އިންޑިއާގައި މެކްބުކް އަދި އައިޕެޑްގެ އަގުތައް އެޕަލް އިން ބޮޑުކޮށްފި
އެޕަލް އިން އިންޑިއާގެ ބާޒާރުގައި މެކްބުކް އަދި އައިޕެޑްގެ އަގުތައް ބޮޑުކޮށްފިއެވެ. މި ބަދަލާއެކު ބައެއް އުފެއްދުންތަކުގެ އަގު ވަނީ އެއްލައްކަ ރުޕީސްއާ ހަމައަށް އުފުލިފައެވެ. ކުންފުނީގެ ވެބްސައިޓުގައިވާ އާ އަގުތަކަށް ބަލާއިރު، އެންމެ ފަހުގެ އެމް5 ސީރީޒްގެ ޗިޕް ބޭނުންކޮށްގެން އުފައްދާފައިވާ މެކްބުކް ޕްރޯގެ އަގުތައް ވަނީ ގާތްގަނޑަކަށް 20 އިންސައްތަ ބޮޑުވެފައެވެ.
އަގުތަކަށް އައި ބަދަލުތަކުގެ ތެރޭގައި 14 އިންޗީގެ މެކްބުކް ޕްރޯ (އެމް5 ޕްރޯ ޗިޕް) ކުރިން 2,49,900 ރުޕީސް އަށް ލިބެން ހުރި ނަމަވެސް، މިހާރު އޭގެ އަގު ވަނީ 2,99,900 ރުޕީސް އަށް އުފުލިފައެވެ. މީގެ އިތުރުން އައިޕެޑް އެއާގެ އަގުތަކަށް ވެސް ބޮޑު ބަދަލެއް އައިސްފައިވާއިރު، 13 އިންޗީގެ އަސާސީ މޮޑެލްގެ އަގު 41.22 އިންސައްތަ ބޮޑުވެ، 84,900 ރުޕީސް އިން 1,19,900 ރުޕީސް އަށް ވަނީ އަގު މަތިވެފައެވެ.
މި ބަދަލާ ގުޅޭގޮތުން އެޕަލް އިން ހާމަކުރި ގޮތުގައި، ކޮމްޕިއުޓިން އިންޑަސްޓްރީއަށް މިހާރު ވަނީ މެމޮރީ ޗިޕްތަކުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޑޭޓާ ސެންޓަރުތައް އިތުރުވުމުގެ ސަބަބުން މެމޮރީ އަދި ސްޓޯރޭޖް ޗިޕްތަކަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެޕަލް އިން ބުނީ މިހާތަނަށް ކަސްޓަމަރުންނަށް މި ބަދަލުގެ އަސަރު ނުފޯރާނެހެން ހިފަހައްޓަމުން އައި ނަމަވެސް، މިހާރު އަގުތައް ބޮޑުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
ދުނިޔޭގެ މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، އޭއައި އިންފްރާސްޓްރަކްޗާ ކުރިއަރަމުންދާތީ ސެމީކޮންޑަކްޓާ ސަޕްލައި ޗެއިނަށް އައިސްފައިވާ މި ލޮޅުމުގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރު ދުވަހު ވެސް އަގުތައް މިގޮތުގައި ހިފެހެއްޓިފައި ހުރުން އެކަށީގެންވެއެވެ. މި އަހަރުގެ ފަހުކޮޅު އެޕަލް އިން "އެޕަލް އިންޓެލިޖެންސް" ތައާރަފްކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި އަގުތައް ބޮޑުވުމުގެ ސަބަބުން، ކުރިއަށް އޮތް މަސްތަކުގައި ޑިވައިސްތަކަށް އޮތް ޑިމާންޑަށް އަސަރުކޮށްފާނެ ކަމަށް މާހިރުން ދެކެއެވެ.
Ads by MACL
