ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ސްކޫލްތަކުގައި 'ބައްޕައިންގެ ދުވަސް' ފާހަގަކުރުން: ޅަހިތްތަކަކަށް ދެވޭ ނުސީދާ ބޮޑު އަނިޔާއެއް؟

ފޮޓޯ: ޖީލުއޮންލައިން، އޭއައި އެޑިޓަރ
ފޮޓޯ: ޖީލުއޮންލައިން، އޭއައި އެޑިޓަރ

ސްކޫލަކީ ކޮންމެ ކުއްޖަކަށްމެ އަމާންކަމާއި، ހަމަހަމަކަމާއި، ލޯތްބާއި، ރައްކާތެރިކަން އިހުސާސްކޮށްދޭންޖެހޭ ތަނެކެވެ. ނަމަވެސް، ވަކި ބަޔަކަށް ހާއްސަކޮށްގެން ބާއްވާ ބައެއް ދުވަސްތަކުގެ ސަބަބުން، މުޖުތަމައުގައި އެންމެ އަޅާލުން ބޭނުންވެފައިވާ ބައެއް ކުދިންގެ ހިތްތަކަށް ނުބުނެދެވޭފަދަ ބޮޑެތި ޒަހަމްތަކެއް ލިބެމުންދެއެވެ. މީގެ ތެރެއިންވެސް 'ބައްޕައިންގެ ދުވަސް' ސްކޫލް މާހައުލުގައި ފާހަގަކުރުމަކީ، ބައެއް ކުދިންނަށް ދެވޭ ނަފްސާނީ އަނިޔާއަކަށް ބަދަލުވެގެންދާ ފަހަރު މަދެއް ނޫނެވެ. އެހެންކަމުން، މިފަދަ ދުވަސްތައް ސްކޫލް ފަދަ ތަންތަނުގައި ފާހަގަކުރުން ހުއްޓާލަންޖެހެއެވެ.

​އެހެން ހުރިހާ ކުދިން އެކުދިންގެ ބައްޕަގެ އަތުގައި ހިފައިގެން، ފަޚުރުވެރިކަމާއެކު ސްކޫލަށް ވަދެ، ހަދިޔާ ބަދަލުކޮށް، ހީނލާފައި ފޮޓޯ ނަގާއިރު، ބައްޕަ ނެތް ކުދިންނާއި، ބައްޕަ ދުނިޔޭގައި ހުރެމެ ބައްޕަގެ ލޯތްބާއި އަޅާލުން ނުލިބޭ ކުދިން މުޅިން ބާކީވެ ހިތްދަތިވާނެއެވެ. ކްލާސްރޫމުގެ އެހެން ކުދިން އެކުދިންގެ ބައްޕައަށް ހަދިޔާ ތައްޔާރުކޮށް، އުފާވެރި މޫނުތަކަކާއެކު ވާހަކަދައްކާއިރު، އެއްކައިރީގައި މާޔޫސްވެފައި ހުންނަންޖެހޭ ކުއްޖާގެ ހިތަށް އަރާނެ އެއްޗެއް ވިސްނާލުން މުހިންމެވެ. އެ ކުދިންގެ ޅަހިތްތަކަށް ކުރާނެ ފުން އަސަރު، އަޅުގަނޑުމެން ބޮޑެތި މީހުންނަށް ކުޑަކޮށް ނަމަވެސް ތަސައްވުރު ކޮށްލެވޭ ހެއްޔެވެ؟

​ކުޑަކުދިންނަކީ އެކުދިންގެ ހިތުގައި ހުންނަ ޝުޢޫރުތައް ބޮޑެތި މީހުން ފަދައިން ދުލުން ބުނެދޭން އެނގޭ ބައެއް ނޫނެވެ. ނަމަވެސް، އެހެން ކުދިން ބައްޕައާއެކު އުފާކުރާ މަންޒަރު ފެނުމުން، އެކުދިން އެކަނިވެލާ ކޮންމެ ފަހަރަކު ހާދަހާވާ ދެރައެއްވާނެއެވެ. ދުލުން ބުނެދޭން ނޭނގުނަސް، "އަހަރެންގެ ބައްޕަ ކޮބާ؟" "އަހަރެންގެ ބައްޕަ ލޯބިނުވަނީ ކީއްވެބާ؟" ނުވަތަ "އަހަރެންގެ ކިބައިގައި ހުރީ ކޮން އުނިކަމެއްބާ؟" މިފަދަ ސުވާލުތައް އެ ޅަހިތްތަކުގައި އުފެދި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުވެސް މުޅިން ގެއްލިގެންދެއެވެ. މިއީ ކުއްޖާގެ ޅަފުރާގެ ތަސައްވުރު ކިލަނބުކޮށްލާ، އަމިއްލަ ނަފްސަށް އޮންނަ ލޯބި ކުޑަކޮށްލާ ނަފްސާނީ އަނިޔާއެކެވެ.

​މިފަދަ ދުވަސްތަކުގެ ސަބަބުން އަސަރުކުރަނީ ހަމައެކަނި އެއް ސަބަބަކާ ހުރެއެއް ނޫނެވެ. ބައްޕަ ނިޔާވެފައިވާ ކުދިންނާއި، މައިންބަފައިން ވަކިވުމުގެ ސަބަބުން ބައްޕަގެ ހަބަރެއް ނުވާ ކުދިންނަށް މިއީ ފުން ހިތާމައެއް ގެނެސްދޭ ދުވަހެކެވެ. މީގެ އިތުރުން، ބައްޕަ ދުނިޔޭގައި ހުރެމެ، އަޅާލުމާއި ލޯބި ނުލިބޭ، ނުވަތަ އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ ކުދިންނަށް މިއީ ބާކީވެފައިވާކަމުގެ އިހުސާސް ބޮޑުކޮށްދޭ ދުވަހެކެވެ. ވަކި ކުދިންތަކަކަށް ހިތްހަމަޖެހުން ހޯދައިދޭން އުޅުމުގެ ތެރޭގައި، ބައްޕަގެ ލޯބިން މަހްރޫމްވެފައިވާ އެހެން ކުދިންނަށް ނަފްސާނީ ގޮތުން ދެވޭ މިފަދަ ވޭނަކީ، ހަގީގަތުގައި އެކުދިންނަށް ދެވޭ ނުސީދާ ބޮޑު އަނިޔާއެކެވެ.

​މިފަދަ ހިތްދަތިކަން ހިތުގައި ހިފަހައްޓައިގެން ގިނަ ދުވަސްވުމުން، ކުއްޖާގެ ކިޔެވުމަށް ސަމާލުކަން ނުދެވުމާއި، މުޖުތަމައުން އެކަހެރިވުން ފަދަ ނޭދެވޭ އަސަރުތައް ފެންނަން ފަށައެވެ. ސްކޫލަކީ ހުރިހާ ކުދިންނަށް ހަމަހަމަކަމާއި އަމާންކަން އިހްސާސްވާންޖޭ މާހައުލަކަށް ވާންޖެހޭތީ، އެއްވެސް ކުއްޖެއްގެ ލޮލުން އޮހޭ ކަރުނައަކީ އަޅުނޑުމެންގެ އުފަލަކަށް ވެގެން ނުވާނެއެވެ.

ނޯޓް: މިއީ ސޯޝަލް މީޑިއާގައި އަހުމަދު ޝިފާއު އޭނާގެ ފޭސްބުކުގައި ލިޔެފައިވާ ލިޔުމުގެ ނަކަލެކެވެ. މިލިޔުމަށް އެއްވެސް އުނި އިތުރެއް ގެނެވިފައި ނުވާނެއެވެ.