ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (08 ވަނަ ބައި)
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައިރު، އިޝްޔާއަށް އަޒާންގެ ފަރާތުން ހީވެސް ނުކުރާފަދަ އަޅާލުމާއި ލޯބި ދިޔައީ ލިބެމުންނެވެ. ދެއާއިލާގެ މަޝްވަރާގެ މަތިން އިޝްޔާގެ ބައްޔަށް ފަރުވާ ހޯދުމަށް ލަންޑަނަށް ދިއުމަށް ނިންމުމާއެކު، އިޝްޔާގެ އޮޕްރޭޝަނަށްފަހު ކައިވެނިކުރާ ގޮތަށް، ކައިވެނި ފަސްކުރެވުނެވެ. އޮފީހުގައި ކިތަންމެ ބުރަ ދުވަސްކޮޅެއް ނަމަވެސް އަޒާންއަށް ވީވަރަކުން އިޝްޔާއަށް ވަގުތުދެއެވެ. އޯޝެން ކްރެސްޓް ހޯލްޑިންގްސް އަކީ ހިލްމީގެ ބުރަ މަސައްކަތުން ފަށައިގަތް ކޮމްޕެނީއެއްކަމަކު، މިހާރު އެ ވިޔަފާރީގެ ހުރިހައި ކަމަކާ ހަވާލު މަސައްކަތްކުރަމުން ދަނީ އޭނާގެ ދެ ފިރިހެންދަރިން ގުޅިގެންނެވެ. ޖެހިގެން އޮތް ހަފްތާގައި ލަންޑަނަށް ފުރުމަށް ހަމަޖެހިފައިވާއިރު، އެ ދަތުރުގައި ރައްޔާން ނޫން ހުރިހައި އެންމެން ބައިވެރިވުމަށް ވަނީ ނިންމާފައެވެ. ވިޔަފާރީގެ ކަންކަން ދޫކޮށްލުމަށްފަހު ދިއުމަށް ރައްޔާންގެ ހިތް އެއްބަސްނުވީއެވެ. ކޮންމެ އެކަކު އެ މަސްއޫލިއްޔަތު ނަގަން ޖެހޭނެކަމަށް ވިސްނުނީއެވެ. ދަތުރަށް ތައްޔާރުވަމުންދިޔައެއްކަމަކު އަޒާން ވެސް މަސައްކަތް ކުރަމުންދިޔައީ ފުރުމުގެ ކުރިން ރައްޔާން އަށް ފަސޭހަވާނޭހެން އޮފީހުގެ ގިނަ ކަންކަން ނިންމައިލުމަށްފަހު ދިއުމަށެވެ. އަދި ލަންޑަނުގައި ހުރި ނަމަވެސް، ވިޔަފާރީގެ ކަންކަމުގައި އޭނާގެ އެއްބާރުލުން ލިބޭނެކަމަށް ރައްޔާން ގާތުގައި ބުނެފައިވީތީ، އެކަމުން ރައްޔާން އަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
*****
ލޯގަނޑު ކުރިމަތީގައި ހުއްޓި، އޭގެއިން ފެންނަންހުރި އަމިއްލަ ސޫރައަށް ބަލަމުންދިޔަ ޒިވްރާގެ މޫނުމަތީގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް އެކުލެވިފައިވިއެވެ. ކުރަންއުޅޭ ކަންތަކާމެދުގައި ޔަގީންނުވެފައި އޭނާ ހުރީކަހަލައެވެ. ދެފަރާތަށް އެނބުރިލަމުން ލައިގެން ހުރި ގަދަ ފެހިކުލައިގެ އަބާޔާއަށް ނަޒަރު ހިންގައިލިއެވެ. އަދި ދެއަތުން މަޑުމަޑުން ޝޯލް ރަނގަޅުކޮށްލިއެވެ. ހިތްހަމަޖެހޭވަރުވީ ކަންނޭނގެއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއާއެކު އޭނާ ދެލޯމަރައި ބާރުކޮށްލަމުން އަމިއްލަ ނަފުސު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކި ދިނުމަށްފަހު ދޮރުހުޅުވައިލަމުން ޒައިހާ އެތެރަށް ބޯދިއްކޮށްލިއެވެ. ޒިވްރާ އޭނާއާ ދިމާއަށް ބަލައިލުމާއެކު އެއްވެސް އެއްޗެކޭ ނުބުނެ ދޮރުޖަހައިލުމަށްފަހު އެތެރަށް ވަދެގެން އައިސް ޒިވްރާގެ ފަހަތުގައި ހުރި ގޮނޑީގައި ޒައިހާ އިނށީނެވެ.
Ads by BML"ކިހިނެއްވީ؟ މި ހެދުން ކަމުނުދަނީތަ؟ ޗޭންޖް ކުރަންވީ ދޯ؟" ދެވަނަ ފަހަރަށް ހެދުމަށް ނަޒަރު ހުއްޓައިލަމުން ގޮތެއް ނިންމަން ނޭނގިފައިވީ ހާލު ޒިވްރާ އަހައިލިއެވެ.
"ނޫން، ދޮންތިއާ ވަރަށް ގުޅޭ ތިހެދުން މާޝާ ﷲ." ދެފަރާތަކަށް ބޯހޫރައިލަމުން ޒައިހާ ބުނެލިއެވެ.
"ދެން ކީއްވެ މާ ފާޑަކަށް ޒައި ތި ބަލަނީ؟" ފަސްއެނބުރި ޒައިހާއާ ހަތަރުކަޅި ހަމަކޮށްލަމުން ޒިވްރާ ސުވާލުކޮށްލިއެވެ. އެއާއެކު ތުންފިއްތައިލަމުން އިންތަނުން ޒައިހާ ތެދުވިއެވެ. "ދޮންތި ހަމަ ރަނގަޅަށް ވިސްނާފަ ނިންމި ނިންމުމެއްތަ ތީ؟ އަސްލުވެސް އެރޭންޖްޑް މެރިއޭޖްއަކަށް ދޮންތި އޯކޭތަ؟ ނުވެސް ދަންނަ މީހަކާ ބައްދަލުކުރަން ދާން ތިއުޅެނީ. އަހަންނަށް އަދިވެސް ހަމަ ގަބޫލެއް ނުކުރެވޭ ދޮންތި ކުއްލިއަކަށް ކައިވެނިކުރަން އެއްބަސްވެދާނެ ކަމަކަށް. އާރ ޔޫ.. އާރ ޔޫ ހެޕީ އެބައުޓް ދިސް؟" ޒިވްރާގެ ކުރިމަށްޗަށް ހުއްޓެމުން ޒައިހާ އަހައިލީ އޭނާއާ މެދުގައި ކަންބޮޑުވެފައި ހުރެއެވެ. ޒައިހާގެ ސުވާލުތަކަށް ދޭނެ ވަކި ޖަވާބެއް ޒިވްރާއަކަށް ނުވިސްނުނެވެ. ކައިވެންޏަށް އަމިއްލަ ނަފުސު ތައްޔާރު ނޫން ނަމަވެސް، އިތުރަށް މަންމައާ ދެބަސްވާނެ ހިތްވަރު އޭނާގެ ނެތީއެވެ. ދިރިއުޅުން ވަކި ހިސާބަކުން ހުއްޓިފައި އޮންނާކަށް ޚުދު އޭނާ ވެސް ބޭނުމެއް ނުވެއެވެ. އުފާވެރި ދިރިއުޅުމަކަށް އޭނާ ވެސް އުއްމީދު ކުރެއެވެ. މާޒީގެ ހިޔަނިން އަރައިގަނެ ކުރިއަށް ދެވެން އޮތް މަގަގީ އެ ކައިވެނި ކަމުގައި އޭނާއަށް ގަބޫލުކުރެވެނީއެވެ.ޝަހީނާގެ އެދުމަށް، ދުވަހަކު ދެލޮލުން ނުވެސް ދެކޭ ޒުވާނަކާ ބައްދަލުކުރުމަށް އޭނާ އެއްބަސްވި ސަބަބަކީ ވެސް އެއީއެވެ. ޖެހިލުންވެފައިވިއެއްކަމަކު އެކަމާ ކުރިމަތިލާން ޒިވްރާ ބޭނުންވެއެވެ.
"ޒައި އެއްނު ބުނީ އުމުރު މިގޮތުގަ ބޭކާރުކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނޭ. ދޮންތި ވެސް ވަރަށް ވިސްނިން އެކަމާ. ހިތަށް އަރަނީ މޫވް އޮން ކުރަންވީ ވަގުތު ޖެހިއްޖޭ." އިސްޖަހައިލަމުން ޒިވްރާ ބުނެލީ ނިކަން މަޑުންނެވެ.
"އައި ނޯ، އައި ނޯ ދޮންތީ އަހަރެން ތިހެން ބުނިކަން. އެކަމަކު.. އަހަރެން ހީކުރީ ދޮންތިއަށް ވެސް ކަމުދާ މީހަކާ ކަމަށޭ މެރީ ކުރާނީ.. ނޮޓް ލައިކް ދިސް.."
"ކައިވެނި ކުރެވުނީމަވެސް ހަމަ ލޯބި ވެވިދާނު. ޒައި ޕްލީސް. އަހަރެން ބޭނުމީ ޕޮޒިޓިވްކޮށް ވިސްނަން." އާދޭހުގެ ނަޒަރަކުން ޒައިހާއަށް ބަލައިލަމުން ޒިވްރާ ބުނެލިއެވެ. ޒިވްރާގެ މޫނުމަތީގައިވި މާޔޫސީގެ އަސަރުތަކުން އިތުރު އެއްޗެއް ބުނާނެހައި ހިތްވަރެއް ޒައިހާ އަކަށް ނުލިބުނެވެ. އެހެންވެ އެވާހަކަތަކާ އެއްބަސްވުމުގެ ގޮތުން ލަސްލަހުން އޭނާ ބޯޖަހައިލިއެވެ. އަދި ގާތަށް ޖެހިލައި ޒިވްރާގެ ގައިގައި ލޯބިން ބައްދައިލިއެވެ. "އެއީ ކޮންމެ މީހަކަސް އަހަންނަށް ޔަގީން އެމީހަކަށް ދޮންތި ކަމުދާނެކަން. ދެން ލަސްނުކޮށް ހިނގާ ތިރިއަށް. މަންމަ ބުނި ގަޑި ވެސް ޖެހެނީނު. މިހާރު ދޮންތިގެ ޕްރިންސް ޗާމިންގް ދެކިލާހިތުން ހުރެވެނީއެއްނޫން." ލާނެތް ރާގަކަށް ޒައިހާ ބުނެލިއެވެ. އެއާއެކު ޒައިހާގެ އަތުގައި ތަދުނުވާނެހެން ޒިވްރާ ވިކައިލިއެވެ. ދެބޭންގެ ހުނުމުގެ އަޑުން ކޮޓަރިތެރެ ގުގުމާލިއިރު، އިރުކޮޅެއް ކުރިން އެދެމެދަށް ވެރިވި ސީރިއަސްކަން މުޅިން ފިލައިގޮސްފިއެވެ.
އެކީގައި ސިޑިން ފައިބައިގެން އައި ޒިވްރާ އާއި ޒައިހާއަށް ޝާހީނާ ބަލައިލީ ފުޅާ ހިނިތުންވުމަކާއެކީއެވެ. ޒިވްރާ ކައިވެންޏަށް ގަބޫލުވީއްސުރެ އޭނާގެ މޫނުމަތިން އެ ހިނިތުންވުން ފިލައި ނުދެއެވެ. ޝާހީނާ ގާތުގައި ހުއްޓިލައިގެން ހުރި ދާމިރް ވެސް އޭނާގެ ދެ އަންހެން ދަރިންނަށް ބަލައިލަމުން ހިނިތުންވެލިއެވެ. އަދި ޒިވްރާގެ ފުރިހަމަކަމަށް ތަޢުރީފުކޮށްލިއެވެ. ބައްޕަގެ ދުލުން އިވުނު ބަސްތަކުން ލަދުވެތިކަން އިހުސާސުވުމާއެކު ފަނޑު ހިނިތުންވުމެއް ޒިވްރާގެ ތުންފަތުގައި ދުވެލިއެވެ. ޝާހީނާ އާއި ދާމިރްގެ މެދުގައި ޒިވްރާ އިނށީދެލުމާއެކު ދާމިރްއާ ޖެހިގެންކަހަލަ ގޮތަކަށް ޒައިހާ ވެސް އިނށީނެވެ.
"ކުޑައިރުކޮޅަކުން އަންނާނެހެން މަންމަ އަށް ހީވަނީ. ދެންމެ ޖޫލީ ގުޅި، ކާރުގަ މިދިމާލަށް ދަތުރު ފެށި ވާހަކަ ބުނީ." ގަނޑުފެންކޮޅެއްހައި ފިނިވެފައިވި ޒިވްރާގެ އަތްތިލައިގައި ހިފައިލަމުން ޝާހީނާ ބުނެލިއެވެ. އެއާއެކު ހިންދިރުވައިލަމުން ޒިވްރާ ބޯޖަހައިލިއެވެ. ވާހަކަދައްކާނެހައި ހިތްވަރުވެސް އޭނާގެ ނެތީ ކަހަލައެވެ.
އެކި ވާހަކަތަކުގައި ތިއްބައި ކުއްލިއަކަށް ގޭގެ ބެލް ޖަހައިލި އަޑު އިވުމާއެކު، އިންތަނުން ފުންމައިގެން ޒައިހާ ތެދުވިއެވެ. "އަޅުގަނޑު ދޮރު ހުޅުވާނީ، ވާންއުޅޭ ދޮންތިބެއަށް އެންމެ ފުރަތަމަ ވެލްކަމް ކިޔަންވާނީ އަޅުގަނޑެއްނު" ނިކަން ހިނިއައިސްފައިހުރެ ޒިވްރާއަށް އެއްލޯ މަރައިލަމުން ޒައިހާ ބުނެލިއެވެ. ޒިވްރާ ލޯއަޅައިލިތަންފެނި ޒައިހާއަށް ބާރަށް ހީނގަނެވުނެވެ. އަދި ދުވެފައިކަހަލަ ގޮތަކަށް ގޮސް ގޭގެ ދޮރާށި ހުޅުވައިލިއެވެ. އޭރުވެސް އޭނާގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. ނަމަވެސް ހުޅުވިގެންދިޔަ ދޮރުގެ އަނެއްފަރާތުގައި، މެދުއުމުރުގެ އަންހެނަކާއެކު ހުރި ޒުވާނާ ފެނުމުން ޒައިހާއަށް ލިބުނީ ހައިރާންކަމެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައިރު، ސުވާލުގެ ނަޒަރަކުން އެޒުވާނާގެ މޫނަށް އޭނާއަށް ބެލެމުންދިޔައެވެ. ޒައިހާގެ މޫނަށް އަރައިފޭބި ކުލަވަރު ފެނިފައި އެޒުވާނާ ނިތްއަރުވައިލަމުން ހިނިތުންވެލިއެވެ. ގަނޑުވެފައި، ހުރި ފިޔަވަޅުމަތީގައި ޒައިހާ ހުރިތަންފެނި،އިންތަނުން ތެދުވެގެން އައިސް އޭނާގެ ގާތުގައި ޝާހީނާ ހުއްޓިލިއެވެ. އަދި ޒައިހާގެ ކޮނޑުގައި ކޮށްޓައިލަމުން ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. ޝާހީނާގެ ސުވާލުން ޒައިހާއަށް ހަމަބިމަށް އާދެވުނު ފަދައެވެ. އަވަސް އަވަހަށް އެސްފިޔަޖަހައިލަމުން ދޮރާށި ބޮޑަށް ހުޅުވައިލިއެވެ. އަދި ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލަމުން ކުރިމަތީގައި ތިބި ދެމީހުނަށް ބަލައިލަމުން އެތެރަށް ވަންނަން ބުނެލިއެވެ. އެހެންމީހުނަށް ނުފެންނާހެން ޒައިހާއާ ދިމާއަށް އެއްލޯ މަރައިލަމުން ނިކަން ހިނިއައިސްފައި ހުރެ އެ ޒުވާނާ ގޭތެރަށް ވަދެގެން ދިޔައެވެ. އެތަންފެނި ތުންފިއްތައިލަމުން ޒައިހާ އަށް ދެބުމަ ގޮށްޖަހައިލެވުނެވެ. އޭރު އޭނާގެ މުޅި ނަފުސަށް ވެރިވަމުން އައި ހާސްކަމުގެ ސަބަބުން މޫނުމަތީގައި ކޮންމެވެސް ވަރަކަށް ކުދި ދާތިކިތައް ބަބުޅަމުން ދިޔައެވެ. ނޭނގޭ ބިރުވެރިކަމެއް ހިތަށް ވެރިވެގެން ދިޔައިރު، ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެފައިވިއެވެ.
ސޯފާތަކުގައި އެންމެން އިނށީދެ ހަމަޖެހުމާއެކު މޭޒުމަތީގައި ހުރި ސައި ތަބަށް ނަގަމުން ޖޫލީ އާއި އޭނާގެ ދަރިފުޅާ ދިމާއަށް ޝާހީނާ ދިއްކޮށްލިއެވެ. ޝުކުރު އަދާކުރަމުން އޭގެން ސައި ޖޯޑެއް ނެގި އިރު، އެ ޒުވާނާގެ ނަޒަރު އަމާޒުވެފައިވީ ލަސްހިނގުމެއްގައި އައިސް ދާމިރް ގާތުގައި އިނށީން ޒައިހާގެ މޫނަށެވެ. އެ ތޫނުފިލި ދެލޮލުން ފައުޅުވާންހުރި ލާނެތް އަސަރުތަކުން ޒައިހާ އިތުރަށް ހިތްހަމަނުޖެހޭގޮތް ވިއެވެ. އެހެނަސް ބަހެއް ނުބުނެ އޭނާ އިސްޖަހައިލީ ދެން ވާން އުޅޭގޮތް ވިސްނުނު މީހަކު ފަދައިންނެވެ.
"ޝާހީނާ އެންޑް ދާމިރް ދޯ، މީ އަހަރެންގެ ދަރިފުޅު މިކްދާދް. ވަރަށް އުފާވި ނާދިޔާ ގުޅާފަ މި އާއިލާގެ ފަރާތުން ކައިވެންޏަށް ހުށައެޅީމަ. އަހަރެންގެ ދަރިފުޅަށްޓަކާ ރަނގަޅު ބައިވެރިއެއް ހޯދަމުން ދަނިކޮށް ނާދިޔާ އަހަރެން ގާތު މި ވާހަކަ ދެއްކީ. އާއިލާއާ އަންހެންކުއްޖާ ވެސް އަހަންނަށް ވަރަށް ކަމުދިޔައީމަ ވަގުތުން އެއްބަސް ވެވުނީވެސް. އަނެއްކާ ނާދިޔާ އަކީ އަހަރެން ވަރަށް އިތުބާރުކުރާ ފަރާތެއް." ފުޅާ ހިނިތުންވުމަކާއެކު ޖޫލީ ބުނެލިއެވެ. ޖޫލީގެ ވާހަކަތައް އިވިފައި ޝާހީނާއަށް ލިބުނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. ގާތުގައި އިސްޖެހިފައި އިން ޒިވްރާއަށް އޭނާ ބަލައިލީ ހިތްހަމަޖެހިފައި އިނދެއެވެ.
"ނާދީ އަކީ އަހަރެންގެ ވެސް ވަރަށް ގާތް އެކުވެރިއެއް. ޒިވީގެ ކައިވެނިކުރުވަން ބޭނުންވެގެން އަހަރެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ. އެކަމަކު މިޒަމާނުގަ ހިތްހަމަޖެހޭފަދަ ޒުވާނެއް ހޯދުމަކީވެސް ނާދިރުކަމެއް. އެކަމާ ބޯގޮވާފަ ހުއްޓަ ނާދީ މިކްދާދްގެ ވާހަކަ ބުނީ. މިކްދާދްގެ ފަރާތުން ކަމުދާފަދަ ސިފަތަކެއް ފެނުނީމަ އަހަރެންވެސް ބައްދަލުކޮށްލަން ބޭނުންވީ." މިކްދާދް އަށް ބަލައިލުމަށްފަހު ހިނިތުންވެލަމުން ޝާހީނާ ބުނެލިއެވެ.
"ދެން ހުރިހާ ވާހަކައެއް އަހަރެމެންތަ ދައްކަންވީ؟ ތި ދެކުދިން ވެސް ހުންނާނު ދައްކަން ބޭނުންވާ ވާހަކަތައް ދޯ. ބުނެބުނެ ވެސް އެ މަންޖެގެ ތަސްވީރެއް ބަލާލާކަށްވެސް މި ދާދު އެއްބަހެއްނުވި. ހަމަލޮލުން ދެކިލާށޯ ބޭނުންވަނީ" ދިމާކޮށްލާފަދަ ގޮތަކަށް މިކްދާދާ ދިމާއަށް ޖޫލީ ބަލައިލިއެވެ. އެއާއެކު މިކްދާދު ދެލޯބޮޑުކޮށްލި ގޮތުން ޝާހީނާ އާއި ދާމިރް ގާތަށް ވެސް ހިނިއައެވެ.
އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައި އިންފަދަ ގޮތަކަށް، ހިނިއައިސްފައި އިން މިކްދާދްގެ މޫނަށް ބަލަހައްޓައިގެން ޒައިހާ އަށް އިނދެވުނީ ލިބުނު ޝޮކެއްގެ ސަބަބުންނެވެ. އެސްފިޔަޖަހައިލަން ވެސް ހަނދާންނުވެފައި އޭނާ އިންއިރު، މަޑުމަޑުން ކަރުނަތައް އެދެލޮލަށް ބޮނޑިވަމުން އައި ކަމެއް ޚުދު ޒައިހާއަށް ވެސް ނޭނގެއެވެ. ލަގޮނޑިއަށް ވާންވެލުމާއެކު އޭނާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. އިތުރަށް އެމަންޒަރު ބަލަން ކެތްނުވީކަހަލައެވެ. ކަރުނަތައް ގަދަކަމުންކަހަލަ ގޮތަކަށް ދިރުވައިލަމުން އަނެއް ފަރާތަށް ޒައިހާ މޫނު އަނބުރައިލިއެވެ. ހީނހީނފައި އެންމެން ވާހަކަދައްކަމުންދިޔައިރު، އޭނާގެ ހިތް ފިސްފިސްވަމުން އައި ކަމެއް ދަންނާނެ ހަމަ އެކަކުވެސް އެތަނުގައި ނެތްކަހަލައެވެ.
(ނުނިމޭ)
Ads by MACL
