ނުރައްކާ ރަނގަބީލެއް، އެމްޑީޕީން މާލެ ހަލަބޮލިކޮށް ސަރުކާރުގެ އިދާރާތަކަށް ވަންނާނެކަމުގެ އިންޒާރު!
ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ހަރަކާތް، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށްފަހު ސިޔާސީ މަސްރަހު އަނެއްކާވެސް ހޫނުވެ، މާލޭގެ މަގުތައް ހަލަބޮލިކޮށް ސަރުކާރުގެ އިދާރާތަކަށް ވަދެގަންނާނެކަމުގެ ނުރައްކާތެރި އިންޒާރުތަކެއް މިވަނީ ފެންމަތިވާން ފަށާފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމުގެ ތަޚުތަށް އެނބުރި ވަޑައިގަތުމާއެކު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި މަގުމަތީގެ ހަރަކާތްތަކާއި ހަމަނުޖެހުމަށް މަގުފަހިވާނެ ފަދަ ރާގަކަށް ވާހަކަތައް ބައްޓަންވަމުންދާތީ، މިއީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކާ ރަނގަބީލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ޚާއްޞަކޮށް މާޒީގައި އެމްޑީޕީން ދައްކާފައިވާ މަގުމަތީގެ ވަރުގަދަ ލެގަސީއަށް ބަލާއިރު، މިފަދަ އިންޒާރުތަކަކީ ދައުލަތުގެ ހިންގުމަށް ބުރޫއަރާފާނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މިފަދަ ހަލަބޮލިކަމަކަށް ޕާޓީގެ މިސްރާބު ހުރިއިރު، އެމްޑީޕީގެ އެތެރޭގެ ސިޔާސީ ބާރުވެރިކަމާއި އާންމު ތާއީދުގެ ހިސާބުތަކަށް ބަލައިލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
ތާރީޚަށް ބަލާއިރު، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް 97،222 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭގެ ފަހުން 2013 ވަނަ އަހަރު އެ އަދަދު ވަނީ 105،181 ވޯޓަށް އުފުލިފައެވެ. ނަމަވެސް، ފަހުގެ ތާރީޚުގައި އެ މަނިކުފާނުގެ ސިޔާސީ ބާރާއި ތާއީދު ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ.
އެގޮތުން ޖަނަވަރީ 2023 ގައި ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ނަޝީދު ނާކާމިޔާބުވީ 8،000 އެއްހާ ވޯޓުގެ ބޮޑު ތަފާތަކުންނެވެ. އެ އިންތިޚާބުގައި އެ މަނިކުފާނަށް ލިބިވަޑައިގަތީ އެންމެ 15،000 އެއްހާ ވޯޓެވެ.
އޭގެ ފަހުން، އެ މަނިކުފާނުގެ ސީދާ ތާއީދާއެކު 2023 ގެ ރިޔާސީ އިންތިޚާބަށް ނެރުއްވި ކެންޑިޑޭޓަށްވެސް މުޅި ރާއްޖެއިން ލިބިވަޑައިގަތީ އެންމެ 15,800 އެއްހާ ވޯޓެވެ. މިއީ މުޅި އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ 7 އިންސައްތައެވެ.
އަލަށް ބޭއްވުނު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ގާތްގަނޑަކަށް 50،000 މީހުންނަށް ވޯޓުލެވޭ މި އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ 20,000 ވޯޓު ހޯއްދަވައިގެންނެވެ.
މީގެ މާނައަކީ، 2023 ޖަނަވަރީގެ ރިޔާސީ ޕްރައިމަރީއަށްފަހު، މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ އެތެރެއިން ރައީސް ނަޝީދަށް އިތުރުކުރެވުނީ އެންމެ 5,000 އެއްހާ ވޯޓެވެ. މިއީ މުޅި ރާއްޖޭގައި ބޮޑު ޚަރަދެއް ކޮށްގެން ކުރިއަށްގެންދިޔަ ކެމްޕޭނަކަށް ބަލާއިރު، ބޭނުންވި ފަދަ ބޮޑު ކުރިއެރުމެއް ނޫނެވެ.
މި ހުރިހާ ހިސާބުތަކަކުން ކަށަވަރުވެގެންދާ އެންމެ ބޮޑު ހަގީގަތަކީ، އެމްޑީޕީގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ސީދާ ތާއީދެއް މިހާރު ރައީސް ނަޝީދަށްވެސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށްވެސް ނެތް ކަމެވެ.
ޕާޓީގެ ބޮޑު މެޖޯރިޓީއެއް މިހާރު ތިބީ މި ދެ ލީޑަރުންގެ ފަހަތުން ދާން ބޭނުންނުވެ، ވަކިފަރާތަކަށް ނުޖެހި މާޔޫސްވެފައެވެ.
ވުމާއެކު، މިއަދު އެމްޑީޕީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބާގްރައުންޑުގައި ތިބެގެން މަގުމަތީގެ ހަމަނުޖެހުންތަކަށް ހިތްވަރުދިނުމުގެ ބަދަލުގައި، ޕާޓީގެ މުސްތަގުބަލު ބަދަލުކޮށްލާނެ އާ ލީޑަރޝިޕެއް އުފެދިގެން އައުމެވެ.
ޒުވާން، އާ ވިސްނުންތަކެއް ހުރި ލީޑަރުންނަށް ފުރުސަތު ދީގެން މެނުވީ، ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަލުން ހޯދައި، ހަމަޖެހުމާއެކު ސިޔާސީ މައިދާނުގައި ކުރިއަށްދިއުމަކީ އެމްޑީޕީއަށް ދެން އޮތް ހަމައެކަނި މަގުކަމުގައި ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
Ads by MACL
