަކުރެއްވިއްޔާ އިޝީ އަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ." އެ ހުރިހައިއިރު ހިމޭނުން ހުރި ހިލްމީ ކުރިއަށް ޖެހިލައި އަޒާންގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ. ހިލްމީ މަސައްކަތް ކުރީ ރަނގަޅު މިސްރާބަކަށް ވިސްނުން ބެހެއްޓޭތޯއެވެ. ބަހެއް ނުބުންޏެއްކަމަކު ހިލްމީގެ ވާހަކައަށް އަޒާން ބޯޖަހައިލިއެވެ. އެއަމަލުން ހިލްމީގެ ހިތަށް ފިނިކަން ލިބުނެވެ. ލަސްކުރަން ނުހަދައި ސުފްޔާންއާ އެކުގައި އޭނާ ހިނގައިގަތީ ޑޮކްޓަރ ސަމަދުއާ ބައްދަލު ކުރުމަށެވެ.

 

ޕްރައިވެޓް ކޮޓަރިއަކަށް އިޝްޔާ ބަދަލު ކުރެވުމާއެކު އެންމެ ފުރަތަމަވެސް އޭނާއާ ބައްދަލުކުރަން އެތަނަށް ދިޔައީ އަޒާން އެވެ. އޭރު ދެލޯމަރައި ތަގުޅިކޮށްލައިގެން އިޝްޔާ އޮތް ގޮތުން އަޒާންއާ ކުރިމަތިލާން އޭނާ ޖެހިލުންވެފައި ވީވަރު ހާމަވެއެވެ. އޭނާ ހޮސްޕިޓަލަށް ގެނައުމަށްފަހު ކަންތައްވީގޮތް، ނަރުސްކުދިންގެ ފަރާތުން ކޮންމެވެސް ވަރަކަށް އޭނާއަށްވަނީ އޮޅުންފިލާފައެވެ.އޭނާގެ ސިއްރު އަޒާން އަށް ބޭޒާރުވުމުން، އަޒާން ކަންތައްކުރާނެ ގޮތެއް ނޭނގި އިޝްޔާ ވީ ހާސްކަމެއްގެ ތެރޭއެވެ. އިޝްޔާ ބާއްވާފައި އޮތް އެނދު ކައިރީގައި ހުރި ގޮނޑީގައި އަޒާން މަޑުމަޑުން އިނށީދެލިއެވެ. އަދި ލަސްހަރަކާތަކާއެކު އިޝްޔާގެ އަތްތިލައިގައި ހިފައިލަމުން ގެނެސް އޭނާގެ ތުންފަތުގައި ޖައްސައިލިއެވެ. އެއާއެކު ސިހިފައި އިޝްޔާއަށް ދެލޯ ހުޅުވައިލަމުން އަޒާންގެ މޫނަށް ބަލައިލެވުނެވެ. އިޝްޔާގެ އަތްތިލައިގައި ނިތްކުރި ޖައްސާލައިގެން އިން އަޒާން ފެނުމާއެކު، އޭނާގެ ދެލޮލުގައި ކަރުނަތައް ބޮނޑިވެގަތީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ހިތްވަރުކުރަން މަސައްކަތް ކުރިނަމަވެސް އިޝްޔާގެ ތުންފަތް ފޫއަޅުވައިލަމުން ނުކުތް ގިސްލުމުގެ އަޑާއެކު އަޒާންގެ ދެލޮލުންވެސް ކަރުނަތައް ފައިބަން ފެށިއެވެ. އިސްއުފުލައިލަމުން އޭނާއާ ދިމާއަށް ބަލަން އޮތް އިޝްޔާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު އަޒާންގެ ކެތްތެރިކަން ކޮޅުންލީ ކަހަލައެވެ. އިންތަނުން ތެދުވަމުން، ތުރުތުރުއަޅަމުންދިޔަ އިޝްޔާގެ ގައިގައި އަޒާން ލޯބިން ފުރިގެންވީފަދަ ގޮތަކަށް ބައްދައިލިއެވެ.

 

"ޒާން.. އަހަރެން.."

 

"ހޫޝް.. އިޓްސް ގޮނަބީ އޯކޭ ބޭބީ.." އިޝްޔާގެ ބޮލުގައި ފިރުމަމުން އަޒާން ބުނެލީ ނުހަނު މަޑުމަޑުންނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ކަރުނަތައް ހިންދައިލަމުން އިޝްޔާއަށްޓަކައި ހިތްވަރުކުރަން އަޒާން ދިޔައީ މަސައްކަތް ކުރަމުންނެވެ.

 

"އަހަރެން.. އަހަރެން މަރުވާކަށް ބޭނުމެއްނޫން ޒާން.. ޕްލީޒް.. ޕްލީޒް ހެލްޕް މީ.." އަޒާންގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ވޭނުން ފުރިގެންވީފަދަ ގޮތަކަށް އިޝްޔާ އާދޭސްކޮށްލިއެވެ. އެއާއެކު އިހުނަށްވުރެ ބޮޑަށް އިޝްޔާ އޭނާގެ ދެއަތުގެ ތެރޭގައި އަޒާން ބޮނޑިކޮށްލިއެވެ.

 

"ޕްލީޒް.. އިޝީ ނުރޮއެ.. އިޝީ ރޯތަން ދެކެން އަހަރެންގެ މިހިތަކަށް ކުޅަދާނައެއް ނޫން.. އަހަރެން ހުއްޓަ އިޝީއަށް ކުޑަވެސް ގެއްލުމެއް ލިބުނަކަ ނުދޭނަން.. ޓްރަސްޓް މީ ބޭބީ.. އަހަރެން އިޝީ ތިކަމުން ސަލާމަތް ކޮށްދޭނަން.. އަހަރެންގެ އަމިއްލަ ފުރާނަ ޤުރުބާންކުރަން ޖެހުނަސް އިޝީއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން.." އިޝްޔާގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސައިލަމުން އަޒާން ބުނެލިއެވެ.

 

"އަހަންނަށް މަޢާފު ކުރޭ ޒާން.. އަހަރެން ޒާން ގާތުގަ ބުނަން ބޭނުންވި.. އެކަމަކު.. އެކަމަކު ޒާން ދެރަވާނެވަރު ހިތަށް އަރާފަ ހަމަ ބުނަން ނުކެރުނީ.." އަޒާންއާ ކުޑަކޮށް ދުރުވެލަމުން އިސްއުފުލައި އޭނާގެ މޫނަށް އިޝްޔާ ބަލައިލިއެވެ. އެހިނދު ނުހަނު ލޯބިން އެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަޒާން އަތުގެ ނުފުށުން ފުހެލައިދިނެވެ.

 

"އަހަންނަށް އަންޑަރސްޓޭންޑް ވޭ އިޝީ.. އެކަމަކު ވަރަށް ދެރަވެއްޖެ މިވަރު ބޮޑު ކަމެއް އިޝީ އަހަންނަށް ސިއްރު ކުރީތީ.. ކޮންއިރަކުތަ އަހަރެމެން އެކަކު އަނެކަކަށް ކަންކަން ސިއްރުކުރަން ފެށީ؟ އަހަރެން ބޭނުންވަނީ ހަމައެކަނި އިޝީގެ ހެޕީ މޮމެންޓްސްގަ ހިއްސާވާކަށް ނޫނޭ. އިޝީއަށް ލިބޭ ކޮންމެ ދެރައެއްގެ ވެސް އެއްކޮޅުހިފާނަންކަމަށް އަހަރެން ވަޢުދު ނުވަންތަ؟ ކިހާ ވަރަކަށް އަހަރެން ސުވާލުކުރިން. އެކަމަކު ކޮންމެ ފަހަރަކުވެސް އިޝީ އެވާހަކަ ހިންދާލަނީ. އިޝީއަށް ކުޑަވެސް ދެރައެއް ލިބޭތަން ބަލާކަށް މިހިތަކަށް ކެތެއްނުވެއޭ. އަހަރެން އިޝީދެކެ ލޯބިވާވަރު ނޭނގެނީތަ؟ އަހަންނަށް މިއިން ކަމެއް ނޭނގިހުއްޓަ އިޝީއަށް ކަމެއްވިނަމަ.. އަހަންނަށް ދުވަހަކުވެސް.. ދުވަހަކުވެސް އަމިއްލަ ނަފުސަށް މަޢާފެއް ނުކުރެވުނީސް.." ފުންނޭވާއެއް ދޫކޮށްލަމުން އަޒާން ބުނެލިއެވެ. އެވާހަކަތަކައް ދޭނެ ވަކި ޖަވާބެއް އިޝްޔާއަކަށް ނުވިސްނުނެވެ. އަޒާން އެ ދެއްކީ ތެދު ވާހަކަތަކެއްކަން އޭނާއަށް ވެސް ވިސްނެއެވެ. އަޒާންގެ މަޤާމުގައި އޭނާ ހުރި ނަމަވެސް އިހުސާސުކުރެވޭނީ އެފަދައިކަން ކަށަވަރެވެ. ދެމެދަށް ވެރިވި ހިމޭންކަމުގައި އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓާލައިގެން އެތައް އިރެންވަންދެން އެގޮތުގައި އިޝްޔާ އާއި އަޒާން ތިއްބެވެ. އެ ހިމޭންކަން ނައްތައިލަން ދެމީހުންކުރެ އެކަކުވެސް ބޭނުންނުވާ ކަހަލައެވެ.

 

ވަރުބަލިވެގެން ނިދިފައިއޮތް އިޝްޔާގެ ގާތުގައި، އަޒާން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ހަމަހިމޭންވެފައިވި ކޮޓަރީގެ ތެރޭގައި އޭނާ އިންއިރު، ޑޮކްޓަރުގެ ވާހަކަތައް ހުއްޓުމެއްނެތި އޭނާގެ ސިކުނޑީގައި ބުރުޖަހަމުން ދިޔައެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ފައުޅުވާން ނެތްނަމަވެސް، އޭނާގެ ހިތާއި ސިކުނޑިއާ ދެމެދު ދިޔައީ ވަރުގަދަ ހަނގުރާމައެއް ކުރެވެމުންނެވެ. އެތަނުން ބުރަވާނެ ކޮޅެއް ނޭނގިފައި އަޒާން އިންއިރު، އެކި ކަންކަމާމެދުގައި އޭނާ އަށް ވިސްނުން ހިންގެމުންދިޔައެވެ. މޫނުގައި އަތްއުނގުޅައިލަމުން ހަށިފުރާ ފުންނޭވާއެއް ފަޒާގެ ތެރަށް ދޫކޮށްލިގޮތުން އޭނާ ވަކި ގޮތެއް ނިންމީކަހަލައެވެ. އެއާއެކު ޖެހިލުންވުން އެކުލެވިފައިވާ ނަޒަރަކުން އޭނާ އިޝްޔާގެ މޫނަށް ބަލައިލިއެވެ. އަޒާންގެ ނިންމުމުން އިޝްޔާއަށް ކޮށްފާނެ އަސަރަކާމެދު އޭނާ ކަންބޮޑުވީއެވެ.

 

(ނުނިމޭ)