ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (09 ވަނަ ބައި)

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (09 ވަނަ ބައި)

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (09 ވަނަ ބައި)

 

އެ ހުރިހައިއިރު ޒައިހާއަށް ގެއްލިފައި އިނދެވުނުވަރުން އެތަނުގައި ދެކެވެމުންދިޔަ ވާހަކަތަކަށް މިކްދާދްގެ މާބޮޑު ސަމާލުކަމެއް ނެތެވެ. ޒައިހާގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުން އޭނާގެ ހިތުގައި ވެސް މަޑު ރިހުމެއް އުފެދުނެވެ. އެހެނަސް އޭނާގެ ނިޔަތަކީ ޒައިހާގެ ހިތުގައި ޖެއްސުމެއް ނޫނެވެ. ވީނުވީ ނޭނގިފައި ހުރީ ޒައިހާއަށް ކަމުގައި މިކްދާދްއަށް ހީކުރެވުނީއެވެ. އެހެންވެ ހިތުން އޭނާ އެގެއަށް އައީ ޒައިހާ އުފާވާނެފަދަ ސަޕްރައިޒްއެއް ދިނުމުގެ ގޮތުންނެވެ.

 

ޚިޔާލުތަކަށް ގެއްލިފައިވީވަރުން ގާތުގައި އިން ޖޫލީ އޭނާއަށް ގޮވައިލުމުންވެސް އެއަޑެއް މިކްދާދަކަށް ނީވުނެވެ. ދެތިންފަހަރު ޖޫލީ ގޮވައިލުމުން އަވަސް އަވަހަށް ހޫން އެއް ލައްވައިލަމުން މިކްދާދް ޖޫލީއަށް ނިތްއަރުވައިލީ ވީގޮތެއް އަހައިލުމުގެ ގޮތުންނެވެ. "މިހާ އަވަހަށް ދަރިފުޅު ޚިޔާލީ ފޮލާ ކައްކަން ފެށީ ދޯ" ހިނިއައިސްފައި އިނދެ ޖޫލީ އޭނާގެ ދަރިފުޅާ ދިމާކޮށްލިއެވެ. އެ ޖުމުލައިން މިކްދާދްގެ ތުންފަތްވެސް ދެފަރާތަށް ދެމިލިއެވެ.

 

"މަންމަ ބުނީ ދެކުދިން ދާންވީ ނޫންހޭ ވަކިން ވާހަކަދައްކާލާ ހަދާލަން. އެކަކު އަނެކަކު ގާތު ދައްކަން ހުރި ވާހަކަތައްވެސް ހުންނާނު." މަޑުމަޑުން ޖޫލީ އެހެން ބުނެލުމާއެކު މިކްދާދް ވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. އަދި ސިއްރުސިއްރުން ލޯބިވެތި ނަޒަރަކުން އަނެއްފަރާތަށް މޫނު އަނބުރާލައިގެން އިން ޒައިހާއަށް ބަލައިލިއެވެ.

 

"ދަރިފުޅު ދާންވީނު މިކްދާދް ގޮވައިގެން ބަގީޗާއާ ދިމާއަށް. އެތަނުގަ ތިބެ ދެކުދިންނަށް ހަމަޖެހިގެން ވާހަކަދައްކާލެވޭނު." ލޯތްބާއެކު ޒިވްރާގެ ކޮނޑުގައި ފިރުމައިލަމުން ޝާހީނާ ބުނެލިއެވެ. އެއަޑަށް މިކްދާދްގެ ސަމާލުކަން ވެސް ލިބުނެވެ. ހައިރާންކަން އޭނާގެ މޫނަށް ވެރިވީ، އޭނާ ހީކުރިގޮތާ ޚިލާފަށް ޝާހީނާ އެހެން ބުނީ ޒައިހާ ގާތުގައި ނޫންކަމަށް ވީމައެވެ. ސުވާލުގެ ނަޒަރަކުން މިކްދާދް ޝާހީނާގެ މޫނަށް ބަލައިލަމުން އޭނާއާ ޖެހިގެންކަހަލަ ގޮތަކަށް އިސްޖެހިފައި އިން އަންހެންކުއްޖާއާ ދިމާއަށް ބަލައިލިއެވެ. އެވަގުތު އެކުއްޖާ މަޑުމަޑުން ބޯޖަހައިލިތަން ފެނުނެވެ. އަދި ލަސްހަރަކާތަކާއެކު އިންތަނުން ތެދުވަމުން މިކްދާދްއަށް ބަލައިލުމަށްފަހު ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. މިވަނީ ކިހިނެއްކަން ނޭނގި މިކްދާދްގެ ހިތް ސުވާލުތަކުން ފުރިގެން އައެވެ. އެހެނަސް އެދަނޑިވަޅު ސުވާލުކުރާނެހައި ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ވާނުވާ ނޭނގިފައިހުރެ އިންތަނުން ތެދުވަމުން އޭނާ ޒައިހާ އިން ދިމާއަށް އަވަސް ނަޒަރެއް ދިނެވެ. ފެންކަޅިވެފައިވާ ދެލޮލުން، ހިތްދަތިގޮތަކަށް އޭނާއަށް ބަލަހައްޓައިގެން އިން ޒައިހާ ފެނުމާއެކު މި ވާނުވާ ކޮންމެވެސް ވަރަކަށް އޭނާއަށް ފަހުމްވާގޮތް ވިއެވެ. އެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައްފެނި މިކްދާދަށް ހިންދިރުވައިލެވުނެވެ. ހާސްކަން އަމިއްލަ ނަފުސު ވަށާލުމާއެކު މިކްދާދަށް ނިތުގައި އަތުން ފިރުމައިލެވުނެވެ. ނޭނގުމެއްގެ ތެރޭގައި އޭނާއަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެކަން އިހުސާސުވެ ޒައިހާއަށް ބަލައިލެވުނީ އެހީތެރިކަމަށް އެދޭ ހާލުއެވެ. އެހެނަސް، އިންތަނުން ގުޑިވެސްނުލައި އެއިން ގޮތަށް ޒައިހާ އިނީއެވެ. އެއްޗެކޭ ބުނަން އަނގަހުޅުވާލަން އުޅުނު ވަގުތު އޭނާ ގާތަށް އައިސް ހުއްޓިލި ޒިވްރާ ފެނި މިކްދާދްގެ އަނގައިގައި ތަޅެއްލެވުނު ކަހަލައެވެ. ވަގުތުގެ ނާޒުކުކަމުން އެއްޗެއް ބުނާނެހައި ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ޒިވްރާއަށް ހިނިތުންވެލަމުން އޭނާގެ ފަހަތުން މިކްދާދް ހިނގައިގަތެވެ. އޭރު ޖެހި ބުދެއްހެން ހުއްޓުން އަރައިފައި ޒައިހާ އިނީ ހިތަށް ކުރަމުންދިޔަ އަސަރެއްގެ ބޮޑުކަމުންނެވެ.

 

މިކްދާދް އާއި ޒައިހާ ދިމާވީ ކޮލެޖުގައި އުޅޭ އެކުވެރިއެއްގެ ފަރާތުން، މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ދެމީހުން ދެމެދުގައި އެކުވެރިކަމެއް އުފެދި އާލާވާންފެށި ދެމީހުންގެ ވެސް މިޒާޖުގައި ހުރި އެއްގޮތް ކަންތަކުގެ ސަބަބުންނެވެ. މިކްދާދްގެ މައްޗަށް ޒައިހާގެ ހިތް ލެބިގެން ދިޔައީ ހީވެސްނުކުރާހައި އަވަހަށެވެ. މިކްދާދްގެ ފުށުން ފެހި ސިގްނަލެއް ލިބުންވީ ޒައިހާގެ ހިތުގައި އެ ނަން އިތުރަށް ފެވިގެންދިޔަ ސަބަބަކަށެވެ. އަލަތު ލޯތްބަށް ހިތް ހުޅުވިގެން ދިޔައިރު، ދެމެދުގައި އުފެދިފައިވީ ވަރުގަދަ ގުޅުމެކެވެ. އެހެނަސް އެ ގުޅުން ދުނިޔެއަށް ސިއްރުކުރަން މިކްދާދް އެދުނީ އޭނާއަށްވުރެ އުމުރުގެ ގޮތުން ޒައިހާ 8 އަހަރު ހަގު ވީމައެވެ. މައިންބަފައިންނާ ހަމައަށް އެ ގުޅުމުގެ ވާހަކަ ގެންދިއުމަށް އޭނާއަށް ދުވަސްކޮޅެއް ދިނުމަށް ޒައިހާ ގާތުގައި އެދުނަތީ، އޭނާ ވެސް އެ ގުޅުމުގެ ވާހަކަ އާއިލާ މީހެއް ކައިރީގައި ނުބުނެއެވެ. އެހެނަސް އެފަދައިން ކަންތައް ކުރެވުނަތީ މިއަދު ޒައިހާ ދެރަވެއެވެ. ކޮންމެވެސް ގޮތަކަށް ޒިވްރާއާ ހަމައަށް އެ ޚަބަރު ގެންދެވުނުނަމައޭ ހިތަށް އަރަނީއެވެ. އޭރުން ހަމަގައިމު ވެސް އެގުޅުމަށް ޒިވްރާ ދެކޮޅުހެދީހެވެ. މިކްދާދަކީ ޒައިހާގެ ލޯބިކަން އެނގިހުރެ އެދެމެދަށް ޒިވްރާ ނުވަނީސްކަން އޭނާއަށް ޔަގީނެވެ. ނަމަވެސް ނަމައަކުން މިއަދު ކުރާނެ ކަމެއް ނެތެވެ. އެހައި ހިތްވަރުން ޒިވްރާ ކައިވެންޏަކަށް އެއްބަސްވި ދަނޑިވަޅު އެފަދަ ވާހަކައެއް ދައްކާކަށް ޒައިހާއަށް ލާހިކެއް ނޫނެވެ. އޭނާގެ ސަބަބުން ކައިވެންޏާމެދު ޒިވްރާގެ ޚިޔާލު ބަދަލުވެދާނެތީ ޒައިހާ ކަންބޮޑުވީއެވެ. ހިތާއި ދިމާލުން މޭގައި މަޑުމަޑުން ފިރުމައިލަމުން އިންތަނުން ޒައިހާ ތެދުވީ، އިތުރަށް އެތަނުގައި އިންނަން އޭނާއަށް ކެތްނުވާނެތީއެވެ. ޝާހީނާއަށް ގޮވައިލަމުން ބޮލުގައި ރިއްސާކަމުގެ ބަހަނާ ދެއްކުމަށްފަހު އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. އެމީހުނަށް ފުރަގަސްދިނުމާއެކު، އެ ހުރިހައި އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތް މައްޗަށް އޮހިގަތެވެ. އަތުގެ ނުފުށުން މޫނުމަތި ފުހެލަމުން ޒައިހާ ހިނގުން ބާރުކޮށްލިއެވެ.

 

ބަގީޗާގައި ހުރި ސިމެންތި ގޮނޑިތަކުން ގޮނޑިއެއްގައި އިނށީދެލައިގެން ތިބި ޒިވްރާ އާއި މިކްދާދްގެ ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. ދެމީހުންކުރެ އެކަކުވެސް އެ ހިމޭންކަން ނައްތާލަން ބޭނުންނުވާ ކަހަލައެވެ. އުނގުގައި ޖޯޑުކޮށްލެވިފައިއޮތް ދެއަތްތިލައަށް ނަޒަރު ހުއްޓާލައިގެން ޒިވްރާ އިންއިރު، އޭނާގެ ހިތްވީ ހާސްކަމުން ފުރިފައެވެ. ދޭތެރަކުން ސިއްރު ސިއްރުން މިކްދާދްގެ މޫނަށް ބަލައިލައެވެ. އެހެނަސް އިސްވެ ވާހަކަދައްކަން ފަށާނެހައި ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

 

"ޒި..ޒިވްރާ ދޯ ކިޔަނީ" އިރުގަނޑެއްގެ ހިމޭންކަމަށްފަހު ކަރުކެހިލަމުން މިކްދާދް އެއްސެވެ. އެއާއެކު ލަސްލަހުން ޒިވްރާ ބޯޖަހައިލިއެވެ. ކޮންމެވެސް ވަރަކަށް ދެމެދުގައި ކުދިކުދި ވާހަކަތައް ދެކެވެން ފެށުމުން ޒިވްރާގެ ހާސްކަންވެސް ކުޑަވާން ފެށިއެވެ. ހިތްވަރުކޮށްފައި އެތައް ފަހަރަކު ޒިވްރާ ގާތުގައި އޭނާ އާއި ޒައިހާގެ ވާހަކަ ބުނާން މިކްދާދްގެ އަނގަ ހުޅުވުނެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކު ބުނެދޭން ނޭނގޭފަދަ ޖެހިލުންވުމެއް ހިތަށް ވެރިވެގަތުމާއެކު އޭނާ ފަސްޖެހެނީއެވެ. ޒިވްރާ އޭނާއާ މެދުގައި ދެކޭ ގޮތެއް ނޭނގި އެފަދަ ވާހަކައެއް ދައްކަން ނުކެރުނީއެވެ. އެންމެފަހުން ގޭތެރަށް ވަންނަން ޒިވްރާ އެދުނުއިރުވެސް މިކްދާދަށް އޭނާ ހަގީގަތުގައި ދައްކަން ބޭނުންވާ ވާހަކަތައް ދެކެވޭގޮތެއް ނުވިއެވެ. މާޔޫސްކަމާއެކު ކަރުއެލުވައިލަމުން ޒިވްރާގެ ފަހަތުން ލަސްފިޔަވަޅުތަކެއްގައި ގެއާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. ގޭތެރަށް ވަދެގެން އައި އިރު ޒައިހާ ފެންނަން ނެތަތީ މިކްދާދްގެ ނަފުސު ހާސްކަމުން ވަށައިލިއެވެ. ޖީބުގައި އޮތް ފޯނު ނަގަމުން ޒައިހާއަށް ފުލުފުލުގައި އެތައް މެސެޖްތަކެއް ކުރަމުންދިޔައެވެ. ނަމަވެސް އެއިން އެންމެ މެސެޖަކަށް ވެސް ޒައިހާ ޖަވާބު ނުދިންތަނުގައި މެސެޖްތައް ބަލައިވެސް ނުލިއެވެ. ލިބުނު ނުތަނަވަސްކަމުގައި އެތަނުގައި އެންމެ ސުކުންތެއްވެސް މަޑުކުރާކަށް މިކްދާދް ބޭނުމެއް ނުވިއެވެ. އޮފީހުގެ ކަމެއްގައި އަވަހަށް ދާން ޖެހިއްޖެކަމުގެ ބަހަނާ ދައްކައި ޖޫލީ ގޮވައިގެން އެގެއިން އަވަހަށް ނުކުތެވެ.

 

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ހަވީރު ކޮޓަރިއަށް ދިޔަގޮތަށް ޒައިހާގެ އެއްވެސް ޚަބަރެއް ނުވުމުން، ފޫހިވެގެން އުޅުނު ޒިވްރާ އެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. ދޮރުގައި ޓަކި ދިނުމަށްފަހު މަޑުމަޑުން ހުޅުވާލިއިރު، ސީލިންގްއަށް ނަޒަރު ހުއްޓާލައިގެން އެނދުމަތީގައި ޒައިހާ އޮތެވެ. ފުންވިސްނުމަކަށް ގެއްލިފައިވީތީ، ޒިވްރާ އައިސް އޭނާގެ ގާތުގައި އެނދުގައި އިނށީންއިރުވެސް ޒައިހާއަށް ނޭނގުނެވެ. ދެތިންފަހަރު ކަރު ކެހިލުމުންވެސް ޒައިހާ އަޅައިނުލީތީ އޭނާގެ ކޮނޑުގައިހިފައި ޒިވްރާ ކުޑަކޮށް ތަޅުވާލިއެވެ. ސިހިގެންދިޔަވަރުން ބާރު ހަޅޭކެއް ޒައިހާގެ ކަރުބުޑުން ބޭރުވިއެވެ. އޭރު ހުނުން ކޮންޓްރޯލް ކުރެވޭތޯ އަނގަމަތީގައި އަތް އަޅައިލައިގެން ޒިވްރާ އިނެވެ. އެހެނަސް އޭނާއަށް އެކަން ކާމިޔާބުނުވެ ބާރަށް ހޭން ފެށުމުން ޒައިހާ ލޯއަޅައިލިއެވެ.

 

"މެރީ ކުރަން މިއުޅެނީ އަހަރެން، އެކަމަކު ޑޭ ޑްރީމް ކުރަނީ ޒައި ދޯ" ހުނުން މަތަކޮށްލަމުން ޒިވްރާ ދިމާކޮށްލިއެވެ. "ހެވޭ.. އެހެންނޫނަސް މީ ދުވާލެއް ނޫނެއްނު. އެހެންވީމަ ޑޭ ޑްރީމް ކުރާކަމަކަށް ނުވާނެ" ކުޑަކޮށް ހިނިތުންވެލަމުން އަމިއްލަ ދިފާއުގައި ޒައިހާ ބުނެލިއެވެ. "އޯކޭ.. ދެން ބުނެބަލަ، ކޮންކަމާ މާ ވަރަކަށް ވިސްނާލީ؟ ދެލޯވެސް ހާދަ ރަތޭ. ޒައި ރަނގަޅަށް ނުނިދަނީތަ؟ ނޫނީ ބަލީތަ؟ މަންމަ ބުނި ހަވީރު ބޮލަށް ތަދުވާތީއޭ ކިޔާފައޭ ޒައި ކޮޓަރިއަށް ވަނީ. އަހަރެން އައި އިރު ނެތްވިއްޔަ ފެންނަންވެސް" ޒައިހާގެ މޫނަށް ފުންނަޒަރަކުން ޒިވްރާ ބަލައިލީ ކަމެއް ދެނެގަންނަން މަސައްކަތްކުރާ ފަދައިންނެވެ. ޒިވްރާގެ ސުވާލުތަކަށް ޒައިހާ އަވަސް އަވަހަށް ބޯހޫރާލިއެވެ. "އަހަރެން އޯކޭއޭ. ހީވަނީ ކޮލެޖްގަ މާ ބިޒީވީމަ ވާގޮތެއްހެން. ދެން އެވާހަކަ ބާއްވަބަލަ. ކޮބާ.. އޭނަ.. އައި މީން.. މިކް.. މިކްދާދް ދޮންތިއަށް ކަމުދިޔަތަ؟" އަހަން ނާހަން އުޅޭކަހަލަ ގޮތަށް ޒައިހާ އަހައިލިއެވެ. ދުލުން އެ ސުވާލު ބޭރުވުމާއެކު، ޒިވްރާ ދޭނެ ޖަވާބެއް ނޭނގި ޒައިހާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އިރުކޮޅަކު ވިސްނުމަކަށް ގެއްލިފައިއިންފަދަ ގޮތަކަށް އިނުމަށްފަހު ޒިވްރާ ކުޑަކޮށް ބޯޖަހައިލިއެވެ. އެތަންފެނި ޒައިހާއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. "ހީ އިޒް ގުޑް ކަންނޭނގެ. ކަމުނުދާކަހަލަ ސިފައެއް ފާހަގައެއްނުވި. ދެން އޭގެ މާނައަކީ އަހަރެން މިހާ އަވަހަށް އޭނަ ދެކެ ލައިކްވަނީ އެކޭ އެއް ނޫން އިނގޭ. އަދި އެ ހިސާބަށް ނުދޭ. އެކަމަކު ވެސް ވިސްނާލަން ދުވަސްކޮޅެއް ބޭނުންވާ ވާހަކަ މަންމަ ގާތު ބުނިން" ޒައިހާއަށް ބަލައިލަމުން ޒިވްރާ ބުނެލީ، އެ ބަސްތަކުން ޒައިހާއަށް ކުރަމުންދިޔަ އަސަރުގެ ކުޑަވެސް ހިލަމެއް ނުވާހާލުއެވެ. ޒިވްރާގެ ވާހަކަތަކަށް ބޯޖަހައިލަމުން ހިތިގޮތަކަށް ޒައިހާހީނލިއެވެ. ބުނާނެ އިތުރު އެއްޗެއް އޭނާގެ ސިކުނޑިއަށް އެވަގުތު ނުވިސްނުނީއެވެ. އެތައް އިރަކު އޭނާގެ ގާތުގައި ޒިވްރާ އިންއިރުވެސް، އިސްވެ އެ ހިތުގެ ހާލު ބަޔާންކުރާނެހައި ހިތްވަރެއް ޒައިހާ އަކަށް ނުލިބުނެވެ.

 

*****

 

ކާރު ޕާރކުކޮށްލުމަށްފަހު، އޭގެން ފޭބި ޒިވްރާގެ ހަރަކާތްތަކުގައިވަނީ އަވަސް ކަމެވެ. އަތްދަބަސް ކޮނޑުގައި އަޅުވައިލުމަށްފަހު ފޯނުން ގަޑި ބަލައިލަމުން، ތެޅެމުންފޮޅެމުން ކަހަލަ ގޮތަކަށް އައިސް ކުރިމަތީގައި ހުރި ބޮޑު ހޮސްޕިޓަލުގެ ތެރެއަށް ވަނެވެ. ޑިއުޓީ ގަޑި ނުޖެހި އޭނާއަށް ސައިން އިން ވެވުނީ ހަމަކިރިޔާއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އޭނާ އާންމުކޮށް އިންނަ ނަރުސް ސްޓޭޝަނަށް ދިއުމަށް މިސްރާބު ޖެހިއެވެ. އަތުގައި އޮތް ފޯނަށް ނަޒަރު ސީދާކޮށްލައި، މިއަދު ކުރަންޖެހޭ މުހިންމު ކަންކަން ފޯނުގައި ނޯޓްކުރަމުން ދަނިކޮށް ކުއްލިއަކަށް މީހެއްގެ ގައިގައި އަޅައިގަނެފައި ޒިވްރާ ވެއްޓެން ދިޔައެވެ. އެހިނދު ބާރުގަދަ އަތަކުން އޭނާގެ އަތުގައި ހިފައި ދަމައިލީ ވެއްޓުނަނުދީ ހިފޭއްޓުމުގެ ގޮތުންނެވެ. ލިބުނު ސިހުމުގައި މަޑު ހަޅޭއްކެއް ޒިވްރާގެ އަނގައިން ބޭރުވިއެވެ. އަދި ދެލޯ ބޮޑުކޮށްލަމުން ކުރިމަތީގައި އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި ޒުވާނާއަށް ބަލައިލިއެވެ. އެހިނދު ޒިވްރާ ލައިލައި ހުރި ނެވާ ހިނދުރީގައި ތާށިވީ ކަހަލައެވެ. ސިހުން އެކުލެވިފައިވި ދެލޮލުން ކުރިމަތީގައި ހުރި މީހާއަށް ބަލަހައްޓައިގެން ޒިވްރާއަށް ހުރެވުނީ ފެންނަމުންދިޔަ މަންޒަރު ޤަބޫލުނުކުރެވިފައި ހުރި ފަދައިންނެވެ.

 

"އަ..އަޒާން" ސިއްރެއް ފަދައިން ޒިވްރާގެ ދުލުން އެ ނަން ބޭރުވުމާއެކު، ކުރިމަތީގައި ހުރި އަޒާންގެ ތުންފަތް ދެފަރާތަށް ދެމިގެންދިޔައީ ލުއި ހިނިތުންވުމަކުންނެވެ.

 

(ނުނިމޭ)