މަތީ ތަޢުލީމަށްފަހު ވަޒީފާއެއް ނެތި މަގުމަތިވުން, މިއީ އިންސާފެއް ހެއްޔެވެ؟
ޤައުމެއްގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައިވަނީ އެ ޤައުމެއްގެ ކިޔަވައިގެން ތިބި ޒުވާނުންގެ މައްޗަށެވެ.
ކޮންމެ މައިންބަފައިންނަކީވެސް އެމީހުންގެ ދަރިންނަށް މަތީ ތަޢުލީމު އުނގަންނައިދީ، މުޖުތަމަޢުގައި އަބުރުވެރި ދިރިއުޅުމެއް ހޯދައިދޭން ބޭނުންވާނެ ބަޔެކެވެ.
ނަމަވެސް މިއަދު ރާއްޖޭގެ ޙާލަތަށް ބަލާއިރު، އެތައް އަހަރެއް ވަންދެން ރާއްޖެއިން ބޭރުގައި ކިޔަވައިގެން، މަތީ ފާސްތަކާއެކު އެނބުރި ޤައުމަށް އަންނަ ޒުވާނުންނަށް ކުރިމަތިލާންޖެހެނީ ވަރަށް ހިތްދަތި ހަޤީޤަތަކާއެވެ.
Ads by BMLއާއިލާއާއި ރަހުމަތްތެރިންނާ ދުރުގައި، ބޭރު ޤައުމެއްގެ ބިދޭސީ މާޙައުލެއްގައި އެތައް އަހަރެއް ހޭދަކުރަނީ ހަމައެކަނި ފޮތްތަކަކާ އެކުގައެވެ.
ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްތައް ޤުރުބާންކޮށް، ރޭނިދި ނަގާލައި، ބުރަ މަސައްކަތުން ހޯދާ ސެޓްފިކެޓާއެކު ރާއްޖެ އަންނަނީ ޤައުމަށް ޚިދުމަތް ކުރުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް، ލިބޭ މާޔޫސްކަމަކީ ވަޒީފާއެއް ހޯދުމަށް އެތައް ތަނަކަށް ސިޓީލައި، އާދޭސްކުރަން ޖެހުމެވެ. މިއީ އެ ދަރިވަރުން ވީ ޤުރުބާނީގެ ބަދަލުގައި އެމީހުންނަށް ލިބެންޖެހޭ އިންސާފެއް ހެއްޔެވެ؟
ހިތާމަޔަކީ، ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރުގެ ވަޒީފާތަކަށް ބަލާއިރު، އެކަށީގެންވާ ތަޢުލީމީ ފެންވަރެއް ނެތް ނުވަތަ އެ ދާއިރާއަކުން އެއްވެސް ތަމްރީނެއް ނެތް ފަރާތްތައް އިސް މަޤާމުތަކުގައި ތިބުމެވެ.
ގިނަ ފަހަރަށް ވަޒީފާ ލިބެނީ އަތުގައި އޮތް ސެޓްފިކެޓަކަށް ބަލާފައެއް ނޫނެވެ. އޭގެ ބަދަލުގައި ބަލަނީ އޮތް ގުޅުމަކަށް ނުވަތަ ސިޔާސީ ނުފޫޒަށެވެ. މިއީ ކިޔަވައިގެން ތިބި ޒުވާނުންގެ ހިތްތަކުގައި ޖެހޭ ވަރަށް ބޮޑު ކޮޅުފައިމެކެވެ.
އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ދަރިވަރުން ކިޔަވައިގެން އަންނައިރު، ވަޒީފާގެ ބާޒާރުގައި އެމީހުންނަށް ޖާގައެއް ނެތުމަކީ ޤައުމުގެ އިޤްތިޞާދަށްވެސް ލިބޭ ބޮޑު ގެއްލުމެކެވެ. ތަޢުލީމީ ގޮތުން ޤާބިލު މީހުން ތިއްބައި، އެއްވެސް ފާހެއް ނެތް މީހުންނަށް ވަޒީފާދީގެން އުޅުމަކީ މަސައްކަތުގެ ފެންވަރު ދަށްވެ، ނިޒާމުތައް ބަލިކަށިވާނެ ކަމެކެވެ.
މިކަން އިޞްލާޙުވާން ޖެހެއެވެ. ވަޒީފާ ދިނުމުގައި ބަލަންޖެހޭނީ އެމީހެއްގެ ތަޢުލީމީ ފެންވަރަށާއި ޤާބިލުކަމަށެވެ. ކިޔަވައިގެން އަންނަ ޒުވާނުންނަށް ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭން ޖެހެއެވެ. އެހެން ނޫންނަމަ، ޤައުމުގެ އެންމެ ޤާބިލު ސިކުނޑިތައް ފުރުޞަތު ހޯދުމަށް އެދި އަނެއްކާވެސް ރާއްޖެ ދޫކޮށް ދާން މަޖުބޫރުވާނެއެވެ. މިއީ ޤައުމަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ.
Ads by MACL
