ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ސުހާގެ އުއްމީދީ ތަސައްވުރު މީދޫ ރައްޔިތުންނާއިއެކު، އިގްތިސާދީ މައި ހަބަކަށް މީދޫ!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ސުހާ އިބްރާހީމް މެޑަމް ސާޖިދާ އާއި އެކު ނަންގަވާފައިވާ ފޮޓޯއެއް ---
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ސުހާ އިބްރާހީމް މެޑަމް ސާޖިދާ އާއި އެކު ނަންގަވާފައިވާ ފޮޓޯއެއް ---

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ މުހިންމު އިންތިޚާބު ބޯމަތިވެފަވާއިރު، ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ސުހާ އިބްރާހީމް އެ ރަށުގެ މުސްތަގުބަލާ ގުޅޭ ޒަމާނީ އަދި ފުޅާ ތަސައްވުރެއް ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ.

މީދޫގައި ބޭއްވުނު ޚާއްޞަ ޖަލްސާގައި ސުހާގެ ތަސައްވުރާއި، މީދޫއާއި ދޭތެރޭ ގެންގުޅުއްވާ ވިސްނުންފުޅު ވަރަށް ތަފްސީލްކޮށް ވަނީ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފައެވެ.،

ރަށުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައަށްޓަކައި އުފުއްލަވަންޖެހޭ ބޮޑެތި ޒިންމާތަކަކާ ސާބިތުކަމާއެކު ހަވާލުވެވަޑައިގަތުމަކީ އޭނާގެ އަސްލު އަމާޒެވެ.

އޭނާގެ އެންމެ ބޮޑު އިސްކަމަކީ މީދޫއަކީ ހުރިހާ ގޮތަކުންވެސް ތަފާތު، ފުރިހަމަ ވަސީލަތްތަކުން މުއްސަނދިވެފައިވާ ޒަމާނީ ނަމޫނާ ރަށަކަށް ހެއްދެވުމެވެ.

ރަށުގެ އުމްރާނީ ތަރައްޤީއަށް ބަލާއިރު، ސުހާގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރަށުގެ ދަތުރުފަތުރާއި އިގްތިސާދީ ލޭނާރު ވަރުގަދަކޮށްދޭނެ ޒަމާނީ ފެރީ ޓާމިނަލެއް ބިނާކުރުމެވެ.

މީގެއިތުރުން، އާއިލާތަކަށާއި ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލެއް ބިނާކޮށްދިނުމުގެ ގޮތުން، އެންމެ ފަހުގެ ވަސީލަތްތަކާއެކު ފުރިހަމަ ކުރެވިފައިވާ ކުޑަކުދިންގެ ބަގީޗާއެއް ތަރައްޤީކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ.

ހަމައެއާއެކު، ރަށުގެ މިއަދުގެ ބިންގާ ކަމުގައިވާ އިސްރަށްވެހިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށްޓަކައި ޚާއްޞަ އަޅާލުމާއި ހިދުމަތްތަކެއް ގާއިމުކޮށްދިނުމަކީވެސް އޭނާގެ އުމްރާނީ ތަސައްވުރުގެ މުހިންމު ބައެކެވެ.

އިގްތިސާދީ ދާއިރާއިން ރަށުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މީދޫގައި ލޯކަލް ފަތުރުވެރިކަން ފުޅާކޮށް، އާންމު ރައްޔިތުންނަށް އޭގެ މަންފާ ސީދާ ގޮތެއްގައި ލިބޭނެ މަގުތައް ތަނަވަސްކޮށްދޭނެ ކަމަށް ސުހާ ވިދާޅުވިއެވެ.

އަދި ދ. އުއްދޫގައި ވިޔަފާރީގެ އެކި ހަރަކާތްތައް ހިންގުމަށް ޝައުގުވެރިވާ މީދޫގެ ޒުވާނުންނާއި ވިޔަފާރިވެރިންނަށް ސަރުކާރުގެ ތެރެއިން ބޭނުންވާ ފުރުސަތުތައް ހޯދައިދީ، ކުރިމަތިވާ ހުރަސްތައް ނައްތާލައި، ކޮށަންޖެހުނު ކޮންމެ މަގެއް ކޮށައިދިނުމަށް އޭނާ ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

ރައްޔިތުންގެ ދުޅަހެޔޮކަމާއި ސިއްހީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެކި ކުލިނިކްތަކާއި ސިއްހީ މާހިރުންނާ ގުޅިގެން ރަށުގައި ސިއްހީ ހޭލުންތެރިކަމާއި ސްކްރީނިންގް ހެލްތް ކޭމްޕްތައް ސިލްސިލާކޮށް ބޭއްވުމަށް ސުހާ ހުށަހެޅުއްވިއެވެ.

މިހާރު ރަށުން ފެންނަން ހުރި ސިއްހީ މަރުކަޒުގެ އާ އިމާރާތަކީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ރޫހާއި އެއްބައިވަންތަކަމުގެ ސަބަބުން ސަރުކާރުގެ ތެރެއިން ހާސިލުކުރެވުނު ބޮޑު އަދި ނުހަނު ފަޚުރުވެރި ކާމިޔާބީއެއްކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

ރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަކީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމަކަށްވާތީ، ދެމެހެއްޓެނިވި އަދި ޒަމާނީ އުސޫލުތަކެއްގެ މަތިން ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސުހާ ވަނީ ނިންމަވާފައެވެ.

މީގެއިތުރުން، ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަމާއި ރޫހާނީ ދިރުން އާލާކުރުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ރަށަށް ގެނެސްގެން ދީނީ ނަސޭހަތް ދިނުމާއި ހޭލުންތެރިކުރުމުގެ ފުޅާ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ތަރައްޤީގައި މީދޫ އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެ، އޭނާއަށް ވޯޓު ދެއްވުމަށާއި، މީދޫގެ ބަދަލުކޮށްލުމުގެ މި އުންމީދީ ދަތުރުގެ ބައިވެރިންނަށްވުމަށް ސުހާ ވަނީ ރަށުގެ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.