ނިމިދިޔަ ސަރުކާރުގެ ބޮޑު ވައްކަމުން، ބޯޓުތަކަށް ފައިސާ ދެއްކި. ވެންޓިލޭޓަރަށް ވީހެންތަ ވީ؟
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ހިނގާފައިވާ ބޮޑެތި ވައްކަންތަކާއި ހިޔާނާތްތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެއްގެ ގޮތުގައި، ރައްޔިތުންގެ މިލިއަނުން ފައިސާ ބޭރުކޮށްގެން ބަނދެގެން ގެންނަން އުޅުނު އެފްއެސްއެމްގެ ދެ ބޯޓެއް އެފްރިކާގެ އެރިޓްރިއާގައި ތާށިވެ، އެއަށް ވީނުވީއެއް ނޭނގި ގެއްލިދާނެކަމުގެ ބިރު ބޮޑުވެ، ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެއްޖެއެވެ.
މިސްރުގައި ބަނދެގެން ރާއްޖެއަށް ގެނައުމުގެ މަގުމަތީގައި، މޫސުން ގޯސްވެގެން އެފްރިކާގެ އެރިޓްރިއާގައި ބަނދަރުކުރިތަނުން އެ ގައުމުގެ ސިފައިން ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެވޭނެ މަގެއް އަދިވެސް ފެނިފައި ނުވާއިރު، މިއީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ހިނގި ވެންޓިލޭޓަރު ވައްކަމާ ދާދި އެއްގޮތަކަށް ރައްޔިތުންގެ ފައިސާއަށް ވެފައިވާ ބޮޑު ހިޔާނާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެރިޓްރިއާގައި ބަނދަރުކުރި މި ދެ ބޯޓު އެ ގައުމުގެ ސިފައިން ހިފެހެއްޓީ، ކުރިން ހުއްދަ ނުހޯދައި ޣައިރުގާނޫނީ ގޮތެއްގައި އެ ގައުމުގެ ސަރަހައްދަށް ވަތް ކަމަށް ބުނެއެވެ. ނިމިދިޔަ ސަރުކާރުގެ ދުރުވިސްނުމެއް ނެތް ސިޔާސަތުތަކާއި ފަރުވާކުޑަކަމުގެ ސަބަބުން، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފަށް ބޯޓުތައް ދަތުރުކުރުމުގެ ނަތީޖާއަކަށްވީ، ރައްޔިތުންގެ ބޮޑު ހޭދައެއް ހިމެނޭ މި މުދާ އެފްރިކާގެ ބަނދަރެއްގައި މިއަދާ ހަމައަށްވެސް ހިސޯރުވެފައި އޮތުމެވެ.
މި ދެ ބޯޓަކީ 2019 ވަނަ އަހަރު އެފްއެސްއެމްގެ ފްލީޓް ވަރުގަދަކުރުމަށްޓަކައި ބަންނަން އޯޑަރު ދިން ހަތަރު ބޯޓުގެ ތެރެއިން ބާކީ އޮތް ދެ ބޯޓެވެ. އޭގެ ތެރެއިން އަނެއް ދެ ބޯޓު މީގެކުރިން ރާއްޖެ ގެނެސްފައިވާއިރު، މިސްރުގެ ޔާޑުން ބަނދެގެން ގެނައި ކޮންމެ ބޯޓަކަށް 753,000 ޑޮލަރު (11.6 މިލިއަން ރުފިޔާ) ހޭދަވެފައިވެއެވެ. އެހެންކަމުން އެރިޓްރިއާގައި ތާށިވެފައިވާ ދެ ބޯޓުގެ ޖުމްލަ އަގު 1.5 މިލިއަން ޑޮލަރު ނުވަތަ 23.2 މިލިއަން ދިވެހި ރުފިޔާއަށް އަރާއިރު، މިހާ ބޮޑު އަދަދެއްގެ ފައިސާ ދިވެހި ދައުލަތުން ދެއްކިއިރު، މިއީ އެއްވެސް ރައްކާތެރިކަމެއް ނެތް ގޮތަށް ހިންގާފައިވާ ބޮޑު މާލީ ޖަރީމާއެއްކަން މިހާރު ވަނީ ސާބިތުވެފައެވެ.
މި ބޯޓުތައް ރާއްޖެ ގެނައުމުގެ ދަތުރުމަތީގައި ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިއަކު ބޯޓުގައި ތިއްބެވެ. ނަމަވެސް، ބޯޓުތައް ހިފެހެއްޓިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެ ބޯޓުގައި ތިބި ދިވެހި ފަޅުވެރިންނާއި މިސްރުގެ ފަޅުވެރިން ވަނީ 2023 ޖޫން މަހުގެ ކުރީކޮޅު އަނބުރާ ގައުމަށް ފޮނުވާލާފައެވެ. އެއަށްފަހު ބޯޓުތައް ސަލާމަތްކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި، އިންޑިއާގެ ދިއްލީގައި ހުންނަ އެމްބަސީ މެދުވެރިކޮށް ކުރި މަސައްކަތްތަކަށް އެރިޓްރިއާ ސަރުކާރުގެ އެއްބާރުލުމެއް ލިބިފައެއް ނުވެއެވެ.
މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ސީދާ މަޝްވަރާ ކުރުމަށްޓަކައި ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއި އެފްއެސްއެމްގެ އޮފިޝަލަކު އެރިޓްރިއާއަށް ދިއުމަށް ބޭނުންވި ނަމަވެސް، އެ ގައުމަށް ދެވޭނެ މަގެއްވެސް ފެނިފައި ނުވާކަމަށް އެފްއެސްއެމްއިން މީގެ ކުރިން ހާމަކޮށްފައިވެއެވެ. މި ބޯޓުތައް ގެނައުމާ ގުޅޭ ގާނޫނީ ކަންކަމާއި މުއާމަލާތްތައް އެފްއެސްއެމްގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯއިން ކުރިއަށް ގެންދާކަމަށް ބުނެފައިވީ ނަމަވެސް، އެ ބޯޓުތައް ގެނެވޭނެ ދުވަހެއް އެނގިފައި ނުވުމަކީ، ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ދައުލަތުގެ ބަޖެޓުން ބޮޑެތި ވައްކަންތައް ކުރުމަށްފަހު ފަރުދާގެ ފުރަގަހަށް ލީ މައްސަލައެއްކަން ހާމަވާ ކަމެކެވެ.
އެރިޓްރިއާގައި ހިފަހައްޓާފައިވާ މި ދެ ބޯޓަކީ 180,000 ލީޓަރުގެ ޑީސަލާއި، 40,000 އާއި 60,000 ލީޓަރާ ދެމެދުގެ އަދަދަކަށް ޕެޓްރޯލް ރައްކާކުރެވޭނެ ބޮޑު ކެޕޭސިޓީއެއް ހުރި ބޯޓުތަކެކެވެ. މިފަދަ ބޮޑު ހޭދައެއް ކޮށްފައިވާ މުދަލެއް ގައުމުން ބޭރުގައި މިހާ ދިގު މުއްދަތަކަށް ވާނުވާ އެނގުމެއް ނެތި އޮތުމަކީ، ކުންފުންޏަށާއި ދައުލަތަށް މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް އަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ދައުލަތުގެ މައި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. މި ކުންފުނި އުފެދިގެންއައީ 2000 ވަނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ތެލުގެ ބާވަތްތައް ރައްކާތެރިކަމާއި އިތުބާރާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.
އެފްއެސްއެމްގެ މައިގަނޑު މަސައްކަތަކީ މާލެ ސަރަހައްދާއި ރަށްރަށުގެ އިތުރުން ރިސޯޓުތަކަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ފަދަ ތެލުގެ ބާވަތްތައް ސަޕްލައިކޮށްދިނުމެވެ. މިގޮތުން ކުންފުނީގެ އަމިއްލަ ތެޔޮ އުފުލާ އުޅަނދުތައް (ބާޖުތައް) ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތެޔޮ އުފުލުމުގެ ބޮޑު... (ނެޓްވޯކެއް އެ ކުންފުނިން ހިންގައެވެ. މީގެ އިތުރުން، މާލެއާއި ހުޅުމާލޭގައި އާންމުންނަށް ފަސޭހައިން ތެޔޮ އެޅޭނެ ފިއުލް ޝެޑްތައްވެސް އެ ކުންފުނިން ދަނީ އޮޕަރޭޓް ކުރަމުންނެވެ.)
ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ހަކަތަ ކަމަށްވާ ތެލުގެ ސަޕްލައި މެދުކެނޑުމެއްނެތި ހިފެހެއްޓުމުގައި އެފްއެސްއެމް އަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ، އަދި ގައުމީ ސަލާމަތާއި ހިދުމަތްތަކާ ސީދާ ގުޅުންހުރި މުހިންމު ކުންފުންޏަކަށް ވާއިރު، ނިމިދިޔަ ސަރުކާރުން މިފަދަ މުހިންމު ދާއިރާއަކުންވެސް ބޮޑެތި ވައްކަންތަކަށް މަގުފަހިވާނެހެން އަމަލުކޮށްފައިވުމަކީ ގައުމީ ސަލާމަތަށްވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މިހާރު ދަނީ ފާހަގަކުރެވެމުންނެވެ.
Ads by MACL
