ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ވޯލްޑް ކަޕް 2026 ގުރޫޕް ޑީ: އެމެރިކާ، ތުރުކީ، ޕެރަގުއޭ، އޮސްޓްރޭލިއާ

ވޯލްޑް ކަޕް 2026 ގުރޫޕް ޑީ: އެމެރިކާ، ތުރުކީ، ޕެރަގުއޭ، އޮސްޓްރޭލިއާ
މިމަހުގެ 11 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭނެ އެންމެ ބޮޑު މުބާރާތެކެވެ. 48 ޓީމު ވާދަކުރާ މި މުބާރާތުގައި ހިމެނޭ ގްރޫޕް 'ޑީ' އަކީ އެންމެ ވާދަވެރި އެއް ގްރޫޕުގެ ގޮތުގައި މިހާރުވެސް ވަނީ ފާހަގަކުރެވިފައެވެ. މި ގްރޫޕުގައި ހިމެނެނީ ތަފާތު ހަތަރު ބައްރަކަށް ނިސްބަތްވާ ވަރުގަދަ ހަތަރު ޓީމެކެވެ. އެއީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާގެ އިތުރުން ޕެރަގުއޭ، އޮސްޓްރޭލިއާ އަދި ތުރުކީއެވެ.

އެމެރިކާ: މުބާރާތް ބާއްވާ ގައުމުގެ ފައިދާނަގާނެ

މިފަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މުބާރާތަކަށް ވާއިރު، އެމެރިކާގެ ގައުމީ ޓީމު މި މުބާރާތަށް ކުރިމަތިލަނީ އަމިއްލަ ގައުމުގައި ބޮޑު ކާމިޔާބީއެއް ހޯދުމުގެ އުންމީދާ އެކުގައެވެ. މިއީ އެމެރިކާ ވޯލްޑް ކަޕްގައި ބައިވެރިވާ 12 ވަނަ ފަހަރެވެ. އެ ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 1930 ވަނަ އަހަރުގެ ވޯލްޑް ކަޕުން ހޯދި ތިންވަނަ އެވެ.

މިހާރުގެ ޓީމަށް ބަލާއިރު، މަޝްހޫރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކެޕްޓަން ކްރިސްޓިއަން ޕުލިސިކްއާއެކު އެމެރިކާގައި ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް އެބަތިއްބެވެ. މީގެ ތެރޭގައި ވެސްޓަން މެކެނީ، ޓައިލާ އެޑަމްސް އަދި ޖިއޯ ރޭނާ ފަދަ ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނެއެވެ. މި ކުޅުންތެރިންގެ ހަލުވިކަމާއި، ޓެކްނިކަލް ހުނަރަކީ ޓީމުގެ އެންމެ ބޮޑު ބާރެވެ.

އަމިއްލަ ގައުމުގައި ކުޅުމުގެ ފައިދާއާއި ސަޕޯޓަރުންގެ ހިތްވަރު ލިބުނު ނަމަވެސް، ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު އޮންނަ ޕްރެޝަރާއި ތަޖުރިބާގެ މަދުކަމަކީ އެމެރިކާއަށް އޮތް ގޮންޖެހުމެކެވެ. އެހެންނަމަވެސް، އެންމެ ފަހުން ގަތަރުގައި ބޭއްވި މުބާރާތުގެ ގަދަ 16 ޓީމުގެ ތެރޭގައި ހިމެނުނު އެމެރިކާއިން މިފަހަރު މުބާރާތާއި ކުރިމަތިލަނީ ރަނގަޅު ނަތީޖާތަކެއް ނެރެ، މުބާރާތް ކާމިޔާބު ކުރުމަށެވެ.

ޖުމްލަގޮތެއްގައި، މި ފަހަރުގެ ވޯލްޑް ކަޕަކީ އެމެރިކާގެ ފުޓްބޯޅަ ތާރީޚުގައި އާ ސަފުހާއެއް ލިޔެވިގެންދާނެ މުބާރާތަކަށް ވާނެ ކަމަށް ބެލެވެއެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންގެ އެހީގައި އެމެރިކާއިން މިފަހަރު ތާރީޚީ ނަތީޖާއެއް ނެރުމަށް އަމާޒު ހިފާފައިވެއެވެ.

ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ޕުލިސިޗްގެ އިތުރުން، މިޑްފީލްޑަރު ވެސްޓަން މެކެނީ އާއި، ޑިފެންސިވް މިޑްފީލްޑަރު ޓައިލާ އެޑަމްސް އަދި ހުނަރުވެރި އެޓޭކިންގް މިޑްފީލްޑަރު ޖިއޯ ރޭނާ ހިމެނެއެވެ. މި ކުޅުންތެރިންނަކީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅެ ތަޖުރިބާ ހޯދަމުންދާ ކުޅުންތެރިންނެވެ.







ޕެރަގުއޭ: ދިފާއީ ބާރާއި ކައުންޓަރ އެޓޭކްގައި ތަފާތު


2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ހޯދި ޕެރަގުއޭއަކީ ދިފާއީ ކުޅުމަށް ވަރުގަދަ ޓީމެކެވެ. ގުސްތާވޯ އަލްފާރޯގެ ކޯޗުކަމުގެ ދަށުން ކުޅޭ މި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންނަކީ މިގޭލް އަލްމިރޯން އާއި ހޫލިއޯ އެންސީސޯއެވެ. ޕެރަގުއޭގެ އަކީ ފިޒިކަލީ ގޮތުން ވަރުގަދަ ވުމާއި އެ ޓީމުގެ ކައުންޓަރ އެޓޭކްތަކަކީ އިދިކޮޅު ޓީމުތަކަށް އޮތް ބޮޑު ބިރެކެވެ.

އެ ޓީމަކީ ދެކުނު އެމެރިކާގެ ކޮންމެބޯލް ކޮންފެޑެރޭޝަނަށް ނިސްބަތްވާ، 'ލާ އަލްބިރޯހާ' ގެ ނަމުން މަޝްހޫރުވެފައިވާ ވަރުގަދަ ޓީމެކެވެ.

ވޯލްޑް ކަޕްގެ ތާރީޚަށް ބަލާއިރު، ޕެރަގުއޭ ވަނީ މިހާތަނަށް 9 ފަހަރު މުބާރާތުގައި ވާދަކޮށްފައެވެ. އެ ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. މީގެ އިތުރުން 1986، 1998 އަދި 2002 ވަނަ އަހަރު އެ ޓީމު ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ.

ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޒުވާން ހުނަރުވެރި ފޯވާޑް ހޫލިއޯ އެންސީސޯ އާއި، ތަޖުރިބާކާރު މިޑްފީލްޑަރު މިގޭލް އަލްމިރޯންގެ އިތުރުން ކެޕްޓަން ގުސްޓާވޯ ގޯމޭޒް އެވެ. ޕެރަގުއޭގެ އެންމެ ބޮޑު ބާރަކީ ޑިފެންސް ވަރުގަދަކުރުމާއި، ފިޒިކަލީ ގޮތުން ވަރުގަދަ ކުޅުމެއް ކުޅުމެވެ. ނަމަވެސް، ލަނޑު ޖެހުމުގައި ދިމާވާ ދަތިތަކަކީ އެ ޓީމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ފާއިތުވި ތިން ވޯލްޑް ކަޕަށް ވެސް ކޮލިފައި ނުވި ޕެރަގުއޭ މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލަނީ ބޮޑު އުންމީދަކާއެކުގައެވެ. އެ ޓީމުގެ މައިގަނޑު އަމާޒަކީ ނޮކައުޓް ބުރަށް ދަތުރުކުރުމާއި، 2010 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރުކުރުން ނުވަތަ އެއަށްވުރެ ކުރިއަށް ދިއުމެވެ.

އޮސްޓްރޭލިއާ: ތަޖުރިބާކާރު 'ސޮކަރޫސް'


އޮސްޓްރޭލިއާގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމު ނުވަތަ 'ސޮކަރޫސް' އަކީ އޭޝިއާގެ ފުޓްބޯޅަ ކޮންފެޑަރޭޝަނަށް ނިސްބަތްވާ، ދުނިޔޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ޓީމެކެވެ. މިހާރުގެ ހެޑް ކޯޗަކީ ޓޯނީ ޕޮޕޮވިޗް ކަމަށްވާއިރު، ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ގޯލްކީޕަރު މެތިއު ރަޔަން އެވެ. އޮސްޓްރޭލިއާ ވަނީ މިހާތަނަށް 7 ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފައެވެ.

ވޯލްޑް ކަޕްގެ ތާރީޚަށް ބަލާއިރު، އޮސްޓްރޭލިއާ އެންމެ ފުރަތަމަ ފެނިގެންދިޔައީ 1974 ގައެވެ. ނަމަވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ 2006 އަދި 2022 ވަނަ އަހަރުގެ މުބާރާތުގައެވެ. މި ދެ އަހަރުވެސް އެޓީމު ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ. ޚާއްސަކޮށް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގައި އާޖެންޓީނާއާ ދެކޮޅަށް އެޓީމުން ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.

ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން މެތިއު ރަޔަންގެ އިތުރުން، ދިފާއީ ކުޅުންތެރިޔާ ހެރީ ސޫޓާ، ހަލުވި ފޯވާޑް އަވާ މަބިލް އަދި މެދުތެރޭގެ ހީވާގި ކުޅުންތެރިޔާ ޖެކްސަން އާވިން ހިމެނެއެވެ. އޮސްޓްރޭލިއާ ޓީމުގެ އެންމެ ބޮޑު ބާރަކީ ޓީމުގެ އެއްބައިވަންތަކަމާއި، ވަރުގަދަ ޑިފެންސާއި، އަދި ކޮންމެ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށްވެސް ދޫނުދީ ކުޅުމުގެ ރޫހެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ކުރިމަތިލާއިރު، އެޓީމުގެ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސް، ތާރީޚުގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. އެޓީމަކީ މުބާރާތް ކާމިޔާބުކުރާނެ ފޭވަރިޓުންގެ ތެރޭގައި ނުހިމެނުނު ކަމުގައިވިޔަސް، އެޓީމުގެ ހިތްވަރާއި ތަރުތީބުވެފައިވާ ކުޅުމުގެ ސަބަބުން ކޮންމެ ޓީމަކަށްވެސް ނުރައްކާ ކުރާނެ ޓީމެކެވެ..

ތުރުކީ: ގްރޫޕުގެ ސަޕްރައިޒް


ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމަކީ ޔޫއީއެފްއަށް ނިސްބަތްވާ، 'ކްރެސެންޓް-ސްޓާސް' ގެ ނަމުން މަޝްހޫރުވެފައިވާ ޓީމެކެވެ. މި ޓީމުގެ ހެޑް ކޯޗަކީ ވިންސެންޒޯ މޮންޓެލާ ކަމަށްވާއިރު، ޓީމުގެ ކެޕްޓަނަކީ ހަކަން ޗަނަނޮގްލޫއެވެ. ތުރުކީން މިހާތަނަށް ވޯލްޑް ކަޕްގައި ތިން ފަހަރު ބައިވެރިވެފައިވާއިރު، އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ 2002 ވަނަ އަހަރު ތިންވަނަ ހޯދައިގެންނެވެ.

ވޯލްޑް ކަޕްގެ ތާރީޚަށް ބަލާއިރު، 1954 ވަނަ އަހަރު ފުރަތަމަ ފަހަރަށް މުބާރާތުގައި ވާދަކުރުމަށްފަހު، ތުރުކީން ވަނީ 2002 ވަނަ އަހަރުގެ މުބާރާތުގައި ދުނިޔެ ސިއްސުވާލާފައެވެ. އެ އަހަރު ސެމީ ފައިނަލަށް ދަތުރުކޮށް، ދެކުނު ކޮރެއާ ބަލިކޮށް އެ ގައުމުން ވަނީ ތިންވަނަ މަގާމު ހާސިލްކޮށްފައެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ 24 އަހަރުގެ މެދުކެނޑުމަކަށްފަހު ތުރުކީން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ މުބާރާތަށް ތުރުކީން ނުކުންނަނީ ވަރުގަދަ ސްކޮޑަކާއެކުގައެވެ. މީގެ ތެރޭގައި ތަޖުރިބާކާރު މިޑްފީލްޑަރު ހަކަން ޗަނަނޮގްލޫ އާއި، ޒުވާން ހުނަރުވެރި ކުޅުންތެރިން ކަމަށްވާ އާރްދާ ގުލާ އަދި ކެނާން ޔިލްޑިޒް ހިމެނެއެވެ. މީގެ އިތުރުން ޑިފެންޑަރު މެރިހް ދެމިރާލްއަކީ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެކެވެ.

ޓީމުގެ އެންމެ ބޮޑު ބާރަކީ ކުޅުންތެރިންގެ ފަންނީ ގާބިލްކަމާއި، އުއްމީދީ ޒުވާން ކުޅުންތެރިންގެ ހުނަރެވެ. ނަމަވެސް، ކުޅުމުގެ އެއްވަރެއްގައި ހިފެހެއްޓުމާއި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ޑިފެންސް އިންތިޒާމުކުރުމަކީ އެ ޓީމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކެކެވެ. ތުރުކީގެ ސަޕޯޓަރުންގެ ފޯރިއަކީވެސް މުބާރާތުގައި އެ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

މިފަހަރުގެ މުބާރާތުގައި ތުރުކީގެ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސް، މަދުވެގެން ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރުމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރު އޮތް ޖީލަކީ 2002 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރުކުރުމުގެ ގާބިލްކަން ހުރި، މުބާރާތުގެ 'ޑާކް ހޯސް' ނުވަތަ ހައިރާންކުރުވަނި ނަތީޖާއެއް ނެރެދާނެ ޓީމެކެވެ..

ޖުމްލަގޮތެއްގައި ބަލާއިރު، ގްރޫޕް 'ޑީ' އަކީ އެއްފެންވަރެއްގެ ޓީމުތަކެއް އޮތް ގުރޫޕެކެވެ. އެހެން ކަމުން މި ގުރޫޕުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވާނޭ ކަމަށް ބެލެވެއެވެ.