ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އެންމެ ބޮޑު އަސާސީ ޚިދުމަތް މެދުކެނޑުނަ ނުދިނުމަށް، އުތުރުން ދެކުނަށް ފެނަކައިގެ ޖަނަރޭޓަރުތައް!

އެންމެ ބޮޑު އަސާސީ ޚިދުމަތް މެދުކެނޑުނަ ނުދިނުމަށް، އުތުރުން ދެކުނަށް ފެނަކައިގެ ޖަނަރޭޓަރުތައް!

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ބޭނުންވާ އެންމެ ބޮޑު އަސާސީ ޚިދުމަތް ކަމުގައިވާ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް އުތުރުން ދެކުނަށް ބޮޑެތި މަޝްރޫއުތަކެއް ވަނީ ފަށާފައެވެ.

މި ސަރުކާރުން ހަވާލުވިއިރު، ފެނަކައިން ބަލަހައްޓަމުންދިޔަ 500 އަށްވުރެ ގިނަ ޖަނަރޭޓަރު ސެޓުގެ ތެރެއިން ގިނަ ތަކެތި ހުރީ މަރާމާތު ނުކޮށް ދޫކޮށްލުމުގެ ސަބަބުން ހަލާކުވެ، އެ ތަކެތީގެ މަސައްކަތްކުރުމުގެ ގާބިލުކަން ނުވަތަ އެފިޝަންސީ 50 އިންސައްތައަށް ވެއްޓިފައެވެ. މިކަމުގެ ސަބަބުން ރަށްރަށަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ފެނަކަ އާއި ސްޓެލްކޯ ގުޅިގެން "ނޭޝަންވައިޑް ޖަނަރޭޓަރު އަޕްގްރޭޑް ޕްރޮގްރާމް" އެއް ވަނީ އެކުލަވާލާފައެވެ.

މި ޕްރޮގްރާމުގެ ދަށުން ރަށްރަށުގެ ނެޓްވޯކް ވަރުގަދަކުރުމަށްޓަކައި މި އަހަރުގެ މިހާތަނަށް އެކަނިވެސް ރާއްޖޭގެ އެކި އަތޮޅުތަކުގެ 21 ރަށަކަށް އައު ޖަނަރޭޓަރު ސެޓުތައް ފޮނުވައި، އިންސްޓޯލްކޮށް ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މީގެ އިތުރުން، އަތޮޅުތަކަށް ފޮނުވުމަށްޓަކައި އިތުރު 24 ޖަނަރޭޓަރު ސެޓެއް މާލެ ގެނައުމުގެ މަގުމަތީގައި ވާއިރު، ކުރިއަށް އޮތް ހަފުތާތަކުގައި މި ތަކެތި ރަށްރަށަށް ބަހާލެވޭނެއެވެ. މިއާއެކު މި އަހަރުގެ ތެރޭގައި އެކަނިވެސް ޖުމްލަ 45 އައު ޖަނަރޭޓަރު ރަށްރަށަށް ފޯރުކޮށްދިނުމުގެ ބޮޑު އަމާޒަށް ވާސިލުވެވޭނެއެވެ.

ފަހަކަށް އައިސް ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، މިއަހަރުގެ ފެބުރުއަރީ އަދި މާރިޗު މަހުގެ ތެރޭގައި ގިނަ ރަށްތަކެއްގެ ކަރަންޓުގެ ޚިދުމަތަށް ވަނީ ބޮޑު ކުރިއެރުމެއް ގެނެސްދީފައެވެ. އެގޮތުން ހއ. މުރައިދޫއަށް ފޮނުވި 250 ކިލޯވޮޓްގެ ޖަނަރޭޓަރާއެކު އެރަށުގެ ކެޕޭސިޓީ 620 އިން 750 ކިލޯވޮޓަށް އިތުރުވެފައިވާއިރު، ހއ. ތަކަންދޫއަށް ވެސް 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައި އިންސްޓޯލްޑް ކެޕޭސިޓީ ވަނީ 480 އިން 650 ކިލޯވޮޓަށް މަތިކޮށްފައެވެ. ހަމައެއާއެކު، ޅ. ކުރެންދޫއަށް ފޮނުވި 600 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ސަބަބުން ރަމަޟާން މަހު އެރަށަށް ދިމާވާ ޕީކް ލޯޑުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދިޔައެވެ.

މީގެ އިތުރުން، ލ. އިސްދޫއަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ފޯރުކޮށްދީ އެރަށަށް ދިމާވެފައި އޮތް ގިނަ ދުވަސްވީ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފައިވާއިރު، ލ. ދަނބިދުއަށް ފޮނުވި 400 ކިލޯވޮޓްގެ ޖަނަރޭޓަރާއެކު އެރަށުގެ ނެޓްވޯކްގެ ސްޓެބިލިޓީ ވަނީ ވަރަށް ބޮޑަށް ހަރުދަނާކުރެވިފައެވެ. އަދި ތިލަދުންމަތީ ހއ. ކެލައަށް ފޮނުވުނު 600 ކިލޯވޮޓްގެ ޖަނަރޭޓަރުގެ އެހީގައި އެރަށުގެ ކަރަންޓުގެ ފެންވަރު ވަނީ ކުރިއަށްވުރެ އެތައް ގުނައެއް ރަނގަޅު ކުރެވިފައެވެ.

އައު ޖަނަރޭޓަރުތައް ފޯރުކޮށްދިނުމުގެ އިތުރުން، ރަށްރަށުގައި މިހާރު ހުރި އިންޖީނުތައް ބެލެހެއްޓުމަށްޓަކައި ދެ ފިޔަވައްސަކަށް ބަހާލައިގެން މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއެއްވެސް ދަނީ ހިނގަމުންނެވެ. މިގޮތުން މިހާރު ކުރިއަށްދާ ފުރަތަމަ ފިޔަވަހީގެ ދަށުން 41 ޖަނަރޭޓަރެއް އޯވަހޯލް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދެވަނަ ފިޔަވަހީގައި އިތުރު 79 ޖަނަރޭޓަރެއް މަރާމާތު ކުރުމަށް ވަނީ ރޭވިފައެވެ.

ދެކުނުގެ އެންމެ ބޮޑު އެއް އާބާދީ ކަމަށްވާ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ އަދި ޒަމާނީ ހައްލެއް ހޯދުމަށްޓަކައި ބޮޑު މެގާ ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ. އައު ސެންޓްރަލް ޕަވަރ ސްޓޭޝަނެއް ބިނާކުރުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ބެލްޖިއަމްގެ އެންމެ ޒަމާނީ "ލޯ-ސްޕީޑް" އިންޖީނުތައް އުފެއްދުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ބާރުދުވެލީގައި ހިނގަމުންނެވެ.