ބުދަ، 18 ނޮވެމްބަރު 2026
ވިޔަފާރި

ތާރީޚީ އައިޕީއޯއަކާއެކު ސްޕޭސްއެކްސްގެ އަގު 2 ޓްރިލިއަނަށް!

ތާރީޚީ އައިޕީއޯއަކާއެކު ސްޕޭސްއެކްސްގެ އަގު 2 ޓްރިލިއަނަށް!

އެލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނިން ކާމިޔާބު އައިޕީއޯއެއް ކުރިއަށްގެންގޮސް، ކުންފުނީގެ ޖުމްލަ މާކެޓް އަގު 2 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ޖައްސާލުމާއެކު މާލީ ބާޒާރުގައި ތާރީޚީ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

އެމެރިކާގެ ނާސްޑެކް ސްޓޮކް މާކެޓުގައި ސްޕޭސްއެކްސްގެ ހިއްސާ ވިއްކަން ފެށުމާއެކު އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ލިބި، މިއީ އެމެރިކާގެ 6 ވަނައަށް އެންމެ އަގުބޮޑު ޕަބްލިކް ކުންފުންޏަށް ވަނީ ވެފައެވެ. މި ބޭސްޕްލޭން ކުރިއެރުމުގެ ސަބަބުން، ކުންފުނީގެ ބޮޑު ހިއްސާއެއް ކޮންޓްރޯލްކުރާ އެލޮން މަސްކް ވެގެންގޮސްފައިވަނީ ދުނިޔޭގެ ތާރީޚުގައިވެސް އުފެދުނު ފުރަތަމަ 'ޓްރިލިއަނަރު' (Trillionaire) އަށެވެ.

މި ތާރީޚީ އައިޕީއޯ (IPO) ގައި ސްޕޭސްއެކްސްގެ ހިއްސާއެއްގެ އަގު ފެށުނީ 135 ޑޮލަރުން ކަމަށްވިޔަސް، ބާޒާރަށް ނިކުތްތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހިއްސާގެ އަގު ވަނީ 20 އިންސައްތައާ ގާތްކުރާ އަދަދަކަށް މައްޗަށް ޖެހިލާފައެވެ. މި މުއާމަލާތުގެ ތެރެއިން ސްޕޭސްއެކްސް އިން ވަނީ ހިއްސާ ވިއްގައިގެން 75 ބިލިއަނާއި 85 ބިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ފައިސާގެ ބައެއް އެއްކޮށްފައެވެ. މިއީ 2019 ވަނަ އަހަރު ސައުދީ އަރަމްކޯއިން ހަދާފައިވާ ރެކޯޑް މުގުރާލުމަށްފަހު، ދުނިޔޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފައިސާ އެއްކުރި އައިޕީއޯގެ ގޮތުގައި މިހާރު ވަނީ ރެކޯޑް ކުރެވިފައެވެ.

މި ބޮޑު ކުރިއެރުމާއެކު ސްޕޭސްއެކްސް މިހާރު އޮތީ އެމެރިކާގެ މާކެޓްގައި އެމެޒޯންގެ ތޮގުގައެވެ. އެއީ ނިވިޑިއާ، އަލްފަބެޓް، އެޕަލް، މައިކްރޯސޮފްޓް އަދި އެމެޒޯންއަށް ފަހުގައެވެ. މިއީ މަޝްހޫރު ބްރޯޑްކޮމްގެ އިތުރުން މަސްކްގެ އަނެއް ކުންފުނި ކަމަށްވާ ޓެސްލާއަށްވުރެވެސް ބޮޑު މާކެޓް އަގެކެވެ.

ކުންފުނީގެ ބާނީ އެލޮން މަސްކް ހާމަކުރި ގޮތުގައި، 2002 ވަނަ އަހަރު މި ކުންފުނި އުފެއްދިއިރު މިއީ ކާމިޔާބު ކުންފުންޏަކަށް ވާނެ ކަމަށް އޭނާ އުންމީދު ކުރީ އެންމެ 10 އިންސައްތައެވެ. ނަމަވެސް، މާލީ މާހިރުން ހައިރާންކޮށްލި ކަމަކީ، ސްޕޭސްއެކްސްއަކީ އަދިވެސް ސާފު ފައިދާއެއް ލިބޭ ކުންފުންޏަކަށް ނުވާއިރުވެސް، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރާއި ޝައުގުވެރިކަން އިންތިހާއަށް ބޮޑުވުމެވެ.

މި ކާމިޔާބީއާއެކު މަސްކްގެ މިހާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު ކުންފުނީގެ އަހަރީ އާމްދަނީ 1 ޓްރިލިއަން ޑޮލަރަށް އެރުވުމެވެ.

ވިޔަފާރި

އިތުރަށް ←