ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ ( 11 ވަނަބައި )
ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (11 ވަނަ ބައި)
"ޒައިހާ ކިތަންމެ ވަރަކަށް އާދޭސް ކުރިއަސް އަހަންނަށް ތިކަމެއް ނުވާނެ" ނުރުހުންވެފައި އަތް ފޮޅުވައިލަމުން މިކްދާދް ބުނެލިއެވެ. "އަހަންނަށް ވަގުތުކޮޅެއްދީ.. އަހަރެން ދޮންތިއާ ވާހަކަދައްކާނަން. ޕްލީޒް އަންޑަރސްޓޭންޑް ވެބަލަ ދާދު. ދޮންތިގެ ގޮތެއް ދާދުއަކަށް ނޭނގޭނެ. އަހަރެން.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން ދޮންތި އުމުރު ދުވަސް ހުސްހަށިބަޔަށް ހުންނާކަށް. ހަމަޖެހިލައިގެން އަހަރެން ދޮންތިއާ މި ހުރިހާ ވާހަކައެއް ދައްކާނަން. އަނެއްކާ އަދި މި ކައިވެންޏަށް ދޮންތި އާނބަސް ބުނީކީވެސް ނޫނެއްނު. ޕްލީޒް ދާދު. ދޮންތިއަށް މިކަން އެނގިއްޖެއްޔާ ދޮންތި ވަރަށް ލަދުގަންނާނެ. އެހެންވީމަ މި ވާހަކަތައް ދޮންތިއާ ހަމައަށް ގެންދަންވާނީ ވަރަށް ވިސްނައިގެން." ކަންބޮޑުވެފައި އިނދެ ޒައިހާ އާދޭސްކޮށްލިއެވެ. ޒައިހާގެ ވާހަކަތަކާމެދު މިކްދާދް ހިތްހަމަނުޖެހުނަސް، ޒައިހާ އެހައިވަރަށް އާދޭސްކުރަމުންދިޔައީތީ އެކަމަށް އެއްބަސްވިއެވެ. އަދި ވީހައިވެސް އަވަހަށް އެ ދެމީހުންގެ ގުޅުމުގެ ވާހަކަ ޒިވްރާއާ ދެއްކުމަށާއި ޒިވްރާ ގާތުގައި އެ ކައިވެންޏަށް ދެކޮޅުހަދާން ބުނުމަށް މިކްދާދް އެދުނެވެ. އެއާއެކު އަވަސް އަވަހަށް ޒައިހާ ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. އެހެންނަމަވެސް، ބުނެދޭން ނޭނގޭފަދަ ނުތަނަވަސްކަމެއް އޭނާގެ ހިތަށް ވެރިވީ ހަގީގަތުގައި އެކަން ކުރާނެ ރަނގަޅު ގޮތެއް ނުވިސްނުމުންނެވެ. ޒައިހާ އެކަމަށް އެއްބަސްވީތީ، ނުރުހުންތެރިކަން އެއްފަރާތްކޮށްލުމަށްފަހު، މިކްދާދް ހިނިތުންވެލިއެވެ. އަދި ގެއަށް ދިއުމަށްޓަކައި ކާރު ސްޓާރޓް ކޮށްލަމުން ކުރިއަށް ދުއްވާލިއެވެ. ގެއާ ހަމައަށް ދެވެންދެން ކާރުގައި ހޭދަވީ ވަގުތުތައް ޒައިހާ އިނީ ހިމޭންވެފައެވެ. ޒިވްރާއާ ވާހަކަ ދައްކާނެ ގޮތަކާއި މެދުގައި އޭނާ ވިސްނަމުންދިޔައެވެ. ޒައިހާގެ ހާލަތު ދެނެގަނެވުނީތީ މިކްދާދް ވެސް އިތުރަށް އެއްޗެއް ބުނާކަށް ނުހެދިއެވެ. ޒައިހާ ގެއަށްލުމަށްފަހު އޭނާ މިސްރާބުޖެހީ އޮފީހާ ދިމާއަށެވެ.
Ads by BML
*****
ހެނދުނުގެ ހިތްގައިމު ވަގުތެވެ. އަރައިގެން އައި އިރުގެ ހޫނުން ފަޒާގައި ހިފާލައިފައިވާ ތެތްފިނިކަން ކަނޑުވާލަން މަސައްކަތްކުރާ ކަހަލައެވެ. ޖެހިލާ ލުއި ރޯޅިތަކާއެކުވެގެން ދުވަމުންދިޔަ މާމެލާމެލީގެ މީރުވަހުން، ހިތްތަކަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. އިރުގެ ރަން ދޯދިތައް އުޑުމައްޗަށް ފެތުރެމުންދިޔައިރު، ކޮންމެ ސުކުންތަކާއެކު މުޅި މާހައުލަށް އައީ އައު ދިރުމެއް ލިބެމުންނެވެ. ގޭގޭގެ ފުރާޅުތަކާއި، ދުރުދުރުން ފެންނަންހުރި ގަސްތައްވެސް ރަން ކުލައިން ވިދަމުންދިޔައެވެ. ދޫނިސޫފާސޫފީގެ ގޮވުންތައް އިވެމުންދިޔައީ، ހެނދުނުގެ އަމާންކަމާއި ހިމޭންކަން އިއުލާނުކުރަމުންނެވެ. ބެލްކަނީގައި ހުއްޓިލައިގެން، ރެއިލިންގްގައި އަތްއަޅުވައިލައިގެން އެ މަންޒަރަށް ގެއްލިފައި ޒިވްރާ އިނެވެ. އިރުގެ ރަންދޯދިތައް ބެލްކަންޏަށް އެޅިގެންއައިއިރު، އެމަޑު ހޫނުކަމުން ޒިވްރާގެ ހަށިގަނޑަށް ކުރުވީ އަރާމު އިހުސާސެކެވެ. އެއާއެކު ކުޑަހިނދުކޮޅަކަށް އޭނާގެ ދެލޯމެރިގެންދިޔައެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިވެފައިވާއިރު، ހެނދުނުގެ އެ ހިމޭންކަމުން ޒިވްރާގެ ނަފުސަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބިފައިވާ ކަހަލައެވެ. އިއްޔަ ކޮންމެ ކަމެއް ކުރިމަތިވިކަމުގައި ވިޔަސް، މިއަދަކީ އާ ފެށުމެއްކަމުގެ އިހުސާސު އޭނާއަށް ކުރެވެމުން ދިޔައެވެ. އެއީ އުއްމީދުން ފުރިގެންވާ، މަޑުމައިތިރި ވަގުތުކޮޅެކެވެ. އިރުގެ އަލިކަމުން ދުނިޔެ ފެވެމުންދިޔަގޮތުން، ރީތި އަދި ފުރިހަމަ ކަންކަމަކީ ކެތްތެރިކަމާއެކު ލަސްލަހުން އަންނަ އެއްޗެއްކަން އިންސާނުންނަށް ހަނދާންކޮށްދޭން މަސައްކަތްކުރާ ކަހަލައެވެ. ލަސްލަހުން އެސްފިޔަތައް ތަޅުވައިލުމަށްފަހު ޒިވްރާ ލޯ ހުޅުވައިލިއެވެ. ދުވަސް ފެށިއްޖެއެވެ. ނަމަވެސް، ހުރިތަނުން ގުޑިވެސްނުލައި، ހެނދުނުގެ އެ ހިތްގައިމުކަމާއި، އަމާންކަމާއި، އަވީގެ ހޫނުކަން އިހުސާސުކޮށްލުމަށްޓަކައި އޭނާ ބެލްކަނީގައި މަޑުކޮށްލިއެވެ.
ފަހަތުން މީހެއްގެ ހިލަމެއްވީހެން ހީވެ ޒިވްރާ ފަސްއެނބުރި ބަލައިލިއެވެ. އޭރު ޒައިހާ އައިސް އޭނާއާ އަރައި ހަމަކުރަނީއެވެ. ލުއި ހިނިތުންވުމެއް ޒައިހާއާ ބަދަލުކޮށްލަމުން އިހު ހުރިގޮތަށް ޒިވްރާ އެނބުރުނެވެ. ޒިވްރާގެ ގާތުގައި ހުއްޓިލަމުން ދުރުދުރުން ފެންނަމުންދިޔަ ހިތްގައިމު މަންޒަރަށް ޒައިހާ ވެސް ނަޒަރު ހުއްޓައިލިއެވެ.
"ގުޑް މޯރނިންގް. ޑިއުޓީއަށް ވެސް ނުދާ ދުވަހެއްތަ؟" ދެމެދަށް ވެރިވެފައިވި ހިމޭންކަން ނައްތައިލީ ޒައިހާއެވެ. ހެނދުނުގެ ސަލާމް ޒައިހާއާ ކޮށްލަމުން ލަސްލަހުން ޒިވްރާ ބޯޖަހައިލިއެވެ. "މިއަދު އޮފް ދުވަސް" ދުރަށް ބަލަހައްޓައިގެން ހުރެ ޒިވްރާ ބުނެލިއެވެ. "ދޮންތި ހާދަ މަޑުމަޑުން ތި ހުންނަނީ. ކަމެއްވީތަ؟ ކަމަކާ ވިސްނަނީތަ؟" ފަރުވާތެރިބެލުމަކުން ޒިވްރާއަށް ބަލައިލުމަށްފަހު ޒައިހާ އަހައިލިއެވެ. މިކްދާދްގެ ވާހަކަތައް ސިކުނޑީގައި އެނބުރެމުންދިޔައިރު، އެވަގުތު ހުރިހައި ވާހަކައެއް ޒިވްރާއާ ދައްކަންވީއޭ ޒައިހާގެ ހިތަށް އަރަމުންދިޔައެވެ. އެހެންނަމަވެސް، ޒިވްރާގެ ހިމޭންކަމުން ޒައިހާއަށް އުނދަގޫ ގޮތެއް އިހުސާސުކުރެވެމުން ދިޔައެވެ.
"މާބޮޑު ކަމެއް ނުވޭ. މި.. މި.. އަ.. އަޒާން.. އާ އިއްޔަ ދިމާވި.. ހޮސްޕިޓަލުން.. މިއަދު ހަވީރު.. އެ ގެއަށް އަންނަން.. ބުނި.. އެކަމާ ކުޑަކޮށް ވިސްނެނީ" ބުނަން ނުބުނަން އުޅޭފަދަ ގޮތަކަށް ޒިވްރާ ބުނެލިއެވެ. އޭނާގެ އަޑުން އެކަނިވެސް އުނދަގޫވެފައިހުރިވަރު ހާމަވެއެވެ. ޒިވްރާގެ ވާހަކަތައް އިވިފައި ޒައިހާއަށް ދެލޯބޮޑުކޮށްލަމުން އޭނާގެ އަތުގައި ހިފައިލެވުނެވެ. ޒިވްރާ އެ ބުނީ ތެދެއްކަން އޭނާއަށް ޔަގީންނުވެފައި ހުރިހެންހީވެ ޒިވްރާ ބޯޖަހައިލީ އެކަން ގަބޫލުކުރުމަށް ބުނެލާ ފަދައިންނެވެ.
"އަޒާން ކޮންއިރަކު މިކޮޅަށް އައީ؟ ދޮންތި ދެން ހަމަ އެގެއަށް ދާނީތަ؟ އަޒާންއާ މީޓްކުރަންވީމަ ދޮންތިއަށް އުނދަގުލެއްނުވޭތަ؟" އެއްފަހަރާ އެތައް ސުވާލެއް ޒައިހާއަށް ކޮށްލެވުނީ، ޒިވްރާއާ މެދުގައި ކަންބޮޑުވެފައި ހުރެއެވެ. ކުޑަކޮށް ހިނިތުންވެލަމުން ޒިވްރާ އިސްޖަހާލިއެވެ.
"އުނދަގޫވާނެ. އެކަމަކު.. އުމުރު ދުވަހު އަހަންނަށް ވެސް އެމީހުނަށް ފިލައިގެން ނޫޅެވޭނެއްނު. އެއީ އަހަރެންގެ އެކުވެރިން. އަހަރެންގެ އިހުސާސުތައް އަޒާން އަށް ނޭނގުމަކީ އަޒާންގެ ކުށެއްނޫނެއްނު. ވަރަށް ޝަކުވާކުރި މިކޮޅަށް އައި ފަހުން އެހާބޮޑަށް ޚަބަރެއްނުވީމަ. ބައްދަލުވެފަ އެގެއަށް އަންނަން ބުނީމަ އެ ދައުވަތު ގަބޫލުނުކޮށް ހުންނާކަށް ނުކެރޭނެ. ކިހާ ހަޑިކަމެއް އެއީ. އަނެއްކާ އިޝީ ވެސް އައިސް އެބައުޅެއޭ ބުނީ. ލިޔާރައްތަ މެންވެސް. މިހާ ދުވަސްކޮށްފަ ބައްދަލުވާން ފުރުސަތު ލިބުނީމަ ދެކިލަން ދާހިތްވޭ." ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަމުން ޒިވްރާ ބުނެލިއެވެ. ޒިވްރާގެ ވާހަކަތަކާ އެއްބަސްވުމުގެ ގޮތުން ޒައިހާ ބޯޖަހައިލިއެވެ.
"އަސްލު ކުޑަ ހިނދުކޮޅަކަށްވިއަސް އަޒާން ދެކިލާހިތުން ނުހުރެވިގެން ދޯ ދާން ތިއުޅެނީ" ލާނެތްކަން މޫނު މައްޗަށް ވެރިކޮށްލަމުން ޒައިހާ ދިމާކޮށްލިއެވެ.
"ދެން ޒައި.. އެހެންވެގެންނެއް ނޫނޭ" ޒައިހާގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ޒިވްރާ ދެކޮޅުހެދިއެވެ. "ނުވާނެ، ހަމަ އެހެންވެގެން. އެނީވޭސް، ކިހާ ދުވަހެއްކޮށްފަ ތި ބައްދަލުވީ. އެހެންވީމަ ތިހުރިހާ ގޮތެއްވެސް ވާނެ" ޒިވްރާގެ ކޮނޑުގައި އެލިގަންނަމުން ޒައިހާ އަނެއްކާވެސް އޭނާގެ ދޮންތައާ ދިމާކޮށްލިއެވެ. އެއާއެކު ޒިވްރާގެ ހުނުމުގެ އަޑު މާހައުލަށް ފެތުރިގެން ދިޔައެވެ. "ޒައި ޕްލީޒް ސްޓޮޕް. އަހަރެންގެ ހިތުގަ ތިކަހަލަ އެއްވެސް ނިޔަތެއް ނެތް. އަހަރެން ހިނދުކޮޅަކަށް ވެސް ހަނދާންނައްތާ ނުލަމޭ އެއީ އިޝްޔާގެ ހައްގެއްކަމެއް. އަހަންނަކީ މީހުންގެ ހައްގަށް އަތްގަދަކުރާނެ މީހެއް ނޫން" ހިނދުކޮޅަކަށްފަހު ހިމޭންވެލަމުން މާޔޫސީ ރާގަކަށް ޒިވްރާ ބުނެލިއެވެ. ޒިވްރާގެ މޫނަށް ވެރިވި އަސަރުތައް ފެނިފައި ޒައިހާ ވެސް ސީރިއަސްވެލިއެވެ. އަދި ޒިވްރާގެ ގައިގައި ނުހަނު ލޯބިން ބައްދާލިއެވެ. "ކިހިނެއް އެނގެނީ ދޮންތިގެ ހައްގަކަށް ނުވާނެކަމެއް ވެސް. ކުރިމަގުގަ ވާނެ ގޮތެއް އެބަ އެނގޭތަ؟" ޒައިހާގެ އަޑުގައިވީ އުއްމީދުގެ އަސަރެވެ. "ނޫން. އަހަންނަށް ބޭކާރު އުއްމީދުތަކެއްނުދީ ޒައި. އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން. އަނެއްކާ އަހަރެން ކައިވެނި ކުރަން އުޅޭއިރު އަމުދުން ތިފަދަ ޚިޔާލުތަކެއް ކުރާކަށް ބޭނުމެއްނޫން." ހިންދިރުވައިލަމުން ޒިވްރާ ބުނެލިއެވެ. ކިތަންމެ ފޮރުވަން އުޅުނަސް އޭނާގެ އަޑުގައިވީ ހިތްދަތިކަން ޒައިހާއަށް ސިއްރެއް ނުވިއެވެ.
"އަދި ކޮބާ ދޮންތިގެ ކައިވެނި.. މި ކައިވެންޏަށް ދޮންތި އާނބަސް ވެސް ނުބުނަމެއްނު." ޒިވްރާ ކައިވެނީގެ ވާހަކަ ދެއްކުމާއެކު ޒައިހާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ.
"ހޫމް.. އަހަރެން ވަކި ޖަވާބެއް ނުދެން. އެކަމަކު ހީވަނީ މަންމަ އަށް މިކްދާދް ވަރަށް ކަމުގޮސްފިހެން. އަހަންނަށް ހީވަނީ މަންމަ މިކައިވެންޏަށް އާނބަސް ވެސް ބުނެފިހެން"
"ވަޓް؟ ކޮންއިރަކު؟ ދޮންތިގެ ބަހެއްވެސް ނުހޯދާ މަންމަ އަށް އެގޮތަށް ކަންތަކެއް ނުކުރެވޭނެ. އަޅެ ކައިވެނި ކުރަން މިއުޅެނީ ދޮންތި އެއްނު" ޒިވްރާގެ ވާހަކަތަކުން ހާސްވެފައި ޒައިހާއަށް ބުނެވުނެވެ. އަންގައިވެސްނުލާ ޝާހީނާ އެފަދަ ފިޔަވަޅެއް އެޅުމުން ޒައިހާއަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. ޒައިހާއަށް އައި ކުއްލި ބަދަލުން ހައިރާންވެފައި ޒިވްރާ ނިތްއަރުވައިލީ ކިހިނެއްވީހޭ އަހައިލާފަދަ ގޮތަކަށެވެ. "މިކްދާދް ސީމްސް ލައިކް އަ ގުޑް ގައި ޒައި. އެހެންވެގެންކަންނޭނގެ މަންމަ އެގޮތަށް ކަންތައްކުރީ. އެނީވޭސް، އަހަރެން މިކައިވެންޏާމެދު އިތުރަށް ވިސްނާކަށް ބޭނުމެއްނޫން. މަންމަ ނިންމާނީ ރަނގަޅަށް. އެހެންވީމަ އިތުރަށް ދެކޮޅު ހަދާކަށް ނެތިން. ޒައި ވެސް ނުވާނެ މަންމައާ ދިމާއަށް އެއްޗެކޭ ބުނެގެނެއް. އަހަރެން މިހުރީ އުފަލުންނޭ. ފަހަރެއްގަ ކައިވެންޏަށްފަހު އަހަންނަށް ވެސް އަޒާން މަތިން ހަނދާންނައްތާލާފަ ކުރިއަށްދާނެ މަގެއް ފަހިވެދާނު. ލައިކް ޔޫ ސެއިޑް، ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށް.އެހެންވީމަ އަހަންނަށްޓަކާ ޒައި ވެސް މި ކައިވެންޏާ ގަބޫލުވެބަލަ." ޒައިހާގެ ގައިގައި ލޯބިން ފިރުމައިލަމުން ޒިވްރާ ބުނެލިއެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރަން ނުހަދައި ގޭތެރަށް ވަނުމަށް އޭނާ ހިނގައިގަތީ ޒައިހާ ގާތުގައި ވެސް ލަސްނުކޮށް ސައިބޯން އައުމަށް ބުނަމުންނެވެ.
ޒިވްރާ ދިއުމާއެކު ފުން ވިސްނުމެއްގެ ތެރެއަށް ޒައިހާ ގެނބިގެންދިޔައެވެ. ހާސްވެގެންގޮސް މީހާގެ ނިތުގައި ދާތިކިތަށް ވިދައި ބަބުޅަން ފެށީ މަދު ސުކުންތުކޮޅެއްގެ ތެރޭއެވެ. ހަދާނެ ގޮތެއް ނުވިސްނިގެން އުޅޭ މީހަކުހެން ދެކޮޅަށް ހިނގަމުންދިޔައިރު، ޒައިހާގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އަތުގެ ނުފުށުން އެކަރުނަތައް ފުހެމުންދިޔަ ނަމަވެސް، އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުންވީ ޒައިހާއަށް ދަތި ކަމަކަށެވެ. އެންމެފަހުން ބެލްކަނީގެ އެއްފަރާތުގައި ހުރި ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން އޭނާ މޫނުގައި އަތްއަޅައި ބާރުކޮށްލިއެވެ. އެހިނދު މަޑު ގިސްލުމެއްގެ އަޑު ފަޒާއަށް ފެތުރިގެންދިޔައީ ޒައިހާގެ ހިތުގައި އަޅަމުންދިޔަ ވޭން ހާމަކޮށްދެމުންނެވެ.
*****
ކާރުގައި އައިސް އަޒާން ދިން އެޑްރެސް ކުރިމައްޗަށް މަޑުކޮށްލަމުން ފަރުވާތެރިކަމާއެކު އެ ގެއަށް ޒިވްރާ ބަލައިލިއެވެ. އަދި ކާރު ޕާރކޮށްލުމަށްފަހު އޭގެން ފައިބަމުން ކޮނޑުގައި އަޅުވައިފައި އޮތް އަތްދަބަސް ރަނގަޅު ކޮށްލިއެވެ. ކަޅުކުލައިގެ ދަގަނޑު ގޭޓު ކުރިމަތީގައި މަޑުކޮށްލަމުން ތޭރިތަކުގެ ތެރެއިން އޭނާ ބަލައިލީ މީހަކު ފެންނަން ހުރިތޯއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަމިއްލަ ނަފުސަށް ހިތްވަރުދޭފަދައިން ދެތިން އެއްޗެއް ބުނެލުމަށްފަހު އަތްދަބަސް ތެރެއިން ފޯނު ނެގިއެވެ. އަދި އަޒާންގެ ނަންބަރު ހޯދައިލަމުން އެ ނަންބަރަށް ގުޅައިލިއެވެ. ދެތިންފަހަރު ފޯނު ރިންގްވުމާއެކު އަޒާން ފޯނު ނެގިއެވެ. ޒިވްރާ ބޭރުގައި ހުރި ވާހަކަ ބުނުމުން މިދަނީ ކަމަށްބުނެ ކޯލު ކުރުކޮށްލިއެވެ.
ފޯނު ބޭއްވިތާ މަދު ސުކުންތުކޮޅެއް ވެސް ނުވަނީސް ފެނުނީ ގޭޓާ ދިމާއަށް ދުވެލައިފައި ކަހަލަގޮތަކަށް އައި އަޒާން އެވެ. ލައިގެންހުރި ކަޅުކުލައިގެ ޓީޝާޓާއި މަޑު ކްރީމް ކުލައިގެ ސޯޓުގެ ސަބަބުން އޭނާގެ ފިރހެންވަންތަ ސޫރައަށް އިތުރު ހިތްގައިމުކަމެއް ލިބިފައިވިއެވެ. އަބަދުވެސް ތާޒާކޮށް ފެންނަ އޭނާގެ މޫނުމަތީގައިވީ ފުޅާ ހިނިތުންވުމެކެވެ.
ގޭޓް ހުޅުވައިލަމުން ޒިވްރާއަށް ގޮވައިލުމަށްފަހު އެތެރަށް ވަންނަން އަޒާން އެދުނެވެ. ޖެހިލުންވެފައި ހުރެ ކުދިކުދި ފިޔަވަޅުތަކެއްގައި ޒިވްރާ އެތަރަށް ވަނުމާއެކު ފަހަތުން އަޒާން ގޭޓް ލައްޕައިލިއެވެ. އަދި އޭނާއާ އެކުގައި އައުމަށްބުނެ ކުރިމަތިން ފެންނަންހުރި ތިންބުރީގެ ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ހިންދިރުވައިލަމުން ޒިވްރާ ވެސް ލަސްލަހުން އޭނާގެ ފަހަތުން ހިނގައިގަތެވެ. އޭރު އަޒާން އެހައި ގާތުގައި ހުރީތީ އޭނާގެ ހިތުގެ ހިނގުންވީ އަވަސްވެފައެވެ. ދެއަތުގައި އުފެދިފައިވާ މަޑު ތުރުތުރުލުން ފޮރުވުމަށްޓަކައި ޒިވްރާ ދެއަތުން އަތްދަބަހުގައި ހިފައި ބާރުކޮށްލިއެވެ.
އަޒާން ފެންނަން ނެތުމުން އޭނާއަށް ގޮވަމުން ގޭތެރެއިން ނުކުތް އިޝްޔާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަޒާންއާ އެއްހަމައެއްގައި ހުރެގެން ހިނގައިފައި އައި އަންހެންކުއްޖާއަށް އޭނާ ފުންނަޒަރަކުން ބަލައިލިއެވެ.
އަންހެންކުއްޖެއްގެ އަޑަށް އިސްއުފުލައިލަމުން ޒިވްރާ ވެސް ކުރިއަށް ބަލައިލީ އެވަގުތުއެވެ. ގޭ ދޮރުމަތީގައި ހުއްޓުން އަރައިފައި އޭނާއަށް ބަލަހައްޓައިގެން ހުރި އިޝްޔާ ފެނުމުން އޭނާގެ ފިޔަވަޅުތައް ވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އިޝްޔާގެ ބެލުމުގައި ބީރަށްޓެހި ގޮތެއް ހުރިހެން އޭނާއަށް އިހުސާސުވީ ކީއްވެކަމެއް ޒިވްރާއަކަށް ނޭނނުނެވެ.
(ނުނިމޭ)
Ads by MACL
