ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ހަފްތާއެއް ކުރިން ޕްރޮމޯޓުކުރި، މުޒާހަރާ ”ވައި ބުރާސްފައްޗަކަށް“ ބަދަލުވެ ތޮޅިއަށް!

ބުރާސްފަތި ދުވަހުގެ މުޒާހަރާގެ ޕޯސްޓަރެއް އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ހަރުކުރައްވަނީ--- ފޮޓޯ: އެމްޑީޕީ
ބުރާސްފަތި ދުވަހުގެ މުޒާހަރާގެ ޕޯސްޓަރެއް އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ހަރުކުރައްވަނީ--- ފޮޓޯ: އެމްޑީޕީ

ދިވެހި ސިޔާސީ މަސްރަޙު ޚާއްޞަކޮށް ޑރ. މުއިއޒުގެ ސަރުކާރު މިއަދު ސިއްސުވާލާނެ ކަމަށް ބުނެ، ހަފްތާއެއް ކުރިން މާސިންގާ ސުރުޚީތަކާއެކު ފޯރިއަރުވާލާފައި ޕްރޮމޯޓުކުރި އިދިކޮޅު އެމްޑީޕީގެ މުޒާހަރާ މިއަދު ފެނިގެންދިޔައީ އެއްވެސް ދިރުމެއް ނެތް، ފަޅު ހަރަކާތެއްގެ ގޮތުގައެވެ.

މުޅި ޤައުމު ހުއްޓުމަކަށް ގެންނާނެ ކަމަށް ބުނެ ކެނޑިނޭޅި ކުރި އިޝްތިހާރުތަކާއެކު ބާއްވަން އުޅުނު މި މުޒާހަރާ މިއަދު މުޅިން "ތޮޅިއަށް" ގޮސް، "ވައި ބުރާސްފައްޗަކަށް" ބަދަލުވެގެންދިޔައީ ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތި، މަގުތަކުގެ ކޮޅުކޮޅުމަތީގައި ބައިމަދު ބައެއްގެ މާޔޫސްކަން ހާމަވެގެންދިޔަ ފޫހި މަންޒަރަކާއެކީގައެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުން ފެންނަމުންދަނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި ވަރުގަދަ ލީޑަރޝިޕްގެ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުގެ ރޭވުންތައް ބަލިކަށިވެ، ފުނޑުފުނޑުވަމުންދާ މަންޒަރެވެ. މިގޮތުން، މުޅި ރާއްޖޭގައި ބޮޑު އިހްތިޖާޖެއް ބާއްވަން އެމްޑީޕީން ކުރި ހުރިހާ މަސައްކަތެއް ވަނީ މުޅިން ނާކާމިޔާބުވެ، ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ހަރަކާތަކަށް ބަދަލުވެފައެވެ.

ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ އިޞްލާޙީ ފިޔަވަޅުތަކާ ދެކޮޅަށް "ވަޒީފާ ބުރާސްފަތި" ގެ ނަމުގައި ބާއްވަން އުޅުނު މުޒާހަރާ ވެގެންދިޔައީ، އެއްވެސް ތާކުންތާކު ނުޖެހޭ ވަޅޯ ތާފަނާ ހަރަކާތެއްގެ ގޮތުގައެވެ.

މި ހަރަކާތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނު އިސްވެ ހުންނަވައިގެން ޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްގެން ފެށި ކަމެއް ނަމަވެސް، މިއިންވެސް ހާމަވެގެންދިޔައީ އިދިކޮޅު ލީޑަރޝިޕްގެ ނުފޫޒު ކެނޑި، އާންމު މެންބަރުންގެ އިތުބާރު އެ ބޭފުޅުންނަށް އެއްކޮށް ގެއްލިފައިވާ މިންވަރެވެ.

ހަފްތާއެއް ކުރިން މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި، މުޅި ރާއްޖޭގައި ބާއްވަން ޕްރޮމޯޓުކުރި މި މުޒާހަރާގެ ފޯރި އެއްކޮށް ކެނޑި، "ވައި ބުރާސްފައްޗަކަށް" ވެގެންދިޔައީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުމާއި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. ލީކުވެފައިވާ މެސެޖުތަކުން ފެންނަ ގޮތުގައި، ޕާޓީގެ އެތެރޭގެ ފެކްޝަންތަކުގެ މެދުގައި އޮތް ކޯޅުމުގެ ސަބަބުން މި ހަރަކާތް ރޭވުމުގެ ކުރިންވެސް އޮތީ ބޮއްސުންލާފައެވެ.

މި ހުރިހާ ހަލަބޮލިކަމެއްގެ ތެރޭގައިވެސް، ސަރުކާރު އޮތީ ބަދަހިކަމާއެކު ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ވަރުގަދަ އަޒުމެއްގައެވެ.

ވެރިކަން ކުރާ ޕީއެންސީ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި، އެމަނިކުފާނުގެ ހަރުދަނާ ޒައާމަތާއެކު ސާބިތުކަމާއެކީގައެވެ.

ކުންފުނިތައް ހަރުދަނާކޮށް، އިޤްތިޞާދު ކޮޅަށް ޖެހުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތްކަން މިކަމުން ސާބިތުވެއެވެ.

އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމަކަށް މަގުތަކަށް މީހުން ނެރެ، ހަމަނުޖެހުން އުފައްދަން އުޅުނު އުޅުން ނާކާމިޔާބުވީ ސަރުކާރުގެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުން ދޭ ބޮޑު ތާއީދުގެ ސަބަބުންނެވެ.