ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ކަނބަލަކަށް ވިޔަސް ސުހާ ހުރީ ކުޑަވެސް ދުލެއް ދޭގޮތަކަށް ނޫން! މިއީ މީދޫ ބަދަލުކޮށްލާނެ ކެންޑިޑޭޓް!

ސުހާ އިބްރާހީމް ، ކެރޭނެ ހިތްވަރު ހުންނާނެ ---
ސުހާ އިބްރާހީމް ، ކެރޭނެ ހިތްވަރު ހުންނާނެ ---

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަ އެންމެ ދުވަހަކަށް ކައިރިވެފައިވާއިރު، ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ސުހާ އިބްރާހީމް ދައްކަމުންދަނީ ބަދަލުނުވާނެ ސާބިތުކަމެކެވެ. ރަށުގެ މުސްތަގުބަލާ ގުޅޭގޮތުން އޭނާ ގެންގުޅުއްވާ ޒަމާނީ އަދި ފުޅާ ތަސައްވުރު ރައްޔިތުންނާ ހިއްސާކުރައްވަމުން، ސުހާ ސާބިތުކޮށްދެނީ އަންހެން ކަނބަލަކަށް ވީނަމަވެސް ރަށުގެ ތަރައްޤީގެ ރޭހުގައި އޭނާ ހުރީ ކުޑަވެސް ދުލެއް ދޭގޮތަކަށް ނޫން ކަމެވެ. އަދި މިއީ ހަމަ ހަގީގަތުގައިވެސް މީދޫގެ މޫނުމަތި މުޅިން ބަދަލުކޮށްލާނެ އުންމީދީ ކެންޑިޑޭޓްކަން އޭނާގެ ހަރަކާތްތަކުން ދަނީ ހާމަވަމުންނެވެ.

މީދޫގައި ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައި ސުހާ ވަނީ ރަށުގެ ކުރިއެރުމަށްޓަކައި ގެންގުޅުއްވާ ޕްލޭންތަކާއި ވިސްނުންތައް ވަރަށް ތަފްސީލްކޮށް ރައްޔިތުންނަށް ކިޔައިދެއްވާފައެވެ. ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ މަންފާއަށްޓަކައި އުފުއްލަވަންޖެހޭ ކޮންމެ ޒިންމާއަކާ ކެރިގެން ހަވާލުވެވަޑައިގަތުމަކީ އޭނާގެ އެންމެ ބޮޑު މަގުސަދެވެ. އޭނާގެ އަސްލު އަމާޒަކީ މީދޫއަކީ ހުރިހާ ދާއިރާއަކުންވެސް ފާހަގަކޮށްލެވޭ، ފުރިހަމަ ވަސީލަތްތަކުން ފުރިގެންވާ ނަމޫނާ ރަށަކަށް ހެއްދެވުމެވެ.

އުމްރާނީ ތަރައްޤީގެ ދާއިރާއަށް ބަލާއިރު، ސުހާގެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދީފައިވާ އެއް ކަމަކީ ރަށުގެ ދަތުރުފަތުރާއި އިގްސާދީ ހަރަކާތްތައް ދިރުވައިދޭނެ ފަދަ ޒަމާނީ ފެރީ ޓާމިނަލެއް ބިނާކުރުމެވެ. މީގެއިތުރުން، އާއިލާތަކަށާއި ކުޑަކުދިންނަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ، އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ރީތި ކުޑަކުދިންގެ ބަގީޗާއެއް ހެދުމަށްވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

ހަމައެއާއެކު، ރަށުގެ އިސްރަށްވެހިންނަށް އުފާވެރި އަދި ލުއިފަސޭހަ މާހައުލެއް ހޯދައިދިނުމަށްޓަކައި ޚާއްޞަ އަޅާލުމާއި ހިދުމަތްތަކެއް ގާއިމުކޮށްދިނުމަކީވެސް އޭނާގެ ރޭވުންތަކުގެ މުހިންމު ބައެކެވެ. އިގްސާދީ ގޮތުން ރަށުގެ ފުދުންތެރިކަން މަތިކުރުމުގެ ގޮތުން މީދޫގައި ލޯކަލް ފަތުރުވެރިކަން ފުޅާކޮށް، އާންމު ރައްޔިތުންގެ ޖީބަށް އޭގެ ފައިދާ ސީދާ ގޮތެއްގައި ވަންނާނެ މަގުތައް ފަހިކޮށްދޭނެ ކަމަށް ސުހާ ވިދާޅުވިއެވެ.

ޒުވާނުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށް ވާހަކަދައްކަވަމުން، ދ. އުއްދޫގައި ވިޔަފާރީގެ އެކި މަސައްކަތްތައް ކުރަން ބޭނުންވާ މީދޫގެ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ފުރުސަތުތައް ހޯދައިދީ، ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ކޮންމެހެން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި، އެކި ކުލިނިކްތަކާއި ސިއްހީ މާހިރުންގެ އެހީތެރިކަމާއެކު ރަށުގައި ސިއްހީ ހޭލުންތެރިކަން އިތުރުކޮށް، މެޑިކަލް ކޭމްޕްތައް ގަވާއިދުން ބޭއްވުމަށްވެސް ސުހާ ވަނީ ރާވާފައެވެ.

މިހާރު ރަށުން ފެންނަން ހުރި ސިއްހީ މަރުކަޒުގެ އާ އިމާރާތަކީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި އެއްބައިވަންތަކަމުގެ ސަބަބުން ސަރުކާރުގެ ތެރެއިން ހާސިލުކުރެވުނު ބޮޑު ކާމިޔާބީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ރަށުގެ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަކީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމަކަށްވާތީ، ދެމެހެއްޓެނިވި އަދި ޒަމާނީ އުސޫލުތަކެއްގެ މަތިން ކުނި މެނޭޖުކުރާނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމަށްވެސް ސުހާ ވަނީ ނިންމަވާފައެވެ.

މީގެއިތުރުން، ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ރަށަށް ގެނެސްގެން ދީނީ ދަރުސްތަކާއި ޕްރޮގްރާމްތައް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. ތަރައްޤީގެ އާ އުސްމިންތަކަކަށް މީދޫ ގެންދިއުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެ، އޭނާއަށް ވޯޓު ދެއްވުމަށާއި، ރަށުގެ މޫނުމަތި ބަދަލުކޮށްލުމުގެ މި އުންމީދީ ދަތުރުގައި ބައިވެރިވުމަށް ސުހާ ވަނީ ރަށުގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.