ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (10 ވަނަ ބައި)

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (10 ވަނަ ބައި)

 

"ޒިވް.. ޒިވީތަ ތީ؟" ފަރުވާތެރި ބެލުމަކުން ޒިވްރާގެ މޫނަށް ބަލަން ހުރި އަޒާން އަހައިލިއެވެ. އޭނާއަށް ވެސް ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުރީކަހަލައެވެ. ޒިވްރާއަށް ހަމަހޭވެރިކަން ގެނުވީ އަޒާންގެ ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމުންނެވެ. އެ ހުރިހައި އިރު އޭނާއަށް ހުރެވުނީ އެސްފިޔަޖަހައިލަން ވެސް ހަނދާންނުވެފައި އަޒާންގެ މޫނަށް ބަލަހައްޓައިގެންކަން ވިސްނުމާއެކު، ޒިވްރާގެ ދެކޯތާފަތަށް ޖަންބުކުލަ އަރައިގެންދިޔައެވެ. އަވަސް އަވަހަށް އެސްފިޔަޖަހައިލަމުން، އިސްޖަހައިލީ މޫނުމައްޗަށް އެރި އަސަރުތައް އަޒާން އަށް ފޮރުވުމުގެ ގޮތުންނެވެ. އަދި ހިތްވަރުކޮށްލުމަށްފަހު އަޒާންގެ އަތުތެރޭގައިވާ އޭނާގެ އަތަށް ބާރުކޮށްލުމާއެކު އަޒާންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ކަރުކެހިލަމުން ޒިވްރާގެ އަތުން ދޫކޮށްލުމަށްފަހު އަޒާން މަޢާފަށް އެދުނެވެ.

"އިޓްސް އޮ..އޯކޭ" ފިނިވާގޮތްވެފައި ހުރި ޒިވްރާގެ އަޑުވެސް ނުކުތީ ކިރިޔަކިރިޔާއެވެ. "ކޮންތާކު މިއޮއް ހުރިހާ ދުވަހު ޒިވީ ތި އުޅުނީ. މަދު ފަހަރަކު ނޫނީ ޚަބަރެއްވެސް ނުވޭ. އަދިވެސް އަހަންނަށް ގަބޫލުނުކުރެވިފަ މިހުރީ ތީ ހަމަ ޒިވީ ކަމަށް. ހާދަ ބަދަލުވެއްޖޭ. ބުރުގާ އެޅީމަ ޒިވީއާ ވަރަށް ގުޅޭ." ފުޅާ ހިނިތުންވުމަކާއެކު އަޒާން ބުނެލިއެވެ. އެސްފިޔަތައް އުފުލައިލަމުން އަޒާންގެ މޫނަށް ޒިވްރާ ބަލައިލިއެވެ. އެ ފިރިހެންވަންތަ ސޫރަ އެހައި ގާތުން ފެނިލުމުން ޒިވްރާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. މެޔަށް އިހުސާސުކުރެވެމުންދިޔަ ހީލިކެރުވުމާއެކު ވާހަކަދެއްކުން ފަސޭހަކަމަކަށް އޭނާއަކަށް ނުވިއެވެ. އެހެނަސް އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތްކުރާހާލު އޭނާ އަޒާން އަށް ހިނިތުންވެލިއެވެ.

"ސޮރީ.. އަސްލު މިކޮޅަށް ބަދަލުވިފަހުން ކިޔެވުމާ ދިރިއުޅުމުގެ އެކި ކަންކަމުގަ ވަރަށް ބުރަކޮށް އުޅެން ޖެހުނީ، އެހެންވެ އެހާ ގިނައިން ޚަބަރު ނުވެވުނީ. ޒާން ކިހިނެއްތަ؟ މިތަނުގަ ކީއްކުރަނީ؟ އެކަނިތަ އައިސް ތިއުޅެނީ؟" ވަށައިގެން ހޯދައިލަމުން ޒިވްރާ އެއްސެވެ. ޒިވްރާގެ ސުވާލާއެކު އަޒާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ފެނިފައި ނޭނގޭ ނުތަނަވަސްކަމެއް އޭނާގެ ހިތަށް ލިބިގެންދިޔައެވެ. "އިޓްސް އަ ލޯންގް ސްޓޯރީ.. ފްރީވީމަ އަހަންނަށް ޚަބަރެއްވެލާބަ. އެކަންޏެއް ނޫން އައިސް މިއުޅެނީ. އިޝީ ވެސް އެބަ އުޅޭ. ހިނގާބަލަ އެންމެން ދިމާވެލަން. ނޫނީ ޒިވީ އަންނަންވީނު އަހަރެމެންތިބޭ ގެއަށް. މަންމައާ ބައްޕަ ވެސް އެބަ އުޅޭ. ވަރަށް އުފާވާނެ ޒިވީ ފެނުނީމަ. ދޭތެރަކުން ޒިވީ ކޮބާތޯ މަންމަ އަހާނެ ހެހެ. އަންނާނަން ދޯ. އިޝީއާ އަހަންނާ ޒިވީއާ އެކީ ދިމާވެލަން ބޭނުން. ލައިކް އޯލްޑް ޓައިމްސް." ހަމަޖެހިލަމުން އަޒާން ބުނެލިއެވެ. އަޒާން އެހައިވަރަށް އެދުނީތީ، އޭނާގެ އެދުމަށް ދެކޮޅު ހަދާކަށް ޒިވްރާއަކަށް ނުކެރުނެވެ. ލަސްލަހުން އޭނާ ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. އެހައި ފަސޭހައިން ޒިވްރާ އެއްބަސްވީތީ ނިކަން ހިނިއައިސްފައި އަމިއްލަ ފޯނު ނަންބަރު އަޒާން ޒިވްރާއާ ހިއްސާކޮށްލިއެވެ. އަޒާން ގާތުގައި މަޑުކޮށްލުމަށް އޭނާގެ ހިތް އިންތިހާއަށް އެދެމުންދިޔަ ނަމަވެސް، ޑިއުޓީ ގަޑިކަމަށްވީތީ، އެހިތުގެ އެދުމަށް ޒިވްރާއަށް ޖެހުނީ ބީރު ކަންފަތެއް ދޭށެވެ. އަޒާން ގާތުގައި ފަހުން ގުޅާނަންކަމަށް ބުނަމުން އެތަނުން ދިއުމަށް ޒިވްރާ ހިނގައިގަތެވެ. އަޒާންއަށް ފުރަގަސްދިނުމާއެކު ޒިވްރާއަށް އޭނާގެ ހިތާއި ދިމާއިން މޭގައި މަޑުމަޑުން ފިރުމައިލެވުނެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތުގެ ހިނގުން އިހުސާސުވުމާއެކު ޒިވްރާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. އޭރު އޭނާގެ ހަތަރެސްފައި ފިނިވެގެންގޮސް ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. މަޑު ތުރުތުރެއް އުފެދިފައިވާ ދެއަތްތިލަ މުށްކަވައި ބާރުކޮށްލަމުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލުމަށްޓަކައި ދެތިންފަހަރު ފުންކޮށް ނޭވާއެއް ލިއެވެ. އަދި ހިނގުން އިހުނަށްވުރެ ބާރުކޮށްލިއެވެ.

އެހެން ދުވަސް ދުވަހާ ޚިލާފަށް ނަރުސް ސްޓޭޝަނުގައި އިންއިރުވެސް ޒިވްރާއަށް އިނދެވުނީ ހިމޭންވެފައެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު، އޭނާގެ ސިކުނޑި ހިޞާރުކޮށްފައިވީ އަޒާންގެ ޚިޔާލުތަކުންނެވެ. ޒިވްރާއާ އަޒާން ބައްދަލުވީ އޭނާގެ އުމުރުން 12 އަހަރުގައެވެ. އޭރު ކިޔަވަމުންދިޔަ ސްކޫލް ބަދަލުކުރުމާއެކު ކަންދިމާކުރި ގޮތުން ޒިވްރާއަށް ޖާގަލިބުނީ އަޒާންމެން ކްލާހުންނެވެ. ފުރަތަމަ ފެނިލުމުންވެސް އެހިތުގައި އަޒާންގެ ފިރިހެންވަންތަ ސޫރަ ކުރެހިގެންދިޔައެވެ. އެހެނަސް އޭރުވެސް އަޒާންގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ އިޝްޔާއަށްކަން އޭނާ ދެނެގަތެވެ. އެ އިހުސާސުތައް ހިންދައިލައިގެން ހުރީ އެހެންވެއެވެ. އަޒާންއާ ދެމެދުގައިވީ އެކުވެރިކަން އިތުރަށް ބަދަހިވީ، އޭނާ އާއި އަޒާންގެ އިތުރުން އިޝްޔާ، ގްރޫޕް ޕްރޮޖެކްޓެއް ހެދުމަށް އެކުގައި މަސައްކަތްކުރަން ޖެހުމުންނެވެ. ތިންކުދިން މެދުގައި ގާތް އެކުވެރިކަމެއް އުފެދިގެން ދިއުމާއެކު ސްކޫލް ވަގުތުތަކުގައި ވެސް ތިން ކުދިން އުޅެމުން އައީ އެކީގައެވެ. އެކަމުން ޒިވްރާގެ ހިތުގައި އަޒާން އަށް ދެވުނު މަޤާމު އިތުރަށް ފުންވެގެން އައެވެ. އެހެނަސް އުފް ވެސް ނުބުނެހުރީ އިޝްޔާ އާއި އަޒާންއާ ދެމެދަށް އެޅޭ ހުރަހަކަށް އޭނާ ވާން ބޭނުންނުވީތީއެވެ. އެކަތިގަނޑެއްހެން އުޅެމުންއައި ތިން ކުދިން ވަކިވާން ޖެހުނީ ކުއްލިއަކަށެވެ. ޒިވްރާގެ އުމުރުން 15 އަހަރުގައި އޭނާގެ އާއިލާ ލަންޑަނަށް ބަދަލުވާން ނިންމުމުންނެވެ. ދާން ބޭނުންނުވިއެއްކަމަކު އޭނާއަށް އެނޫން އިތުރު ގޮތެއް ނެތެވެ. ހިތްމަތީގައި އަތް އަޅައި ބާރުކޮށްލަމުން އިޝްޔާ އާއި އަޒާންއާ އޭނާ ވަދާޢުގެ ސަލާމް ކުރީއެވެ. އެއީ އެވަގުތަށް އޭނާއަށް ވެސް އެންމެ ރަނގަޅުގޮތް ކަމުގައި ޒިވްރާ ދެކުނެވެ. އެހިތުގެ ހާލު ސިއްރުކޮށްގެން ހުރެހުރެ އޭނާގެ ނަފުސުވީ ވަރުބަލިވެފައެވެ. ހިނދުކޮޅަކަށް ނަމަވެސް އެ އުނދަގޫ އިހުސާސުތަކުން އަމިއްލަ ނަފުސު މިންޖުކުރަން ބޭނުންވެފައެވެ. އެހެން އެކަން ވާނީ އޭނާ އަޒާންގެ ކުރިމަތިން ދުރައް ދިއުމުންކަން ވިސްނި އެގޮތާ އަމިއްލައަށް ރުހުނީއެވެ. އިޝްޔާ އާއި އަޒާން އަށްޓަކައި އުފާކުރާހާލު އަމިއްލަ ލޯބި ޤުރުބާންކުރަމުން އެމީހުނާ ވަކިވީއެވެ. އެހެންނަމަވެސް، އުއްމީދުކުރިގޮތާ ޚިލާފަށް އަޒާންއާ އެތައް މޭލެއް ދުރަށް އާދެވުމުން ވެސް ޒިވްރާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެހިތުގައި އަޒާން އަށްޓަކައިވީ ލޯބިން އެންމެ ތަންފުކެއްވެސް އުނިވާގޮތެއް ނުވިއެވެ. ދިރިއުޅުމާއިގެން ކުރިއަށްދާން ބޭނުންވިއެއްކަމަކު އެއީ ޒިވްރާއަށް ކުރުން ފަސޭހަކަމަކަށް ނުވިއެވެ. އެހިތާމަތަކުން މިންޖުވާނެގޮތެއް ނުވިސްނުމުން އަމިއްލަ ވަގުތުތައް ކިޔެވުމުގައި އޭނާ މަޝްއޫލުވީއެވެ. ބުރަކޮށް އުޅުމުން ކޮންމެވެސް ވަރަކަށް އެފަދަ ކޫސަނި ޚިޔާލުތަކާ ދުރުވާން އޭނާގެ ނަފުސަށް މަޖުބޫރުވިއެވެ. އަވަދިނެތި އެހެން އުޅެންޖެހުމުގެ ސަބަބުން އޭރުގެ އެކުވެރިންނާ އޮތް ގުޅުން ވެސް ކޮންމެވެސް ވަރަކަށް ހީނަރުވާގޮތް ވިއެވެ. ދޭތެރަކުން އަޒާން އާއި އިޝްޔާއަށް ޚަބަރެއްވި ނަމަވެސް މަޑުމަޑުން އެކަންވެސް އޭނާ ހުއްޓާލީ އަމިއްލަ ހިތުގެ ހަމަޖެހުމަށެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އެ ހިތަށް ވިސްނައިދެމުންނެވެ.

ޚިޔާލުގެ ފުންކަނޑުގައި ފީނަމުންދިޔަ ޒިވްރާއަށް ހަމަހޭވެރިކަންވީ މުށުތެރޭގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. ޖެހިންގެން އޮތް ދުވަހު އަޒާންގެ ގެއަށް އައިސްދިނުމަށްއެދި އަޒާންގެ ގޭގެ އެޑްރެސްއާއެކު ފޮނުވާފައިވާ މެސެޖް ފެނުމުން ޒިވްރާއަށް ހިންދިރުވައިލެވުނެވެ. އެއީ އެންމެ ރަނގަޅުގޮތްތޯ އަމިއްލަ ނަފުސާ ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ. ޖަވާބެއްނުދީ ހުންނަން ހިތަށް އެރިއެއްކަމަކު އެފަދައިން ކަންތައްކުރާނެހައި ހިތްވަރެއް އެވަގުތު ޒިވްރާއަކަށް ނުލިބުނެވެ. ޖެހިލުންވި ނަމަވެސް އަޒާންގެ ދަޢުވަތު އޭނާ ގަބޫލުކުރިއެވެ.

*****

މަގުގެ އެއްފަރާތުގައި ކާރު ޕާރކްކޮށްލައިގެން އޭގައި ލެގިލައިގެން ހުރި މިކްދާދްގެ ދެލޯ އަމާޒުވެފައިވީ ކުރިމަތީގައި ހުރި ކޮލެޖުގެ ގޭޓުން ނުކުންނަމުންދިޔަ ކުދިންނަށެވެ. އޭނާގެ ދެލޮލުގައިވީ ކެތްތެރިކަން ކުޑަކަމެވެ. ކޮންމެވެސް މީހެއްގެ އިންތިޒާރުގައި ހުރި ކަހަލައެވެ.

ކޮނޑުގައި އަޅުވައިލައިފައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ކޮލެޖުގެ ގޭޓުން ނުކުތް ޒައިހާ ފެނުމާއެކު އަވަސް ހިނގުމެއްގައި އެ ދިމާއަށް މިކްދާދް މިސްރާބުޖެހިއެވެ. އިސްޖަހައިލައިގެން ހުރެ ކުރިއަށް ހިނގައިގަތް ޒައިހާގެ އަތުގައި އޭނާ ހިފުމާއެކު ސިހިފައި ޒައިހާ ބަލައިލިއެވެ. ކުރިމަތީގައި ހުރި މިކްދާދް ފެނުމުން އޭނާގެ އަތުގެ ތެރެއިން އަމިއްލަ އަތްތިލަ މިނިވަންކުރުމަށް ޒައިހާ މަސައްކަތްކުރިއެވެ.

"ޒައި ޕްލީޒް.. އަހަރެން މި ދައްކާ ވާހަކަތައް އަޑުއަހާބަލަ. ދެ ދުވަސްވަނީ ޒައި އަހަރެންގެ އެއްވެސް މެސެޖެކަށްވެސް ކޯލަކަށް ވެސް ޖަވާބުނުދޭތާ. އެހެންގޮތެއް ނެތިގެން މިތަނަށް މިއައީ. ޒައި އަށް ޖެހޭނީ މިއަދު އަހަރެންގެ ވާހަކަތައް އަޑުއަހަން." އާދޭހުން ފުރިފައިވީފަދަ ގޮތަކަށް މިކްދާދް ބުނެލިއެވެ. ދެކޮޅުހަދަން ބޭނުންވިއެއްކަމަކު މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ ނަޒަރުތައް އެދިމާއަށް އަމާޒުވާހެން ހީވެ ޒައިހާ ހާސްވާގޮތްވިއެވެ. ޒައިހާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާގެ އަތުގައިހިފައިގެން ހުރެ މިކްދާދް ކާރާ ދިމާއަށް ހިނގައިގަތެވެ. ދެފަހަރަކު މިކްދާދްއަށް ގޮވައިލި ނަމަވެސް މިކްދާދްގެ ފުށުން ސަމާލުކަމެއް ނުލިބުމުން ޒައިހާ ހިމޭންވީއެވެ. ކާރުގެ ކުރީ ދޮރު ހުޅުވައިލަމުން ކާރަށް އެރުމަށް މިކްދާދް އިޝާރާތްކޮށްލިއެވެ. ތުންފިއްތައިލަމުން ޒައިހާ ކާރަށް އަރައި އިނށީނުމާއެކު މިކްދާދް ވެސް ކާރަށް އަރައި ހަމަޖެހިލިއެވެ. އަދި ޒައިހާއަށް ބަލައިލަމުން ކާރު ސްޓާރޓް ކޮށްލުމަށްފަހު ދުއްވާލިއެވެ.

"ކޮންތާކަށް މިދަނީ؟" ހިތްހަމަނުޖެހުން ޒައިހާގެ އަޑުގައިވިއެވެ. ބަހެއްވެސް ނުބުނެ މިކްދާދް ކާރު ދުއްވަމުން ދިޔައީތީ ޒައިހާއަށް ވެސް ހިމޭންކަން ޚިޔާރުކުރަން މަޖުބޫރުވީއެވެ.

ބިޔަބޮޑު ގަހެއްގެ ހިޔަލުގައި ކާރު ޕާރކްކޮށްލުމާއެކު މިކްދާދް ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ގޮނޑީގައި ހަމަޖެހިލަމުން ޒައިހާއާ ކުރިމަތިވާނެހެން ހަށިގަނޑު އަނބުރާލިއެވެ. އޭރު ކާރުގެ ބިއްލޫރިގަނޑުން ފެންނަމުންދިޔަ ފެހި ގަސްތަކަށް ބަލަހައްޓައިގެން ޒައިހާ އިނެވެ. ދުރުދުރުން ފެންނަމުންދިޔަ ބިޔަ ފަރުބަދަތަކުގައި ބީހިލާފައިދާ ހުދު ކަފަކޮޅެއްފަދަ ވިލާތަކުން އެ މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކުދިކުދި ދޫނިތައް ޚިޔާލެއް ފިކުރެއްނެތި އެއް ގަހުން އަނެއް ގަހަށް އުދުހެމުންދިޔައިރު އެ މާހައުލު ގުގުމަމުންދިޔައީ އެ ސޮރުމެންގެ ރީތި ރާގުތަކުންނެވެ. އެހެނަސް އެ ހިތްގައިމު އަޑުތަކުން ޒައިހާގެ ނުތަނަވަސްވެފައިވާ ހިތަށް ކުޑަވިއަސް ހަމަޖެހުމެއް ނުލިބުނެވެ.

"ޒައި.. މިކޮޅަށް އެނބުރިބަލަ. އަހަރެން ޒައި ގާތު ވަރަށް މުހިންމު ވާހަކަތަކެއް ދައްކަން ބޭނުން. އެއްފަހަރުވެސް ހަމަޖެހިފަ އަހަރެން މިދައްކާ ވާހަކަތައް އަޑުއަހާބަލަ."

"ކޮން ހަކައެއް ދެން އިތުރަށް ދައްކަން އޮތީ؟ ދާދު އެރޭންޖްޑް މެރިއޭޖްއެއް ބޭނުންވެގެން އުޅުނުކަމެއް އަހަންނަށް އެނގިފައެއް ނެތް. ނޫނީ އަހަރެންދެކެ ލޯބިވާކަމަށް ހެދިގެން ދެއްކި ދަޅަތަކެއްތަ އެއީ؟ އަހަރެމެންގެ ގުޅުން ސިއްރުކުރަން ބޭނުންވެގެން އުޅުނީ އެހެންވެ ދޯ. ކިހާ ބޮޑު އޮޅުވާލުމެއް. އެއްފަހަރުވެސް.. ހަމަ އެންމެ ފަހަރަކުވެސް އަހަރެންގެ ހިތަށް ކުރާނެ އަސަރާ އަހަރެން ދެރަވާނެވަރު ވިސްނާލިނަމަ.. އަހަރެން.. އަހަރެން.." ވާހަކަދައްކަމުން ގޮސް ޒައިހާގެ އަރުތެރެ ބެދޭގޮތްވިއެވެ. އަޑު ކުރެހިގެން ދިއުމާއެކު ދެލޯފުރި ބަންޑުންވާންފެށީ ހޫނު ކަރުނުންނެވެ. އިސްޖެހިފައި އިންނަމަވެސް އެއަޑުގައި އެތައް ޝަކުވާއެއް އެކުލެވިފައި ވިއެވެ. ޒައިހާގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު، މިކްދާދްގެ އަމިއްލަ ނަފުސު ވަށައިލީ ކުށްވެރިކަމުގެ އިހުސާސުންނެވެ. ޒައިހާގެ ކޮނޑުގައި ހިފައި ގަދަކަމުންކަހަލަ ގޮތަކަށް އޭނާއާ ދިމާއަށް އަނބުރައިލިއެވެ.

"ނޫން. ތިހެން ނުބުނޭ ޒައި. އަހަރެން ހަގީގަތުގަވެސް ޒައި ދެކެ ވަރަށް ލޯބިވޭ. މިއީ އަހަންނަށްވެސް އެނގިގެންވީ ކަމެއް ނޫނޭ. މަންމަ އެންމެ ފުރަތަމަ އަހަރެން ގާތު ކައިވެނީގެ ވާހަކަދެއްކީމަ އަހަރެން ދެކޮޅުހެދިން. އެކަމަކު ތި ގޭގެ ނަން ކީމަ އަހަންނަށް ވަގުތުން އެނގިއްޖެ އެއީ ޒައިގެ ގެކަން. އަހަރެން ހީކުރީ މަންމަ ދެއްކީ ޒައިގެ ވާހަކަކަމަށް. އަހަރެން އެއްބަސްވީ އެހެންވެ. އަހަރެން ބޭނުންވީ ޒައި ގާތު ނުބުނެ ޒައިއަށް ސަޕްރައިޒްއެއް ދޭން. ކުޑަކޮށްވެސް އަހަންނަށް އެނގިފައެއްނެތް މަންމަ ކައިވެނި ހަމަޖައްސާފައޮތީ ޒައިގެ ދައްތައާ ކަމެއް. އެނގުނުނަމަ އަހަރެން ދެކޮޅުހެދީސް. ޒައި ޕްލީޒް ޤަބޫލުކޮށްބަލަ، މިއީކީ އަހަންނަށް ވެސް އެނގިގެންވީ ކަމެއް ނޫނޭ. އަހަރެން ޒައި ދެކެ ލޯބިވާއިރު ޒައި ގެ ދައްތައާ އިންނަންވީ ކީއްކުރަން. އަހަރެން ލޯބިވެއޭ ކިޔާފަ ހެދީ ދޮގެއް ނޫން. މިގުޅުން ސިއްރުކުރަން ބުނީވެސް ޒައި ތި ހީކުރާކަހަލަ ނުބައި ނިޔަތަކު ނޫން. އަހަރެންގެ ނަފުސު މި ގުޅުމަށް ތައްޔާރުވެލަން ވަގުތު ކޮޅެއް ބޭނުންވީމަ. ޒައި އަށް މިހުރިހާކަމެއް އެނގެއެއްނު. އަހަރެން ޒައި އަށް ބިޓްރޭއެއް ނުކުރަމޭ. ޕްލީޒް ބިލީވް މީ" ޒައިހާގެ އަތުގައި ހިފައި ބާރުކޮށްލަމުން މިކްދާދް ބުނެލިއެވެ. އިވުނު ވާހަކަތަކަށް ދޭނެ ޖަވާބެއް ނޭނގިފައި ޒައިހާއަށް ބަހެއްވެސް ނުބުނެ އިނދެވުނީއެވެ.

"އެކަމަކު.. ދެން ކިހިނެއް ހަދާނީ.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު، ގޮތް ހުސްވެފައި އިން މީހަކު ފަދައިން ޒައިހާ މަޑުމަޑުން ބުނެލިއެވެ. "ޒައި ވީނު ޒިވްރާ ގާތު މިވާހަކަތައް ދައްކަން. ހުރިހާ ވާހަކައެއް ކިޔާދެން." ނިތުގައި ހިފަހައްޓައިލަމުން މިކްދާދް ބުނެލިއެވެ. "ނޫން.. އަހަންނަކަށް ނުކެރޭނެ. އެތައް ދުވަހެއްގެ އާދޭހަށްފަހު ދޮންތި ފައިނަލީ މޫވް އޮން ކުރަން ޚިޔާލުކުރީވެސް. އެންޑް ޝީ.. ޝީ ސެއިޑް.. ދާދު.. ދާދު ކަމުދެއޭ ވެސް. ދޮންތިއަށް ކަމުނުދާ ސިފައެއް ދާދުގެ ފަރާތުން ފާހަގައެއްނުވިއޭ ވެސް. މިދަނޑިވަޅުގަ މިވާހަކަތައް ދައްކާފިއްޔާ ދޮންތި ދެން ނޭނގެ ކައިވެންޏެއްކުރަން ދުވަހަކުވެސް އެއްބަސްވާނެ ކަމެއް. ދާދު ޕްލީޒް، އަހަންނަކަށް ތިކަމެއް ނުވާނެ." ހާސްވެފައި ދެފަރާތަށް ބޯހޫރަމުން ޒައިހާ ބުނެލިއެވެ. އެވާހަކަތަކުން މިކްދާދްގެ ހިތް އިތުރަށް ނުތަނަވަސްވުން ނޫން ކަމެއް ނުވިއެވެ.

"ދެން.. ޒައި ތިބުނަނީ އަހަރެން ޒިވްރާއާ އިންނާށޭތަ؟" ޒައިހާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން މިކްދާދް އަހައިލިއެވެ. ހިމޭންކަމާއެކު މިކްދާދްއާ ނަޒަރު ސީދާކޮށްލައިގެން އިނުމަށްފަހު ލަސްލަހުން ޒައިހާ ބޯޖަހައިލީ ޖެހިލުންވެފައި އިނދެއެވެ.

"ނުވާނެ ތިކަމެއް. ޒައި.. ޒައި މޮޔަވީތަ؟ އޯ ގޯޑް، އެހެންވެ ދޯ އަހަރެން އިގްނޯރ ތިކުރަނީ. ޒައި ޕްލީޒް ޑޯންޓް ޑޫ ދިސް.. އަހަންނަށް.. އަހަންނަށް މިކައިވެންޏެއް ނުކުރެވޭނެ. ސޮރީ. އަހަރެން ޒައިގެ ދޮންތިއަކާ ނީންނާނަން. އައި އެމް ގޮއިން ޓް ރިޖެކްޓް ހަރ.." އިސްތަށިގަނޑުގައި އަތްހިންގައިލަމުން ހިތްހަމަނުޖެހިފައި މިކްދާދް ބުނެލިއެވެ. އެއާއެކު ދެލޯ ބޮޑުކޮށްލަމުން މިކްދާދްގެ އަތުގައި ހިފުމަށްފަހު، ޒައިހާ ދެފަރާތަކަށް ބޯހޫރާލީ އެހެން ކަންތައް ނުކުރާށޭ ބުނާފަދަ ގޮތަކަށެވެ.

(ނުނިމޭ)