ބޭނުން ވީމާ ރޫޅާލި، އަންނާން ވީމާ އައިއްސި!
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ސިޔާސީ އޮއިވަރު ބަދަލުވެ، ޕާޓީގެ ކޮންޓްރޯލް އަލުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިވަނީ ހޯއްދަވާފައެވެ. މިއީ އެ ޕާޓީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކެއްގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނު ތާއީދުކުރެއްވި ކެންޑިޑޭޓުންނާ ވާދަކޮށް ބޮޑު ތިން އިންތިޚާބަކުން ނަޝީދުގެ ފެކްޝަނަށް ބަލިވުމާ ކުރިމަތިލާންޖެހުމަށްފަހު އައި ބޮޑު ބަދަލެކެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި، ނަޝީދު މިވަނީ ޕާޓީގެ އެންމެ އިސް ބާރުވެރިކަމާއި "ރަސްކަން" އަލުން އިޢާދަކުރައްވާފައެވެ.
މި ސިލްސިލާ ނާކާމިޔާބީތަކުގެ ފެށުމަކީ ރައީސް ޞާލިޙުގެ ވެރިކަމުގެ ދުވަސްވަރު އެމްޑީޕީގެ އެތެރޭގައި ބޭއްވުނު އިންތިޚާބެކެވެ. އެ އިންތިޚާބުގައި ނަޝީދުގެ ފަރާތްޕުޅުން ވާދަކުރެއްވި އިމްތިޔާޒް ފަހުމީ (އިންތި) ވަނީ، ރައީސް ޞާލިޙުގެ ތާއީދާއެކު ނިކުންނެވި ފައްޔާޒް އިސްމާޢީލާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. މިއީ ޕާޓީގެ އެތެރޭގެ ކޮންޓްރޯލް ނަޝީދުގެ އަތްޕުޅުން ބީވެގެންދާން ފެށި ފުރަތަމަ ފިޔަވަޅެވެ.
އޭގެ ފަހުން، 2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދު ވަނީ ސީދާ ރައީސް ޞާލިޙާ ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. މި ބައްޔަށްފަހު، ނަޝީދު އެމްޑީޕީ ދޫކުރައްވައި ވަކިވެވަޑައިގެން، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު، ނަޝީދު އަނެއްކާވެސް އެމްޑީޕީއަށް އެނބުރި ވަޑައިގަތީއެވެ.
މިދިޔަ ދުވަސްތަކުގައި މާލޭގެ މޭޔަރު ހޮވުމަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީގައިވެސް ނަޝީދުގެ ފެކްޝަނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. އެ އިންތިޚާބުގައި ނަޝީދުގެ ތާއީދާއެކު ނިކުންނެވި ޢަލީ އާޒިމްގެ މައްޗަށް ކުރިހޯއްދަވައި ޓިކެޓް ކާމިޔާބުކުރެއްވީ އާދަމް އާޒިމްއެވެ. މިފަދަ ގިނަ ނާކާމިޔާބީތަކަކަށްފަހުވެސް، ސިޔާސީ މަސްރަޙު އެފުށްމިފުށަށް ޖަހައި، ޗެއާޕާސަންގެ މަޤާމާއެކު އެމްޑީޕީގެ ލީޑަރޝިޕްގެ އެންމެ ކުރީ ސަފަށް ނަޝީދު މިވަނީ އަލުން ވަޑައިގެންފައެވެ.
ސިޔާސީ މަސްރަޙަކީ ދާއިމީ އެކުވެރިންނާއި ދާއިމީ ދުޝްމަނުން އޮންނަ ތަނެއް ނޫންކަން މިއަދު މިވަނީ އަނެއްކާވެސް ސާބިތުވެފައެވެ. އަމިއްލަ އެދުމާއި ބާރުގެ ބޭނުމުގައި، ބޭނުންވި ހިނދެއްގައި ޕާޓީ ރޫޅާލައި، ވަކިވެވަޑައިގެންނެވި ނަމަވެސް، ސިޔާސީ ހިޔާވަހިކަމެއްގެ ބޭނުން ޖެހުނު ހިނދު އަނެއްކާވެސް މިވަނީ ކުރީގެ "ގެއަށް" އެނބުރި ވަޑައިގަންނަވަން މަޖުބޫރުވެފައެވެ.
މިއީ ހަމައެކަނި ރައީސް ނަޝީދުގެ ސިޔާސީ ދަތުރުގެ އާ ބާބެއްގެ ފެށުމެއް ނޫނެވެ؛ މިއީ ބޭނުންވީމާ ރޫޅާލައި، އަންނާންވީމާ އައިއްސި ކަމަށް ބުނާ އުޞޫލުން، އެމްޑީޕީގެ ކޮންޓްރޯލް އަލުން ހޯއްދަވައިގެން، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ސިޔާސީ މިސްރާބު ބަދަލުކޮށްލާނެ ފަދަ ނިންމުމެކެވެ.
ދެން އުފެދޭ ސުވާލަކީ، މި ބަދަލާއެކު އެމްޑީޕީގެ އެތެރޭގެ މަސްރަޙަށް ހަމަޖެހުމެއް އަންނާނެތޯ ނުވަތަ އަނެއްކާވެސް އާ ޚިޔާލުތަފާތުވުންތަކެއްގެ ފެށުމަކަށް މިބަދަލު ވެގެންދާނެތޯއެވެ.
Ads by MACL
