ވޯލްޑް ކަޕް 2026، މިރޭ ފަށަނީ، ފުރަތަމަ މެޗުގައި މެކްސިކޯ އާއި ދެކުނު އެފްރިކާ
މި އަހަރުގެ ފީފާ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެންނެވެ. މިއީ ތިން ގައުމަކުން ގުޅިގެން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ 48 ގައުމަކުން ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕްވެސް މެއެވެ. މި މުބާރާތް ކުރިއަށްދާނީ 2026 ޖޫން 11 އިން ޖުލައި 19 އަށެވެ.

މިފަހަރުގެ މުބާރާތުގައި ކުރިއަށް ގެންދަނީ 48 ޓީމު 12 ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އަލަށް ތައާރަފްކުރާ 'ރައުންޑް އޮފް 32' އާއެކު މުޅި މުބާރާތުގައި ކުޅޭ މެޗުތަކުގެ އަދަދު 64 އިން 104 އަށް އިތުރުވެގެންދާނެއެވެ. ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމާއި، ތިންވަނައަށްދާ އެންމެ މޮޅު އަށް ޓީމު ނޮކްއައުޓް ބުރަށް ހޮވޭނެއެވެ. މި ބަދަލާއެކު ގިނަ ގައުމުތަކަކަށް ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
Ads by BMLއެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ތަށި ދިފާއުކުރުމަށް ނުކުންނައިރު، ބްރެޒިލް، ފްރާންސް، ޖަރުމަން އަދި ސްޕެއިން ފަދަ ގައުމުތަކަކީ މުބާރާތުގެ ފޭވަރިޓުންނެވެ. މީގެ އިތުރުން މުޅިން އަލަށް ވާދަކުރާ ގައުމުތަކުގެ ސަބަބުން މުބާރާތަށް އިތުރު ފޯރިއެއް ލިބިގެންދާނެއެވެ.
މުބާރާތް ފަށާ މެޗުގައި މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި ބައްދަލުކުރާނީ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ. މިރެޔަކީ މި ދެޓީމު ބައްދަލުކުރާ ފުރަތަމަ މެޗު ކުޅޭ ރެއެވެ.
މެކްސިކޯ

ދުނިޔޭގެ ގިނަބަަކު އިންތިޒާރުކުރަމުން އަންނަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް މިރޭ ފަށަން ތައްޔާރުވެފައިވާއިރު، މިރޭގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރާނެވެ. ތާރީޚީ އެސްޓާޑިއޯ އަޒްޓެކާގައި ކުޅޭ މިމެޗުގައި މި ދެ ގައުމު ބައްދަަލުކުރރާއިރު، މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފެށުން ވެސް މި ދެ ގައުމުގެ މެޗުން ފެނިގެން ގޮސްފައިވާތީ، ތާރީޚީ ގޮތުން ވަރަށް މުހިންމު އަދި ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ.
މި މެޗަކީ މެކްސިކޯއަށް އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. އަދި މިއީ 48 ޓީމަށް އިތުރުކޮށްގެން ބާއްވާ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވުމާއެކު، ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ސަމާލުކަން މި މެޗަށް ވަނީ ހުއްޓިފައިއެވެ.
މެކްސިކޯގެ ޓީމު މި މުބާރާތަށް ނުކުންނަނީ ތަޖުރިބާކާރު ކޯޗު ހާވިއޭ އަގީރޭގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ރައުލް ޖިމެނޭޒް އާއި އެޑްސަން އަލްވަރޭޒްގެ އިތުރުން ހުނަރުވެރި ޒުވާން ކުޅުންތެރިން ހިމެނެއެވެ. މެކްސިކޯގެ އަމާޒަކީ 2022 ވަނަ އަހަރުގެ މާޔޫސްކަން ފިލުވާލައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކާމިޔާބު ދަތުރެއް ފެށުމެވެ.
މެކްސިކޯ މިރޭގެ މެޗަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަކަ އެގާރަ ކުޅުންތެރިން:
މެކްސިކޯ ފޯމޭޝަން (4-3-3)
ގޯލްކީޕަރު: ރައުލް ރަންޖެލް
ޑިފެންޑަރުން: އިސްރާއީލް ރޭޔެސް، ސޭސާ މޮންޓޭސް، ޖޯހަން ވަސްކޭޒް، ހީސޫސް ގަޔާޑޯ
މިޑްފީލްޑަރުން: އެރިކް ލީރާ، އަލްވާރޯ ފިޑަލްގޯ، ބްރަޔަން ގުޓިއަރޭޒް
ފޯވާޑުން: ރޮބާޓޯ އަލްވަރާޑޯ، ރައުލް ހިމެނޭޒް، ހޫލިއަން ކީނިއޯނޭސް
ދެކުނު އެފްރިކާ

ދެކުނު އެފްރިކާގެ ގައުމީ ޓީމު ވޯލްޑް ކަޕަށް އެނބުރި އައީ ކޯޗު ހޫގޯ ބްރޫސްގެ އިރުޝާދުގެ ދަށުން ވަރުގަދަ އަދި ރޭވުންތެރި ޓީމެއްގެ ގޮތުގައެވެ. މި ޓީމުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ޓީމުގެ ސްކޮޑުގައި ގިނައިން ހިމެނެނީ އެ ގައުމުގެ ލޯކަލް ލީގުގައި ކުޅޭ ކުޅުންތެރިން ކަމަށް ވުމެވެ. މިއީ ޓީމުގެ ބަދަހިކަން އިތުރުކޮށްދޭ ކަމެއްގެ ގޮތުގައި ސަޕޯޓަރުން ދެކެއެވެ.
މެކްސިކޯއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް ތައްޔާރުވުމުގެ ގޮތުން ދެކުނު އެފްރިކާއިން ވަނީ މެކްސިކޯ ސިޓީގެ އުސް ފަރުބަދަތައް މައްޗަށް ހޭނުމަށްޓަކައި ކުރިޔާލާ އެ ގައުމަށް ގޮސްފައެވެ. ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު ރޮންވެން ވިލިއަމްސް އާއި މެދުތެރޭގެ ކުޅުންތެރިޔާ ޓެބޯހޯ މޮކޮއެނާ ހިމެނެއެވެ. ދެކުނު އެފްރިކާގެ ޓެކްޓިކްސް ބިނާވެފައި އޮންނާނީ ޑިފެންސް ވަރުގަދަކޮށް، ކައުންޓަރ އެޓޭކްތަކުގައި ފުރުސަތު ހޯދުމުގެ މައްޗަށެވެ.
ސައުތް އެފްރިކާ ޓީމުން މިރޭގެ މެޗަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަކަ އެގާރަ ކުޅުންތެރިން:
ސައުތު އެފްރިކާ ފޯމޭޝަން (4-2-3-1)
ގޯލްކީޕަރު: ރޮންވެން ވިލިއަމްސް
ޑިފެންޑަރުން: ހުލީސޯ މުޑާއު، އައިމް އޮކޮން، އެމްބެކެޒެލީ އެމްބޮކާޒީ، އޯބްރީ މޮޑީބާ
މިޑްފީލްޑަރުން: ޓެބޯހޯ މޮކޮއެނާ، ޖޭޑަން އެޑަމްސް
އެޓޭކިންގް މިޑްފީލްޑަރުން: އޮސްވިން އެޕޮލިސް، ތެމްބާ ޒްވާނޭ، ރެލެބޯހިލޭ މޮފޮކެންގް
ފޯވާޑުން: ލައިލް ފޮސްޓާ
މެކްސިކޯއަކީ އަމިއްލަ ގައުމުގައި ކުޅޭއިރު ތަޖުރިބާގެ ބޭނުން ކޮށްގެން ރަނގަޅު ގޭމެއް ކުޅޭ އަދި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމެކެވެ. މި މެޗަކީ ދެ ގައުމަށްވެސް މުހިންމު މެޗެކެވެ. މެކްސިކޯއަށް މޮޅުވުން މުހިންމުވަނީ ގްރޫޕުގެ އެއްވަނަ ހޯދުމުގެ ފުރުސަތު ބޮޑުކުރުމަށެވެ. އަދި ދެކުނު އެފްރިކާއަށް މި މެޗުން ޕޮއިންޓެއް ލިބުމަކީވެސް ދެވަނަ ބުރަށް ދިއުމަށް ލިބޭނެ ބޮޑު އުންމީދެކެވެ.
ދެކުނު އެފްރިކާ އާއި މެކްސިކޯ ބައްދަލުކުރާ މުބާރާތް ހުޅުވާމެޗު ފަށާނީ މިރޭ ރާއްޖޭގެ ގަޑިން ދަންވަރު 12:00 ގައިއެވެ.
Ads by MACL
